އެއީ މީގެ ހަ އަހަރު ކުރިން އޮގަސްޓް، 29، 2019 އެވެ. ސްކޫލު ޗުއްޓީއާ ދިމާކޮށް ކުއްލިއަކަށް މޫސުން ގޯސްވީ ހދ. ނޮޅިވަރަންފަރު، ހުސެއިން އަބްދުﷲ ގެ އާއިލާއިން މާލެއަށް ދާން ޓިކެޓު ނަގާފައި އޮއްވަ އެވެ. ހުއްޓާނުލައި ބޯކޮށް ވެހެމުންދިޔަ ވާރެ އާއި ގަދަ ކަނޑަށް ބެލުމެއް ނެތި އެ ދަތުރު ފެށީ ނޮޅިވަރަންފަރުން ފުރައިގެން އެއާޕޯޓު އޮންނަ ރަށް، ހަނިމާދުއަށް ދާން ގާތްގަނޑަކަށް 30 މިނެޓު ވެސް ނުނަގާނެތީ އެވެ.
ހުސެއިންގެ އާއިލާގެ ގިނަ ބަޔަކާ އެކު ހެނދުނު 10:00 ހާއިރު ފުރި ލޯންޗަށް ކަނޑުގަދަކަމުން މެންދުރުވި އިރު ވެސް ހަނިމާދުއަށް ނުދެވުނެވެ. ޖުމްލަ ދިހަ މީހުންނާ އެކު ދަތުރުކުރި "ސްޕީޑު" ނަމަކަށް ކިޔާ އެ ލޯންޗަށް ބިންދާލި ރާޅަކާ އެކު ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުން ފަޅަށް ބަންޑުން ޖަހާލީ އެވެ. އޭގެ ތެރޭގައި މީހުންތައް ތާށިވެ ހާސްވެ ބިރުވެރިކަން ބޮޑުވި އެވެ.
އެއިން ނުކުމެ މައްޗަށް އެރުނީ ލޯންޗުގެ ކެޕްޓަން ސިރާޖު އަދުނާނާއި ލޯންޗުގެ ވެރިޔާ އަލީ އަބްދުﷲ އާއި އަބްދުއްޝުކޫރަށެވެ. އެ މީހުން އިތުރު މީހުން ސަލާމަތްކުރަން ކުރި މަސައްކަތުން އޭގެން ދަތުރުކުރި އައިމިނަތު އާސިމާ އާއި އައިޝަތު ޝެހެނާޒު ވެސް ސަލާމަތްވެ އެންމެން ވާގަނޑެއްގައި ހިފައިގެން ތިބީ އެހީވާނެ ބަޔަކު އަންނަންދެނެވެ.
ފެތުނު ލޯންޗުގެ ތެރެއިން ހުސެއިން ނުކުތެވެ. އެކަމަކު ސަލާމަތްވި މީހުންގެ ތެރޭގައި އޭނާގެ އާއިލާގެ އެއްވެސް މީހަކު ފެންނަން ނެތުމުން އެ މީހުން ސަލާމަތްކުރަން އަލުން އަޑިއަށް ފީނައިގަތީ އެވެ. އެކަމަކު ހުސެއިންނަށް އެއިން އެކަކު ވެސް ސަލާމަތް ނުކުރެވި، އާއިލާއާ އެކު މޫދުގެ އަޑީގައި އޮއްވާ ނިޔާވީ އެވެ.
އެ ހާދިސާގައި ހުސެއިން އާއި އޭނާގެ އަންހެނުން މަރިޔަމް މައުސޫމް އަދި އެ މީހުންގެ ހަމައެކަނި އަންހެން ދަރިފުޅު ފާތިމަތު ގުރައިޝާ އާއި ކާފަ ދަރިފުޅު އީރާ ހުސަން ސިރާޖުގެ އިތުރުން މީހުން ސަލާމަތްކުރުމުގައި އުޅުނު ޝުކޫރުގެ އަންހެނުން އައިޝަތު އަލީ ވެސް ނިޔާވި އެވެ.
