އުމުރުން އެންމެ ނުވަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރަން ފަށައި، އެންމެ މަތީ ދަރަޖައިން ފާސްވެ، ހާފިޒެއްގެ ދަރަޖަ އަޒީން މުހައްމަދަށް ލިބުނީ ވެސް ނުވަ އަހަރު ކުރި މަސައްކަތުންނެވެ.
މިހާރު ފުރާވަރުގެ އެންމެ ފަހު އަހަރު ގުނަމުން އަންނަ އަޒީން ހުރީ ވަރަށް ކުޑައިރުއްސުރެ ދީނީ ކަންކަމަށް އަހުލުވެރިވެފަ އެވެ. އޭގެ ސަބަބަކީ އޭނާގެ ބައްޕަ އެވެ. އަޒީން ލައްވައި ދީނީ ކަންކަން ކުރުވުމަށާއި ގުރުއާން ކިޔެވުމަށް އަދި ހެޔޮލަފާ އެހެން ކަންކަން ކުރުވަން ބައްޕަ ވަރަށް ބޮޑަށް ބާރު އެޅި އެވެ.
އޭގެ ނަތީޖާއަކަށްވީ އުފަން ރަށް ފުވައްމުލަކުގެ ފަހަރުވެރި ހާފިޒުންގެ ދިގު ލިސްޓުގައި މި ރަށު ދަޑިމަގު، ބެންހާގެ، އަޒީންގެ ނަން ވެސް ހިމެނުމެވެ.
ގުރުއާން ހިތުދަސް ހާފިޒުންގެ އަދަދު 60 އިން މަތީގައި އުޅޭ ފުވައްމުލަކަކީ ރާއްޖޭގެ ރަށަކަށް އެންމެ ގިނަ ހާފިޒުން މިވަގުތު ތިބި ރަށެވެ.
އެއްވަނަ ދަރަޖައިގައި ފާސްވެ، ހާޒިފުކަމުގެ ސަނަދު އަޒީން ހާސިލުކުރީ މާޗު 25، 2024 ގަ އެވެ. ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 2024 ވަނަ އަހަރު އޭނާއަށް ވަނީ ލިބިފަ އެވެ.
"އަޅުގަނޑުގެ ބައްޕައަކީ ވަރަށް ދީންވެރި، ހެޔޮލަފާ މީހެއް. އަޅުގަނޑު ލައްވައި ދީނީ ކަންކަން ކުރުވަން ބައްޕަ ވަރަށް ބާރު އަޅާނެ. އެގޮތުން ކުޑައިރު ވެސް ހަނދާން ހުރޭ ހަދީސްތައް އަޅުގަނޑު އަމިއްލައަށް ލިޔެގެން ބައްޕައާ އެކު ދަސްކުރުވަން މަސައްކަތް ކުރި،" ކުޑައިރުގެ ހަނދާންތައް އޭނާ ކިޔައިދިނެވެ.
އަޒީން އުފަންވުމުގެ ކުރިން އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ ވެސް ވަނީ ވަރަށް ކުޑައިރު ގުރުއާން ހިތުދަސްކޮށްފަ އެވެ. އެހެންވެ، ދީނީ ކަންކަމުގައި މަސްއޫލުވެ، އުޅުމަށް އާއިލާގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ.
"އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ފަށައިގެން ބައްޕަ މަސައްކަތްކުރި ހާޒިފަކަށް ހެދުމަށް. އެއީ ބައްޕަގެ ވަރަށް ބޮޑު ހުވަފެނެއް،" އަޒީން ބުންޏެވެ.
އަޒީން ގުރުއާން ހިތުދަސްކުރަން ފެށީ ފުވައްމުލަކުގައި ހިންގި 500 ހާފިޒުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވެގެންނެވެ. އޭރު އެ ކުލާސް ހިންގީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އެ ކުލާހުގައި އޭނާ ހޭދަކުރި ފުރަތަމަ އަހަރު، ގުރުއާނުގެ އެއް ފޮތް ދަސްކުރި އެވެ.
އޭގެ ފަހުން، އިސްލާމިކް މިނިސްޓްރީން ގުރުއާނާ ބެހޭ މަރުކަޒު މެދުވެރިކޮށް މި ރަށުގައި ހިންގި ގުރުއާން ކުލާހުގައި ބައިވެރިވެ ހަ ފޮތެއް ދަސްކުރި އެވެ. އަދި އެ އަށް ފަހު، ފުވައްމުލަކު، ރެދަން، އަލްހާފިޒާ އާމިނަތު ސައީދުގެ ބެއްލެވުމުގެ ދަށުން ގުރުއާން ހިތުދަސްކުރަން ފެށި އެވެ.
"ވަރަށް ކުޑައިރު މިނިސްޓްރީން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި މިކޮޅުގައި ހުޅުވި ހިސާބުން އެއީ އަޅުގަނޑު ހަނދާންވާ ގޮތުގައި އެއީ އެންމެ ފުރަތަމަ ބެޗު، އަޅުގަނޑު ޖޮއިންކުރީ މަރުކަޒަކަށް. އޭރުއްސުރެ ފަށައިގެން ކީރިތި ގުރުއާން ދަސްކުރުމުގެ މަސައްކަތުގައި އަޅުގަނޑު އުޅުނީ،" އަޒީން ބުންޏެވެ.
