އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: -- ފަޔާޒް މޫސާ | މިހާރު
11 ޑިސެމްބަރ 2025 - 12:55
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖްގައި ބައިވެރިވާ މަސްވެރިން ތިބި ބައެއް ދޯނިފަހަރަށް ފުލުހުން އަރައި، ބައެއް ބިދޭސީން ހައްޔަރުކުރަން ފަށައިފި އެވެ.
އިއްޔެއިން ފެށިގެން މާލޭގެ އުތުރު ފަރާތު ފަޅު ބޭރުގައި އަޅާފައިވާ ބައެއް މަސްދޯނިފަހަރަށް ފުލުހުން އަރައި މީހުން ހިފަހައްޓަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ބައެއް މީހުން ޕޯސްޓްކޮށްފައި ވިޔަސް، އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަަގަކުރެވިގެން އެކަން އެގޮތަށް ނުކުރަން ނަސޭހަތްތެރިވުމަށް ފަހު، އެ މީހުންނާ ބެހޭ މައުލޫމާތު ހޯދަން މަސަައްކަތްކުރަމުން އަންނަ ކަމަށެވެ.
"މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށްފަހު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުން. އެގޮތުން މިއަދު ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީކަން ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު "ރާއްޖެޓީވީ"އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދޯނިފަހަރުގައި ތިބި ބިދޭސީންނަކީ އެ ދޯނިފަހަރުގައި ދިރިއުޅޭ މީހުން ކަމަށެވެ.
"މި ދޯނިތަކުގައި އެބަ އުޅޭ ބިދޭސީން، އެއީ ދޮގެއް ނޫން، ކޯޓާގެ ދަށުގައި އުޅޭ ބިދޭސީން އެބަ އުޅޭ. ގިނަވާނީ ހަމަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސައްހަ ކޯޓާގައި ތިބި ބިދޭސީން. އެ ބޭފުޅުން ދިރިއުޅެނީ މި އޮޑީގައި[ ދޯނިތަކުގައި]. ކެއުމާއި ނިދުމާއި ފާހާނާކުރުން ހަމަޖެހިފައި އެބޭފުޅުންގެ ގެދޮރު މިއީ. ގެދޮރު ދާތަނަކަށް އެ ބޭފުޅުން އަންނާނެ،" މައުރޫފް ވިދާޅުވި އެވެ.
އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި 49 ދޯންޏެއްގެ މަސްވެރިން އިހްތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. އެކި ޝިއާރުތައް ލިޔެފައިވާ ބެނާތައް ދަމާފައިވާ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް އިއްޔެ މެންދުރުފަހު މިސްރާބު ޖެހި އެވެ. ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
އެހެންވެ މަސްވެރިން، ދޯނިތައް އެޅީ އުތުރު ބަނދަރަށް ވަންނަ ނެރުމައްޗަށްވާ ކަހަލަ ގޮތަކަށް ކަނޑުތޮށިން ބޭރުގަ އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، ސަރުކާރުން އަންނަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ އެވެ.
އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސްގެ ހާއްސަ އިރުޝާދުފުޅާ އެކު، މާލެ އޭރިއާ އިން ވަނީ ތެލަށް ބަދަލެއް ގެނެވި، ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، އޭގެ އިތުރުން ވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީ ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް. މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޯއްޓާ
11 December 2025
ބިދޭސީންނަށް ހުއްދަ އޮވޭހޭ މަސްވެެރިކަން ކުރަން؟
އަދާލަތު
11 December 2025
ރާއްޖޭގެ އިޤުތިސޯދީ ކަނޑުގެސަރަޙައްދުގައި ބިދޭސީން މަސްވެރިކަންކުރުމަކީ އެވޭލާޒަމާނުއްސުރެފެށިގެން ޤާނޫނީގޮތުންމަނާކަމެއް. ރާއްޖެއަށްގެނެސްގެންމިއުޅޭ ދިމާކުރާތީ ނިޒާމުގައި ރާއްޖޭގެ މަސްކަނޑަށް ބިދޭސީންނަ ބިދޭސީންނަށް ވިސާޔާއި ވޯކުޕާމިޓް އަދި ނިދާ ދިރިއުޅުމުގެ ހުއްދަދިނުމަކީ ނުރައްކައުތެރިކަމެއް.