ލޯންޗު ބަންޑުން ޖަހާލައި ގިނަ ބަޔަކު ނިޔާވިއިރު ވެސް މިވަރުގެ ކަމެއްވެގެން އުޅޭކަން އޭރު ނޮޅިވަރަންފަރަކަށް ނޭނގެ އެވެ. އެ ވަގުތު ގުޅޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.
އެ ޚަބަރު ދޭން ބެލިއިރު އެކެއްގެ ފޯނެއް ވެސް މަސައްކަތެއް ނުކުރި އެވެ. އެހެންވެ، ހަނިމާދޫގައި ހުންނަ ސިފައިންގެ ޕޯސްޓަށް ލޯންޗު ފެތިގެން އުޅޭކަން އަންގަން ޖެހުނީ ލޯންޗުގެ ކެޕްޓަން ސިރާޖު، އެ ގަދާގައި ފަތާފައި އެ ރަށަށް އަރަ އެވެ.
ހަ އަހަރުވިޔަސް ހީވަނީ އިއްޔެ ހިނގި ކަމެއްހެން
ހުސެއިންނަށް ބޮޑުބޭބެ ކިޔާ އަދި އޭނާ، ދަރިއެއްހެން ބަލާބޮޑުކުރި އަބްދުﷲ ވަހީދު، "މިހާރު" އަށް ބުނީ އެ ދުވަހު މެންދުރެއްހާއިރު މަގުތައް ފެން ބޮޑުވެފައި އޮތުމުން، ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެ މީހުން ޚަބަރެއް ނުވެގެން އުޅޭ ވާހަކަ އާއިލާގެ މީހަކު ބުނި ކަމަށެވެ. އެކަމަކު އޭރު ވެސް ކަމެއް ގޯސްވެދާނެ ކަމަށް ކުޑަކޮށް ވެސް ހިތަށް ނާރަ އެވެ.
"އޭރު 12:20 ވެދާނެ. އެހެންވިޔަސް ސިކުނޑިއަކަށް ނާދޭ ކަމެއް ގޯސްވީއެކޭ،"
އެ މީހުންގެ ޚަބަރެއް ބަލަން އަބްދުﷲ ގުޅީ، ހަނިމާދޫ ޕޮލިހުގައި މަސައްކަތްކުރާ އެ މީހުންގެ އާއިލާ މީހަކަށެވެ. އޭރު އޭނާ ހުރީ ފާލަން މަތީގައި ކަމަށާއި ވެގެން އުޅޭ ގޮތެއް ބަލާ ކަމަށް ބުނެފައި ފޯނު ކަނޑާލީ އެވެ. ދެން އަބްދުﷲ މަސައްކަތްކުރީ ލޯންޗުގައި ތިބި އިތުރު މީހުންނަށް ގުޅަން ނަމަވެސް އެއްވެސް ފޯނެއް ރިންގެއް ނުވި އެވެ. ހާސްވެ ބިރުގަތް ނަމަވެސް ލޯންޗުގައި އިން އާސިމާގެ ފޯނަށް ގުޅި ވަގުތު ރިންގުވުމުން ހަމަ ނޭވާއެއްލެވުނެވެ. ހުރިހާ ކަމެއް ރަނގަޅު ކަމަށް ވިސްނަން މަސައްކަތްކުރިޔަސް އެ ފޯނު ވެސް ރިންގުވީ އެންމެ ދެ ފަހަރަކަށެވެ.
"ދެ ފަހަރަކަށް އެ ފޯނު ރިންގުވީމަ ދެން ހިތަށް ރަނގަޅުވާނެއޭ. އެކަމަކު ދެން ގުޅީމަ އެ ފޯނަކަށް ވެސް ނުގުޅުނު. އެކަހަލަ ގޮތަކަށް އެވަގުތުކޮޅު ދިޔައީ،" ދެކޮޅަށް ދުވަމުން ހުރެ އާއިލާގެ މީހުންގެ ޚަބަރެއް ހޯދަން އޭނާ ހުއްޓާނުލާ ކުރި މަސައްކަތް ކިޔައިދޭން ފެށި އެވެ.
