އުތުރުގެ ވަރަށް ގިނަ ރަށްރަށުގެ ލޯންޗުތަކުގައި ހުންނަ ސަތަރީގެ މަސައްކަތް ނަލަވާނެ އެވެ. އެ އުޅަނދުތަކުގެ ވަށައިގެން ޖަހާފައި ހުންނަ ސަތަރި އާއި ސީޓްތަކާއި އެ ނޫން ވެސް ސަތަރީގެ ކަވި މަސައްކަތުގެ މޭސްތިރިޔަކީ އުމުރުން 45 އަހަރު ނަޝީދާ އަހުމަދެވެ. އޭނާ ލައްވާ މަސައްކަތް ކުރުވަން ކިއޫގައި ތިބެނީ މަސައްކަތް ނިންމާއިރު އިތުރަށް ކިޔާނެ ފާޑެއް ނޯންނެކަން ޔަގީންވާތީ އެވެ.  

ނަޝީދާއަކީ އުތުރުގައި ސަތަރީގެ މިފަދަ މަސައްކަތްތައް މިހާ ފުޅާ ދާއިރާއެއްގައި ކުރާ ހަމައެކަނި އަންހެނެވެ. 

ހދ. ނާވައިދޫން ނޮޅިވަރަންފަރަށް ބަދަލުވި ނަޝީދާއަކީ އުމުރުން އެންމެ 16 އަހަރުން ފެށިގެން ފަހައިގެން އާމްދަނީ ހޯދާ މީހެކެވެ. ހެދުމާއި ލިބާހާއި ފަޓުލޫނާއި މިހެން ގޮސް އާދައިގެ ފޮތީގައި ފަހަން ހަވާލުކުރި ކޮންމެ ވައްތަރެއްގެ އެއްޗެއް ފަހަން ވެސް އޭނާ ނިކަން ފަރިތަ އެވެ. 

އެކަމަކު، 2021 ގައި އޭނާގެ މި ވިޔަފާރި އެއްކޮށް ބަދަލުވީ އާއިލާގެ ބައެއްގެ ލޯންޗެއްގައި އެޅުމަށް ސަތަރި އާއި ކުޝަން ތައްޔާރު ކުރަން ހަވާލުކުރި ހިސާބުންނެވެ. އެއީ ދުވަހަކު ނުކުރާ ކަމަކަށް ވިޔަސް އެކަން ކުރަން އެނގޭތޯ ބަލަން ނަޝީދާ ބޭނުންވި އެވެ. އެހެންވެ، އާއިލާގެ ކުދިންގެ އެހީގައި އޭނާ އެކަމަށް ހާއްސަ އަގު ބޮޑު ފަހާ ފޮއްޓެއް ގަތެވެ. 

"ހދ. އަތޮޅުގައި ދަތުރުކުރަން ކޮއްކޮމެން ހެދި އަޒުމު ލޯންޗު. އެ ލޯންޗުގައި ސަތަރި އާއި ކުޝަން ހަދަން ޖެހޭތީ ބުނީ އަޅުގަނޑު ކައިރީގައި އެނގޭނެ ހެއްޔޭ،" ސަތަރީގެ މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ނަޝީދާ ބުންޏެވެ.

އެކަމަށް އެއްބަސްވިއިރު ލޯންޗެއްގައި ސަތަރި ހުންނާނެ ގޮތް ވެސް އޭނާއަށް ނޭނގެ އެވެ. އެހެންވެ، ރަށުގެ ބަނދަރުގައި އަޅާފައި ހުރި ލޯންޗުތައް ކައިރިއަށް އަމިއްލަ އަށް ގޮސް ސަތަރި އަޅާފައި ހުންނަ ގޮތް ކައިރިން ބެލި އެވެ. ކުޝަންތައް ހުރީ ކިހިނެއް ފަހާފައިތޯ ބަލައި އެކަން ނަޝީދާ ފުރަތަމަ ދިރާސާކުރި އެވެ. 

ނަޝީދާ، ސައިކަލެއްގެ މަޑި ފެހުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނަޝީދާ، ސައިކަލެއްގެ މަޑި ފެހުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ލޯންޗަށް އަރައި މިންތައް ނެގި އެވެ. އެކަމަކު ސަތަރިގަނޑު ފެހުންވީ ބޮޑު ގޮންޖެހުމަކަށެެވެ. ފަހަމުން ގޮސް ތިން ހަތަރު ފަހަރަށް ރޮދި މޮހަން ނުޖެހޭ ތަންކޮޅެއް ނެތެވެ. ރުޅިގަދަވެ، މަސައްކަތްކުރަން ފޫހިވާ ވަރަށް ސަތަރީގެ މަސައްކަތްވީ ބޮޑު އުނދަގުލަކަށެވެ. 

