ހިނިތުންވެ، މިހާރު އުފާވެރި މޫނެއް ދެއްކިޔަސް ފާތިމަތު ރަޝީދާ އާއި އޭނާގެ ފިރިމީހާ އިބްރާހިމް އަލީގެ މާޒީ ވަރަށް ހިތްދައްޗެވެ. ބޮޑު އާއިލާއަކަށް ދުށް ހުވަފެންތައް ހަގީގަތަކަށް ނުވެ، މުޅިން ވެސް ތަހައްމަލު ކުރަން ޖެހުނީ ހިތްދަތިކަމެވެ. އެ ދެމަފިރިންނަށް ލިބުނު ފަސް ކުދިންގެ ތެރެއިން ހަތަރު ކުދިން ޅަފަތުގައި މަރުވެ، އެ ހިތާމައިން އަރައިގަންނަންވީ ދަތިކަމަކަށެވެ.

ތިން ކުދިން މަރުވީ ތުއްތުއިރު ހުމެއް އައިސްގެންނެވެ. އެންމެ ފަހުން ވިހެއި ކުއްޖާ މަރުވީ، ނުވަ މަހުގަ އެވެ. ދެ ވަނަ ދަރިފުޅު މަރުވީ އަހަރެއް ވީ ފަހުންނެވެ. އެއް ކުއްޖަކު ބައިގެންދިޔައީ އެވެ.

ނަމަވެސް، އެ ހިތްދަތިކަން މިހާރު މާޒީގެ ސަފުހާތަކަށް ދޫކޮށްލާފައި ދެމަފިރިން ބަލަނީ އުފަން ރަށް ލ. އިސްދު އަށް ހިދުމަތްތަކެއް ކޮށްދެވޭތޯ އެވެ. ރަޝީދާ އާއި އަލީގެ އުމުރު 70 އިން މައްޗަށް ގޮސްފައިވާއިރު ދެމަފިރިން ބޭނުންވަނީ މި ރަށުގެ ކުރިމަގު އުޖާލާ ކޮށްދޭށެވެ. އެހެންވެ، ދެމަފިރިންގެ އިޖުތިމާއީ ސަފުހާގެ ގަނޑުތައް ވަރަށް ދިގެވެ. ގަލަމުގެ ދެލި ހުސްވާ ވަރަށް ލިޔެފައި ވަނީ އެ ދެ މީހުން ހިލޭ ސާބަހަށް ކޮށްދިން އެތައް ހިދުމަތްތަކެވެ.

ރަޝީދާ، އޭނާގެ ގޭގައި ކުއްޖަކަށް ކިޔަވައިދެނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރަޝީދާ، އޭނާގެ ގޭގައި ކުއްޖަކަށް ކިޔަވައިދެނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ރެޑް ކްރެސެންޓުން ކުރާ އެކި ކަންކަމުގައި މިހާރު އުމުރުން 72 އަހަރުގެ ރަޝީދާއަކީ މި ރަށުގެ ވަރުގަދަ ނަމެކެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އުމުރުން 78 އަހަރުގެ އަލީގެ ނަން ވެސް ލިޔަން ޖެހެނީ އިސްދު އާއި މި މުޅި ލ. އަތޮޅުގެ އެހެން ރަށްރަށުގެ މުހިއްމު ތަންތަން ހިލޭސާބަހަށް ހަދައިދޭތީ އެވެ. 

އެއްވެސް މީހަކަށް މަސައްކަތެއް ކޮށްދީފައި އޭގެ ބަދަލަށް ފައިސާއެއް ނުހޯދަ އެވެ. މުޅިން ވެސް އެއީ ހިލޭސާބަހަށް ކޮށްދޭ މަސައްކަތްތަކެވެ.

އެކަންކަމާ އެކު، މި ދެމަފިރިން މިހާރު އެންމެ ފާހަގަކޮށްލެވެނީ އިސްދޫގެ ކުދިންނަށް ހިލޭސާބަހަށް ގުރުއާން ކިޔަވައިދިނުމުގަ އެވެ.