އެކަމާ ބިރުން ހުރެ އެ ގަދަ ކަނޑުގައި އާއިލާއަށްވީ ގޮތެއް ހޯދަން އޭނާ ހަނިމާދޫއަށް ފުރަން އުޅެނިކޮށް ޕޮލިހުގައި މަސައްކަތްކުރާ އަބްދުﷲގެ އާއިލާ މީހާ ގުޅާފައި ބުނީ އެ އާއިލާގެ ހަބަރެއް ނެތަސް އެ ލޯންޗުން ދަތުރުކުރި އެކަކު ހަނިމާދޫއަށް އަރައިފި ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން ލިބުނީ އެ ލޯންޗު ބަންޑުން ޖަހާލި ހިތްދަތި ހަބަރެވެ. އޭރު ވެސް އެ ލޯންޗުން ދަތުރުކުރި މީހުންގެ ހާލަތު އެ މީހުންނަށް ސާފެއް ނުވެ އެވެ.
"ހާސްވެގެން އެގޮތަށް އެކި މީހުންނަށް ގުޅަމުން ދިޔައީ. އެމްއެންޑީއެފުގައި މަސައްކަތްކުރާ ރައްޓެއްސަކު ގުޅާފައި ބުނީ ލޯންޗު ބަންޑުން ޖަހާލައިގެންނޭ އުޅެނީ.." ކުޑައިރުއްސުރެ އަބްދުﷲ ބަލާބޮޑުކުރި ބޭބެ އާއި އޭނާގެ އާއިލާގެ ވަކިވެ ދިއުން ރޮމުން އިނދެ ކިޔައިދެމުން ބުންޏެވެ.
އޭނާ ބުނީ އާއިލާގެ މީހުން ނިޔާވި ހަބަރު ލިބުނީ އެ ދުވަހުގެ ހަވީރެއްހާއިރު ކަމަށެވެ.
އެ ހާދިސާއަށް ފަހު އަބްދުﷲ ބެލީ އެ ހިތްދަތި ހަނދާންތަކާއި ދުރުގައި އުޅުވޭތޯ އެވެ. މިއީ އޭނާހެ ހަޔާތުގައި ވެސް ދިމާވި އެންމެ ހިތްދަތި ހާދިސާ އެވެ. މި މައުލޫއަށް އެ މީހުން އާންމުކޮށް ވާހަކައެއް ނުދައްކަ އެވެ. އޭގެ ސަބަބުން އޭނާގެ ހިތުގައި އަދިވެސް އެ ރިހުން ހުރީ އިއްޔެވީ ކަމެއްހެންނެވެ.
ރޭގަނޑަށް ނިދަން އުނދަގޫވެ، އެނދުގައި ފުރޮޅިލަ ފުރޮޅިލާ އޮންނަން ޖެހޭ ކިތަންމެ ރެއެއްވެސް އާދެ އެވެ. ހުވަފެނުން ބޭބެ ފެންނާތީ އެ ހަނދާންތަކާ ދުރުވާން އަދި އަދި މާ އުނދަގުލެވެ. އެ ގޭ ތެރެއިން މޮޅިވެރިކަމާއި ހިތާމަ އާއި އެކަނިވެރިކަން އަދިވެސް އެ މީހުންނަށް އިހުސާސްވެ އެވެ.
ދަރިން ގޮވައިގެން ސްކޫލަށްދާ ވަގުތަކީ ހުސެއިން ނިކުމެ، އަބްދުﷲގެ ދަރިންނާ ސަމާސާކޮށް މަޖާކޮށްލާ ވަގުތެކެވެ. އެހެންވެ، ހުސެއިންގެ ވަކިވުމާ އެކު ސްކޫލު ދޮަށަށް ދިއުމަކީ ވެސް އޭނާއަށް ވޭނަކަށްވެއްޖެ އެވެ.
