މީގެ 15 ވަރަކަށް އަހަރު ކުރިން ފިރިމީހާ މަރުވުމުން ވެސް ދަރިން ކައިރިއަށް ދިރިއުޅުން ބަދަލުކުރާކަށް ހަލީމަތު އަބްދުﷲ ބޭނުމެއް ނުވި އެވެ. އެ ހަނދާންތަކާ އެއްގޮތަކަށް ވެސް ވަކިވާން އޭނާ ބޭނުމެއް ނުވީ އެވެ. ލ. އިސްދޫ ބޮޑުމަގުގައި ހުންނަ މި ގެއަކީ އަލިމަނިކުގެ ކުޅަދާނަކަން ރަމްޒު ކޮށްދޭ ނިޝާނެވެ.  

އުމުރުން މިހާރު 74 އަހަރުގެ ހަލީމާ، އޭނާގެ ފިރިމީހާ ދުނިޔޭގައި ވި ހުވާގެ މަތިން ދުވަހަކު ވެސް ހަނދާނެއް ނުނެތެ އެވެ. ފިރިމީހާ މަރުވިތާ އެތައް ދުވަހެއް ވީއިރު ވެސް އެ ވައުދުގެ މަތީގައި ހަލީމާ ހުންނަން ބޭނުންވާ އެއް ސަބަބަކީ ވެސް އެ ލޯބި އެހެން މީހަކަށް ނުދޭނެ ކަމަށް ބުނެވުނު ބުނުމެވެ. ސަމާސާއަކަށް ހަދާފައި ނަމަވެސް އެ ދުވަހު ދުލުން ބޭރުވި އެ ބަހަށް ހަލީމާ އިހުތިރާމް ކުރެ އެވެ. 

ހަލީމާ ބުނިގޮތުގައި، ފިރިމީހާ ދެކެ އޭނާ އިންތިހާއަށް ލޯބިވެ އެވެ. އަތްމަތި މާ ތަނަވަސް ނޫނަސް އަލި މަނިކު އިސްވެ ކުދިންނަށް ގުރުއާން ކިޔަވައިދީ، ނަމާދުކުރަން ދަސްކޮށްދިނުމަކީ އޭނައާ މެދު ހަލީމާ ހާއްސަ ނަޒަރަކުން ދެކެން މަޖުބޫރިި ސަބަބެކެވެ.

ހަލީމާ، "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހަލީމާ، "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ބަރާބަރު [މީހެއް އެއީ]. ތާކުން އެއްޗެއް ލިބުނަސް ގެނެސްދޭ. އަދި މާލޫދު އެއްޗެހި ކިޔާފައި ހިނިތުންވެލާފައި ގެނެސްދޭނެ. ވަރަށް ގިނަ ގޭގޭގައި ޒިކުރާ އެއްޗެހި ކިޔައިދޭ. މިހާރު އެހެންނެއް ނޫން. އޭރު ލާރިއާ އެއްޗެހި ގެނެސްދޭނެ އަތަށް ހަމަ،" ކޮޓަރީގައި ބަހައްޓާފައި ހުރި އެނދުގެ މަތީގައި އިށީނދެ، ވާހަކަ ދައްކަމުން ހަލީމާ ކިޔައިދިނެވެ. 

އަލި މަނިކުގެ އެންމެ ގަޔާވި އަނެއް ސިފައަކީ، ގެއިން ބޭރަށް ކޮންމެ ތަނަކަށް ދިޔަޔަސް އޭނާ ކައިރި ބުނެފައި ދިއުމެވެ. އެހެންވެ، ފިރިމީހާ އަނބުރާ ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ހަލީމާ ހުންނާނެ އެވެ.

އޭގެ ބަދަލު ވެސް އޭނާ ވަރަށް ރަނގަޅަށް ދިނެވެ. 

މަސައްކަތުގައި ބުރަކޮށް އުޅެފައި ގެއަަށް ދިއުމުން އަލި މަނިކަށް މީރުކޮށް ކާންދެ އެވެ. ތުނބުޅި ސާފުކޮށްދީ، ފައި ދޮވެދިނުން ހަލީމާގެ އާދައަކަށް ހެދި އެވެ. އޭނާ ދެކެ ވާ ލޯބި، އެއްވެސް ހިފެހެއްޓުމެއް ނެތި ހާމަކުރި އެވެ. 

