ޚިޔާލު / ކޮލަމް

ކޮލަމް ނުދައްކާ ވާހަކަ: އުމަރަކީ ރާއްޖޭގެ ސިރިސޭނާ އަށް ވެދާނެތަ؟

ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ރާއްޖޭގެ ވެރިކަންކުރާ ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމުގެ މައްސަލާގައި އުޅޭ ޚިލާފުގެ ވާހަކަ ފަށާނީ އަވަށްޓެރި ސްރީ ލަންކާއާ ހިސާބުންނެވެ. އެ ގައުމުގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި މަހިންދަ ރާޖަޕަކްސަ އަށް ވެރިކަން ގެއްލުނީ ވަފާތެރި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މައިތިރްޕަލާ ސިރިސޭނާ ކުއްލިއަކަށް އިސްތިއުފާ ދެއްވައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަތުމުންނެވެ. އެކަން ވީ ރާޖަޕަކްސަ އަށް ވަރަށް ބޮޑު ޝޮކަކަށެވެ. ރާޖަޕަކްސަގެ ހުރިހާ ކަމެއް އެނގިވަޑައިގަންނަވާ ހިސާބުގައި އެކުގައި މަސައްކަތްކުރައްވަން ހުންނެވި ބޭފުޅަކު އޭނާއާ ދެކޮޅަށް ނިކުންނަވާނެ ކަމީ ރާޖަޕަކްސަ ކާމިޔާބީ ހޯއްދަވަން ޖެއްސެވި ހިސާބުތަކުން އައި ނަތީޖާއެއް ނޫނެވެ. އަދި އާދަޔާ ޚިލާފު އާރާއި ބާރުގައި ހުންނެވި ރާޖަޕަކްސަ އަށް ނާކާމިޔާބުވި އެވެ.

ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ދިނުމާ މެދު ޕާޓީ ތެރޭގައި ޚިޔާލު ތަފާތުވެފައި ވާއިރު އެ ޕާޓީގެ އެންމެ ފުރަތަމަ ޕްރައިމަރީގައި ޔާމީނާ ވާދަކުރެއްވި މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތާއީދުކުރައްވަނީ އެކަމާ މެދު ކޮންގްރެސް އިން ގޮތެއް ނިންމާށެވެ. ސިރިސޭނާ ކުއްލިއަކަށް ރިޔާސީ ރޭހަށް ނިކުމެވަޑައިގަތީ ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ކުރިން ހާމަކުރެއްވުމެއް ނެތި އެވެ. ލަންކާގެ މިސާލު އުމަރާ އެހާ ބޮޑަށް ގުޅުވެން ނެތް ނަމަވެސް އުމަރަކީ ރައީސް ޔާމީންގެ ކެބިނެޓްގައި، ވެރިކަމުގެ އުންމީދާ އެކު މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެއީ ތޯތޯ ވާހަކައެއް ނޫނެވެ. އުމަރު ގެންދަވަނީ ފާޅުގައި އެ ވާހަކަ ދައްކަވަމުންނެވެ.

ޕްރައިމަރީގެ މައްސަލާގައި ރައީސް ޔާމީނަށް ފަހިނުވާ ގޮތަކަށް އުމަރުގެ ވިސްނުން ހުރުމުގެ މާނަ އަކީ ކުރިން ވިދާޅުވެފައިވާ ވަރަށް ވުރެ އަވަހަށް ރިޔާސީ ރޭހަށް ނިކުމެވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ހެއްޔެވެ؟ ނުވަތަ މިއީ ޑީއާރްޕީ ރޫޅި ޕީޕީއެމް އުފެދުމަށް މެދުވެރިވި ފަދަ ސީރިއަސް މައްސަލަތަކެއްގެ ކޮޅުމަތި ހެއްޔެވެ؟

ހޯމް މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަނީ: ވެރިކަން ކުރެއްވުމަކީ އުމަރުގެ ހުވަފެނެއް. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އުމަރު ވަނީ ރިޔާސީ އިންތިޚާބަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީންގެ ދެ ދައުރަށް ފަހު ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނެ ކަމަށް މީޑިއާގައި ވިދާޅުވެފަ އެވެ. މި ވާހަކަ މިގޮތަށް ދައްކަވާފައި ވާއިރު ރައީސް ކަމަށް ޔާމީން ވަޑައިގެންނެވުމުގެ ކުރިން ޕީޕީއެމްގެ ފުރަތަމަ ޕްރައިމަރީގައި ޔާމީނާއި އުމަރުގެ ކުރިމަތިލުން ދިޔައީ ވަރަށް ހުތުރުކޮށް ކަން ފާހަގަކުރަން ޖެހެ އެވެ.

