ފުލުހުންގެ ލޯންޗު، ކަންނެލި ދޯންޏަކާ ކައިރިކޮށްފައި: ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މުޒާހަރާ ވަނީ ރޫޅާލައިފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
11 ޑިސެމްބަރ 2025 - 15:14
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހުތިޖާޖްގައި ބައިވެރިވާ ބައެއް ދޯނިތައް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް، އެ މުޒާހަރާ ރޫޅާލައިފި އެވެ.
އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފަށައި އަދި އޭގެ ފަހުން މާލެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.
ހުއްޓުމެއް ނެތި އެ އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރު ވެސް ވީ ފަހުން ފުލުހުން ވަނީ ދޯނިތަކަށް އަރައިފަ އެވެ. ފުލުހުން ދޯނިތަކަށް އެެރީ އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާ ކަމަށާއި އެއީ ގާނޫނާހިލާފު ކަމެއް ކަމަށް ބުނެ އެވެ.
އިހުތިޖާޖުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސް، އެ ދޯނިތައް ވަނީ ފުލުހުންގެ މަރުކަޒު، ދޫނިދޫއަށް ގެންގޮސްފަ އެވެ. އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ކޯޓު އަމުރެއް ވެސް ނުދައްކާ ކަމަށެވެ.
އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
އެކަމާ ދެކޮޅަށް އަޑުއުފުލުމުން ފުލުހުން ވަނީ މައުރޫފް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. މައުރޫފްގެ އިތުރުން އެހެން ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ދޯނިތަކަށް އަރައި، ބައެއް ދޯނިތައް ގެންދިޔުމުގެ ސަބަބުން އިހުތިޖާޖު މިހާރު ވަނީ ހުއްޓިފަ އެވެ. މި އިހުތިޖާޖުގައި 49 ދޯންޏަކުން ބައިވެރިވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުމަށް ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަތެވެ. އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ފަހަރު ވަަޑައިގެން މަސްވެރިންނާ ބައްދަލު ކުރައްވައި، ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ޓިނޭ
12 December 2025
ތި މުޒާހަރާ ރޫޅާލެވިނުކީ ނޫން،، ތި އުކުނީ ކުޅަދުރު ހަތަޔަށް ގަޅި،،،
ގެދޮރޭ
12 December 2025
އޯފް ސީޒަންގަ ރިސޯރޓްތަކުގަ ހުސްކޮށް ހުންނަ އެނދުތަކަށް ފައިސާ ދައްކަން ކުންފުންޏެއް ހަދަން ބާރުއެޅުމުގެ ގޮތުން މުޒާހަރާއެއް ކުރަންވީނު؟
ކަންނެލި ކީޕަރު
11 December 2025
ދިވެހި ގައުމީ ޓީމެއްގަ އޮފިޝަލަކުވެސް ފެނޭ މުޒާހަރާއިން. ރަން ތަށި ނަގައިދިފަ އިނީމަ ކޯޑް އޮފް ކޮންޑަކްޓް އެޕްލައި ނުވަނީތޯ އެބޭޅާއަށް.
މުރާޖާ
11 December 2025
ބަރާބަރު. ބޭކާރު މުޒާހަރާއެއް.
ގުދުގުދުލީބެއްޔާގެ ތެދުބަސް
11 December 2025
ކެޔޮޅުންނާ ބައްދަލުކުރުމުގެ ދަވަނަބުރެއް ރައީސް އެބަޖެހޭ ބާއްވަން. އެކަމަކު އެމީހުން ބުނިހާބަތަކަށް ރިހައަޅައިގެންނުވާނެ. ރައީސެއްވެއްޖިއްޔާ ގޮތެއްވެސް ހުންނަންވާނެ. ހަމަ ދިއްކޮށްލާ ނޯޓަކަށް ތަބާވެގެންނުވާނެ. އެއަށްވުރެ ހަރުދަނާވާންވާނެ.
ލޫނާ
11 December 2025
މިހެން ވާނެދޯ ކަންނެލި ދޯނިފަހަރުގެ މީހުން މުޒާހަރާ ކުރަން ތަނެއް ކަނޑައަޅާފަ ނެތީމަ..
ހުނިގޮނޑި
11 December 2025
"ރޫޅާލާނަން ރޫޅާލާނަން ރޫޅާލާނަން" އެބޭފުޅާގެ ބަސް އެންމެފަހުން އެތެދުވީ. ހީވަނީ ވަރަށް އުފާވާނެހެން. އެހެޔޮ ކޮންމެ އެއްޗެއް ރޫޅާލިކަމުގާވިޔަސް.
އަފްރާސިޔާބު
11 December 2025
ކޮންގާނޫނެއްގާތޯ އޮތީ ބިދޭސީންނަށް ހަޅުތާލު ނުކުރެވޭނެޔޭ. ބިދޭސީން މަސްދޯނިފަހަރު ނުވަތަ ކަންނެލި ދޯނީގައި އުޅޭ ގޮތަށް ކޮން ގާނޫނެއްގައިތޯ އޮތީ؟
ޖަގޭ
11 December 2025
ޢަމިއްލަ ކުންފުންޏެއްވިޔަސް އަދި ސަރުކާރެއްވިޔަސް އެތަނެއްގެ މުވައްޒަފުން ނުވަތަ ރަށްޔިތުން އެދޭހާގޮތަކަށް ކަންކުރަންވެއްޖެ ނަމަ އެތަނެއްވާނީ ހަލާކު ގައުމަށް ހެޔޮއެދޭނަމަ ސަރުކާރުން ޖެހޭނީ ގައުމާއި ރަށްޔިތުންނަށް ފައިދާވާނެހެން ދުރު ރާސްތާގެ ގަވާއިދުތަކާއި ޕުލޭންހަދައި ތަންފީޒުކުރަން އެނޫން ގޮތަކައް މިގައުމު ހަމަޔަކަށް އެޅޭ ތަނެއްނުފެނޭ
ޑޮކްޓާރ. ބަނާނާ
11 December 2025
2008 އިން ފެށިގެން ތިޔަ މުޒާހިރާ އާއި ޑިމޮކުރަސީ އިން މިއުޅޭނީ ސަލާމަތް ނުވެގެން.. ތިޔާ ކަމުގައި އިސްކޮށް އުޅުނު ބޭޅުން މަހުޖަނުންނަށް ވީއިރު މިއަދު ގައުމު ބަނގުރޫޓްވެ ނިކަމެތި މީހާ ޖީބުގައި ފައިސާ ފޮއްޗެއްނެތް! ޑޮލަރެއް 20 ، 22ރުފިޔާ އަށް ޖެހިއްޖެ! ސޭބެއް އޯރަންޗެއް އެލިބެނީ 7 ނޫނީ 8 ރުފިޔާ އަށް! ތިޔަ ޗަރުކޭސް ގައި އިސްކޮށް އުޅުއްވި ބޭފުޅުން ވެސް މިހާރު ވިދާޅު ވަނީ ރޫޅާލަށޭ! އަވަހަށް ރޫޅާލާ1 ވ ސަލާމް
ރަދީފްއޮފިޝަލް /
11 December 2025
ހެލޯ ބަނާނާ.ހާލަ ކެހެނަކަށް.ސޭބު އޯރެންޗް ވަރަށް ސަޅި.