"އަޅުގަނޑު ދެ ކުދިން ގޮވައިގެން ގޮސް ސްކޫލު ކަންމަތީގައި މަޑުކޮށްލައިގެން ހުންނައިރު ދޮންބޭބެ [ސްކޫލުގެ ގުރުއާން ޓީޗަރު] އަންނާނެ ވާހަކަ ދައްކަން. އެ ކުދިންނާ ސަމާސާކޮށް ވަރަށް މަޖާކުރާނެ. އެހެންވެ، އެ ހަނދާންތަކާ ހެދި ވެސް އަސްލު އުނދަގޫވޭ ސްކޫލު ދޮަށަށް ދާން،" އަބްދުﷲ ކިޔައިދިނެވެ.
އެންމެ ގިނައިން ހުސެއިން ދެން ފެންނާނީ މިސްކިތުންނެވެ. ނަމާދުތަކަށް އަބަދުވެސް ފަރުވާތެރިވާން ނަސޭހަތްތެރިވާ ހުސެއިންގެ ވަކިވުމުން، އަބްދުﷲއަށް ކުރި އަސަރަކީ ނަމާދަށް ހުންނައިރު ވެސް ކައިރީގައި ހުންނަކަން އިހުސާސްވާން ފެށުމެވެ.
"..މިއީ ފާޑެއްގެ ޑިޕްރެޝަނެއް. ނިދަން ވެސް އުނދަގޫވާނެ. އަންހެނުންނަށް ވެސް އެނގޭނެ އެކަން. ވަރަށް ނުދައްކަން މި މައުލޫއާ ގުޅިގެން އެއްވެސް ވާހަކައެއް ވެސް މިހާތަނަކަށް. ދެން ޑިޕްރެޝަނަށް ފަރުވާ ނުކުރިޔަސް ބޭސް ނުކެޔަސް.. ހަނދާނެއް ނުހުރޭ އަހަރެމެން ކައިރީގައި ދޮންބޭބެ ނެތްއިރެއް ހަމަ އެ ދުވަހާ ހަމައަށް ވެސް. އެންމެ ކުޑައިރުން ފެށިގެން އެ ހުރިހާ ލޯތްބަކާއި އަޅާލުމެއް ލިބިފައި.." އެ ހިސާބަށް ބުނެފައި އޭނާއަށް ހުއްޓުން އެރި އެވެ.
ހަނދާންތަކުގެ ތެރެއަށް ގެއްލިފައި އިނދެ، އަތުގައި އަޅާފައި އޮތް ގަޑި ދައްކާލަމުން ބުނީ އެއީ ބޭބެގެ އެންމެ ފަހުގެ ނިޝާން ކަމަށެވެ. އެ ގަޑިއަކީ ހުސެއިން މޫދުގެ އަޑީގައި ނިޔާވިއިރު އޭނާގެ އަތުކުރީގައި އަޅާފައި އޮތް ގަޑި އެވެ. އެ ގަޑި އަދިވެސް އަބްދުﷲގެ އަތުގައި އަޅާފައި އެ އޮތީ ބޭބެއަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.
"ގިޔާސް [ނިޔާވި ހުސެއިންގެ ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅު] ބުނީ ކުޑަބެ އަތުގައި ތި ގަޑި ބާއްވާށޭ. އޭނާ ދިނީމަ އޭރުއްސުރެ އަޅުގަނޑު އަތުގައި މި ގަޑި މި އޮންނަނީ."
ހުސެއިންނަކީ އޭނާގެ މަންމައަށް ލިބުނު 12 ދަރިންގެ ތެރެއިން ދުނިޔޭގައި އޭރު ހުރި ތިން ވަނަ މީހާ އެވެ. ހުސެއިންނާއި ހަސަން ވަހީދާއި އިތުރު ދައްތައެއް ފިޔަވައި އެންމެން ވެސް ވަނީ ހަގު އުމުރެއްގައި ދުނިޔެ ދޫކޮށްފަ އެވެ.