"ފެހުމަކީ ވަރަށް ފަރިތަކަމެއް. އެކަމަކު މި ދާއިރާގެ ފެހުން ވަރަށް އާ ކަމެއް. އަމިއްލަ އަށް ވެސް ރުޅިގަދަވޭ ފަހާ ގޮތަށް ރޮދި މޮހާލަން ޖެހޭތީ. އެކަމަކު ލޯންޗުގައި ފުރަތަމަ ސަތަރިގަނޑު އަޅުވާލި ދުވަސް އެއީ ވަރަށް ހިތްހަމަޖެހުނު ދުވަހެއް،" ނަޝީދާ ކިޔައިދިނެވެ.

އޭނާ ބުނީ ލޯންޗު ސަތަރީގެ މަސައްކަތުގައި މިންތަކަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ކަމަށެވެ. ކިރިޔާ ވެސް މިނުގައި ތަފާތެއް ހުރި ނަމަ، މުޅި އެތި މޮހާލައި އަލުން ހަދަން ޖެހެނީ އޭގެ ރީތިކަން ގެއްލޭނެތީ އެވެ.  

"ވަރަށް ބޮޑަށް މިންތަކަށް ބަރޯސާވާނެ މިހަލަ އެެއްޗެއްގައި. އެންމެ ސެންޓިމީޓަރެއް، މިނެއްގައި ވެސް ތަފާތެއް އިނިއްޔާ އެހާ ރީއްޗެއް ނުވާނެ،" 

އާއިލާގެ ލޯންޗުގެ ކުޝަން ހެދިއިރު ފިލާގަނޑު ކީހައި ގްރޭންޑަރު އެޅުން ފަދަ ކަންކަން ވެސް ކުރީ ނަޝީދާގެ އަމިއްލަ އަތުންނެވެ.

އެ މަސައްކަތް ނަޝީދާއަށް ފުރިހަމަ ކުރެވުނީ އޭނާއަކީ ކޮންމެ ކަމެއް ކުރިޔަސް އެންމެ ރަނގަޅަށް އަދި އެކަމެއް އެންމެ ފުރިހަމައަށް ކުރާ މީހަކަށް ވާތީ އެވެ.

އަޒުމު ލޯންޗަށް ނަޝީދާ ކޮށްފައި ހުރި ސަތަރީގެ މަސައްކަތްތައް.
އަޒުމު ލޯންޗަށް ނަޝީދާ ކޮށްފައި ހުރި ސަތަރީގެ މަސައްކަތްތައް.

ނަޝީދާ ބުނި ގޮތުގައި ފުރަތަމަ ލޯންޗުގެ ސަތަރީގެ މަސައްކަތަށް ގާތްގަނޑަކަށް މަސް ދުވަހަށް ހޭދަވި އެވެ. އެކަަމަކު އެ މަސައްކަތް އާއިލާގެ ކުދިންނަށް އޭނާ ހަވާލުކުރީ އެންމެ ފުރިހަމައަށް ނިންމުމަށް ފަހު އެވެ. 

"އިރާދަކުރެއްވީތީ ވަރަށް ރީތި ކުޝަން ވެސް ހަދާ ނިމުނުއިރުގައި. އޭގެ ފަހުން ހަމަ ކުޝަން ވެސް ހަދަން. މި ހުންނަ ގޮނޑި އެއްޗެހީގެ ވެސް ކުޝަން އެއްޗެހި ހަދަން،" ރަށުގެ އަންހެނުންގެ ތަަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުކަން ވެސް ކުރާ ނަޝީދާ ބުންޏެވެ. 

ފުރަތަމަ މަސައްކަތާ އެކު ސަތަރި ފެހުމުގެ ހުރިހާ ފިލާވަޅެއް އޭނާއަށް ދަސްވި އެވެ. ކަންކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތަށް ފަރިތަވެ، ހުރީ އަމިއްލަ ވިޔަފާރިއެއް ފެށޭނެ ވަރަށް އެ ކަމުގެ ތެރެއަށް ވަދެފަ އެވެ. ކުރިން މަސް ދުވަސް ހޭދަވި އެ މަސައްކަތަށް ހަލުވިވެ، މިހާރު 30 މީހުންގެ ޖާގައިގެ ލޯންޗަކަށް ސަތަރި ފެހުމަށް ހޭދަވަނީ އެންމެ ހަފުތާއެކެވެ. 

