އެމްޑީޕީން ރޭ ވިލިނގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ.
07 އެޕްރީލް 2017 - 16:50
ގއ. ވިލިނގިލީ ކައުންސިލްގެ ޕީޕީއެމްގެ ހަ މެމްބަރުން ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންފި އެވެ.
އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ހަ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެ ޖަލްސާގައި ވިލިނގިލީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ މުހައްމަދު ފާރޫގު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް އުފައްދާފައިވާ އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމުގެ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ވިލިނގިލީ ކައުންސިލްގެ ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުން ނިސްބަތް ވަނީ ޕީޕީއެމަށެވެ. އެ ކައުންސިލްގައި ދެން ހުންނަވަނީ އެމްޑީޕީގެ ކައުންސިލަރެކެވެ.
ފާރޫގު މިއަދު "މިހާރު" އަށް ވިދާޅުވީ ކައުންސިލްގައި ތިއްބެވި ޕީޕީއެމްގެ ހުރިހާ މެމްބަރުން އަބަދުވެސް ތާއީދު ކުރައްވަނީ މައުމޫނަށް ކަމަށާއި ރައީސް ޔާމީނަށް އެމަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވުމުން، ދެން ރައީސް ޔާމީނާ އެއްކޮޅަށް މަސައްކަތް ކުރެއްވުމުގެ މާނައެއް ނެތް ކަމަށެވެ.
އެމްޑީޕީން ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެ ރަށު ކައުންސިލްގެ ޕީޕީއެމްގެ މެމްބަރުން، އެމްޑީޕީގެ އިސް މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާ އެކު ފޮޓޯއެއް ނަންގަވަނީ.
"އަޅުގަނޑުމެން ހަ މީހުންނަކީ ވެސް ރައީސް މައުމޫނަށް ތާއީދުކުރާ މީހުން. އަޅުގަނޑުމެންނަކީ ސައުދު [ވިލިނިގިލި ދާއިރާގެ މެމްބަރު] ގެ ޓީމުގެ މީހުން. މި ރަށުގައި ޕީޕީއެމް ލީޑް ކުރައްވާ ބޭފުޅަކީ ސައުދު. ރައީސް މައުމޫން މިހާރު އިދިކޮޅު ކޯލިޝަނާ އެކު އެއްބސްވުމެއް ހައްދަވައިފި. ސައުދު ވެސް އެ ކޯލިޝަނާ ގުޅިވަޑައިގެންފި. ދެން ރައީސް ޔާމީނަށް ތާއީދުކޮށްގެން އަޅުގަނޑުމެން ތިބެންޖެހޭ ސަބަބެއް ނުވިސްނޭ،" ފާރޫގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރޭގެ ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަރުން ބައިވެރިވި މައިގަނޑު ސަބަބަކީ އެހެން ރަށްރަށުގައި ތިބި މައުމޫންގެ ސަޕޯޓަރުންނަށް ވެސް މެސެޖެއް ދިނުމެވެ. އެއީ މިވަގުތު ސިޔާސީ ގޮތުން އެންމެ ރަނގަޅު އަދި ގައުމަށް އެންމެ ތެދުވެރި ޕްލެޓްފޯމަކީ އިދިކޮޅު ކޯލިޝަން ކަން އާންމުންނަށް އަންގައި ދިނުމުގެ މެސެޖް ކަން ފާރޫގު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވިލިނގިލި ދާއިރާ އިދިކޮޅު އިއްތިހާދު ނުވަތަ ސައުދުގެ ޓީމުން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކައުންސިލް އިންތިޚާބަށް ޕްރައިމަރީން ހޮވުނީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށް ވިޔަސް ފާރޫހު ވިދާޅުވީ، ސައުދު ހުސެއިންގެ ޓީމުގެ އެހީތެރިކަމާއި އެއްބާރުލުން ދެން ލިބޭނީ މައުމޫން ގުޅިވަޑައިގެންފައިވާ ކޯލިޝަނަށް ކަމަށެވެ.
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާއިރު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ވެސް ވަނީ މިދިޔަ ހަފުތާގައި އެ ބޭފުޅުންނާ ގުޅިވަޑައިގެންފަ އެވެ.
ވިލިނގިއްޔަކީ މައުމޫންގެ މަންމާފުޅުގެ އާއިލާ ނިސްބަތްވާ އަދި މައުމޫނަށް ތާއީދު ބޮޑު ރަށެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ
08 April 2017
އެމްޑިޕީގެ ވާހަކަ ނުދައްކާ. މި ގައުމުގަ ދެން ވެރިކަމަށް އާދެވޭނެ ކަމަށް ބެލެވެނީ މައުމޫނު ފެކްޝަނައް.
ސަހޫ
08 April 2017
މިވަނީ ކިހިނެއް . އިދކޮޅުމީހުންނާ ދުނިޔެވެސް ގުޅުނީތަ . ޔާމީނަށް ދެން އޮތް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވާފައި ، އަރާމު ކޮށްލުން .
ހޯބޯ
08 April 2017
ބާކީ ވީމަ މި ރާއްޖޭގަ އޮންނަ ގޮތަކީ އިދިކޮޅު އިއްތިހާދު ވުމޭ. ކަމެއް ނެތިފަ ތިބޭ މީހުންނަށް އެނޫން ކޮންގޮތެއް އޮންނާނީ!
މަންތިރި
08 April 2017
ތީ އާ ކަމެއް ނުން ތި ރަށު މީހުން ައަބަދު އުޅޭނީ ވެރިކަމާ ހެދި
މަންތިރި
08 April 2017
އަދި ކަލޭމެންނަށް ތިކަން އިނގޭނެ
ނަލަ ނަލަ ކަރަންޓުބިލް
08 April 2017
ސެލިއުޓް ކުރަން
މަރީ
08 April 2017
ކައުންސިލަރުންނަށް ސާބަސް ހަމަ!!!!
ޚާދިމް
07 April 2017
ޕީޕީއެމް ޕްރައިމަރީ އިން ބަލިވި ގްރޫޕް. ލަދުން ބޯ ހަލާކު.
ޖިލްބާބު ހަބީބު
07 April 2017
ކޮންމެ ޕާޓީއަކުންވިޔަސް ވިސްނަންވާނީ ޖީބަށް ބަރުކުރުމަށްވުރެ ގައުމަށް ބަރުކުރުން. ގައުމަށް ބަރުވެއްޖެއްޔާ ޖީބަށްވެސް ބަރުވާނެ. ގައުމުތަރައްގީ ކުރެވޭނީ ނޭއްގާނިކަމަށް ނޫނެކޭ ބުނެގެން. ރަނގަޅު މެސެޖެއް ޔާމީނަށް ތިދިނީ. މިގައުމުގައި ރައީސް މައުމޫނާއި ރައީސް ނަޝީދަށްވުރެ ސަޕޯޓް އޮތް ރައީސެއް ނުހުންނާނެ. ދެން ފޭކު ސަޕޯޓް.
ޢަލީ
07 April 2017
މަރުހަބާ 2018 ރައްޔިތެކޭ ކިޔާފަ އަނގަވެސް ހުޅުވާލެވޭނީ އިދިކޮޅު މީހުންނާ ގުޅިގެން