ސިލޯނުން ކާޑުކޮޅެއް ލިބޭނީ ހިކިމަސްކޮޅެއް ދިނީމަ އެވެ. އެކަމަކު ފުވައްމުލަކަކީ މާގިނައިން މަސްބާނާ ރަށެއް ނޫނެވެ. ލައިގެން ކާނެ މަސްކޮޅެއް ދޭތެރެއަކުން ލިބުނަސް ސިލޯނަށް ގެންދަން ހިއްކޭ ވަރަކަށް މަހެއް ނުބޭނެ އެވެ.
މުހައްމަދު ތައުފީގު، އާއްމު ނަމުން ނަމަ މުހައްމަދު ކަލޯ ނިއުޅުވާލީ އޭނާގެ ފޮނި މާޒީ އެވެ. އުމުރުން ދުވަސްވެ މިއަދު ގައިބާރު ދެރަވެފައި ވިޔަސް، އޭނާ އަކީ އެއް ދުވަސްވަރެއްގައި ފުވައްމުލަކުގެ އެންމެ ވަރުގަދަ މާލިމީ އެވެ. އޭގެ ކުރިއަށް ނަމަ އޭނާ އަކީ ފުވައްމުލަކުގެ އިގުތިސާދު ހިފަހައްޓައިދިން މަޝްހޫރު ސިލޯނު ދަތުރުތައް ކުރި ހިތްވަރުގަދަ ދަތުރުވެރިންގެ ތެރެއިން އެކެކެވެ.
އަހަރުގައި ބޮޑު ބައި އާއިލާއާ ދުރުގައި ކަނޑުމަތީގައްޔާއި ބީރައްޓެހި ގައުމެއްގެ ބަނދަރުގައި ހޭދަކޮށްގެން ކުރި މަސައްކަތް، މިއަދުގެ ފަސޭހަަކަމުގައި ވަޒަން ނުކުރެވިދާނެ އެވެ. އެކަމަކު އެ ދުވަސްތައް މުހައްމަދު ކަލޯގެ ހަނދާނުން ފޮހޮވިގެން ނުދެ އެވެ.
އެއީ 1950ގެ އަހަރުތަކުގެ ކުރީކޮޅެވެ. ދެ ވަނަ ބޮޑު ހަނގުރާމަ ނިމި ހައެއްކަ އަހަރު ފާއިތުވިޔަސް، އޭރުގެ ދަތިކަމުން އަދި އަރައިނުގަނެވެ އެވެ. ކާޑުގެ ބާވަތްތައް އެހާ ތަދެވެ. ސަރުކާރުން ރޭޝަންކޮށްގެން ދޭ އެތިކޮޅަކުން ބަނޑުފުރައެއް ނުލެވެ އެވެ. އެހެންވެ، ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުން ވިޔަފާރިވެރިން ދިޔައީ ސިލޯނަށް ހިކިމަސް ވިއްކައިގެން، ކާޑު ހޯދަމުންނެވެ.
ނަމަވެސް، ފުވައްމުލަކަށް އޮތް ގޮންޖެހުމަކީ އެ ވަރަށް މަސް ނެތުމެވެ. އެހެންވެ، ފުވައްމުލަކު ވިޔަފާރިވެރިންނަށް ޖެހެނީ ސިލޯނު ދަތުރުގެ ކުރިން، ހުވަދުއަތޮޅަށް ދާށެވެ. އެ ރަށުން ކާއްޓާއި ހިއްކި ބަނބުކޭލާއި ދިވެހި ހަކުރު ހިފައިގެން ހުވަދުއަތޮޅުގެ ރަށްރަށުގައި ފަޅުގައި ތިބެގެން އެ ތަކެތި ވިއްކައިގެން ހިކިމަސް ގަންނަނީ އެވެ.
ދޯނިފަހަރުން އެ ދަތުރު ކޮށްދެނީ ވިއްކަން ގެންދާ އެއްޗެއްގެ 12 ބައިކުޅަ އެއް ބައި ލިބޭ ގޮތަށެވެ. މުހައްމަދު ކަލޯ އަކީ އޭރު އޭގެ ދޯންޏެއްގެ ފަޅުވެރިއެކެވެ.