ރަޝީދާ އެންމެ ފުރަތަމަ ގުރުއާން ކިޔަވައިދޭން ފެށީ އަމިއްލަ ދަރިފުޅާއި މާމަ ކުދިންނަށެވެ. އެ ކުދިންނަށް އަރަބި އަކުރާއި ތަޖުވީދު އަދި މަހުރަޖު ދަސްކޮށްދޭން ރަޝީދާ ގެންގުޅޭ ހުނަރަށް ގިނަ ބަޔަކު ގަޔާވި އެވެ. ނަތީޖާއަކަށްވީ މި ރަށުގެ ގިނަ ބަޔަކު ރަޝީދާ ކައިރިއަށް އެ މީހުން ކުދިން ފޮނުވަން ފެށުމެވެ. 

ކުދިންތަކަކަށް، ރަޝީދާގެ ގޭގައި ގުރުއާން ކިޔަވައިދެނީ. އޭނާ މި މަަސައްކަތް ކުރާތާ 47 އަހަރު ވެއްޖެ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ކުދިންތަކަކަށް، ރަޝީދާގެ ގޭގައި ގުރުއާން ކިޔަވައިދެނީ. އޭނާ މި މަަސައްކަތް ކުރާތާ 47 އަހަރު ވެއްޖެ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެ ހިދުމަތުގައި މިވީ ދިގު މުއްދަތުގެ ތެރޭގައި މި ރަށުގެ ދެބައިކުޅަ އެއްބައި މީހުންނަށް ރަޝީދާ ވަނީ ގުރުއާން ކިޔަވައި ދީފަ އެވެ. މިހާރު ތިބީ ކިޔަވައިދިން މީހުންގެ ދަރިންނާއި އެ ދަރިންގެ ދަރިންނާ ހަމައަށް އައިސްފަ އެވެ.

"އެ ކިޔަވައިދޭން ފެށި ގޮތަށް މި ކިޔަވައިދެނީ އަދި އަދަށް ވެސް. ކިޔަވައިދޭތާ 47 އަހަރު މި ވީ،" ގޭގެ ދޮރުމަތީގައި، ދެމަފިރިން އެކުގައި ތިބެ ދިން އިންޓަވިއުގައި ރަޝީދާ ކިޔައިދިނެވެ.

ރަޝީދާ އާއި އަލީ "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރަޝީދާ އާއި އަލީ "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ގޭގައި ގުރުއާން ކިޔަވައިދީ، އިސްދޫގެ އެކި ކަންކަމުގައި ރަޝީދާ ހޭބޯނާރާ އުޅުނުއިރު، ފިރިމީހާގެ މަސައްކަތަކީ އެ ކުޑަ އާއިލާގެ ދިރިއުޅުން ހަމަޖައްސަން މާލޭގައި ހުރެގެން އާމްދަނީ ހޯދުމެވެ. އެކަމަކު، ފަހުން ހިޔާލު ބަދަލުވެ، އަލީ ރަށަށް ބަދަލުވި އެވެ. ދެން ފެށީ އަނބިމީހާ ރަޝީދާ ދަތުރުކުރާ މަގުން ކުރިއަށް ދާށެވެ. ކުދިންނަށް ގުރުއާން ކިޔަވައިދޭން ފެށީ އެވެ.

އޭރު ރަޝީދާ ގުރުއާން ކިޔަވައިދޭތާ 15 އަހަރުވެއްޖެ އެވެ. 

އަލީ ކިޔައިދިން ގޮތުގައި އޭނާ ގުރުއާން ކިޔަވައިދޭން ފަށަނީ ކޮންމެ ދުވަހެއްގެ މެންދުރު ނަމާދަށް ފަހު އެވެ. އެ ގަޑީގައި ކިޔަވަން އަންނަ ކުދިންނަށް ގުރުއާން ދަސްކޮށްދެނީ އަލީ އެވެ. އަނެއްބައި ކުދިންނަށް ރަޝީދާ އެވެ. 

އެ ދެ މީހުން ބައިވެރިވެގެން، އެއް ދުވަސްވަރެއްގައި 60 އަށް ވުރެ ގިނަ ކުދިންނަށް ވެސް ކިޔަވައިދިނެވެ. މިހާރު ވެސް މި ރަށުގައި ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 10 އާ ހަމައަށް ކިޔަވާ 34 ކުއްޖަކަށް އެ ދެމަފިރިން އަންނަނީ ކިޔަވައިދެމުންނެވެ. 

