ގާޒީ އިބްރާހިމް ނަފީސްއޭ ބުނުމުން ނޭނގޭނެ މީހަކު އައްޑޫގައި މަދުވާނެ އެވެ. އޭނާގެ މުޅި އުމުރު ގާތްގަނޑަކަށް ހޭދަކޮށްލެއްވީ ގާޒީކަމުގެ އެވެ. ކޮންމެ ދުވަހެއްގެ ބޮޑުބައިބައިގައި އުޅުއްވީ ކޯޓުރޫމްގެ ތެރޭގަ އާއި ހިންގުމުގެ ދާއިރާގަ އެވެ. އައްޑޫގެ ކޮންމެވެސް ކޯޓެއްގެ ކައިރިން ނުފެންނަ ދުވަހެއް މަދުވާނެ އެވެ. އެހާ ވެސް ޝަރުއީ ދާއިރާއާ އިބްރާހިމް ނަފީސް ގުޅުން ބޮޑެވެ.
އެއީ އައްޑު އަށް މަޝްހޫރު މޮޅު ގާޒީއެކެވެ. އެކަމަކު، އައްޑޫގެ ކޯޓުތަކުގެ ހަތަރުފާރުން އެތެރޭގައި އުޅުއްވާތާ އެތައް އަހަރެއް ފަހުން މިއަދު ނަފީސް އެންމެންނަށް އެނގެން މި ފެށީ އެހެން ދާއިރާއަކުންނެވެ.
މުޅި އައްޑޫ ފަހުރުވެރިވާ ފަދަ ނަމެއް ނަފީސްގެ ފަރާތުން ހޯއްދަވައިދެއްވީ ހާފިޒުގެ ކަމުގެ ރޮނގުންނެވެ. އުމުރަކީ ހުރަހެއް ނޫންކަން ސާބިތު ކޮށްދެއްވައި، އުމުރުން 67 އަހަރުގައި ގުރުއާން ހިތުދަސް ކުރައްވައި ހިތަދު އާއި އަތޮޅަށް ރީތި ނަން ހޯއްދަވައި ދެއްވައިފި އެވެ.
އެންމެ ދޮޅު އަހަރުން ގުރުއާން ހިތުދަސް ކުރައްވައި މިއަދު އޭނާ ވަނީ މޮޅު ހާފިޒަކަށް ވެފަ އެވެ.
ނަފީސް ގުރުއާން ހިތުދަސްކުރަން ފެއްޓެވީ މީގެ ދެ އަހަރު ކުރިން 2024 ގަ އެވެ. އަބަދު ވެސް ގުރުއާނަށް ފަރިތަ ނަފީސް ދަސްކޮށް ނިންމެވީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ.
"އަޅުގަނޑަކީ ކޮންމެ ތަނެއްގައި އުޅުނަސް ގުރުއާން ކިޔަވާ މީހެއް. އެހެންވެ ވަރަށް ފަރިތަ. ދެން އެހެންވެ، ހިތަށް އެރީ ދަސްކޮށްލާނީއޭ. އެހެންވެ ދުވާލަކު ދެ ސަފުހާ ދަސްކުރަމުން ގޮސް އެއްކޮށް ދަސްކުރީ. އަމިއްލަ އަށް ދަސްކުރީ،" ނަފީސް ވިދާޅުވި އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގައި 46 އަހަރު
ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ނަފީސް ވަނީ ސަރުކާރުގެ އެކި މަގާމުތަކުގައި 46 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރައްވައިފަ އެވެ.
އެޓާނީ ޖެނެރަލްގެ އެހީތެރިޔާގެ މަގާމު 12 އަހަރު ވަންދެން ފުރުއްވި އެވެ. އައްޑު އާއި ނ. އަތޮޅުގެ ކޯޓުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
އޭގެ ފަހުން ހިތަދޫ ކޯޓުގެ ގާޒީކަން ކުރެއްވި އެވެ. ހިތަދޫގެ ސީނިއާ މެޖިސްޓްރޭޓުކަން ތިން އަހަރު ކުރެއްވުމަށް ފަހު އައްޑޫ އަތޮޅުގެ އެހީތެރިޔާގެ މަގާމުގައި ފަސް އަހަރު ކުރެއްވިއިރު އޭގެ ތެރެއިން ދެ އަހަރު އަތޮޅުވެރިއަކު ނެތި އައްޑޫ ހިންގެވި އެވެ.
އެ މަގާމުގައި ހުއްޓާ ހިތަދޫ ކޯޓުގެ ސީނިއާ މެޖިސްޓްރޭޓަކަށް ބަދަލުކުރި އެވެ. ގާނޫނުއަސާސީ އަށް 2008 ވަނަ އަހަރު ގެނައި ބަދަލުން ނަފީސަށް ވަޒީފާ ހަމަޖެހުނުއިރު ހުންނެވީ ގްރޭޑް 3 ލެވެލްގައި ސީނިއާ މެޖިސްޓްރޭޓަކަށެވެ.
