ސިނގިރެޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުން: އެންމެންގެ މައްޗަށް ވެސް ދައުވާ ކުރަން ވަނީ ނިންމާފައި
11 ޑިސެމްބަރ 2025 - 17:38
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި މިހާތަނަށް ހައްޔަރުކުރި 11 މީހުންގެ މައްޗަށް ވެސް ދައުވާކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހިފަހައްޓާފައި ހުރި ސިނގިރެޓް ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލަގައި 11 މީހަކު ހައްޔަރުކޮށް، އެ އެންމެންގެ މައްޗަށް ފުލުހުން ތަހުގީގު ހިންގި އެވެ. އެ އެންމެންގެ މައްޗަށް ވެސް ދައުވާ އުފުލައިދިނުމަށް އެދި މި މަހުގެ ތިންވަނަ ދުވަހު ފުލުހުން މައްސަލަ ފޮނުވާފައިވެ އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށާއި ދައުވާ ކުރުމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި 11 މީހުންގެ މައްޗަށް ވެސް ދައުވާ ކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. އެކަމަކު، އެ މީހުންގެ މައްޗަށް އުފުލާ ދައުވާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި ޕީޖީ އޮފީހުން ނިންމާފައި ވަނީ ކުރިއަށް ހަފުތާ ފެށޭ ހިސާބުގައި އެ 11 މީހުންގެ މައްޗަށް ވެސް ދައުވާ ކުރާ ގޮތަށެވެ.
ދައުވާކުރަން ނިންމި މީހުންގެ ތެރޭގައި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެ އެވެ.
އާއްޓޭ އާއި ދިގަލީގެ އިތުރުން ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރި ކ. ތުލުސްދޫ، ލިންކު، ހަސަން އަބްދުއްރަހުމާން ވެސް ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. އެ ހުށަހެޅުމާ އެއްގޮތަށް އެ ތިން މީހުން މިއަދު ވަނީ ދޫކޮށްލައިފަ އެވެ.
ޕީޖީ އޮފީހުގެ މި ނިންމުމަށް ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެ މީހުން ބަންދުން ދޫކުރަން އެދުނީ، ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވާތީ އެވެ. އަދި ހަސަން އަބްދުއްރަހްމާން ޝަރުތު ކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިހާތަނަށް އެ ތިން މީހުން ވެސް ތިބީ އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލާގައި ދެން ހިމެނޭ މީހުން ބަންދުން ދުލެއް ނުކުރެ އެވެ.
އޭގެ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ އެއީ ސިނގިރޭޓް ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށް ވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި، ތިބެ މި ކުށް ކުރުމުގައި އެ މީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
ވިޔަފާރިވެރިންގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މީގެ އިތުރުން އެމްޕީއެލްގެ ތިން މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހާއި ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާން ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.
ދައުވާ ކުރަން ނިންމި 11 މީހުންގެ ތެރެއިން ފުލުހުން ހައްޔަރުނުކޮށް ހުރި މީހަކީ މުހައްމަދު ޝަރީފު، ދަފްތަރު ނަންބަރު ރސ 1355 އެވެ.
1- ޒިވާރު އިސްމާއިލް، މެދުރީގެ، ހދ. ވައިކަރަދޫ (އެމްޕީއެލް ކަސްޓަމްސްގެ އިސް އޮފިސަރެއް)
2- އަހުމަދު ޝަހީމް، ނޫރަލީގެ، ހދ. ވައިކަރަދޫ
3- އަހުމަދު ފިރުސާން، ހ. ރުމޭނިއާ
4- ހުސައިން ސާމިހު، ޗާންދަނީގެ، ސ. ހިތަދޫ
5- އާދަމް ވަހީދު، ނ. މިލަދޫ، ކެނެރީގެ
6- މުހައްމަދު އަލަމިން މިއާ (ބަންގްލަދޭޝް)
7- މުއާޒު އަލީ، ހ. ނިއު ހެޕިނަސް
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދެއް ބަލައިފާސްކޮށްފައިވެ އެވެ. އަދި މާލެ އާއި ހުޅުމާލެ އާއި ތިލަފުށީގެ 21 ތަނެއް ބަލައި ފާސްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަމަ
13 December 2025
ލިޔަންވާ އެއްޗިއްސާއި ކިޔަންވާ އެއްޗެހި ގިނަކަމުން އަދި ގިނަ ރައްޔިތުން މިނޫސް ބަލާ ކިޔަމުންދާނެތީ ޕީ ޖީ ކަހަލަ ޕަޕެޓަކު ނިންމާ ސަރުކާރުގެ އެތެރޭގައި ކުޅެމުންއަންނަ ޑްރާމާއަކަށް އެއްޗެކޭ ބުނާކަށްނެތިން.
