ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖައުފަރު ވާހަކަ ދައްކަވަނީ: އެލްޖީއޭގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ބިލު ހުށަހެޅުއްވީ ޖައުފަރު. - ފޮޓޯ: މަޖިލިސް
11 އެޕްރީލް 2017 - 13:55
ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުން ހަމައެކަނި ތިއްބަވާ ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބަދަލުކުރަަން ސަރުކާރުގެ ފަރާތުން ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ، ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.
އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހު މަޖިލިހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.
ސަރުކާރުން ހުށަހެޅީ އެލްޖީއޭގެ ބޯޑު މިހާރު އޮތް ގޮތް ބަދަލުކޮށް، ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަަސް މެމްބަރަކު ތިބޭ ގޮތަށެވެ. މިހާރު އެލްޖީއޭގެ ބޯޑު ތިއްބަވަނީ ސިޓީ ކައުންސިލްތަކުން ދެ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ހަތަރު މެމްބަރުން ތިބޭ ގޮތަށް، ނުވަ މެމްބަރުންނެވެ.
އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ އަންހެން ބޭފުޅަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ ބޭފުޅަކާއި ޗީފް އެގްޒެކްޓިވް އޮފިސަރެވެ. މި ހުރިހާ ބޭފުޅުން ވެސް އައްޔަން ކުރުމުގެ ބާރު ދީފައި އޮތީ ރައީސަށެވެ. ނަމަވެސް ރައީސް އައްޔަން ކުރައްވާ މެމްބަރުންނަށް ރުހުން އޮތްތޯ މަޖިލިހަށް ހުށަހަޅަން ޖެހެ އެވެ.
ފަސް މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑައަޅުއްވާނީ ރައީސެވެ. މެންބަރުންގެ މުއްދަތަކީ ފަސް އަހަރެވެ. ލާމަރުކަޒީ ގާނޫނުގައި މިހާރު އޮތް ގޮތުން އެލްޖީއޭގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެލްޖީއޭގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެކަމަކު އަލަށް ގެންނަ އިސްލާހުގައި ބުނަނީ އެލްޖީއޭގެ ރައީސް ވެސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެލްޖީއޭގެ ނައިބު ރައީސް އިންތިޚާބު ކުރާނީ ކޮމިޓީގައި ހިމެނޭ، ޗީފް އެގްޒެކްޓިވް ފިޔަވައި، އެހެން މެމްބަރުން ވޯޓު ލައިގެންނެވެ.
މަޖިލިހުގެ ޖަލްސާގައި ވަނީ އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކަކާއި ދޭއްގައިވާ ގަވައިދުތަކަށް އަމަލު ކުރުމުގެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އިތުރު ކުރުމަށް ގަވާއިދު ކޮމެޓީން ނިންމި ނިންމުން މަޖިލިހުގެ 54 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.
މީގެ އިތުރުން "ބޭން އެމެންޑްމަންޓް ޓު ދަ ބާޒަލް ކޮންވެންޝަން" އަށް ރާއްޖެއިން އަމަލުކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަހަމަ
12 April 2017
ބާރެއް އޮތިއްޔާ މުށަށް
އލހ
12 April 2017
ގައުމުގެ ވެރިކަމުގެ ބާރުތަށް އެއްކޮށް މުށުތެރެއަށްލަމުން މިދަނީ. މިއީ ފުންކޮށްވިސްނަންޖެހޭކަމެއް. މިއީ ލޯކަލް ގަވަރނަންސް ގެ ސިޔާސަތު ނައްތާލަންކުރާ ކަމެއް. ގައުމުގެ ދަރިންނޭ ލަސްނުކޮށް ކެރިގެން ސަރުކާރުގެ މިފަދަ ސިޔާސަތުތަކާ ދެކޮޅުހަދަންވީ... ކައިވަތެއް ދޫކޮށްފިއްޔާ މުށެއްދަމާލާނެއޭ ބުނާ ހެން މިއަދު މިކަމާ އަޅާނުލައި ދިބިއްޔާ ފަހުން ހިތާމަކުރަންޖެހޭނެ. އިސްކުރާށޭ ގައުމު.
ޝުޖާޢު
12 April 2017
މަށަށް ފެންނަނީ ގާނޫނު އަސާސީ ވެސް ބަދަލުކޮށްލަން. މިހާރުގެ ރައީސް އަވަހާރަވަންދެން ރައީސަކު ހޮވަން ނުޖެހޭ ގޮތަށް. ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސްކަމަށް. އޭރުން ވަރަށް ގިނަ ފައިސާއާއި ވަސީލަތްތައް ސަލާމަތްކުރެވި، ތިޔަ "އިއްޒަތްތެރި" މެންބަރުން ބޭނުންވާ ކަންކަން ހާސިލުވޭވޭ ތިބެވިދާނެ. ރައްޔިތުންނޭ، ޑިމޮކްރަސީއޭ ކިޔާނެ ކަމެއް ނެތް. އަދި ރައްޔިތުންގެ މަޖުލީހުގައި މިހާރު ތިބި "ބޮޑުފަޅީގެ" މެންބަރުން އުމުރުދުވަހަށް، މަޖުލީހަށް ހޮވުނީކަމުގައި ވެސް ފާސްކުރަން ފެނޭ. މިހާރު ތިޔަހަރަ ދެވެނީ ހިޓުލަރު ހިނގި މަގުން. ވަރަށް ވެދުން
އުޅުންނެތް
11 April 2017
ބައްލަވާ ހިޓްލަރުވެސް ފެށީ ހަމަ ތިޔަގޮތަށް. ޤާނޫނުތަކާ ކުޅެންފަށާފަ ބިރުދައްކަންފެށީ. އޭނަ ހޭވި ހުރިހާ ހަޑިއެއް ހޭވީ ޖަރުމަނުގެ ޤާނޫނުތައް ބަދަލުކޮށްގެން. ވިސްނާ ބަޔަކަށް އިބްރަތެއް ވާނެ. ވިސްނޭނެބާ!