ޔާމީންގެ އިސްތަށިފުޅުގައި ސީރިއަސް ބޮޑެތި ތުހުމަތުތަކެއް އެޅުއްވި އުމަރު ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު ވެސް ޔާމީނަށް ބަހުގެ ހަމަލާ ދެއްވުން އޭރު ހުއްޓައެއް ނުލެއްވި އެވެ. އެންމެ ފަހުން ޕާޓީން ވަކިކުރީ އެވެ. ދެން ފެނުނީ ޕީޕީއެމްގައި އުމަރަށް ތާއީދުކުރި ގިނަ އަދަދެއްގެ މެންބަރުންނާ އެކު އުމަރު ޖުމްހޫރީ ޕާޓީގެ ހަރުގެއިންނެވެ. ޖުމްހޫރީ ޕާޓީން ވެސް އުމަރު ފެއްޓެވީ ޔާމީނަށް ކުރައްވާ ތުހުމަތުތައް ތަކުރާރު ކުރެއްވުމަށެވެ. އެކަން ނިމުމަކަށް އައީ އުމަރު ދުވަހަކު ވެސް ގުޅިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ނުކުންނަވަން ޖެހުނު ހިސާބުންނެވެ. އެމްޑީޕީއާ ދެކޮޅަށް ނަމަ އުމަރުގެ ފިކުރު ގުރުބާން ކުރެއްވުމަށް ތައްޔާރަށް ހުންނަވާކަން މާޒީން ހެކިދެ އެވެ. އެހެންވެ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ޖުމްހޫރީ ޕާޓީއާ އެކު އުމަރު ޔާމީނަށް އެއްބާރުލުން ދެއްވުމަކީ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި ބެލެވޭކަށް ނެތެވެ.

އިންތިޚާބަކާ ނުލައި ޔާމީނަށް ޓިކެޓް ދޭން ތާއީދުކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ ޕްރައިމަރީއެއް ބާއްވައިފި ނަމަ އެންމެ ފުރަތަމަ ޕްރައިމަރީގައި ދިމާވި ފަދަ މައްސަލަތަކެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. މި ބުނުން އަމާޒުވަނީ ސީދާ އުމަރަށެވެ.

ޕީޕީއެމް އަށް ވެރިކަން ލިބުނީ އުމަރާ އެކު އޭރު މަސައްކަތްކުރި ޖުމްހޫރީ ޕާޓީގެ ވެސް ބައިވެރިވުމާ އެކު ކަމަށް ވުމުން، އެ ޕާޓީ އަށް ލިބުނު ފުރުސަތެއްގައި އުމަރު ވަޑައިގަތީ ހޯމް މިނިސްޓަރު ކަމަށެވެ. އެއާ އެކު އުމަރުގެ ބަސްމަގު ބަދަލުކުރެއްވި އެވެ. ޔާމީނާ ދެކޮޅަށް ކުރެއްވި ތުހުމަތުތައް ސާބިތު ނުވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެ އެ ތުހުމަތުތައް އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕަށް ރައްދުކުރެއްވި އެވެ.

ހއ. ހޯރަފުށީގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް މިނިސްޓަރު އުމަރު (މ) ހޯރަފުށީގައި ފުލުހުންގެ ބައެއް ވެރިންނާ އެކު. --ފޮޓޯ:ޕޮލިސް

ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނިމުމަކާ ދިމާލަށް ދާއިރު ޚިޔާލު ތަފާތުވުން އުޅެނީ ޕްރައިމަރީއަކާ ނުލައި ޔާމީނަށް 2018ގެ ޓިކެޓް ދިނުމުގެ މައްސަލައިގަ އެވެ. އުމަރު އަބަދުުވެސް ވަފާތެރިކަން ދައްކަވަމުން ގެންދަވާ، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ހުންނެވީ ވާދަވެރިކަމެއް ނެތި ރައީސް ޔާމީނަށް ޓިކެޓް ހަދިޔާކުރައްވާ ވިސްނުންފުޅެއްގައި ނޫންކަން، މީޑިއާ އަށް ލީކުވި މެސެޖުތަކަކުން ވަނީ ކަށަވަރުވެފަ އެވެ. އިންތިޚާބަކާ ނުލައި ޔާމީނަށް ޓިކެޓް ދޭން ތާއީދުކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ ޕްރައިމަރީއެއް ބާއްވައިފި ނަމަ އެންމެ ފުރަތަމަ ޕްރައިމަރީގައި ދިމާވި ފަދަ މައްސަލަތަކެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. މި ބުނުން އަމާޒުވަނީ ސީދާ އުމަރަށެވެ. ޕްރައިމަރީގައި ވީ ކަމެއް ވެފައި އޮތީ އުމަރާއި ޔާމީންގެ ކުރިމަތިލުމުގައި ކަމަށް ވާތީ ޔާމީންގެ ސަޕޯޓަރުން އެ ވިދާޅުވަނީ 2018 ގައި ޔާމީނާ ދެކޮޅަށް އުމަރު ނިކުމެވަޑައިގެންފާނެ ވާހަކަ ކަމަށް މާނަކުރެވިދާނެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ފަރާތުން ވެރިކަމުގައި ހުންނެވި ބޭފުޅަކަށް އިންތިހާބަކާ ނުލައި ޓިކެޓް ދޭން ކޮންގްރެސްގައި ގޮތެއް ނިންމޭނީ ވެރިކަމުގައި ހުންނެވި ބޭފުޅަކާ ވާދަކުރައްވަން ބޭނުންފުޅުވާކަން ޕާޓީގެ ތެރެއިން ބޭފުޅަކު އިއުލާނުކުރައްވައިފި ނަމަ އެވެ. އެފަދަ ހާލަތެއްގައި ޕްރައިމަރީ ބާއްވާނީތޯ ނުވަތަ ވެރިކަމުގައި ހުންނެވި ބޭފުޅަކަށް ފުރުސަތު ދެއްވާނީތޯ ނިންމާނީ ކޮންގްރެސް އިންނެވެ. މި ވަގުތު އައިސް ޖެހުމުގެ ކުރިން ރައީސް ޔާމީނަށް ޓިކެޓް ކަށަވަރުކުރުމުގެ މަސައްކަތް ފެށުމުން ޕާޓީގެ ތެރޭގައި ވާދަވެރިކަމެއް އުޅެނީ ކަމަށް ބަލަން ޖެހެ އެވެ. ޕްރައިމަރީ ބާއްވައިފި ނަމަ ކުރިން ވީ ގޮތް ވެދާނެ ކަމަށް ބުނަނީ އުމަރު ޝައުގުވެރިކަން ފާޅުކުރައްވަފާނެތީ ހެއްޔެވެ؟ މިއީ ބޮޑު ސުވާލެކެވެ.

ރިޔާސީ އިންތިހާބަށް ވާދަކުރައްވާނީ ރައީސް ޔާމީންގެ ދެ ދައުރު ފުރިހަމަވުމުން ކަމަށް އުމަރު ވިދާޅުވެފައި ވިޔަސް އެއީ ހާލަތު ބަދަލުވެ އުމަރު ވެސް އެހެން ގޮތެއް ނުނިންމަވާނެ ކަމަށް ގަބޫލުކުރަން ޖެހޭ ސަބަބެއް ނޫނެވެ.

47 ކޮމެންޓް, 148 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 5%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮޅު ބިލިއަން

19 June 2016

އުމަރު ހިތުން އެއިންނަނީ ޒައީމް އާއި އެއް އިރެއްގައި ހެދުނު ޑީލަކަށް ބަރޯސާވެ ވެރިކަމުގެ ރަހަ ކަރުތެރޭ ލައްވައިގެން... މަ ބުނަން އުމަރާ ޔާނު ތިޔަހެން ކަލޯ އަކަށް އުދުހުނަ ނުދޭނެ. 2018 ގެ ކެމްޕޭނަށް އެމް ޑީ ޕީ ކުދިން އެންމެ ބާރަށް ކިޔާނެ އެއްޗަކީ އެއްކަލަ ހުދު ވަލުގަ ހިފައިގެން ހުރެ ޑްރަގޭ، ގޭންގޭ އަޙު ޔާމީނޭ ކިޔައިގެން އުމަރާ ހޮއްލި ހޮޅި ކަމަށް ވާއިރު ޔާނު އުމަރާ ގޮވައިގެން ކެމްޕޭނަކަށް ނިކުންނާނެތަ. އައްދިޔޯއި!! ޔާނު މާ ސްމާރޓް ވާނެ. ހުރޭ ބަލަން ވާގޮތް.