ޑޮކްޓާރ. ބަނާނާ
11 December 2025
ބިދޭސީން ނަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި މިދިވެހި ރާއްޖޭގައި ވެސް މިގޮތަށް "ޕްރޮޓެސްޓް " ތަކުގައި ބައިވެރި ވުމުގެ ހުއްދައެއް އޮތް ބައެއްނޫން! ބިދޭސީންގެ ގެ ހައްގުތޯ ގެއްލިގެން މިއުޅެނީ! ނޫނީ ކަނޑު ތޮށިކައިރީގައި ތިބެ މަސް ބާނަނީ ތޯ؟ ވިސާ އޮތަސް އަދި ނެތަސް ބިދޭސީޔަކު ތިއިން މުޒާހިރާ ކުރާ ދޯންޏެއްގައި ހުރި ނަމަ ހިފާ ހައްޔަރު ކޮށް ޑިޕޯޓް ކުރޭ! ވ ސަލާމް!
ލަސް
11 December 2025
ތިއީ މަސްވެރިން އިހްތިޖާޖުކުރާތީ އެމީހުނަށް ބިރުދައްކުމަށް ކުރާކަމެއް.
ށަބްށިޑީ
11 December 2025
ތެލުގެ ސަބްސިޑީ ކަނޑާލާ. މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދެންޏާ އާމްދަނީ ހޯދަން ތެޔޮ އަޅައިގެން ދުއްވާ ހުރިހާ އުޅަނދަކަށްވެސް ސަބްސިޑީ ދޭން ޖެހޭނެ. އިމިގްރޭޝަން އޮފިސަރުންނާ އެކު ދޯނިތަކައް އަރާ ބިދޭސީންގެ ވޯކް ޕާމިޓް ހުރިތޯ ބަލާ ނިމޭއިރު ނޭނގެ 10 ވަރަކަށް ދޯންޏައްވެސް ދެން ފުރޭނެ ކަމެއް.
ލީވާން ހަލީމް
11 December 2025
އަހަރެމެން ކެފޭ އަށް އައިސް ބިދޭސީން އުފުރާލައިގެން ގެންދާއިރު އޯކޭ، މަސްދޯނި ތަކުގަ ނުގަވައިދުން އުޅޭ ބިދޭސީން ގެންދިޔައީމަ ގޯސް މިވަނީ، ތިޔަ ވިސްނުން ރަނގަޅު ކޮށްލާ
މހއމ
11 December 2025
ލީވާން މެން ކެފޭ ހިންގާ ތީ ދޯ ދެރައީ ނުގަވައިދުން ބިދޭސީން ލައިގެން. އަދި ލަދެއް ވެސް ނުގަނޭނު އެ ވާހަކަ ގޮވާކަށް.
ކަލާމް
11 December 2025
މިތާ ބައެއް ދިވެހިން އެބަ ތާއީދު ކުރޭ ބިދޭސީން މަސްވެރިންނަށް ވެގެން ދިވެހި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން، ސިޔާސީ ވިޔަށް ތިޔައީ ފުކެއް ބޮޑުވަރު އިނގޭ
ބަހާދަރު
11 December 2025
ތިޔަކަން ކުރަން މާ ލަސްވެސް ވެއްޖެ ތިޔަ ބިދޭށީން ދިވެހި މަސްވެރިކަން ފުނޑާ ލައިފި
އެމްސް
11 December 2025
ދަނޑުވެެރިކަމާއި ހުރިހާ ކުދި ވިޔަފާރިތައްވެސް މެއެވެ!
ބަސީރު
11 December 2025
ސާބަހޭ ފުލުންނޭ، ތިޔަ މަސްވެރިންނޭ ކިޔައިގެން ދަޢުލަތް ދަވާލަނީ ބޭރު މީހުނާއި އޮޑި ވެރި ފަރާތުން
ފަހުދު.
11 December 2025
ބިދޭސީން މިތިބީ މަގުމަތީގަ ބޯކޮށް. ހަމަ ނުފެންނަނީ؟ އަޖައިބުވެއްޖެ