ރަޝީދާ، ކުދިންތަކަކަށް ގުރުއާން ކިޔަވައިދެނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރަޝީދާ، ކުދިންތަކަކަށް ގުރުއާން ކިޔަވައިދެނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަލީ ބުނީ، އަންހެނުންނާ ބައިވެރިވެގެން ކުދިންނަށް ގުރުއާން ކިޔަވައިދޭން ފެށި ފަހުން އެ ދެމަފިރުންގެ ދިރިއުޅުމަށް ވަނީ ލުޔެއް ލިބިފައި ކަމަށެވެ. ކަންކަން ކުރިއަށް ވުރެ ފަސޭހަވާން ފެށުމަކީ، އެ މަސައްކަތުގައި އޭނާ ދެމިހުރުމުގެ އެއް ސަބަބެވެ. 

"ރަނގަޅު އަތްބެއް އެއީ،" ރަޝީދާ އާއި އަލީގެ 49 އަހަރުވީ ކައިވެންޏާ ބެހޭގޮތުން އަލީ ބުންޏެވެ. 

ރަޝީދާ ބުނި ގޮތުގައި ހިނަވައިދޭނެ ބަޔަކު ނުވެގެން އެ މަސައްކަތް ވެސް މި ފަހަކާ ޖެހެންދެން އޭނާ ކޮށްދިނެވެ. އޭރު ވެސް އަދި މިހާރު ވެސް މި ރަށުގައި ކަމަކު ގޮވާލައިފި ނަމަ އެކަމެއް ކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ. 

"ދައްތަ ކުރާ ހުރިހާ މަސައްކަތެއް ވެސް [ކޮށްދެނީ] ހިލޭ ސާބަހަށް،" ނުވަ ކުދިންގެ މާމަ ރަޝީދާ ބުންޏެވެ. 

"އެންމެ ޅަ އުމުރުން ފެށިގެން ވެސް މި ރަށު ރައްޔިތުންނަށް މި ގޮތަށް ކަންތައް ކޮށްދެމުން މި އަންނަނީ."

ރަޝީދާ އާއި އަލީ އެ ދެ މީހުން ގުރުއާން ކިޔަވައިދޭ ދެ ކުއްޖަކާ އެކު ފޮޓޯއަކަށް ތައްޔާރުވެގެން.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ރަޝީދާ އާއި އަލީ އެ ދެ މީހުން ގުރުއާން ކިޔަވައިދޭ ދެ ކުއްޖަކާ އެކު ފޮޓޯއަކަށް ތައްޔާރުވެގެން.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަތްމަތި މާ ތަނަވަސް ނޫނަސް، އެތައް ކުދިންނަކަށް ދެމަފިރިން ގުރުއާން ކިޔަވައިދެމުން އަންނަނީ އެއްވެސް ފީއެއް ނުނަގާ މުޅިން ހިލޭ ސާބަހަށެވެ. 

އޭގެ ބަދަލުގައި، މިއީ، ލިބޭ ލަގަބެއް ކަމަށް ރަޝީދާ ގަބޫލުކުރެ އެވެ. އަދި ކިޔަވައިދޭ ކުދިންގެ މައިންބަފައިންގެ ފަރާތުން ބަހައްޓާ ގާތްކަމަށް އޭނާގެ ހިތް އޮތީ ފުރިފަ އެވެ. އެކަން އެނގެނީ މި ރަށުގެ ގެއެއްގައި މީރު ކާއެއްޗެއް ހެދިއަސް ރަޝީދާ އަށް ދީފައި ނޫނީ ނުކެއުމެވެ. އަބަދުވެސް ބަލަނީ ރަޝީދާ ވީ ހިސާބެކެވެ. 

މި ހުރިހާ ކަމެއްގެ ފަހަތުގައި އޮތީ މި ދެމަފިރިން ތަޖުރިބާކުރި ހިތްދަތި ކަންކަމެވެ. ނަމަވެސް، ފަސް އެނބުރި ބެލުމެއް ނެތި، އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅާއި މާމަ ކުދިންނާ އެކު މިހާރު ދިރިއުޅުމަށް އުފާވެރިކަން އަތުވެއްޖެ އެވެ.