The name is already taken The name is available. Register?

މިނިވަން ޚިޔާލް

18 June 2016

ޢުމަރު ނަސީރަކީ ލަންކާގެ ސިރިސޭނާ އެއްނޫނެވެ. ސިރިސޭނާ އަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް ލަންކާގެ ސިޔާސީ މަޝްރަހުގައި ނަންހިގާ، މީހުންގެ ސަޕޯޓްލިބިފައިވާ މީހެކެވެ. ނަމަވެސް އަޅުގަނޑުސިފަކުރާނީ ޢުމަރު ނަސީރަކީ ސިޔާސީ ފެއިލިއަރ އެއްގެގޮތުގަ. ފުރަތަމަކަމަކީ އަމިއްލަޔަށް އުފެއްދި ސިޔާސީ ޕާޓީ އަމިއްލަޔަށް އުވާލަން ކޯޓަށްގޮސް އެކަމުންވެސް ފޭލްވީ. ދެން ޕީޕީއެމް ގެ ޕަރައިމަރީގަ އެދެއްކިހާ ވާހަކަތަށް ދައްކާފަ މިއަދު އެހެރީ ވަރަބިންދާލާފައިން ދޫންޏެއްގެ މިސާލުގަ ދިންއެއްޗެއްކައިގެން، ބެހެއްޓިހިސާބެއްގަ. އެއްފަހަރު ދުލުންބުނާއެއްޗެއްގެ ސީދާއަނެއްކޮޅަށް ފަހުން ވާހަކަދައްކަނީ. މިއީ ސިޔާސީ މީހުންކަމަށް ބަޔަކަށް ހީވިޔަސް އަސްލު ލީނަޔަކީ އެއްވެސް މިސްރާބެއްނެތް، އެއްގޮތެއްގަ ހިފަހައްޓައިގެން ހުންނަ މީހެއްނޫން. އެހެންނޫނަސް ހަރުގަނޑުހިފައިގެން ސިފައިންގެޔަށް ވަންނަން ރޭވިހިސާބުންފެށިގެން ގާނޫނީގޮޅިޔަކަށްފެތި، މަޅިގަނޑަށް ބާރުވާނީ ކޮންއިރަކުކަންނޭގޭހިސާބުގަ ހުރި މީހެއް. މީހަމަ ބޮޑު ޖޯކެއް.

The name is already taken The name is available. Register?

އަޙްމަދު

18 June 2016

ޢުމަރަށް ރާއްޖެގެ ވެރިކަމަށް އާދެވޭނީ ހުވަފެނަކުން/ދެފުށް ދެގޮތް މީހެއް.ޔާމީނާ ބެހޭ ގޮތުން އޭނާ ދެއްކި ވަހަކަ ތަކުރަރު ކުރަން ނުކެރެނީ ފިނޑިކަމުން.އެހެން ނޫންނަމަ އެކަން ބަލަންވީ ނޫންތ؟އެއީ ބޮޑު އަގައެއް.

The name is already taken The name is available. Register?

ބެޔަސް ނުބެޔަސް

18 June 2016

ކަލޭމެން ލިޔާނެ އެއްޗެއް ނެތިގެން ދޯ ތި އުޅެނީ. ބަލަ ސިރިސޭނާ އުމަރު ކަހަލަ މޮޔަ ގޮވާ މީހެއް ނޫނޭ. އުމަރަކީ ސިޔާސީ ގޮތުން އެއްވެސް އޮއްޓަރެއް ހުރި މީހެެއް ނޫން.

The name is already taken The name is available. Register?

ހުދުފޮތި.

18 June 2016

ރައީސް ޔާމީން އާ ދެކޮޅަށް މައުމޫނު ހުންނަވާނެ ކަމަށް، އަދި މައުމޫނުގެ ބޭފުޅަކު ނެރއްވަފާނެ ކަމަށް ހީކުރެވޭނަމަ ސިޔާސީ މަސްރަޙް މާޒީގެ ތެރެއިން އަދި ދަހެއްނުވޭ. ޕާރޓީން ފީ ހޮވާލުމަށް މައުމޫނު ސިޔާސީ އުކުޅެއް ބޭނުންފުޅު ކުރައްވަފާނެ. ޕި.ޕީ. އެމް.ގެ 2018 ގެ ކެންޑިޑޭޓަކީ ރައީސް ޔާމީން. ޔަޤީން

The name is already taken The name is available. Register?