ހުސެއިންނާ އެއްބަނޑުއެއްބަފާ މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ބޭބެ، ހަސަން ވަހީދު ބުނި ގޮތުގައި އެ ހާދިސާ ހިނގި ދުވަހުގެ ހެނދުނު 10:15 ހާއިރު ވެސް ހުސެއިންގެ ކޯލެއް ލިބުނެވެ. އެކަަމަކު އެއީ އަލްވަދާއުގެ ކޯލެވެ.
"ރަށުގެ އަތިރިއަށް ފުރަން ނުކުމެ ހުރެ އޭނާ ގުޅީ. އެއީ އެންމެ ފަހު ކޯލު. އޭނާ ވެސް ހިތްހަމަނުޖެހޭ މަންމަ ބަލިއިރު ނައިސް. ގުޅާފައި ބުނީ މި ނައްޓާލަނީއޭ. އެހާ ކަނޑު ގަދަކޮށް އޮއްވާ ފުރަންވާނެހޭ ބުނީމަ ވެސް ބުނީ ރަނގަޅުވާނެއޭ،" ހާދިސާ ހިނގިއިރު އެ މީހުންގެ މަންމަ ބެލުމަށް މާލޭގައި ހުރި ހަސަން ކިޔައިދިނެވެ.
ދެހާސް ދިހައަކުން ފެށިގެން ހުސެއިންގެ މަންމަގެ ބަލި ހާލަތު ހުރި ގޮތުން ރިޓަޔާވެގެން ހަސަން ހުރީ މާލޭގައި މަންމަގެ ކަންކަން ބަލަހައްޓާށެވެ. ރަށުގައި ތިބި ހަސަންގެ ދަރިން ބެލެހެއްޓީ ވެސް ހުސެއިންނެވެ.
"އޭނާއަށް ލިބޭ ކޮންމެ ޗުއްޓީއެއްގައި ވެސް ބޭނުންވާނެ މަންމަ ކައިރިއަށް އަންނަން. ކިރިޔާ ދުވަސްކޮޅެއް ލިބުނަސް އަންނާނެ މަންމަ ކައިރިއަށް. އެ ދަތުރުވެސް ކުރީ އެކަމަށް،"
އެކަމަކު އެމީހުންގެ ޚަބަރެއް ނުލިބިގެން ހުސެއިން ދަރިފުޅު ގިޔާސް އެ ވާހަކަ ހަސަން ގާތުގައި ބުނީ މެންދުރު ނަމާދަށް މިސްކިތަށް ނުކުންނިކޮށެވެ. އެހެންވެ، މިސްކިތުން އައިސްފައި ޚަބަރެއް ބަލާނީ ކަމަށް ބުނެ އޭނާ ނަމާދަށް ދިޔައީ ވެސް އެވަރުގެ ހިތްދަތި އަތުވެދާނެ ކަމަށް ކުޑަކޮށް ވެސް ހީނުކޮށެވެ.
"މިސްކިތުގައި މެންދުރު ނަމާދަށް ހަށަންބަދެގެން ދެވަނަ ރަކުއަތުގައި ހުއްޓާ އަޅުގަނޑުގެ ގައިން ހަމަ ވާގި ދާ ކަހަލަ ގޮތެއް ވަނީ. އެއްގޮތަކަށް ވެސް ވީކަމެއް ނޭނގެ. އަވަހަށް ނަމާދުކޮށްގެން ފައިބައިގެން އައިސްފިން. ގެއަށް ވަތްތަނާ ގިޔާސް ހާސްވެގެން މިއުޅެނީ ބައްޕަ ހަބަރެއް ނުވެއޭ،"
އެހެންވެ، މާލޭގައި ތިބި މީހުން ވެސް ހަނިމާދު އާއި ނޮޅިވަރަންފަރުގައި ތިބި މީހުންނަށް ގުޅަން ފެށި އެވެ. އެކަމަކު އެކަކު ވެސް ފޯނެއް ނުނަގަ އެވެ.
