ރާއްޖެ އިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންނާ އެކު ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
19 އެޕްރީލް 2017 - 11:21
ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަށް ބޭރުގެ ބޮޑެތި އެހީ ބޭނުންވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންނާ އެކު ބާއްވާ މަހާސިންތާ ފެށުމަށް ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ އަށް ހަލުވިކަމާ އެކު ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކުޑަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފައި އޮތްއިރު، ރާއްޖެ އަށް ލިބޭ އިނާޔަތްތައް ލިބެމުން ނުދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، ގޮންޖެހުންތަކާ އެކުގައި ވިޔަސް ރާއްޖެ އަށް އިތުރު އިނާޔަތްތަކެއް ލިބޭނެ ގޮތްތަކާ މެދު ސަފީރުން މަޝްވަރާ ކުރެއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް މި ވަގުތު ބޭނުންވަނީ ކުރިން ލިބިފައި ހުރި ކޮންސެޝަން [އިނާޔަތްތައް] އަނބުރާ ގެނެވޭނެ ގޮތްތަކަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ކުރުން،" ރައީސް ވިދާޅުވި އެވެ.
"އިގްތިސާދީ ފައިދާ ލިބެން އޮތް ގޮތަކަށް އިގްތިސާދީ ފައިދާ ހޯދަން މަސައްކަތްކުރަން ވާނެ."
ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ އެހީތައް ހޯދޭނެ އެއްގޮތަކީ ރާއްޖެ އަށް ތިމާވެށީގެ ގޮތުން ދިމާވެފައި އޮތް ނާޒުކު ހާލަތު ހާމަކޮށްދީގެންނެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ އެހީ އިތުރަށް ބޭނުންވާ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވަށައި ތޮށިލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު ވެސް 19،000 ކިލޯމީޓުގެ ބޭރު ތޮށި ވަނީ ލެވިފައި. ދުނިޔޭގެ އެއްވެސް ތަނެއްގައި އޮތްވަރެއް ނޫން މިއީ. މިކަން ކުރުމަކީ އަޅުގަނޑުމެންގެ ދައުލަތަށް ކުޅަދާނަ ކަމެއް ނޫން. އެހެންވީމަ އެންމެ ފަސޭހަ ހައްލެއް އަންނާނެ ކަމަށް ގަބޫލުކުރެވެނީ އެއް ފަސް ކުރެވިގެން،" ހުޅުމާލޭގައި އިމާރާތްކުރަން ނިންމާފައިވާ ބައެއް ފްލެޓްތަކުން މިސާލު ނަންގަވަމުން ރައީސް ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންނާ އެކު ރައީސް ޔާމީނާއި ފޮރިން މިނިސްޓަރު ޑރ. އާސިމް މިއަދު ފޮޓޯފުޅެއް ނަންގަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
"އަޅުގަނޑުމެން އޮންނާނީ މި ސަބަބުތައް ބަޔާންކޮށްދީ ޖަޕާން ސަރުކާރަށް ހުށަހަޅާފައި. އަޅުގަނޑުމެން ބޭނުންވޭ މިކަންކަމަށް ބޭނުންވާ ފައިސާ ލޯ ކޮސްޓްގައި ލިބިގެން ދިއުން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން 100 ޕަސެންޓު ފައިސާ ލިބިދާނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެއަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައި ތިބި ބަޔަކު ދިރިއުޅޭ "ހާއްޔެއް" ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދާރީވެ، ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަކީ މެދުމިނުގެ ސިޔާސަތު ގެންގުޅޭ ގައުމެއް ކަމާއި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތް ކުރާ ގައުމެއްކަން ހާމަކޮށްދެއްވުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.
