ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ބާލަސުބްރަމާނިއަން މިދިޔަ ހަފުތާގައި "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
26 ޖުލައި 2025 - 00:36
ރާއްޖެ އާއި އިންޑިއާގެ 60 އަހަރުގެ ގުޅުމުގައި ބަދަލު ނުވާ ހަގީގަތެއް އޮވެ އެވެ؛ އެންމެ ދަތި ދަނޑިވަޅުތަކުގައި އެހީގެ އަތެއް އެންމެ ފުރަތަމަ ދިއްކޮށްލާ ގައުމަކީ އިންޑިއާ އެވެ. ވަކި ދާއިރާއަކުން ވެސް ނޫނެވެ. އެންމެ އަސާސީ ކާބޯތަކެއްޗާއި ބޭސްފަރުވާ އާއި މާލީ އެހީތެރިކަމާއި އުމްރާނީ ތަރައްގީގެ ކުރިއެރުންތަކަށް ބެލިޔަސް ތާރީހުގައި ފެންނަން އޮތީ، އަވަށްޓެރިންގެ ތެރެއިން އިންޑިއާގެ އިސް ނެގުމެވެ.
މި ގައުމުގެ ވެރިން، އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ސިފަކުރައްވަނީ ވެސް މި ވަރުގަދަ ގުޅުމަށެވެ.
ދެ ގައުމުގެ ތާރީޚީ ގުޅުމުގެ އެންމެ ވަރުގަދަ ބިންގަލަކީ، އަދުއްވުންތަކެއް ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލަ އެވެ. އިންޑިއާގެ އަސްކަރީ އެހީތެރިކަމާ އެކު، އެ އުދުވާނީ ބަޣާވާތް ނާކާމިޔާބު ކޮށްލަން ރާއްޖެ އިން އެދުމުން އިންޑިއާ އިން އަދާކޮށްދިން ދައުރަކީ ދެ ގައުމުގެ ގުޅުމުގައި އުފެދުނު ވަރަށް ވަރުގަދަ އިތުބާރެކެވެ. ދިވެހިންގެ ހިތްތަކުގައި ޝުކުރާ އެކު ބިންވަޅު ނެގިފައިވާ ކަމެކެވެ.
ތާރީޚުގައި ލިޔެވުނު އެ އެހީތެރިކަމާ އެކު، ރާއްޖޭގެ ތަރައްގީގެ ދަތުރުގައި މިހާތަނަށް އިންޑިއާގެ ހިއްސާ ބޮޑެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ފެށިގެން، މާލޭގެ ހުޅަނގު ފަރާތުގެ ކަނޑުން، ފެނުން މައްޗަށް އަރަމުންދާ ބްރިޖާއި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގެ މަގުތައް ވެސް ހަދަމުން އެ ދަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންނެވެ.
ރާއްޖޭގައި ކޮންމެ ފަސް އަހަރަކުން ބަދަލުވަމުން އަންނަ ވެރިކަމުގެ ޚާރިޖީ ސިޔާސަތާ ގުޅިގެން ނުތަނަވަސްކަން އުފެދުނަސް ގުޅުމުގެ ބަދަހިކަމަށް މާބޮޑު އަސަރެއް ނުކުރެ އެވެ. އެއަށް އެއް ބަޔަކު އަނެއް ބަޔަކަށް އޮންނަ އިހްތިރާމް މާ ވަރުގަދަ ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ދެކެވަޑައިގަންނަވަ އެވެ.
