"ޖީ ލޭ ޒަރާ"ގެ ލީޑު ރޯލުތައް ކުޅޭ ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް.
08 ޑިސެމްބަރ 2025 - 11:56
މީގެ ފަސް އަހަރު ކުރިން އިއުލާންކުރި ބޮލީވުޑްގެ ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތްތައް ހުއްޓާލުމަށް ފަހު އަލުން ފަށައިފި އެވެ.
ލީޑް ރޯލުތަކުން ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް ފެންނާނެ "ޖީ ލޭ ޒަރާ"ގެ މަސައްކަތްތައް ހުއްޓާލީ ޕްރިޔަންކާ އާއި ކެޓްރީނާއަށް ވަގުތު ނުވެގެން 2023 ވަނަ އަހަރު ދެތަރިން އެ ފިލްމު ދޫކޮށްލުމުންނެވެ. އަދި އެ ފިލްމުގެ ލީޑަށް ނަގާނެ ފިރިހެން ތަރިންނާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ވެސް މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެވެ.
"ޖީ ލޭ ޒަރާ"ގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު ފަރުހާން އަކްތަރު ވަނީ އެ ފިލްމުގެ މަސައްކަތް އަލުން ފެށިކަން މި ހަފުތާގައި އިންޑިއާގެ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
"ތެދަށް ބުނަންޏާ، އެ ތަރިންގެ ޑޭޓުތައް ހޯދުންވީ ވަރަށް އުނދަގޫ ކަމަކަށް. އެކަމަކު، މިހާރު ހުރިހާ ކަމެއް ހަމަޖެހިއްޖެ. ވަރަށް އަވަހަށް މަސައްކަތް ފަށާނަން،" ފަރުހާން ބުންޏެވެ.
އަންހެން ތިން އެކުވެރިންގެ ވާހަކަ ކިޔައިދޭ މި ރޯޑް-ޓްރިޕް ފިލްމަކީ 2019 ވަނަ އަހަރު ޕްރިޔަންކާ އާއި ފަރުހާން ފޯނު ކޯލެއްގައި ދެއްކި ވާހަކައަކުން އުފެދުނު ހިޔާލެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. ފަރުހާން ލިޔެ، ޑައިރެކްޓްކުރާ މި ފިލްމަކީ ޕްރިޔަންކާ އާއި ޗެޓްރީނާ އަދި އާލިއާ އެއް ފިލްމަކުން އެކީގައި ފެންނާނެ ފުރަތަމަ ފަހަރެވެ.
"ޖީ ލޭ ޒަރާ"އަކީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ.
ފަރުހާންގެ ފުރަތަމަ ޑައިރެކްޝަން 2001 ގެ "ދިލް ޗާތާ ހޭ" އަކީ ވެސް ތިން އެކުވެރިއެއްގެ ރޯޑް-ޓްރިޕް ފިލްމެކެވެ. އެ ފިލްމުގައި ލީޑު ރޯލުތައް ކުޅުނީ އާމިރު ޚާނާއި ސައިފް އަލީ ޚާން އަދި އަކްޝޭ ކަންނާގެ އިތުރުން ޕްރިތީ ޒިންތާ އާއި ޑިމްޕަލް ކަޕާޑިއާގެ އިތުރުން ސޮނާލީ ކުލްކަރްނީ އެވެ.
އެކްސެލް އިން ގެނެސްދިން ދެވަނަ ރޯޑް-ޓްރިޕް ފިލްމަކީ ކެޓްރީނާ އާއި ފަރުހާން ވެސް މުހިންމު ރޯލެއް ކުޅެ، ފަރުހާންގެ ދައްތަ ޒޯޔާ އަކްތަރު 2011 ގައި ގެނެސްދިން "ޒިންދަގީ ނާ މިލޭގީ ދުބާރާ" އެވެ. އޭގެ ކާސްޓުގައި ރިތިކް ރޯޝަނާއި އަބޭ ޑިއޯލް އަދި ކަލްކީ ކޮއެޗްލިން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
10 December 2025
ކަލޯ ސްނިޔަންކާވެސް ލާތި ތިފިލްމަށް އޭރު ފުރިހަމަވާނީ...... ބޮއިހަލަކި