އެއީ ގާތްގަނޑަކަށް ވިއްސަކަށް ދުވަހުގެ ދަތުރެކެވެ. އެނބުރި އައިސް ސިލޯނު ދަތުރާ ޖެހެންދެން ހިކިމަސް ގުދަން ކުރަނީ އެވެ. ގިނަ ދުވަހު ހަލާކުނުވެ ބަހައްޓަން ހަދާ ގޮތަކީ، ފަނުން ކޮށިގަނޑެއް ހަދައި، އެތެރޭގައި އަތިރިމަތިން ގެންނަ ހިރަފުސް ހުންނަ ހިމުން ވެލި ފަތުރައި އޭގެ މަތީ މަސްތައް ބަހައްޓައި، އަދި މަސްތަކުގެ މައްޗަށް ވެސް ވެލި އަޅަނީ އެވެ.
ސިލޯނު ދަތުރަށް އޮޑިފަހަރު ފުރާނީ ހުޅަނގު މޫސުން ފެށި ހޭ ނަކަތް ދެބައިވުމުންނެވެ. ފުވައްމުލަކުން ފުރައިގެން އެންމެ ފުރަތަމަ ދާނީ މާލެ އަށެވެ. އެއީ އަލަށް ދަތުރުކުރާ މީހުންގެ ޕާސްޕޯޓް ހެއްދުމަށެވެ. ހުވަދުއަތޮޅާ ދެމެދު ދަތުރުކުރި ދޯންޏެއްގައި މަސައްކަތްކުރުމަށް ފަހު، މުހައްމަދު ކަލޯ ވެސް އޭރު ހުރީ ސިލޯނު ދަތުރުކުރާ އޮޑިއަކަށް އަރަ އެވެ.
"އޭރު އަޅުގަނޑުގައި އަތުގައި ވެސް ޕާސްޕޯޓެއް ނެތް. އެހެންވެ މާލެ ގޮސް ހައްދައިގެން ސިލޯނަށް ދާން ރާވާފައި އޮތީ،"
ނަމަވެސް ކަންތައް ވީ ހީކުރި ގޮތަކަށް ނޫނެވެ. ފުވައްމުލަކަކީ ފަޅެއް، ބަނދަރެއް ނެތް އަދި ވަށައިގެން ރާޅުބިންދާ ރަށެއް ކަމުން އޮޑިއަށް މުދާ ބަރުކޮށްގެން ވައި ލިބި ފުރޭ ގޮތް ވަންދެން އޮންނާނީ ފައްތިއްޔާގަ އެވެ. އެހެން އޮއްވާ ރަށުގެ އެއްކޮޅުން ނެއްޓިގެން ވައި އަންނާތީ ފައްތިއްޔާގައި އޮޑި އޮތުމަށް ދަތިވެގެން ކުއްލިއަކަށް ފުރަން ޖެހުނީ އެވެ. އޭރު ވަރަށް ރަނގަޅަށް ވައި ލިބޭތީ މާލިމީ ނިންމީ މާލެއާ ދިމާލަށް ނުގޮސް ސީދާ ކޮޅުނބަށް ދާށެވެ.
"އާއްމުކޮށް ފަނަރަ ދުވަހުން ކުރެވޭ ދަތުރު ތިން ރޭ ތިން ދުވާލުން ކުރެވުނު،" މުހައްމަދު ކަލޯ ބުންޏެވެ.
"އެކަމަކު މާލެ ނުގޮސް ދިޔައީމާ، އަޅުގަނޑު ހިމެނޭހެން އެތައް ބައެއްގެ އަތުގައި ޕާސްޕޯޓެއް ނެތް."
އެހެންވެ އެ އިން އެއްވެސް މީހަކަށް ކޮޅުނބަށް ފޭބޭނެ ގޮތެއް ނެތެވެ. އެންމެ ފަހުން ސިލޯނު ސަރުކާރުން އެ އެންމެންނަށް ފާހެއްދީ، ބަނދަރަށް ފޭބޭނެ ގޮތް ހަމަޖައްސައިދިނީ އެވެ. ނަސީބަކުން ހަފުތާއެއްގެ ތެރޭ ދިވެހި ސަރުކާރުން އެ އެންމެންގެ ޕާސްޕޯޓް ހަދައި، ފޮނުވައިދިނެވެ.