"އޭރު ރާއްޖޭގައި ސީނިއާ މެޖިސްޓްރޭޓަކަށް ތިބީ އަޅުގަނޑުމެން ދެ މީހުން އެކަނި. އެއީ މިހާރު ޕީއެޗްޑި ހައްދާވާފައި ހުންނެވި ޑރ. ފާރޫގާއި އަޅުގަނޑާ ދެ މީހުން،" ނަފީސް ވިދާޅުވި އެވެ.
އެހެން އުޅުއްވަނިކޮށް ދިމާވީ ހިތާމަވެރި ގޮތެކެވެ. އޭނާ އެންމެ ބޮޑަށް ލޯބި ޖެހިފައި އޮތް ޝަރުއީ ދާއިރާއާ ދުރަށް ވަޑައިގަންނަވަން މަޖުބޫރުވެވަޑައިގަތީ އެވެ. އަމިއްލަ ޒަމީރު ގަބޫލު ނުވި ނަމަވެސް އޭރުގައި އޮތް ސަރުކާރުގެ ބައެއް އިސްވެރިންގެ ބަހާ ދެކޮޅަށް މުގުރު ޖެއްސެވި ހިސާބުން މައްސަލަ ގޯސްވީ އެވެ.
މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނަވަނިކޮށް ކުރިމަތިވި އެ އުނދަގޫ ހާލަތާ ގުޅިގެން އުމުރުން 63 އަހަރުގައި ޝަރުއީ ދާއިރާ އިން ރިޓަޔާ ކުރެއްވީ އެވެ.
ދެން ބެއްލެވީ ގުރުއާން ހިތުދަސް ކުރެެއްވޭނެ ގޮތެކެވެ. ގުރުއާން ކިޔަވައި ވިދާޅުވުމަށް އަބަދުވެސް ލޯބި ކުރައްވާތީ އެއީ މާ ފައިދާ ހުރި ކަމެއް ކަމަށް ފެނިވަޑައިގެން އެ ދިމާލަށް މިސްރާބު ޖެއްސެވި އެވެ.
ދެން ފެންނަން ފެށީ މާ އުފާވެރި ކަންކަމެވެ. މާޒީ ހަނދާން ނައްތާލެއްވި އެވެ. ކުރިން ވެސް ގުރުއާން ކިޔެވުމަށް ލޯބި ކުރައްވާތީ އެކަން މާ ބޮޑަށް އިތުރު ކުރެއްވީ އެވެ. ނަތީޖާ ކުރު މުއްދަތެއްގައި ހާސިލް ކުރެއްވި އެވެ.
ރިޓަޔާ ކުރެއްވުމަށް ފަހު ހިފްޒު ކުރަން ފެށުން
"އެއް އަހަރު ކިޔެވިތަނާ އެނގިއްޖެ މިހާރު މި ހުރީ ދަސްވެފައިކަން. ދެން އަޅުގަނޑު ދިޔައީ މިތާ ކައިރީ އިންނާނެ އިބްރާހިމް މިސްކިތް، އެ މިސްކިތަށް ގޮސް ކޮމިޓީއަށް ކިޔައިދިނީ. އަލޫގަނޑު ހަ ފޮތް މުރާޖައާ ކުރިން،" ނަފީސް ވިދާޅުވި އެވެ.
ނަފީސްގެ މި ކާމިޔާބީ ފާހަގަކޮށް، މި މަހު ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އޭނާ އަށް ވަނީ ރަސްމީކޮށް ހާފިޒްކަމުގެ ސަނަދު ދީފަ އެވެ.
ދެ ބަނޑަށް ފަސް ކުދިން ނަފީސްގެ ތިބޭއިރު، ބައްޕަގެ ނަމޫނާ މަސައްކަތުން ހިތްވަރު ލިބިގެން ފިރިހެން ދަރިފުޅަކު ވެސް މިހާރު ވަނީ ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ނަފީސް ވިދާޅުވި ގޮތުގައި، އޭނާގެ މިހާރުގެ އެންމެ ބޮޑު ބޭނުމަކީ ކުޑަކުދިންނަށް ގުރުއާން ހިފްޒު ކޮށްދިނުމުގެ ކްލާސްތައް ހިންގުމެވެ. އަދި އެއީ އެއްވެސް އަގަކާ ނުލައި، މުޖުތަމައަށް ކޮށްދެއްވާ ހިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދަން ބޭނުންވާ ކަމެއް ކަން ފާހަގަކުރެއްވި އެވެ.
"ފައިސާ އަށް ތަރާވީސް ކުރުމަކީ އަޅުގަނޑު އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުގެ އުންމީދަކީ ކުދިންނަށް ގުރުއާން ހިތުދަސް ކޮށްދިނުމުގައި އެހީތެރިވެދިނުން،" ނަފީސް ވިދާޅުވި އެވެ.
ނަފީސް މި ވެންނެވީ ރަނގަޅު ދޮރަކުންނެވެ. އުމުރުގެ ފަހު ބައިގައި އޭނާ ބޭނުންވަނީ ދީނީ އިލްމު އުގަންނައި ދެއްވައި، ހާފިޒުން އުފެއްދުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާށެވެ. ނަފީސް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މާ ބޮޑަށް ވެސް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާނެ މަސައްކަތެކެވެ.