އޭނާ ވިދާޅުވީ މި ރަހުމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެމުން އަންނަ އެހީގެ މައްޗަށް ނޫން ކަމަށެވެ. އެތައް ގަރުނެއްގެ ތެރެއިން، ދެ ގައުމުގެ ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށް މި ގުޅުން ބިންވަޅު ނެގިފައިވަނީ އެއަށް ވުރެ މާ ފުންކޮށް ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ އަށް ވަޑައިގަތުމާ ގުޅިގެން ޖުމްހޫރީ މައިދާން ސަރަހައްދުގައި އެ ގައުމުގެ ދިދަ ޖަހާފައިވާއިރު ބަޔަކު ހިނގާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"އަޅުގަނޑުމެންގެ [އިންޑިއާ] ވިސްނުން ވަރަށް ސާފު. މުޅި ދުނިޔެއަކީ ބޮޑު އެއް އާއިލާ. އަޅުގަނޑުމެން ކުރިއަރާއިރު، އަޅުގަނޑުމެން ބޭނުންވޭ އަވަށްޓެރިން ވެސް އަޅުގަނޑުމެންނާ އެކީ ކުރިއަރަން. ތިމާގެ މީހުން ވެސް ކުރިއަރަން. ރަހުމަތްތެރިން ވެސް ކުރިއަރަން،" ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސަފީރު ވިދާޅުވި އެެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު އިގުތިސާދުގެ ގޮތުގައި، އިންޑިއާގެ އިގުތިސާދީ ކުރިއެރުން ޖަހާފައިވާ މިސްރާބުގައި، ރާއްޖެ ފަދަ ރަހުމަތްތެރި އަދި އަވައްޓެރި ގައުމުތައް ގޮވައިގެން ދަތުރުކުރަން އިންޑިއާއިން ބޭނުންވެ އެވެ.
އެކަން ހާސިލްކުރަން ރާއްޖެއަށް ބޭނުންވާ ކޮންމެ ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާއިން ފަހެއް ނުޖެހޭނެ އެވެ.
ތިލަމާލެ ބްރިޖު ފަދަ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކުގެ އިތުރުން، ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ބޭރު ފައިސާގެ ތާށިކަމާއި އިގުތިސާދީ އަދި މާލީ ދަތިކަމުން އަރައިގަތުމަށް ކަރަންސީ ސްވޮޕް ފެސިލިޓީތަކާއި ޓީ-ބޮންޑުތައް ދެއްކުން ފަސްކޮށްދިނުން ފަދަ ކަންކަން މިސާލުގެ ގޮތުގައި ސަފީރު ނެންގެވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި އެކަމުގައި އޮތީ ސާފު އަމާޒެކެވެ. އެންމެ މަގުސަދެކެވެ. ރާއްޖެއަށް އެ ވަގުތަކު ބޭނުންވާ ކޮންމެ ދިމާއަކުން ކޮންމެ ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެތައް ގަރުނަކަށް މޫލާފައިވާ މި ވަރުގަދަ ގުޅުން ގޯސްވެ، ހީނަރުވެގެން ނުދާނެކަމަށް އޭނާ ގަބޫލުކުރައްވަނީ އެހެންވެ އެވެ.
މި ސަރުކާރުގެ ކުރީކޮޅު ގުޅުމުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހުއްޓަސް، ދެ ގައުމުގެ ރައްޔިތުންނާއި ސިޔާސީ ލީޑަރުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައި އޮތް ގުޅުމުގެ ބިންގާ ގުޑުވައިލެވޭ ވަރަށް ވުރެ، މާ ވަރުގަދަ އެވެ.
އަޅުގަނޑުމެންގެ [އިންޑިއާ] ވިސްނުން ވަރަށް ސާފު. މުޅި ދުނިޔެއަކީ ބޮޑު އެއް އާއިލާ. އަޅުގަނޑުމެން ކުރިއަރާއިރު، އަޅުގަނޑުމެން ބޭނުންވޭ އަވަށްޓެރިން ވެސް އަޅުގަނޑުމެންނާ އެކީ ކުރިއަރަން. ތިމާގެ މީހުން ވެސް ކުރިއަރަން. ރަހުމަތްތެރިން ވެސް ކުރިއަރަން: ސަފީރު
އޭނާ ވިދާޅުވީ ގުޅުން ހީނަރުވާން ފެށުމުން ހާރިޖިއްޔާ އިސްވެ، ދެ ގައުމުގެ ސިޔާސީ ލީޑަރުން މެދުގައި މަޝްވަރާތައް ބާއްވައި، ހިޔާލުތަފާތުވުންތައް ހައްލުކުރަން އަވަސްވެ ގަތުމަކީ ވެސް އެކަމުގެ ސާފު ދަލީލެއް ކަމަށެވެ.