އެއީ ދިވެހި ސަރުކާރާއި ސިލޯން ސަރުކާރާ ދެމެދު ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް އޮތް ދުވަސްވަރެކެވެ. އޭގެ ދަށުން ރާއްޖޭގެ އޮޑިފަހަރަށް އެއްވެސް އަގެއް ނުދީ ކޮޅުނބުގެ ބަނދަރުގައި ދެ މަސް ދުވަހު ތިބެވޭނެ އިންތިޒާމު އޮންނަނީ ހަމަޖެހިފަ އެވެ.
އޭރު އޮންނަ އުސޫލުގެ ދަށުން ރާއްޖޭން ސިލޯނަށް ގެންދާ ހުރިހާ ހިކިމަހެއް ވިއްކަން ޖެހޭނީ އެ ގައުމުގެ ސަރުކާރަށެވެ. ސަބަބަކީ ހިކިމަހުގެ އަގަށްވާ ވަރަށް ސިލޯން ސަރުކާރުން ކާޑުގެ ބާވަތްތައް ދިނުމެވެ. އެއީ ރާއްޖޭގައި އޭރު އެ ތަކެތީގެ ދަތިކަން ބޮޑުކަމުން ސަރުކާރުން ހަމަޖައްސާފައި އޮންނަ ގޮތެކެވެ. ސިލޯނުގެ އަމިއްލަ ވިޔަފާރިވެރިން، ދިވެހި ހިކިމަހަށް މާ ރަނގަޅު އަގެއް ދެ އެވެ.
"އެކަމަކު ނޯވޭ އެގޮތަށް އަމިއްލަ ބަޔަކަށް ވިއްކޭކަށް. އެކަން އޮންނަނީ ވަރަށް ބޮޑަށް މަނާކޮށްފައި،" މުހައްމަދު ކަލޯ ކިޔައިދިނެވެ.
އޮޑި ބަނދަރުކުރުމާ އެކު، ސިލޯނުގެ ޕޯޓުގެ ފަރާތުން އައިސް މަސް ބާލައިދޭނެ އެވެ. އަދި އޭގެ ތިން ބައިކުޅަ ދެބަޔަށް ވާ ވަރަށް ހަނޑޫ، ހަކުރު، އަދި ފުށް އަރުވައިދޭނެ އެވެ. އަނެއް ބައި ލިބޭނީ އޮޑިއަށެވެ.
އޮޑީގައި ދަތުރުކުރާ މީހުންނަށް ކޮޅުނބުގެ ބާޒާރުން އެހެން އެއްޗެއް ގަންނަން ފައިސާ ލިބޭނީ އާރޮހާއި ނާރޮވައްފަލުދަ ފަދަ ތަކެތި ވިއްކައިގެންނެވެ. އެއީ ސިލޯނު މީހުންނަށް ވަރަށް މީރު އެއްޗެއްކަމުން، ހިނދުކޮޅެއްގެ ތެރޭގައި ވިކި ހުސްވެ އެވެ.
"އެގޮތަށް އެއްޗިހި ވިއްކައިގެން ދުވާލަކަށް 500 ރުފިޔާ، 600 ރުފިޔާ ވެސް ލިބޭ،" މުހައްމަދު ކަލޯ ބުންޏެވެ.
"އެގޮތަށް ލިބޭ ފައިސާ އަށް އަންނައުނާއި ތެލި ތަށްޓާއި މި ބާވަތުގެ އެއްޗެހި ގަންނަނީ."