"ޓޫރިޒަމްގެ އެންމެ ހިތްގައިމު މަންޒިލަކަށްވާއިރު، މިއީ މޮޑެރޭޓް އިސްލާމީ ދައުލަތެއް. މިއީކީ އެއްވެސް ކަހަލަ ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކަށް ޖާގަދޭނެ ދައުލަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމްގެ ދާއިރާގައި އިންވެސްޓް ކުރަން ބޭރުގެ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ދިވެހިންނަށް ލިބޭ ހައްގުތައް ބިދޭސީންނަށް ވެސް މި ދާއިރާ އިން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭރުގެ ފަރާތްތަކަށް ޓޫރިޒަމް ދާއިރާ ހުޅުވާލެވިފައި އޮތީ އިސްތިސްނާއެއް ނެތި ކަމަށް ރައީސް ވިދާޅުވި އެވެ. ދާދި އަވަހަށް ޗައިނާ އާ އެކު ފްރީ ޓްރޭޑް އެގްރީމަންޓެއްގައި ސޮއިކޮށް ނިމުމަކީ ރާއްޖޭގެ ސިޔާސަތު ހުޅުވިފައި އޮތް މިންވަރު ދައްކައިދޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އިންވެސްޓްމަންޓްތައް ގެނައުމާ ގުޅޭ ގޮތުން ދިވެހި ސަފީރުން ގޮތްތަކެއް ހޯއްދަވަން ޖެހެ އެވެ. އަދި ރާއްޖެއަކީ ޒަމާނީ ޑިމޮކްރަސީއެއް އަށަގެންނެވުމަށް މަސައްކަތް ކުރަމުން އަންނަ ދައުލަތެއްކަން ހާމަކޮށްދޭން ޖެހޭ ކަމަށާއި ރާއްޖެ އަށް އަމާޒުވާ ކަންކަމުގައި ރައްދު ދެވޭނީ މިފަދަ ގޮތަކަށް ހިޔާލު ގެންގުޅެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ހުރިހާ ދައުލަތެއްގައި މައްސަލަ ހުންނާނެ. ދިވެހި ދައުލަތަށް އޮތް ގޮންޖެހުމަކީ ފޮތްތަކުގައި ހުންނަ ކަންކަން ދަސްކުރަން ކުރާ މަސައްކަތް. މި ސަރުކާރަކީ ކަންތައްތަކަށް ތަބާވާ ގައުމެއް،" ރައީސް ވިދާޅުވި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަހާސިންތާއަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން، ބޭރުގެ ގައުމުތަކަށް އައްޔަންކޮށްފައިވާ ދިވެހި ސަފީރުންނާ އެކު މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓްރީން ބާއްވާ ބޮޑު މަހާސިންތާ އެކެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ބޭރުގެ އެމްބަސީތަކާ މެދު ގުޅުން ބަދަހިކޮށް ހާރިޖީ ސިޔާސަތުތަކާއި ސަރުކާރުގެ ނިންމުންތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ އެވެ. ބޭރުގެ ސަފީރުންނާއެކު ފޮރިން މިނިސްޓްރީން އެންމެ ފަހުން ބައްދަލުވުމެއް ބޭއްވީ މީގެ ދިހަ އަހަރު ކުރިން 2010 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ.
26 November 2017
އާދޭސް ކޮއްފަބުނަން ރިސޯޓު ހިއްސާކޮބާ މަގޭވޯޓު ފޭރުނީ ދޮގާމަކަރުން .
ޢަބްދުﷲނާފިޒު
20 April 2017
ބޮޑެތި އެހީތައް ބޭނުމޭ ކިޔައިގެން ހޯދާހާ އެހީއަށް ވާގޮތެއް ނޭގެ، ރައްޔިތުން ލޮލުގަ އަނދުންއަޅުވަން ކޮންމެ ރަށެއްގަ ބަށިކޯޓަކާ ފުޓްސަލްދަނޑެއް އެޅީމަ ނިމުނީ، ދެން ހުރި އެއްޗެއް ހުދުކާފޫރަށް ވާހެންވަނީ.
ހޭމަ / ސޭފް އައިލޭންޑް ، ސްނާމީ ޒޯން
19 April 2017
ކަލޯ އަންނަމަހު ސިވިލްސާވިސް މުވައްޒިފުންގެ މުސާރައިގެ ކަންތައް ހަމަޖައްސާނެ މީހަކުވެއްޖެތޯ ؟؟
މީހެއް
19 April 2017
ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންކަނޑާލީމަ އެޤައުމުތަކުން ދެން ފައިސާއެއް ނުދޭނެ......
Maldives
19 April 2017
ރާއްޖެއަށްބޭރުގެ އެހީއެއްލިބެންއޮތީ ވެރިކަންބަދަލްވީދުވަހަކުން.
އަލީ
19 April 2017
އެހީ ބޭނުންވީމާ ބޭރުގެ މީހުން ކައިރިއަށް. ބަސްނާހާ ބުނާ ގޮތް ނުހަދާ ޖަންގަލީގެ ގާނޫނު ހިންގަންވީމާ މިއީ ބޭރު މީހުންނާއި ބެހޭ ގައުމެއް ނޫން. މޮޅު!
ފުނޯސް
19 April 2017
ކާކު ދެނީ. ބޭނުން ވިޔަސް ދޭނެ މީހެއް އެބަހުރިބާ؟ އިންވެސްޓަރުންނަށް އޮތީ ކޮން އިތުބާރެއްބާ. ބައިނަލްއަގުވާމީ ކޯޓުތަކުން ނިންމާ ނިންމުންތައް އަޑެއްނާހާ. އެއަކަށް އިހުތިރާމެއް ނުކުރޭ. ހަދަނީ ހަދާނެއެއްޗެއް.