ސަތަރީގެ މަސައްކަތެއް ލިބިގެން ނަޝީދާ ފެހުމުގެ މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސަތަރީގެ މަސައްކަތެއް ލިބިގެން ނަޝީދާ ފެހުމުގެ މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާގެ އެ މަސައްކަތް މީހުންނަށް ފެންނަން ފެށީ އާއިލާގެ ލޯންޗުގެ ދަތުރުތަކާ އެކު އެވެ. 

ނަޝީދާ ބުނީ ލޯންޗުތަކުގެ ވެރިންނަށް ސަތަރީގެ މަސައްކަތްކުރާ މީހެއްކަން އެނގިގެން ގުޅައި އެ މީހުންގެ ލޯންޗުތަކުގެ ސަތަރީގެ މަސައްކަތް ވެސް ކުރަން ހަވާލުކުރަން ފެށީ އެ ހިސާބުން ކަމަށެވެ. 

"ލޯންޗު އަތޮޅުގެ އެކި ރަށްތަކަށް ދަތުރުކުރީމާ އެގޮތަށް ބައެއް މީހުން މި އަހަނީ ސަތަރީގެ މަސައްކަތްކުރީ ކާކު ހެއްޔޭ؟ ދެން ކޮއްކޮމެން އަޅުގަނޑުގެ ވާހަކަ ބުނީމަ، އެކި މީހުންގެ ފަރާތުން އެހެން މީހުންނަށް އެކަން ގޮސްގެން ގުޅަން ފެށީ،" 

މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ހއ. އާއި ހދ. އަދި ށ. އަތޮޅުގެ އެކި ލޯންޗުތަކުގެ ސަތަރީގެ މަރާމާތުގެ މަސައްކަތްތަކާއި ލޯންޗުގައި އާ ސަތަރި އެޅުމަށް ވެސް އޭނާއަށް މީހުން ގުޅާފައިވެ އެވެ. މުޅިއެކު 15 ލޯންޗުގައި މުޅިން އާ ސަތަރި އަޅާފައިވާއިރު ލޯންޗުތަކުގެ ސަތަރީގެ މަރާމާތު ކޮށްދެވުނު އަދަދު ވެސް އޭނާއަކަށް ނޭނގެ އެވެ. 

މަސައްކަތް ލިބުމުން ވަކި ދުވަހެއް ކަނޑައަޅާ ނޮޅިވަރަންފަރަށް އައުމަށް އޭނާ އަންގަ އެވެ. އަދި ރަށުގެ ބަނދަރާ ގާތްކޮށް އެކަން އެންގުމުން ލޯންޗު ދޮށަށް ގޮސް، އޭގެ މިންތައް ނަގައި ކަނޑައި އަޅުވައިދެވެން ދެން އެކަމުގައި އޭނާ އުޅެ އެވެ. 

"އަޅުގަނޑަށް ގުޅާފައި ލޯންޗު ރަށަށް އައިސް ބަނދަރަށް ވަނީމަ އަޅުގަނޑު ދަނީ ފިރިމީހާ ނޫނީ އާއިލާ ކުއްޖަކާ އެކީގައި ލޯންޗަށް. އެ ލޯންޗަށް އަރައި ބޭނުންވާ މިންތަކާ އެއްޗެހި ނަގާފައި އެ މީހުން ބޭނުންވާ ގޮތްތައް ސާފުކޮށްގެން އަންނަނީ،" ތަންކޮޅެއް ކުރިން ފަހާ ކޯހެއް ވެސް ފުރިހަމަކޮށްފައިވާ ނަޝީދާ ބުންޏެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ނަޝީދާ ސަތަރިން ފަހާފައިވާ ބައެއް ސާމާނު ދައްކާލަނީ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ނަޝީދާ ސަތަރިން ފަހާފައިވާ ބައެއް ސާމާނު ދައްކާލަނީ.

މިނުން މިނަށް ފަހައި ލޯންޗުގައި ސަތަރި އަޅުވައި އެ މީހުން ހިތްހަމަޖެހެންދެން ފާޑުކިޔުންތައް ރަނގަޅު ކުރެ އެވެ. 