އެހެންވެ، ސަމާސާއަކަށް ހަދާފައި ވެސް އަލި މަނިކު ވަނީ، އެ ލޯބި އެހެން މީހަކަށް ނުދިނުމަށް އެދިފަ އެވެ. 

"ވަރަށް ގަދައަށް ބުނި އަޅުގަނޑަށް މި ދެއްވާ ލޯބި އެހެން މީހަކަށް، ހަލީމާއޭ، އެހެން މީހަކަށް ކޮށްގެން ނުވާނެއޭ. މިގެއަށް މީހަކު އަޔަސް [އަހަރެންންނަށް]ފެންނާނެ ހުވަފެނުން [އަލި މަނިކު] ހިނގާ ތަންތަނާ،" ހަލީމާ ބުންޏެވެ.

"ހުވަފެނުގައި ވެސް ބުނަނީ ތިހެން ނޫޅޭށޭ، ނަސޭހަތް ދެނީ. އެކަމަކު، މީހުންނާ ބައްދަލުކޮށް ހިނިތުންވެ، އުޅެލަން ޖެހޭނެއްނު."

ހަލީމާ، އޭނާގެ ގޭގެ ބޭރުގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހަލީމާ، އޭނާގެ ގޭގެ ބޭރުގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހަލީމާ ވަނީ އަލި މަނިކު މަރުވިތާ އަހަރެއް ނުވަނީސް، އޭނާގެ ހަނދާނުގައި މި ރަށުގެ ބޮޑު މިސްކިތުގެ ކާޕެޓު އެއްކޮށް ބަދަލުކޮށްދީފަ އެވެ. އަދި އެ ފުރާނައަށް ހެޔޮ ރަހުމަތްލައްވާތޯ އަބަދު ވެސް ދުއާކޮށް ސަދަގާތް ކުރުން މަތީ ދެމިހުރެ އެވެ. 

"ވަރަށް ލޯބިވޭ، ވަރަށް ވަރަށް ލޯބިވޭ. ހަމަ ލޯބިވަނީ ހުރިހާ ކަމަކަށް މޮޅުވީމަ. ގުރުއާން ކިޔެވުމާއި ނަމާދުކުރުމާއި މީހުންނަށް ކިޔަވައިދިނުމާއި ފޫޅުމާ ދިޔައީމަ ފޫޅުމާކަން ކުރުމާއި ފޫޅުމާއަކަށް ވެސް ފުދޭ،" ހިނިގަނޑެއް ޖަހާލަމުން ހަލީމާ ބުންޏެވެ.

ހަލިމާ، އޭނާގެ ކޮޓަރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހަލިމާ، އޭނާގެ ކޮޓަރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާގެ އުމުރުން 15 އަހަރުގައި ކުރި އެ ދެ މީހުންގެ އަލަތު ކައިވެންޏަށް ހަ ދަރިން ލިބުނެވެ. ދެ ކުދިން ޅަފަތުގައި މަރުވުމުން، ހަލީމާގެ މިހާރު ތިބީ ހަތަރު އަންހެން ދަރިންނެވެ.

އެ ހުރިހާ ދަރިން ވެސް ހަލީމާއަށް ވަރަށް އަޅާލަ އެވެ. ބައްޕަ މަރުވުމުން، އެ ކުދިން ކައިރިއަށް ދިރިއުޅުން ބަދަލުކުރަން ވެސް އެދުނެވެ. އެކަމަކު، ފިރިމީހާ ލޯބިން ބިނާކުރި އެ "ގަނޑުވަރު"ން ނުކުމެ އެހެން ތަނެއްގައި ދިރިއުޅޭކަށް ހަލީމާ ބޭނުމެއް ނުވެ އެވެ. ނަމަވެސް، އެ ހުރިހާ އިރަކު ކާން ދެނީ ދަރިންނެވެ. 

"މީހަކާ ނީނދެ ހުންނަނީ އެ ސޮރަށްޓަކާ. މި ގުރުބާނީއަށް،" ވާހަކަ ނިންމާލަމުން ހަލީމާ ބުންޏެވެ.

މިއީ ތެދުވެރި ލޯތްބެކެވެ. އެ ދުވަހު ފިރިމީހާ ވި ލޯބީގެ އަގު ހަލީމާ ވަޒަންކުރަނީ އާދަޔާ ހިލާފަށް ލޯބިންނެވެ.