"1:30ގައި ޗެކިން އިނީ. ދެން ހަނިމާދުއަށް ގުޅަން އުޅެ ނުގުޅުން. ދަރިންނަކަށް ނުގުޅޭ... ހުސެއިން ލޯންޗު ބަންޑުން ޖަހާލީމަ ފެން މައްޗަށް އެރި ކަމަށް ވަނީ. އަރާފައި މަރިޔަމް އާއި ގުރެއިޝާ އާއި އީރާ ކޮބާހޭ ކިޔާފައި އެ މީހުން ހޯދަން އަޑިއަށް ދިޔައީ ކަމަށް ވަނީ. އެ ކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ނެތި ދިޔައީ،"
ހަސަން ބުނި ގޮތުގައި ހުސެއިން ވަރުގެ ދަރިއަކު މީހަކަށް ނުލިބޭނެ އެވެ. އެއީ އާއިލާ ބަދަހިކޮށް ބާއްވައި މައިންބަފައިންނާއި އާއިލާއަށް ވެސް ރަނގަޅު ދަރިއެކެވެ.
ހަބަރެއް ހޯދަން ގުޅައިގެން އަޅުގަނޑުމެންގެ ދަރިންނަކަށް ވެސް އެ ވާހަކަ ދެއްކޭ ގޮތެއް ނުވި. އަޅުގަނޑު ބުނާނީ އެ ނެތި އެ ދިޔައީ ރަނެއް ކަހަލަ ކުއްޖެކޭ."
އެ ހާދިސާއަށް ގާތްގަނޑަކަށް ތިން އަހަރު ފަހުން، އޭނާގެ މަންމަ ނިޔާވިއިރު އެ ދުވަހާ ހަމައަށް ވެސް ހުސެއިންނަށް ވީ ގޮތެއް އާއިލާއަށް މަންމައަކަށް ކިޔައެއް ނުދެވުނެވެ. އެކަމަކު އެއް ދުވަހެއްގައި ހޭލާފައި "ހުސެއިން ކަނޑައަށް ޣަރަގުވީ ދޯ" އޭ މަންމަ ބުނި ކަމަށް ހަސަން ބުންޏެވެ.
"ހުސެއިން ކޮބާހޭ. ކޮންތާކަށްހޭ ދިޔައީ މަންމަ މި އަހަނީ. އެކަމަކު ކިޔައެއް ނުދެވުނު. އެކަމާ ގުޅިގެން ދީނީ އިލްމުވެރިއެއް ކައިރީގައި އެހީމަ ބުނީ މަންމަގެ ހާލަތު ހަސަންމެންނަށޭ އެނގޭނީ. މަންމަގެ ހާލަތު ހުރި ގޮތުން ހަގީގަތާ އެއްގޮތަށް ބުނެފިއްޔާ މަންމަ ނެތިދިއުމަކީ ވެސް އެކަށީގެންވާ ކަމެކޭ. އެހެންވީމަ މަޑުމަޑުން ވިސްނައިދެމުން ގޮސް ވިސްނައިދޭށޭ. އެކަމަކު އަޅުގަނޑުމެންނަކަށް ވިސްނައެއް ނުދެވުނު. ބުނެއެއް ނުދެވުނު،"
"މަންމަ 85 އަހަރުގައި ނިޔާވެއްޖެ. މަންމަ އެ ބަލީގައި އޮއްވާ މަންމައަށް ހުވަފެނުގައި މާތްﷲ އިރާދަފުޅުން ފެންނަނީ އެ މަންޒަރު. އެހެރީ ﷲ މަޔަކަށް ކަންކަން އަންގަވާ ގޮތް. އަހަންނަށް އެނގިއްޖެޔޭ ވީގޮތް. އެ ތިން މީހުން ޣަރަގުވެ ދިޔައީއޭ."
ހުސެއިންގެ ސަމާސާއި މަޖާ މިޒާޖުގެ ސަބަބުން އޭނާގެ ހަނދާންތައް އެ ރަށުން ވެސް ނުފިލަ އެވެ. އޭނާ ނުދަންނަ، ވާހަކަ ނުދައްކާ މީހަކު އެ ރަށުގައި ނޫޅެ އެވެ. އެންމެނާ ވެސް ގުޅޭ ހުސެއިންގެ ވަކިވުމުން ރަށުގެ ކުދި ބޮޑު އެންމެނަށް ވެސް އެހާ އަސަރުކުރީ އެ އޯގާތެރިކަމާއި އޭނާ ބެހެއްޓި ގާތްކަމާއި ހިތްހެޔޮކަމުންނެވެ.