"ފަހާފައި އެ ލޯންޗެއްގައި ސަތަރި އެޅުމާ ހަމައަށް މަސައްކަތް ކުރަން. ހިތްހަމަނުޖެހޭ ތަންކޮޅެއް އެ މީހުންނަށް ކިރިޔާ ވެސް އިނަސް ހަމަ އެ ތަންކޮޅު ހައްލުކޮށްދީފައި ދޫކޮށްލާނީ. އެ ހުންނަ ހުރިހާ ކަމެއް ނިމެންދެން އަޅުގަނޑު މަސައްކަތް ކޮށްދޭނަން،" ނަޝީދާ ބުންޏެވެ.

"އެ ބަޔަކު ހިތްހަމަޖެހުނީމަ ނޫން ގޮތަކަށް އަޅުގަނޑު އެޔެއް ދޫކޮށްނުލަން."

ނަޝީދާގެ އެ މަސައްކަތާ މެދު މީހުން ހިތްހަމަޖެހޭކަން ސާބިތުވަނީ އެއް ކުންފުންޏެއްގެ އެތައް ލޯންޗެއްގެ މަސައްކަތްތައް ވެސް އޭނާއަށް ހަވާލުކުރާތީ އެވެ. 

އެއިން ކޮންމެ މަސައްކަތަކަށް 8،000ރ- 12،000ރ. އާ ދެމެދުގެ އާމްދަނީއެއް އޭނާ ހޯދަ އެވެ. 

ނަޝީދާ ބުނީ އެ މަސައްކަތުން ލިބޭ އާމްދަނީ ރަނގަޅުކަމުން، ކުރިން ފަހާ އާދައިގެ ފެހުންތައް ވެސް މިހާރު ދޫކޮށްލައި ސަތަރީގެ ފެހުމަށް އޭނާ އެއްކޮށް ހުސްވި ކަމަށެވެ. 

"އަސްލު މިއީ ވަރަށް ސަޅި މަސައްކަތެއް. އެހެން ކަހަލަ ފެހުންތަކާ އަޅާބަލާއިރު މި ފެހުމުން ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ. އަސްލު މި ފެހުމުން އަޅުގަނޑު ލިބޭ އާމްދަނީ ތަފާތުވީމަ މި ފަހާ އާދައިގެ އެއްޗެހި ހުއްޓާލާފައި ހަމަ މިކަމަށް ބަރޯސާވީ،" 

ލޯންޗު ސަތަރީގެ މަސައްކަތުގެ ތެރެއިން މުޅިން އެހެން ކަމެއް ވެސް ދަސްކޮށްފި އެވެ. އެއީ ސައިކަލުތަކުގެ މަޑީގެ ސަތަރި އެޅުމެވެ. އޭނާގެ ގޭ ދޮށުގައި ޕާކުކޮށްފައި އިން ސައިކަލަކަށް އިޝާރާތްކޮށް ދައްކާލީ އޭނާގެ މަސައްކަތެވެ.

ރަށަށް ރީތި ނަމެއް ހޯދައިދީފައިވާތީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ނަޝީދާގެ އަގުވަޒަންކޮށް އެވޯޑެއް ދެނީ.
ރަށަށް ރީތި ނަމެއް ހޯދައިދީފައިވާތީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ނަޝީދާގެ އަގުވަޒަންކޮށް އެވޯޑެއް ދެނީ.

ނަޝީދާ ބުނީ ސައިކަލުގެ މަޑި ހަލާކުވެގެން އެހެން މީހުންނާ ހަވާލުކުރުމުން އެކަން ކުރަން ދުވަސް ނަގާ ކަމަށެވެ. އެހެންވެ، އަމިއްލަ އަށް ހައްލެއް ހޯދުމަށް އޭނާ ސައިކަލުގެ މަޑީގެ ހަންގަނޑު ނައްޓުވައި އޭގެ ޑިޒައިނަށް ކަފައިގެން ފުރަތަމަ ސައިކަލުގެ މަޑި އެޅުވި އެވެ. އެކަމަށް ވެސް ފަރިތަވެ މިހާރު އެއްޗެއް ނުބަލާ ވެސް އޭގެ ބައްޓަމަށް މަޑި ހަދަ އެވެ. 

ނަޝީދާއަކީ ނޮޅިވަރަންފަރުގައި ހުރި އެ މަސައްކަތް ކުރާ ހަމައެކަނި އަންހެން މީހާ ވެސް މެ އެވެ. 

އާންމުކޮށް ފިރިހެނުން ފެންނަ އެ ދާއިރާގައި ނަޝީދާ މަސައްކަތް ކުރިޔަސް އޭނާއަކަށް މާޔޫސްވެދާނެ ބަސްތަކެއް ނީވެ އެވެ. ފިރިމީހާ އާއި އާއިލާ އިން އެދޭ އެހީތެރިކަމުގައި ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމުގެ ވަރުގަދަ އަަޒުމުގައި އެ ހުރީ އަދިވެސް ސާބިތުކަމާ އެކު އެވެ. 