މެންޓަލިސްޓް
19 April 2017
ރައީސްޔާމިންއަށް ވަރަށް ސަލާމް ،،، ބޭފުޅާއަމިއްލައަށް ނޫންތޯ ކޮަމަންވެލްތް އިން ވަކިވީ ،،، އެއީވެސް ދުނިޔޭގައި އޮތް ކޮންމެވެސް ފައިދާތަކެށް ކުރާ ޖަމިއްޔާއެއް ،،،، އަދި އީޔޫއާޢި އެހެނިހެން ގައުމުތަކާއި ޖެހިގަނެގެން ތިޔައުޅެނީ އަމިއްލަޔަށްނޫންތޯ ؟؟ މަނިކްފާންހީއްކުރީ ޗައިނާއަކީ މާރަގަޅުބައެއްކަމަށްދެއްތޯ ؟ އެމީޙުންގެ ނުހުންނާނެ ކިރިޔާވެސް އިންސާނިއްޔަތުކަމެށް ،، އެއީ އެމީޙުންގެ ބޮޑުބަޔަކީ އެހެން ކަންތަށްތަކެށް ގަބޫލްކޮއްގެން އުޅޭބައެއް ،،، ދެންއޮތީ ސައޫދީ އެރޭބިޔާ ،، ،ޝާހީ އާޢިލާއިން މިހާރު ކުރަން އެއްބަސްވި އިންވެސްޓްމަންޓްއެއް ދެނެއްނުކުރާނެ ،،، އެކަންއެއޮތީ ނިމިފައި ،،، ދެން ތިޔަހައްދަވާ ބޮޑެތި އިމާރާތްތަކުންވެސް ކޮމިޝަންގެ ގޮތުގައި ނަގާބައި ތަންހަދަންދާވަރަށްވުރެންބޮޑު ،،، ސަރުކާރު އޮޓޮމޭޝަން ޕްރޮޖެކްޓްވެސް ޗައިނާބޭންކަކުން 100މ ޑޮލަރުހޯދައިގެން ކުރަންނިންމާ އެންމެފަހުން އޭގެ ކޮމިޝަންއަށް %50 ދޭންބުނެގެން އެކަންވެސް އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ނޫންތޯ ވަދެގެންދިއައީ ،،،، ވީމާ މަނިކުފާނުގެ ތިޔަ ކޮމިޝަންޕްލިސީން ވަނީގެއްލުން ،،، ގައުމު ތަރައްގީވާކަށްނެތް ،،، މަނިކުފާނުގެ ޒައާމަތުގައި ދައުލަތުގެ ޙަޒާނާ ހުސްވީ ،،،، ވަރަށްވެދުން
ބަލާ މީހެއް
19 April 2017
"މިއީކީ އެއްވެސް ކަހަލަ ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކަށް ޖާގަދޭނެ ދައުލަތެއް ނޫން،" ރައީސް ވިދާޅުވި އެވެ." ސުވާލު: އިސްލާމީ ދައުލަތެއްގެ ސަރުކާރުގައި ހުންނަން ޖެހޭ ސިފަތައް ދައުލަތް ހިންގުމުގާޔާއި އަދުލު އިންސާފުގައި ގެނެސްދެއްވުން އަޅުގަނޑު މަނުކުފަނުގެ ކިބައިން އެދެން : މިސިޔާސަތުތަކާއި ސަރުކާރު ހިންގުން ނުގުޅޭކަމަށް އެންމެން އެބުނަނީ : އެސިފަތަކާ ގުޅޭނަމަކާ ސިޔާސީމީހުންނެއް ސަރުކާރު އިސްލާކުރުމުގެ ނަމުގައި ނުވަތަ ޒިންމާކުރުވުމުގެ ނަމުގައި ނުނިކުންނާނެ :
މޯޑް
19 April 2017
ތިމާވެށި ރައްކާތެރިކުރާށޭ ކިޔައިގެން ހޯދާ ލާރިވެސް ފޯމްފުރާމީހުންނަށް ބަހާ ހުސްކުރަނީ. ރާއްޖޭގެ ޤުދުރަތީ ރީތިކަން ހިމާޔަތްކުރެވޭނެ އެއްވެސް ސިޔާސަތެއްނެތް. ފަރުތަކާ، ރީތި ގޮޑުދޮއްތައް އެއޮއްގެންދަނީ ތަރައްޤީއޭ ކިޔައިގެން ވޯޓް ހޯދަން ހަލާކު ކުރަމުން. ގްރީން ޓެކްސްއިން ލިބޭ ގިނަ ފައިސާތައްވެސް އެހެންކަންކަމަށް އެއޮއްގެންދަނީ ހުސްކުރަމުން. ރައްޔިތުން ހާލުގައި ޖައްސާ ބުރަމަސައްކަތުން ހޯދާ ލާރިކޮޅު ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި އެއްގޮތަކުންނުވިއްޔާ އަނެއްގޮތަކުން އަތުލައިގެން އެގެންދަނީ ސިޔާސީ މީހުންނަށް ވަޒީފާދީ ހުސްކުރަމުން. ސުބުހާނަﷲ