މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން މާލޭގައި ބާއްވާ އާޓް އެގްޒިބިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

"ސީސައިޑް ސްޓޯރީސް" ގެ ނަމުގައި މާލޭގައި ބާއްވާ މި އާޓް އެގްޒިބިޝަން އޮންނާނީ އަންނަ މަހުގެ 6- 10 އަށެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ އެ އެގްޒިބިޝަނަށް އާޓްވޯކު ހުށަހަޅަން ބޭނުންވާ ނަމަ ފޯމު ފުރުމަށް ފަހު މި މަހުގެ 25 ވާ ބުދަ ދުވަހުގެ 2:00ގެ ކުރިން ހުށަހަޅަން އެދިފަ އެވެ.

އާޓް އެގްޒެބިޝަނަސް ފަސް ބަވާތެއްގެ ކުރެހުން ހުށަހެޅޭނެ އެވެ. އެއީ

  1. ކުރެހުން
  2. ކުލަޖެއްސުން
  3. ޑިޖިޓަލް އާޓް
  4. ސްކަލްޕްޗާ (ކަނޑާނަގައިގެން ހަދާ އެއްޗެހި)
  5. މިކްސް މީޑިއާ

މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާތައް:

  1. ޖޫނިއާ ކެޓަގަރީ: 12 އަހަރުން ދަށް
  2. އޯޕަން ކެޓަގަރީ: 12 އަހަރާއި 12 އަހަރުން މަތި
  3. އިންޓަނޭޝަނަލް ކެޓަގަރީ: ރާއްޖެއިން ބޭރު ގައުމުތަކުގެ މީހުންނަށް ހާއްސަ       

މިނިސްޓްރީން ބުނީ މުބާރާތުގައި ބައިވެރިކުރާ ހުރިހާ އުފެއްދުންތަކަކީ ވެސް އެ ބައިވެރިވާ މީހެއްގެ އަމިއްލަ އުފެއްދުމަކަށް ވާންވާނެ ކަމަށެވެ.

އެހެން މީހެއްގެ ފޮޓޯއެއް ރިފަރެންސްގެ ގޮތުގައި ބޭނުންކުރާ ނަމަ، އެ ފޮޓޯ ނެގި މީހާގެ ހުއްދަ އޮންނަން ވާނެ ކަމަށާއި އެހެން އުފެއްދުމަކުން ކޮޕީކޮށްފައިވާކަން އެނގިއްޖެނަމަ، ވަގުތުން މުބާރާތުން ވަކިކުރެވޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މު ބާރާތުގެ ވަނަތައް ހޮވާނީ މިނިސްޓްރީން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މިނިސްޓްރީން ނިންމާފައި ވަނީ މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއްވަނައަށް ހޮވޭ ފަރާތަކަށް 5000ރ.ގެ ފައިސާގެ އިނާމެއް ދިނުމަށެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.