މި ވާހަކަތައް ކިޔައިދޭން އޭނާ އަށް ވަރަށް އުނދަގޫވި އެވެ. ރަނގަޅަށް ހަނދާން ވެސް ނެތީ އެވެ. އަޑުގައި ހުރި ކުޑަކުޑަ ތުރުތުރަކާ އެކުގައި ވެސް ކިޔައިދެވޭތޯ ވަރަށް ހިތްވަރު ކުރި އެވެ. އެ ހިތާމަވެރި ވަގުތުކޮޅުގައި ހިނގި ކަންކަން ހަނދާން ވޭތޯ އެވެ.
"ކުއްލިއަކަށް ހުރިހާ ކަމެއްވީ އިރު، ހަނދާނެއް ނެތް،" އޭނާއަށް މިވަރަށް ބުނެވުނުއިރު، މި ވާހަކަ ދައްކަން އުނދަގޫވާހެން ހީވުމުން އެ ހިސާބަށް ކުރުކޮށްލީ އެވެ.
ފުވައްމުލަކަށް އުފަން މަހުމޫދު ފާއިޒުގެ މި އިންޓަވިއު ނަގަން އޭނާގެ ގޭގައި އަހަރެމެން ހޭދަކުރި ގަޑިއެއްހާއިރުގެ ތެރޭގައި އެންމެ ބޮޑަށް ހިތާ ކުޅެލި އެއް ކަމަކީ ވެސް ހިތްވަރެވެ. ޒުވާން އުމުރުގައި، ފުރޮޅުލީ ގޮނޑިއަކަށް އޭނާގެ ދުނިޔެ މަޖުބޫރުވިޔަސް، މޫނުމަތިން ފެނުނު އުއްމީދުގެ އަލިކަމެވެ.
ވަގުތުކޮޅަކަށް ވެސް މަހުމޫދުގެ ހިތްވަރު އެލުވައެއް ނުލަ އެވެ. އެ ގަދަ ހިތްވަރުގެ ފަހަތުގައި އޮތީ އާއިލާގެ ބަދަހި ލޯތްބެވެ. މައިންބަފައިންނާއި އެއްބަނޑުއެއްބަފާ މީހުންގެ ފަރާތުން ލިބޭ އިންތިހާ އަށް އަޅައިލުމެވެ. ކޮއްކޮގެ ދިިރިއުޅުމުގެ މި އުނދަގޫ ވަގުތުގައި، އެ މީހުން ދައްކުވައި ދެނީ ވަކިނުވާނެ ގާތްކަމާއި ބަދަލެއް ނުވާނެ އޯގާތެރިކަމުގެ ނަމޫނާ އެކެވެ.
މިއީ ގަޑިއެއްހާއިރުގެ ތެރޭގައި މި ގެއިން އަހަރެމެންނަށް ވެސް ފެނުނު ކަންކަމެވެ.
މި ވާހަކަތައް ކިޔައިދެމުން ދިޔައިރު، މަހުމޫދު މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ހަ ބެއިންގެ ތެރެއިން ދެ ދައްތައަކު ކައިރީގައި ތިއްބެވެ.
މަހުމޫދުގެ ދިރިއުޅުން ބަދަލުކޮށްލި މި ހާދިސާ ހިނގީ މީގެ ހަތަރު އަހަރު ކުރިންނެވެ.
ސްކޫލް ނިންމައި ރިސޯޓު ވަޒީފާއަކަށް ދިއުމަށް ފުވައްމުލަކު ޑައިވް ސެންޓަރަކުން މަހުމޫދު ޑައިވް ސެޓްފިކެޓު ހެދި އެވެ. އޭނާ އަށް ޑައިވިންގެ ހުރިހާ ކަމެއް ދަސްކޮށްދިނީ މި ރަށުގައި އޭރު ހުރި އެންމެ ދުވަސްވީ އަދި ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު (ސައިއްޓޭ) އެވެ.
އަމިއްލަ ޑައިވް ސެންޓަރެއް ވެސް ހިންގި ސައީދަކީ ޕަޑީގެ ސެޓިފައިޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި އޭރު ގާތްގަނޑަކަށް ވިއްސަކަށް އަހަރު ދުވަހުގެ ތަޖުރިބާ ހުރި މީހެކެވެ.
