ޔާމީން މަރާލާފައި އޮތް ގޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 އެޕްރީލް 2017 - 14:56
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދަށް ހަމަލާދީ މަރާލުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑިއާއަށް ދިން ހަމަލާއެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޔާމީން، 29، މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ. އޭނާގެ ގައިގެ 14 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެ އެވެ.
ޔާމީނަށް ދިން ހަމަލާ ކުށްވެރިކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދިވެހި ޒުވާނަކަށް އެފަދަ އަނިޔާވެރިކަމެއް ދިމާވުމުން އިންތިހާއަށް ހިތާމަކުރާ ކަމަށެވެ. އަދި ޔާމީންގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިއާއަށް ލިބުނު އުނިކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.
"..ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން، މި ފުރުސަތުގައި ވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ސަރުކާރުން ބުނީ ޔާމީނަށް ހަމަލާދިން މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަން ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށެވެ.
އެފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ފުލުހުންގެ އޮޕަރޭޓިން ޕްރޮސީޖާ މުތާލިއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެއީ، ސަރުކާރުން ބުނި ގޮތުގައި، ނޫސްވެރިންނަށާއި އާއްމުންނަށް ލިބޭ އިންޒާރުތަކަށް އަވަސް ފިޔަވަޅެއް އެޅުމުގެ ގޮތުންނެވެ.
ޔާމީން މަރާލި އިރު އޭނާ އަށް ވަނީ އެތައް އިންޒާރެއް ލިބިފަ އެވެ. އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި އެވެ. ފުލުހުން ބުނާ ގޮތުގައި ޔާމީނަށް އިންޒާރު ދިން ބަޔަކާ ސުވާލު ވެސް ކުރި އެވެ. އެކަމަކު އެޅީ ކޮން ފިޔަވަޅެއް ކަމެއް ނުބުނެ އެވެ.
ޔާމީނަކީ "ދަ ޑެއިލީ ޕެނިކް"ގެ ނަމުގައި ބްލޮގެއް، އިނގިރޭސި ބަހުން ލިޔަމުން އައި ޒުވާނެކެވެ. ރާއްޖޭގެ ސިޔާސީ އަދި ދީނީ ހަރުކަށި ކަމާ ބެހޭ ގޮތުން ވެސް އޭނާ ފާޑު ކިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާގޯށި
24 April 2017
ރާއްޖޭގައި މީޑިޔާގެ މިނިވަންކަން މި ފަހަކުން ވަނީ ިނގުޅައިގެންފަ
ކުރިކީލަ
24 April 2017
ރާއްޖޭގަ އެންމެ ނުރައްކާތެރި ބަޔަކީ ޕޮލިޓީޝަނުން. އެއަށްފަހު ގޭންގްތައް، ދެން ޑިޕްރެޝަންގެ ބަލި ކުރިމަތިވެފައިވާ މީހުން. އެންމެ މޮޔައީ ރައްޔިތުން، ސަބަބަކީ ކުރިން މިބުނި އެއްވެސް ކަމެއް ގަބޫލު ނުކޮށް ޕޮލިޓީޝަނުން ޖަހާހާ ބެރަކަށް ނަށާތީ.
ލޮލީތާ
24 April 2017
ވ ހަބޭސް ހަގީގަތެއް
އިންޓެލް
24 April 2017
ކޮބައިތޯ އެއޮއް އަންނަހާރިޕޯޓުތައް....؟!
ޢަބްދުﷲނާފިޒު
23 April 2017
ތިޔަބުނާ ޔަޤީންކަމެއް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަ އަރުވަ އޮއްވާ، ކިތައްމީހުން މަރާފިތޯ؟ އެކަމަކު އެކަމެއް ކުރި މީހަކަށް މިހާތަނަށް އަދަބެއް ދެވި ހުކުމެއް ތަންފީޒު ކުރެވިއްޖެތޯ؟ އެކަމަކު ހަމަ ޔަޤީންކަން އަރުވަނީ ދެއްތޮ، އަހުންނަށް ރަނގަޅީ ތިޔަ ޔަޤީންކަން ނޭރުވިއްޔާ، ވަރަށް ސަލާމް.
ކަމަނަ
23 April 2017
މީޑިއާއަށް މިހާތަނަށް ދިން އެންމެ ބޮޑު ޙަމަލާއަކީ އަބުރުގެ ޤާނޫން. އެއަށްވުރެ ވަކިން ބޮޑު ޙަމަލާއެއް، އަނިޔާއެއް، ޖަރީމާ، އަދި ޖެއްސުމެއްވިޔަސް ކޮށްފއެއް ނުވޭ.
މީރާއްޖެ
23 April 2017
ފުލުހުންނަކަށް، ސަރުކާރަކަށް އަދި ކޯޓުތަކަކަށް ރައްޔިތުންގެ އިތުބާރެއް ނެތް! އަދިކޮބާ ސަރުކާރު ހިންގާ ޕާޓީގެ ތާއިދެއްވެސް ސަރުކާރަކަށް ނެތް! އިންސާފު ހޯދޭނީ ރައްޔިތުންނަށް!
ހާ
23 April 2017
މި ނުބައި ކަންތައް ހިނގިތާ މިހާރު 15 ގަޑިއުރަށް ވުރެއް ގިނަ ވަގުތު ހޭދަވެއްޖެ. ޝައްކު ކުރެވޭ މީހަކު ހައްޔަރެއް ނުކުރޭ. ފުލުހުން ޕްރެސް ކޮންފްރަންސް އެއް ނުބާއްވާ...! ކިހިނެއް މިހަދަނީ؟ މުޅި ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖް ގެއްލުނީތޯ ؟ ނުވަތަ ނަގާލީތޯ ؟ ނުވަތަ އަދި އެކަންކުރަން ވެރިފަރާތްތަކުން ހުއްދަ ނުދީގެން އުޅެނީތޯ ؟ މިސުވާލުތަކަށް އަވަސް އަވަސް ޖަވާބު ބޭނުންވޭ...!
އިސްލާހު
23 April 2017
މީޑިޔާ އަށް މިޤައުމުގައި ޙަމަލާ ދޭ އާންމުން ހަމަ ގިނައީއެވެ.
ބިންބި
23 April 2017
އަޅުގަނޑު ސަރުކާރު ދަތުރެއްގައި އަތޮޅުތެރޭގައި އުޅެމިކޮށް ކޮންމެވެސް ބޭފުޅަކު މަރުގެ އިންޒާރު ދިން، އެ މައްސަލަ ޕޮލިހައް ހުށަހެޅި ފަހުން ގައިމު ދެއަހަރު ޚަބަރެއްނުވޭ. މިހާރު އެ ބޭފުޅަކީ ވެރިކަން ހިންގާ ޕާޓިގެ އިސްބޭފުޅެއް. ނަތިން މަޗް ޓު ސޭ. ޕްރޮފެޝަނަލިޒަމް ގެ އެންމެ މަތީ ދަރަޖަ.
ފެންޑާ
23 April 2017
ވަރަށްކަޑަ ތީތި....ތި ސްޓަންޓް ޤަބޫލްކުރާނެ ރައްޔިތެއް މިޤައުމަކު ނެތް...