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދުނިޔޭގައި ހުއްޓާ އަގުވަޒަންކުރެވުން
އެ ހާދިސާ ހިނގުމުގެ އެއް ދުވަސް ކުރިން ނޮޅިވަރަންފަރު ސްކޫލުގެ ރަން ޔޫބީލް ހަފުލާ ވަރަށް ބޮޑުކޮށް ފާހަގަކުރި އެވެ. އޭރު ނައިބު ރައީސްކަމުގައި ހުންނެވި ފައިސަލް ނަސީމްް ޝަރަފުވެރި ކޮށްދެއްވި އެ ހަފްލާގައި ވަނީ 35 އަހަރު ހިދުމަތްކުރި ހުސެއިން ނުވަތަ ރަށުގައި މަޝްހޫރު ނަމުން ނަމަ ބޮޑު ޓީޗަރުގެ އަގު ވަޒަންކޮށްފަ އެވެ.
ނޮޅިވަރަންފަރު ސްކޫލުގެ ގުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ހުސެއިންއަކީ ރަށުގެ އެންމެންގެ ގަދަރާއި ލޯބި ލިބިފައިވާ ޓީޗަރެެކެވެ.
އެ ރަށު ސްކޫލުގެ ޕްރިންސިޕަލް އަލީ އަހުމަދު ވިދާޅުވި ގޮތުގައި އެ ރޭގެ ޖަލްސާގައި ވަނީ އެންމެ ގިނަ ދުވަހު ހިދުމަތްކުރުމުގެ ހާއްސަ އެވޯޑު ވެސް ހުސެއިންނަށް ދެއްވާފައި ކަމަށެވެ. އަދި ހާއްސަ އައިޓަމެއްގެ ގޮތުގައި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ހުސެއިންނަށް ދިނެވެ.
"އެންމެ ހިތްހަމަޖެހުނު ކަމަކީ ސްކޫލަށް ގިނަ ދުވަހު ހިދުމަތްކުރުމުގެ ހާއްސަ އެވޯޑު ހުސެއިން ސާއަށް ދެވިފައިވުން. އެ ޝަރަފު ރާއްޖޭގެ އޭރުގެ ނައިބްގެ އަތުން އަރުވާފައި ވާނީ. ހާއްސަ އައިޓަމެއްގެ ގޮތުގައި ހުސެއިން ސާއަށް ވާހަކަ ދައްކަން ވެސް ދިނިން. އެކަންކަމާ މެދު ހިތްހަމަޖެހޭ ދުނިޔޭގައި ހުއްޓާ އަގުވަޒަންކުރެވިފައި އޮތީމަ،" ނޮޅިވަރަންފަރު ސްކޫލުގެ ގޯތި ތެރޭގައި ހުރެ "މިހާރު"އާ ވާހަކަ ދައްކަމުން އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ޖަލްސާއަށް ދިއުމުގެ ކުރިން އެ ރޭގެ އިޝާ ނަމާދަށް ބަންގި ގޮވީ ވެސް ހުސެއިން ކަމަށެވެ. އަދި އެ ނަމާދު އިމާމުވެ ކުރީ ވެސް ހުސެއިން ކަމަށާއި އެއީ ވަރަށް ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ.
އެހެންވެ، އެ ސްކޫލުގެ އިންޓަ ހައުސް ގްރުއާން މުބާރާތުގެ ނަން ވެސް ވަނީ ހުސެއިންގެ ނަމަށް ބަދަލުކޮށްފަ އެވެ. ހުސެއިންގެ ޒިކުރާ އާކުރުމަށް ކުރެވޭނެ ހުރިހާ ކަމެއް ސުކޫލުން ކުރާނެ ކަމަށް އެނާ ވިދާޅުވި އެވެ.