މި ސަރުކާރުގެ މަތީ ފަންތީގެ އެކި ބައްދަލުވުންތައް ބޭއްވި، އޮޅުން އެރިކަންކަން ސާފުކޮށްދެވުމުގެ ނަތީޖާއެއްގެ ގޮތުން، ދެ ގައުމުގެ ގުޅުން ކުރިއަށް ވުރެ ވެސް ބަދަހިވެ، ވަރުގަދަވެފައިވާ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
މިގޮތުން، ދެ ގައުމުގެ އިންވެސްޓްމަންޓްތަައް ފުޅާކުރުމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެފަދަ އެއްބަސްވުންތަކުގެ ތެރެއިން، ދެ ގައުމުގެ ގުޅުން މުޅިން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް ސަފީރު ޔަގީން ކުރައްވަ އެވެ.
"އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ކަމާ މެދު ޝައްކެއް ވެސް ނެތް. އިންޑިއާ އިން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދަމަހައްޓައި، ރައްކާތެރިކުރެވޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އޭގެ މައިގަނޑު ސަބަބަކީ، ސަފީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަސްލަހަތު އިންޑިއާގެ މިނިވަންކަން ދެމެހެއްޓުމާ ވެސް ސީދާ ގުޅިފައިވާތީ އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ބާލަސުބްރަމާނިއަން މިދިޔަ ހަފުތާގައި "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މި ވަގުތު މާލީ އަދި އިގުތިސާދީ ރޮނގުން އިންޑިއާ އިން ފޯރުކޮށްދޭ އެހީތެރިކަން އިތުރު ކޮށްފައިވަނީ، ރާއްޖޭގެ އިގުތިސާދު ހަމަ މަގުގައި ބޭއްވުމަކީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ދެމެހެއްޓުމުގައި މުހިންމު ކަމަކަށް ވާތީ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަކީ އަވައްޓެރިން. އަޅުގަނޑުމެން ދެމި ތިބޭނީ ވެސް އަވަށްޓެރިންގެ ގޮތުގައި. އެކަމަކަށް ބަދަލެއް ނާންނާނެ. މި އިންޑިއާ ކަނޑުގައި އަޅުގަނޑުމެން ދެ ގައުމުގެ ރައްޔިތުންގެ ދިރިއުޅުން ބިނާކޮށްފައި އޮންނަތާ އެތައް ހާސް އަހަރެއް ވެއްޖެ،" ސަފީރު ތަފްސީލު ކޮށްދެއްވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، އިންޑިއާ ކަނޑުގެ ވަސީލަތްތަކުގެ ބޭނުން، ދެ ގައުމަށް ވެސް ހަމަހަމަކަމާ އެކު ބޭނުންކުރެވުން. އެހެންވީމާ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ އިންޑިއާގެ ވެސް އެންމެ މަތީ މަސްލަހަތު އޮތް ކަމެއް. އަދި ދެ ގައުމުގެ ވެސް ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ބާލަސުބްރަމާނިއަން މިދިޔަ ހަފުތާގައި "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރާއްޖެ އާއި އިންޑިއާ ގުޅިގެން، އެއްބާރުލުމާއި އެހީތެރިކަން ދީގެން އެއް އަމާޒަކަށް މަސައްކަތް ކުރަނީ، ދެ ގައުމުގެ މިނިވަންކަން ބިނާވެފައި އޮތް، އަދި ދެ ގައުމުގެ ވެސް ހިއްސާ އޮތް އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށް ސަފީރު ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދެމިއޮތީ، މި ވަރުގަދަ އަސާސްތައް މަތީގައި ކަން ދެ ގައުމުން ގަބޫލުކުރެ އެވެ. އެހެންވެ، ދެ ގައުމަށް އޮތީ، މަސްލަހަތު އިސްކޮށް އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރުމާ އެކު މި ދަތުރުގައި އެކުގައި ތިބުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
27 July 2025
އޭތް ބަލަ، ބާލަސުބްރަމާނިއަނާ. ފުރަތަމަ ބޮޑުހަނގުރާމަ އާއި ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގެ ދުވަސްވަރު، އިންޑިޔާ އަކީ އިގިރޭސީންގެ ވައިސްރޯއިންގެ ދަށުގަ އޮތް، ކޮލޮނީއެއް. ކަލޭމެން ދެމީ، މާތްވެގެންވާ އިގިރޭސީ ސާހިބުންނާއި މޭމްސާހިބުންގެ ރެކުސާ. ކަލޭމެންގެ މޫނަށް އިގިރޭސީން ޖަހަމުން ދިޔައީ ކުޅު. ކަލޭމެންނާ ދިމާއަށް ކީ، "ކަރީމުންޗަހ". ކަލޭމެން އޭރު ތިބީ ދިވެހީންނަށް އެހީ ވެވޭ ހާލަތެއްގަ ނޫން. މިހާރު ކޮބައިތަ ކޯހީނޫރު ޖަވާހިރު؟
ރާއްޖެއިންޑިއާ
26 July 2025
އިންޑިއާ މީހުންނަކީ ވަރައް ވަތަނީ ބައެއް ދިވެހިންގެ ގިނަމީހުންނަކީ އަހަރެމެންނަކީ އެހެން މީހުންނައްވުރެ މޮޅުބައެއްކަމައްދެކޭބައެއް ދެގައުމުގެ ގުޅުމައް ބުރޫއަރަނީ މިސަބަބާހުރެ އަދި ވެރިކަމައް އަންނަން ހިފާއިރު ސިޔާސީކަންކަމުގަ އުޅޭމީހުން ދިވެހިންގެ މިބަލިފައިގަ ހިފަން މަސައްކަތް ކުރާތީ.