ސަދޫމްކޯޓް
12 December 2025
ގެއްލުމުގެ ބަދަލްގެ ގޮތުގައި 3000ކޭސް ސިގިރެޓްދީ
ޖިންރީން
12 December 2025
ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށް ވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ހެކި ލިބިފައި ނުވާތީ އެވެ. މިއޮތީ ދޫކޮށްލި ސަބަބު ސާފުވާން، ދެން އަސްލު އޮޅުވާލަން މިތާ ކިތައްމެ ކޮމެންޓެއް ކުރިޔަސް އެކަމެއް ނުވާނެ، ތުހުމަތުގަ ހައްޔަރުކޮށް ހެކި ނުލިބިއްޖެ ނަމަ ބަންދުގަ ނުބޭތިއްބޭނެ
ތިހާމް ގަނީ
12 December 2025
މިސަރުކާރަށް ވަފާތެރި ދެ ވިޔަފާރިވެރިއަކު ހައްޔަރުގަ ބަހައްޓައިގެން އެވަނީ ހެއްކަށް ނުފޫޒު ނުފޯރުވޭނޭހެން ތަހުގީގުކޮށް ނިންމާފައި، ތަހުގީގު ނިންމުމަށްފަހު އެމީހުންގެ ފަރާތުން އިތުރަށް އެކަމަށް ނުފޫޒު ފޯރުވޭނެ ޖާގައެއް ނެތް ނަމަ ޖެހޭނީ ދޫކޮށްލައި އިންސާފުވެރި ޝަރީއަތެއް ހިންގަން
ޖިއްސުމު
12 December 2025
މިސަރުކާރަށް ކެރުނީ އެމީހުން ހައްޔަރު ކޮށްފަ ބައިތިއްބަންވެސް، އެމީހުންގެ މައްޗަށް އިންސާފު ވެރި ސަރީއަތް ހިންގުން ދެން އޮތީ ޝަރުއީ ކޯޓުން
ހަމްރާ ހަމީދު
12 December 2025
ދޫކޮށްލާފަ އެވަނީ އެމީހުންގެ މައްޗަށް ދަޢުވާ ކުރަން، އެމީހުން ބަންދުގައި ބެހެއްޓޭނެ ގާނޫނީ އިޖުރާއަތެއް ނެތީމަ އިތުރަށް ބަދަކު ނުބޭތިއްބޭނެ
އިހްސާސް
12 December 2025
ތިޔަ ދޫކޮށްލި ދެވެރިންނަކީ އެތައް މިލިއަން ރުފިޔާހުރި ދުޔޭގެ މުއްސަނދިން. އިންތިހާބު މިހާރު ކައިވަތެއްހާ ކައިރީގަ. އަޖާއިބުވާވަރުގެ ކަމެއް ނޫންތާ.
ގުއިއްޒު
12 December 2025
އެމީހުން އަތުން ފަންސާހަކަށް މިލިޔަން އަތުލައިފަ އެ ދޫކޮށްލީ. ކާކު ތިހުރީ
ޖިމް
11 December 2025
މިސްރާބު ބަދަލުވެ ބޮޑުން ދޫކޮށް އެކަމުގައި ނުހިމެނޭ މީހުންނަށް ހުކުމް ކުރާނީ
ބޯޅަކިންކިރިމާސަރީފު
11 December 2025
މިހާރު ގައުމުުއޮތް ހާލަތަށް ރިއާޔަތްކޮށް ވިސްނާއިރު މިމައްސަލަވެސް ޖަމަލު ފޮޑިއަކަށްވެ ނިމިހިގައިދާނެ. މިކަމުގައި މިއުޅޭމީހުންވެސް މިކަން ދާނެ ގޮތާއި މައްސަލަ ކުރިއަށްގެންގޮސް ނިންމަންޖެހޭގޮތް ރަގަޅަށް ކަށަވަރުވާވަރަށް ރާވަންޖެހޭ ރޭވުމާއި ދޭންޖެހޭ އެއްޗެއް ދޭންޖެހޭ ބަޔަކަށްދީ ކޮންފިޑެންސާއި އެކުނޫނީ މިކަމަކަށް ނުވެސްފެށީސް. ނުގުޑާވަރަށް ހުރިހައި ދިމާލަކުންވެސް މިތިބީ ކޮރޮޕްޓުވެފަ.
މަކުނުބޭ
11 December 2025
ހާދަ ރީތިކޮންނޭ ހެޑްލައިން ޖަހާފަ މި އިނީ. ޢެހެން މައްސައެއްގަނަމަ ހެޑްލައިން ޖަހާނީ މިހެންނެއްނޫން. ޢަސްލު ހެޑްލައިންއަކީ " މައްސަލަ ނިމެންދެން ބަންދުކުރި ދިގަލި އާއި އާއްޓޭ، ޕްރޮސިކިއުޓަރ ޖެނެރަލް އެދިގެން ދޫކޮށްލައިފި" މިއީދޯ ޙަޤީޤަތަކީ.