ޙަސަންދީ

18 June 2016

ނުވެވޭނެ! ފުރަތަމަ ސިރިސޭނާގެ ހުރި ތެދުވެރި ކަމެއްނެތް ސިރިސޭނާގެ ހުރި އިޚްލާސްތެރި ކަމެއް ނެތް، ސިރިސޭނާގެ ހުރި މަޑުމައިތިކަމާއި ރިވެރި އަޚްލާގެއްވެސްނެތް، ސިރިސޭނާގެ ހުރި ކެތްތެރި ކަމެއްވެސް ނެތް ހަމަ އެހެންމެ ސިރިސޭނާގެ ހުރި ވަރާކައިރި ކުރާވަރުގެ ޙިލްމެއްވެސް ނެތް ދެން ކިހިނެތް؟؟،؟؟؟؟؟؟؟؟؟؟؟

The name is already taken The name is available. Register?

ތުއްތޮންބެ

18 June 2016

އުމަރަކީ މިހާރު ރައީސް ޔާމީނުގެ ކޯދޮންނަ ލޯގަނޑެއް. ސިރިސޭނޭ އާ އަޅައިކިޔާނަމަ ސިރިސޭނާ އަކީ އޮޅުދޫ ކަރައިގެ ޖަންގަލީގެ އެތެއް. އުމަރަކީ ޗަކަވަޅު މަދިރިއެއް.

The name is already taken The name is available. Register?

ޢަލީ ޒާހިރު

17 June 2016

ޢުމަރު ހުރީ ނަގޫ ފިތި ފައި .. ކިރިޔާވެސް ކޮޅަކަށް ޖެހިއްޖެއްޔާ އޮތީ ޓެރަރިޒަމްގެ ދައުވާ ..ޔާމީނަށް ހެއްދެވި ނުހެއްދެވިއަށް ގޮވި މީހާ ، ޔާމީނުގެ ސަރުކާރުގައި ޔާމީނުގެ ކުޑަތާ އަޅަކަށް ހަދައިގެން ގެންގުޅޭ ތަން މި ފެންނަނީ ..އެމް.ޑީ.ޕީ ގެ ސަރުކާރެއް އަޔަސް މީނާ ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާން ..

The name is already taken The name is available. Register?

ފާތޭ

17 June 2016

ހުދުވަލެއް ގައިގަ އޮޅައިގެން މީހުންއެއްކޮށްގެން ޔާމީނަކީ ގޭންގުސުޓާރެކޭވެސް އުމަރުބުނި. ދައްކާވާހަކަ އަނެއްދުވަހު ވަދަލްކޮށްލާނެ އެހެންގޮތަކަށް... ހިނދުކޮޅުއަންނަނީކަންނޭގެ،

The name is already taken The name is available. Register?

އުމަރު

17 June 2016

ރައީސް ޔާމީނުގެ ކެބިނެޓުގައިހުރި ހަމައެކަނި ތަސައްރަފް ފުދިފައިވާ މީހަކީ އުމަރު، އަދި އުމަރަކީ ރަައީސް ޔާމީނު ހެއްދެވި ކޮންމެއެއްޗަކަށް އާއެނކޭ ވިދާޅުވާނެ ބޭފުޅެއްނޫން، މިއަދާހަމައަށް އައިއިރު ހުރިހައި އިދިކޮޅު މީހުން ޖަލައްލިއިރު އަދި ރާއްޖެއިން ބޭރަށް ފޮނުވާލިއިރު އުމަރު ބައިވެރިނުވޭ، ރާއްޖޭގައިވެސް ނުއުޅުއްވާ، ދެން ހަމަ ގައިމުވެސް ކުރިން އުމަރު ދެއްކެވި ވާހަކައިގެ ހެއްކާއިއެކު ދެން އުމަރު ވެރިކަމަށް ނިކުންނާނީ އަދި އުމަރުގައިގައި ޔާމީނުއަށް އަތްވެސް ނުލެވޭނެ އެއީ މައުމޫނު ހުންނެވީ އުމަރުގެ އަތުގައި ހިފާފައި، އެހެންކަމުން ސިރިސޭނާއަށް ވުމަކީ އެކަށީގެންވާކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454