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ނަޝީދާގެ ސްޓޯލްގައި ހުރި ސާމާނު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދައްކާލައި، އެ ސާމާނާ ގުޅޭ މައުލޫމާތު އެ މަނިކުފާނަށް އަރުވަނީ.--- ފޮޓޯ: ރައީސް އޮފީސް
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ނަޝީދާގެ ސްޓޯލްގައި ހުރި ސާމާނު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދައްކާލައި، އެ ސާމާނާ ގުޅޭ މައުލޫމާތު އެ މަނިކުފާނަށް އަރުވަނީ.--- ފޮޓޯ: ރައީސް އޮފީސް

ނަޝީދާ ބުނީ މިވީ މަދު އަހަރުތަކުގެ ތެރޭގައި ވެސް އޭނާ ހޯދަން ބޭނުންވި ކާމިޔާބީ ހާސިލް ވެއްޖެ ކަމަށެވެ. އެއީ ލޯންޗު ސަތަރި ފަހާ ހަމައެކަނި އަންހެންމީހާގެ ގޮތުގައި އޭނާ ކުރިއަށް ދިއުމަށް ކުރި އުއްމީދެވެ. 

"ފުރަތަމަ ދުވަހު ވެސް އަޅުގަނޑުގެ އަޒުމު ދޫކޮށް ނުލާ ކުރިއަށް ދިޔައީމާ މި ހުރީ މި ހިސާބަށް އާދެވިފައި. ބޭނުންވަނީ ނުގުޑާނެ އަޒުމެއް. ނޯންނާނެ ވަކި އަންހެނެއް ވީމަ ނުކުރެވޭ ކަމެއް. މިއީ ވާނެ ކަންތައްތަކެކޭ. އަޅުގަނޑު ސަތަރި ފަހައިދޭ މީހުން ވެސް ވަރަށް ހިތްވަރު ދޭ ކުރިއަށް ދިއުމަށް،" ނަޝީދާ ބުންޏެވެ.

ހދ. ކުޅުދުއްފުށީގައި 2023 ގައި ބޭއްވި ހިޔަލަ އެކްސްޕޯގައި ވެސް ނަޝީދާ ވަނީ ބައިވެރިވެފަ އެވެ. މުޅި އަތޮޅުގެ އަންހެނުންގެ ހުނަރުތައް ދަައްކާލި އެ އެކްސްޕޯގައި ނަަޝީދާ ބައިވެރިވީ ފެހުމުގެ ކެޓަގަރީންނެވެ. އެ ހަރަކާތުގައި އޭނާ ދައްކާލީ ސައިކަލު މަޑިއަކާއި ލޯންޗު ކުޝަން އަކާއި ލޯންޗު ސަތަރިއެކެވެ. އެ ކެޓަގަރީން ނަޝީދާއަށް ވަނީ އެއްވަނަ ލިބިފަ އެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ފެހުމުގެ ކެޓަގަރީން ނަޝީދާ އަށް ތިން ވަނަ ލިބުމުން އެވޯޑާ ހަވާލުވަނީ.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ފެހުމުގެ ކެޓަގަރީން ނަޝީދާ އަށް ތިން ވަނަ ލިބުމުން އެވޯޑާ ހަވާލުވަނީ.

ސެންޓްރަލް ޕާކުގައި މިދިޔަ އަހަރު ބޭއްވި ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވެސް ނަޝީދާ ބައިވެރިވިއިރު ރާއްޖޭގެ އެތައް ހުނަރުވެރިންނަކާ ވާދަކޮށް ފެހުމުގެ ކެޓަގަރީން ތިން ވަނަ އޭނާއަށް ލިބުނެވެ. 

ނަޝީދާގެ މި ކާމިޔާބީއަކީ އޭނާގެ ވަރުގަދަ އަޒުމެވެ. ކުރާ ކަމެއް ކާމިޔާބުކުރަން އޭނާ ކުރާ ހިތްވަރާއި ބުރަ މަސައްކަތުގެ ފޮނި ކަމެވެ. ފަހަތަށް ނުބަލައި، ކުރިއަށް ދެވޭނެކަން އަބަދުވެސް ގަބޫލުކުރާތީ ލިބޭ ކުރިއެރުންތަކެވެ.