އޮޑީގައި މައިގަނޑުކޮށް ދަތުރުކުރަނީ މުއްސަނދި ވިޔަފާރިވެރިންނެވެ. އެ މީހުން ގެންދާ މަހުގެ ބަދަލުގައި ލިބޭ ކާޑުގެ ބާވަތްތަކާއި ކޮޅުނބުގެ ބާޒާރުން ގަންނަ އެއްޗެހި އެނބުރި ރަށަށް ގޮސް ވިއްކަ އެވެ. އެ މީސްމީހުން ބައެއް ފަހަރު ބޭސްކުރަން ދަރިން ވެސް ސިލޯނަށް އޮޑީގައި ގެންދެ އެވެ. އަދި ސިލޯން ދައްކާލަން އަނބިން ގޮވައިގެން ދާ މީހުން ވެސް އުޅެ އެވެ. ދެން ދަތުރުކޮށް އުޅެނީ ކުޑަ އަދަދަކަށް މަސްކޮޅުކޮޅު ހިފައިގެންދާ އާއްމު މީހުންނެވެ. އެ މީހުންނަށް ލިބޭ ކާޑުގެ ބާވަތްތައް ބޭނުންކުރަނީ ގޭގައި ކާށެވެ.
"ނުދެވޭ މީހުން، އޮޑީގެ މީހުންނާ މަސްކޮޅުކޮޅު ހަވާލުކޮށްފައި ބުނާނެ ވިއްކައިދޭށޭ. ދެން ބަދަލުގައި އެ މީހުންނަށް އެ ބޭނުންވާ އެއްޗެއް ގެންގޮސްދެނީ،" މުހައްމަދު ކަލޯ ބުންޏެވެ.
ކޮޅުނބުގައި ހޭދަވާ ދެ މަހެއްހާ ދުވަހު އެންމެން ވެސް ނިދަަނީ އޮޑީގަ އެވެ. ބަނދަރުކުރުމާ ރިޔާ ދަމައިގެން މުޅި އޮޑި ހިޔާކުރަނީ އެވެ. ނިދަނީ ކޮންމެ މީހަކު ވެސް ގެންދާ ފަތްޖެހި އެނދުގަ އެވެ. ހެނދުނު އޮޑިން ފައިބަނީ އާރޮހާއި މަހާއި ކާށިން ނާސްތާ ކޮށްގެންނެވެ. ދުވާލު މަސައްކަތުގައި އުޅުމަށް ފަހު ކަނީ އެއްގަމުންނެވެ.
"ސާޅީސް ސެންޓަށް ރަނގަޅަށް ކާލެވޭ،" މުހައްމަދު ކަލޯ، 87، ބުންޏެވެ.
"ރޭގަނޑު ކާނީ އޮޑީގައި ކައްކައިގެން."
އެ ދަތުރުތައް ހުއްޓުނީ 1978 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ފެށިގެން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ. އޭރު މުހައްމަދު ކަލޯއަކީ ރާއްޖެ އާއި ސިލޯނާ ދެމެދު ދަތުރުކުރެވޭ ވަރުގެ ތަޖުރިބާ ހުރި މާލިމީ އެކެވެ. ދަތުރުތައް ހުއްޓުމާ އެކު އޭނާ ދެން ފެށީ ފުވައްމުލަކާ މާލެއާ ދެމެދު ދަތުރުކާށެވެ. އެންމެ ފުރަތަމަ އައްޑޫ ބޯޓެއްގަ އެވެ. ފަހުން އާއިލީ ބޯޓެއްގަ އެވެ.
"އަޅުގަނޑުގެ މާލިމީ ކަމުގައި މިދޭތެރޭ ތިރީހަކަށް އަހަރު ދަތުރުކުރިން."
އޭނާ ބޯޓުން ފޭބީ 2004 ވަނަ އަހަރު އެވެ. ފަލި ޖަހާ މީހަކުން ފެށި ދަތުރު ނިންމާނީ ފުވައްމުލަކުގެ އެންމެ ވަރުގަދަ އެއް މާލިމީގެ ގޮތުގަ އެވެ. ލައްކަ ތަޖުރިބާތައް ކުރެވުނެވެ. އެންމެ ފާހަގަކުރަނީ ދަތި ދުވަސްވަރު ސިލޯނަށް ކުރި ދަތުރުތަކާއި މާލެ އަށް ބަރޯސާނުވެ އޭގެން ރަށުގައި އުފެއްދުނު އަމިއްލަ އިގުތިސާދެވެ.