ހުސެއިންގެ ވަކިވުމުން އޭގެ އަސަރު ސްކޫލަށް ވެސް ވަރަށް ބޮޑަށް ކުރި އެވެ. އެ އަހަރަށް ރާވާފައިވާ ސްކޫލުގެ ހުރިހާ އިތުރު ހަރަކާތްތަކެއް ހުއްޓާލި އެވެ. ރަސްމީ ގަޑީގެ ކިޔެވުމުން ބޭރުމުން އިތުރު އެއްވެސް ކަމެއް ސްކޫލުގައި ނުބާއްވަ އެވެ.
އަލީ ވިދާޅުވި ގޮތުގައި ހުސެއިންގެ ވަކިވުމާ އެކު ދަރިވަރުންނާއި ޓީޗަރުންނަށް ވެސް މަޔޫސްކަން ގެނުވި އެވެ. މުޅި ސްކޫލު އޮތީ ހަމަހިމޭންވެފަ އެވެ. ކުދިންގެ މޫނުމަތިން ފެނުނީ މޮޅިވެރިކަމެވެ. ސްކޫލުގެ ސްޓާފު ރޫމްގެ ދިރުން އޮތީ ގޮސްފަ އެވެ.
ހުސެއިންއަކީ ސްޓާފުންގެ ރޫހުގެ ގޮތުގައި ސިފަކޮށް އަލީ ވިދާޅުވީ އެންމެން ގޮވައިގެން ޓީމް ވޯކް ވަރުގަދަކޮށް، އެންމެންގެ މެދުގައި ގުޅުން ބަދަހިކޮށްފައި ބޭއްވީ ހުސެއިންގެ މަސައްކަތުން ކަމަށެވެ.
"ހުރިހާ ކުދިން ވެސް ވަރަށް ދެރަވެފައި ތިބެނީ. ދެން ފާޅުގައި އެގޮތަށް ނުބުންޏަސް މުޅި ސްކޫލަށް އޮތީ ހަމަހިމޭންކަން އައިސްފައި. ދެން ހުސެއިން ސާއަކީ ސްޓާފުންގެ ރޫހު. ހުސެއިން ސާ ހުންނަ ތަނެއްގައި ވަރަށް މަޖާކުރާނެ. ވަރަށް އެކުވެރިވާނެ." ނިޔާވުމާ ހަމައަށް ވެސް ހުސެއިން ހުރީ ސްކޫލުގެ ޕީޓީއޭގެ ސެކްރެޓަރީއަކަށް ކަމުން ބެލެނިވެރިންނާ އޮންނަ ގުޅުން ވެސް ވަރުގަދަކަން ފާހަގަކޮށް އަލީ ވިދާޅުވި އެވެ.
ހުސެއިންގެ ހަނދާނުތައް އަދިވެސް އަލީގެ އަތުގައި އެބަ އޮތެވެ. އެއީ ސްކޫލުގައި އެ އަހަރަށް ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ބައްދަލުވުންތަކުގެ ޔައުމިއްޔާތަކާއި ކުދިންގެ ފިލާވަޅުތައް ލިޔެފައި އޮތް ނޯޓު ފޮތެކެވެ.
ހުސެއިންގެ އަތު ލިޔުމުގެ ރީތިކަން "މިހާރު" ގެ ޓީމަށް ދައްކާލަމުން އަލީ ދެއްކެވި ވާހަކަތަކުން އެނގުނީ އެމީހުންގެ ހިތުގައި އަދިވެސް ހުސެއިންނަށް އޮތް ލޯތްބާއި އިހުތިރާމަށް ފަނޑުވުމެއް ނާންނަ ކަމަށެވެ.
ދުނިޔޭގައި ނެތަސް ހުސެއިންގެ ހަނދާންތައް ނުފިލަ އެވެ. އެހާ ލޯތްބާއި ކުލު ހުސެއިން ދުނިޔޭގައި ހުރިއިރު އެންމެނަށް ވެސް ދިނެވެ.