މަހުމޫދަށް ޑައިވް ސެޓްފިކެޓް ލިބުމުން، ސައީދުގެ ޑައިވް ސެންޓަރުން ވަޒީފާ ދިނުމުން އޭނާ ރަށުގައި މަޑުކުރި އެވެ. ސައީދާ އެކު، ޓޫރިސްޓުން ގޮވައިގެން މި ރަށް ކައިރި އަށް ޑައިވްކުރަން ދިޔަ އެވެ. މި ހާދިސާ ވެސް ހިނގީ އެގޮތަށް ގޮސް އުޅުނު ދުވަހެއްގަ އެވެ.
އެކަމަކު، އެ ދުވަހު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މަހުމޫދުގެ ހަނދާނުގައި މިހާރަކު ނެތެވެ. އުމުރުން 44 އަހަރުގެ ސައީދު އެ ހާދިސާގައި ވަނީ ކަނޑަށް ގެއްލިފަ އެވެ.
"އެ ދުވަހު ވީ ކަންކަން ވަރަށް ކުޑަކުޑަކޮށް ހަނދާން ހުންނަނީ. ދޯންޏަށް ނެގިކަން ހަނދާން ހުރޭ. އޭރު ނަގާފައި އެއީ ފުރަތަމަ ޕާސް އައުޓްވި ގަޑި. އެ އަށް ފަހު ހޮސްޕިޓަލުގައި އޮއްވައި ޕާސް އައުޓްވެފައި، ދެން އަނބުރާ ހޭޖެހުނުއިރު، އޮތީ ރިސޯޓުގައި ޗޭމްބަރުގައި،" ވަރަށް އުނދަގޫވެ ހުރެ މަހުމޫދު ކިޔައިދިނެވެ.
ތިން ކުދިންގެ ބައްޕައެއް ކަމަށްވާ ސައީދު ހޯދުމަށް ދިވެހި ސިފައިންގެ ކޯސްޓްގާޑުން ބޮޑު އޮޕަރޭޝަނެއް ހިންގި އެވެ. އެއްގަމާއި ވައިގެ މަގުން އަދި ކަނޑު އަޑިއަށް ފީނައިގެން ވެސް ބޮޑު ސަރަހައްދެއް ބެލި އެވެ. ނަމަވެސް ސައީދު ނުފެނި ހަފުތާއެއް ވުމުން ސިފައިން އެ މަސައްކަތް ހުއްޓާލި އެވެ.
މަހުމޫދުގެ ޑައިވް ކޮމްޕިއުޓަރުން ދައްކާ ގޮތުގައި އެ ދުވަހު އޭނާ ވަނީ 78 މީޓަރު އަޑިއަށް ގޮސްފަ އެވެ. ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން އެންމެ ފުނަށް ޑައިވް ކުރެވޭނީ 30 މީޓަރަށް ކަމަށް ވާތީ، ބެލެވެނީ މޫދު އަޑީގައި އެ ހިނގި ކަމެއްގެ ސަބަބުން، ސައީދު ސަލާމަތް ކުރުމަށް މަހުމޫދު އުޅުނީ ކަމަށެވެ.
ބޮޑަށް ބެލެވެނީ ސައީދު ގެއްލުނީ ގަދަ އޮއިވަރަކާ އެކު، ބޭރަށް ދަމައިގަތް ވަގުތު މައްޗަށް އަރާނެ ވަގުތު ނުލިބިގެންނެވެ.
"ސައިއްޓެ އެއީ ހަމަ ވަރަށް ރަނގަޅު މީހެއް. އަދި ޑައިވިން އަށް ހުރިހާ ކަމަކަށް ވެސް ވަރަށް ޕްރޮފެޝަނަލް މީހެއް،" މަހުމޫދު ބުންޏެވެ.
މަހުމޫދު މައްޗަށް އެރިއިރު އޭނާގެ ހާލު ވަރަށް ގޯހެވެ. ޑީކޯވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، ދ. ކަނޑިންމަ ރިސޯޓުގައި ހުރި ޑީކޮމްޕްރެޝަން ޗެމްބަރަށް އޭނާ ގެންދިޔަ އެވެ. އޭގެ ފަހުން މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. ޑީކޮމްޕްރެޝަންގެ އިތުރު ފަރުވާ އަށް ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް ވެސް ގެންދިޔަ އެވެ.