ކިނާރީ
26 July 2025
އެންމެ ކަމަކާ ވިސްނެނީ . އިންޑިޔާ އިން ޕާކިސްތާނާ އޮންނަށް ޖެހޭ ގުޅުން ނުބާއްވާ ދިވެހިރާއްޖެ މިހާ މުހިއްމުވަނީ . ޕާކިސްތާނަށް ވުރެ ދިވެހިރާއްޖެ އަވަށްޓެރިން ކަން ގާތީތަ . ؟ ކޮންފަދަ އަހުވައެއް ޕާކިސްތާނަށް އެދައްކަނީ . ފެންކަނޑާލުން އިހަކަށް ދުވަހުވެސް ދިމާކުރީ . އެވެސް މުސްލިމުން . ދެން ރަގަޅު އަހަރުމެން ދިވެހިންގެ ރާއްޖެއަށް ހޮޔޮއެދޭކަށް ހާމަ ކުރާތީ . އެހެންނުވާނަމަ އަހަރުމެން އުޅެން ޖެހެނީ ޕާކިސްތާނަށް ވުރެ ހާލުގަ .
އަބްޑޫޅް +
26 July 2025
މި މީހާ މި ވާހަކަދައްކަނީ، މާތްވެގެންވާ އިގިރޭސި ބަހުން. ދިވެހިރާއްޖެ އަށް އިގިރޭސި ބަހުން ކިޔަނީ "މާލްދިވްސް" އެއް ނޫން. ދިވެހިރާއްޖޭގަ ސަފީރަކަށް ހުންނަ މީހަކު އިގިރޭސި ބަހުން، ނުވަތަ އެހެން ބަހަކުން ނަމަވެސް، ވާހަކަދައްކަންޏާ އެގެން ޖެހޭނެ، ދިވެހިރާއްޖެއަށް އެބަހަކުން ކިޔާނަން ކިޔަން. އެހެން ނޫނީ ސަފީރުކަން ދޫކޮށްލާފަ ދާންވީ.
އަފްރާސިޔާބު
26 July 2025
އަސްލު ރާއްޖޭގެ ނަން ބޭރު ބަހަކުން ކިޔާނަމަ އޮންނަ ގޮތަށް ކިޔުން ރަނގަޅު. އެގޮތަކީ މަޙަލްދީބު، އިގިރޭސީން ކިޔާގޮތަކަށް ނޫންކިޔަވަންވާނީކީ. " އަތޮޅު" ވެސް އިނގިރޭސިން ކިޔަނީ އެމީހުންނަށް ފަސޭހަ ގޮތަކަށް. އަތޮޅު "އެޓޯލް" އަށް ބަދަލުކޮށްގެން އެވެރިން ކިޔަނީ. ކޮންމެހެން ނުޖެހޭ އެވެރިން ކިޔާގޮތަކަށް ވާކަށެއް.
މެކްޑޯނަލްޑް ޓްރަމްޕް
27 July 2025
އަބްޑޫލް އަށް އިންޑިޔާ އަންހެން ކުއްޖަކު ލަންޑެއް ދިނީތަ؟ އެހާ ފޫއްސެއް ތިޔަ ވަނީ؟