އިބުރާހިމް
11 April 2017
ހެހެހެހެ ކައުްސިލަރުން ނުހޮވަ ރައީސްމީހާގެ ބާރުން ކަތީބުން އައްޔަން ކުރަންވީނޫންތޯ، އޭރުންމާ ބޮޑަށް ޑިމޮކްރަޓިކްވެފައި ރައީތުންގެ އަޑުއިއްވާ ރައީތުންގެ ވިންދާ އެއްގިތަށް ކަންކަން ކުރެވޭނެ ނުންތޯ!!! ލަދެއް ހަޔާތެއް ގޮތެއްފޮތެއް ނެތްބަޔަކު އުޅޭނީމިހެން ދެއްތޯ!
GAN Island
11 April 2017
ރައްޔިތުންގެ ވެރިކަމެއް ޤާއިމްކުރުމަށްފަހު (ދާދި އަވަހަށް މިކަން ކުރެވޭނެ) ދައުލަތުގެ ޤާނޫނު އަސާސީ ކޮށާލުމުގައި ބައިވެރިވި އެންމެން ކުޑަބޮޑޫމިނަށް ބެލުމެއްނެތި ޤާނޫނުގެ ކުރިމައްޗަށް ހާޒިރުކޮށް އެމީހަކު ކުށްކުރި މިންވަރަކަށް އެމީހަކަށް ''ޙައްޤު އަދަބު'' ދެވޭނެ. . . . . މިގޭ ތެރޭގައި ޤާނޫނު އަސާސީގައި ބުނާ ދައުލަތުގެ ބާރުތަކުން އެކަންކޮށް އަދި ޤާނޫނު އަސާސީ ކޮށާލިއިރު އެ ޤާނޫނު އަސާސީގެ ދިފާޢޫގައި ބަސްނުބުނި މީހުންނަށް ވެސް އަދަބު ޙައްޤު މިންވަރަށް އަދަބު ދޭންޖެހޭނެ
ނިހާން
11 April 2017
ދެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރުމުގެ ބާރު ރައްޔިތުންގެ އަތުން ނަގައި ރައީސުލްޖުމްހޫރިއްޔާ އަށް ދިނީމާ ހުރިހައި ކަމެއް ފުރިހަމަ ވީ
ޑާޑާޑާޑާ
11 April 2017
އެލްޖީއޭ ބޯޑުގެ ބާރު ރައީސަށް ދޭ އިސްލާހު ބަލައިގަނެ، ކޮމެޓީ އަށް ފޮނުވުން އެއީ އުފާވެރި ކަން ހިތަށް ގެނެސްދޭނެ ކަމެކެވެ. އެލްޖީއޭ ވެސް އޯވަރހޯލް ކުރަންވީ އަދި ލޯކަލް ކައުންސިލު ތަކުގެ ކޮމްޕޮޒިޝަން 3 އަށް ދަށްވެސް ކުރަންވީ ކޮންމެ ރަށަކަށް. އަދި ރާއްޖޭގެ އާބާދީ އޮޓޯ މޯޑް އިން އެއްފަސް ކުރުމަށް ޓަކައި މާލެ ސަރަހައްދުގައި އަހަރަކު އެމްޓީސީސީ މެދުވެރިކޮށް 1 ލައްކަ ލަގްޒަރީ އެޕާރޓްމަންޓްސް އަޅާ މަހަކު 10 ހާސް ރުފިޔާ 500 އަހަރު ވަން ދެން ސަރުކާރަށް ދައްކާ ގޮތަށް ހަދާ އެފަދަ ހުރިހާ އެޕާރޓްމަންޓްސް ތައް ރަށްފުށު އެންމެންނަށް ކުއްޔަށް ވެސް ދޭންވީ އެވެ. އެއިރުން އަދި ލޯކަލް ގަވަމެންޓް ނިޒާމް ފުރިހަމަ ވެގެން ދާނީ. ޑާޑާޑާޑާ..
އުމަރު
11 April 2017
ކީއްކުރަން ކޮމެޓީއަށް ފޮނުވައިގެން ލަސްކުރަންވީ، ރައީސް އޮފީހުން އަންނަގޮތަށް އެޖެންޑާކޮށްފައި 1.30 ގައި ފާސްކޮށް އަމަލުކުރަމުން ގެންދަންވީނޫންތޯ؟ އަހަރެންނަކަށް އެއްގޮތަކަށްވެސް ނުފެނޭ ކޮމެޓީއަކަށް ގެންދަންޖެހޭ އެއްވެސް ސަބަބެއް
އަލީ
11 April 2017
ޔާމީން މުޅިއުމުރަށް ވެރިކަމުގައި ހުރުމަށްޓަކައި ކޮށާލެވޭ މަގެއް.