މި ހާދިސާގައި އޭނާގެ އުނަގަނޑުން ތިރި އެއްކޮށް ވާގިނެތުނެވެ. ފަރުވާ އަށް އިންޑިއާ އަށް ވެސް ދިޔަ އެވެ.
"އޭގެ ފަހުން އެހާ ބޮޑަކަށް ކަންކަން ހަނދާން ނުހުރޭ. ފުރަތަމަ ކޯމާ އިން ހޭއަރައިގެން ވެސް ވަރަށް ބްލަރީކޮށް އުޅުނީ. ގިނަ އެއްޗެހި ހަނދާން ނެތިފައި. މީސްމީހުންގެ ނަން ވެސް ހަނދާން ނެތިފައި،" މަހްމޫދު ބުންޏެވެ.
"ޑޮކްޓަރުން ވެސް ބުނީ ދުވަސް ނަގާނެއޭ، މޫވްމަންޓް އަންނާނެޔޭ ފަހުން. މޫވަމަންޓް އައީމަ ފަސޭހަވާނެއޭ."
ޑޮކްޓަރުންގެ ލަފާގެ މަތިން ފިޒިއޯތެރަޕީ އާއި ސްޓިމިއުލޭޝަން ތެރެޕީ އޭނާ އަދިވެސް ނަގަ އެވެ. މަޑުމަޑުން ގޮސް މީހާ ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ލަފާދޭތީ، އޭނާ އަށް އަދިވެސް އުއްމީދު އެބައޮތެވެ.
"އޭރު އިށީނދެގެން އިނަން ވެސް ވަރަށް އުނދަގޫ. މީސްމީހުންނާ ވާހަކަދައްކަން ހުންނަން ވެސް އުނދަގޫ. އެކަމަކު، ފަހުން ދެން ހަމަ މީހުންނާ އިންޓަރެކްޓުކޮށް ހަދަން ފަސޭހަ. ގިނައިރު ހުރެވޭ މީހުންނާ ވާހަކަ ދައްކަނީ،" ފަރުވާގެ ނަތީޖާ މަޑުމަޑުން ފެންނަ ކަމަށް އޭނާ ބުންޏެވެ.
މި ހާދިސާގެ ކުރިން މަހުމޫދަކީ ވަރަށް އެކްޓިވް ލައިފްސްޓައިލެއްގައި އުޅުނު ޒުވާނެކެވެ. ޑައިވިންގެ އިތުރުން ފުޓްބޯޅަ އާއި ފުޓްސަލް އާއި ކްރިކެޓު ވެސް ކުޅުނެވެ. އެ ހުރިހާ ކަމަކާ ދުރުވާން ޖެހުމުން، މިހާރު ފޫހިފިލުވަނީ ވީޑިއޯ ގޭމުންނެވެ. އެކަމަކު، އޭނާ އަދިވެސް އެންމެ ބޭނުންވަނީ ޑައިވް ކުރާށެވެ.
"މިހާރު ބޭނުންވަނީ އަނބުރާ ޑައިވިން އަށް ދާން، ގޮސްފައި ޓައިގާ ޝާކްއަށް ދިއުން. އޭގެ އިތުރުން ދެން ބޭނުންވޭ ސޭންޑް ޓައިގާ ޝާކް ވެސް ބަލައިލަން،" އޭނާ ބުންޏެވެ.
"ދުނިޔޭގައި އުޅޭއިރު މީސްމީހުންނަށް ކަންތައްތައް ދިމާވާނެ. އެކަމަކު އެކަމާ އެހާ ބޮޑަށް ވިސްނީމާ ވަކި އިތުރު ފަސޭހައެއް ނުވާނެ. ޖެހޭނީ ހަމަ ކުޑަކޮށް ކުރިއަށް ވިސްނާލައިފައި، އެ ވަގުތެއްގައި ހެޔޮކޮށް ކަންކަމާ މެދުގައި ވިސްނަން."
އިންޓަވިއު ނިންމައި، މި ގެއިން ނުކުންނަނިކޮށް މަހުމޫދުގެ ބައްޕަ ވެސް ބުނީ މިއީ ވަރަށް ހިތްވަރުގަދަ ދަރިއެއް ކަމަށެވެ. އެ މީހުންގެ ވެސް ނެތް ހިތްވަރު އޭނާގެ އެބަހުއްޓެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް، މަހުމޫދުގެ ނުގުޑާ އަޒުމަކީ އާއިލާގެ ވެސް ހިތްވަރެވެ.