އަޒީން އަށް ގުރުއާން އެއްކޮށް ހިތުދަސްކުރެވުނީ ގްރޭޑް 10 ގައި އުޅެނިކޮށެވެ. ނަމަވެސް، އޭރު އޯލެވެލް އިމްތިހާނަށް ވަގުތު ކުޑަތަންވެފައި އޮތުމާ އެކު، އެ ވަގުތު އިސްކަންދިނީ އެ އިމްތިހާނަށް ކިޔެވުމަށެވެ.
އޯލެވެލް އިމްތިހާނު ނިމުމާ އެކު، އަނެއްކާ ވެސް ގުރުއުނާ ބެހޭ މަރުކަޒުގެ މުރާޖައާ ކުލާހަށް ވަދެ ފަރިތަކުރުންތައް ފެށި އެވެ. އަދި އޭގެ އަހަރެއްހާ ދުވަސް ތެރޭގައި އޭނާ އިމްތިހާނަށް ތައްޔާރުވެފައި ހުރި ކަމަށް އުސްތާޒު ވިދާޅުވި އެވެ.
"އަލްހަމްދުﷲ، އެއްވަނަ ދަރަޖައިގައި އަޅުގަނޑު ފާސްވީ،" އެ އުފާވެރި ވަގުތުކޮޅުގެ ހަނދާތައް ކިޔައިދެމުން އޭނާ ބުންޏެވެ.
"ކުޑައިރުއްސުރެ ފަށައިގެން އަޅުގަނޑަށް އެއްވެސް ކަހަލަ އެއްޗެއް އުނގަންނައިދޭން މަސައްކަތްކުރި އެންމެހާ އުސްތާޒުން، ދީނީ ގޮތުން ވިޔަސް އަދި ދުނިޔެވީ އިލްމު ވިޔަސް، ކިތައްމެ ކުޑަ މިންވަރެއް ނަމަވެސް އުނގަންނައިދެއްވާފައި ތިބި އެންމެހާ އުސްތާޒުންނަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަން. އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އެންމެން ވެސް."
އަޒީން ބުނީ ގުރުއާން ހިތުދަސްކުރުމަކީ ހިތްމަތާ އެކު މަސައްކަތްކޮށްފި ނަމަ، ކޮންމެ މީހަކަށް ވެސް ކާމިޔާބުވާނެ ކަމެއް ކަމަށެވެ.
"ނަމަވެސް، ފަހަރުގައި އަޅުގަނޑުމެންނަށް އެއީ ވަރަށް ބޮޑު ކަމެއް ކަމަށް ތަސައްވުރު ކުރެވިދާނެ. އަޅުގަނޑު ވެސް ކީރިތި ގުރުއާން ހިތުދަސްކުރީ ސްކޫލްގެ ހުރިހާ ކަމެއްގައި ވެސް އުޅެމުން، އެ ކަންކަމަށް ބުރޫނާރާ ގޮތަށް ސްޕޯޓްސްގައި ވެސް ސްޓަޑީސްތަކަށް ވެސް ޓައިމް ދެމުން،" އޭނާ ބުންޏެވެ.
ކޮންމެ ދުވަހަކު ސްކޫލަށް ދާން ތެދުވެ، ފަތިސް ނަމާދުކޮށްގެން ގުރުއާން ފިލާވަޅު ދަސްކުރަން އޭނާ ވަގުތުކޮޅެއް ހޭދަކުރި އެވެ. އަދި ކޮންމެ ދުވަހަކު ދެނަމާދު ދޭތެރެ ވެސް ހާއްސަކުރަނީ ގުރުއާން ކިޔެވުމަށެވެ.
"ކީރިތި ގުރުއާން ހިތުދަސްކުރުމަށް މަސައްކަތްކުރާ ކުއްޖަކަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ފަހަރުގައި އެއްބައި ކުދިންނަށް ތަންކޮޅެއް ގިނަ ދުވަސް މިކަމުގައި ހޭދަވެދާނެ، ހުދު އަޅުގަނޑަށް ވެސް 9 އަހަރު ހޭދަވި ކީރިތި ގުރުއާން ހިތުދަސްކުރުމަށް،" އަޒީން ބުންޏެވެ.
"ކިތައްމެ ގިނަ ދުވަހެއް ހޭދަވިޔަސް ހިތްވަރު އެލުވާނުލާ. އިންޝާﷲ ކޮންމެ ކުއްޖަކަށް ވެސް ކާމިޔާބު ކުރެވޭނެ."
ގުރުއާނާއި ދީނީ އިލްމުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ އުއްމީދުގައި ހުރި އަޒީންއަކީ މިހާރު ފުވައްމުލަކު ދިގުވާޑުގައި ހުންނަ މަސްޖިދުލް ސޮފްވާގެ އިމާމެވެ. އޭނާއާ ބައްދަލުވެ، މި ވާހަކަތައް ކިޔައިދިނީ ވެސް އެ މިސްކިތުގައި ހުރެ އެވެ.