މި އަހަރުގެ މުލަރޯދަ ދުވަހު މާލޭގެ ލޯކަލް މާރުކޭޓުން މީހަކު ބާޒާރު ކުރުމަށް ފަހު، ފައިސާ ދައްކަނީ.--- މިހާރު ފޮޓޯ: ނިޝާން އަލީ
29 މެއި 2017 - 07:18
ކީރިތި ރަސޫލާ މި އުންމަތަށް ދޫކުރެއްވި ތަރިކައިގެ ތެރެއިން އެންމެ އަގުބޮޑު އެކައްޗަކީ އަޅުގަނޑުމެންނަށް ކުރެއްވެވި ވަޞިއްޔަތްޕުޅުތަކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ މައިދާނަކަށް އެކަލޭގެފާނު ވަނީ އަލިކަން ދެއްވަވައިފަ އެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި އެންމެ ފަސޭހަ އިން ޣާފިލުވެގެންދާނޭ ކަންކަމާ މެދު އަޅުގަނޑުމެން ސަމާލު ކުރުވި އެވެ. ހަމަ އެފަދައިން އެ ޣާފިލުކަމުގެ ތެރެއިން މިންޖުވެވޭނޭ މަގު ދެއްކެވި އެވެ.
އޭގެ ތެރެއިން އެއް މަގަކީ ޞަދަޤާތް ކުރުމެވެ. އެއީ ބަދަލުގައި އެހެން އެއްޗެއް ނުވަތަ އެހެން ކަމެއް ލިބުމުގެ އެއްވެސް އެދުމެއް ނުވަތަ ދަހިވެތިކަމެއް ނެތި، ތިމާގެ އަތުގައިވާ މުދަލަކުން އަނެކާ އަށް ހޭދަ ކުރުމެވެ. އެ މުދަލުގެ ބޭނުންތެރިކަން ތިމާ އަށް ޖެހިފައިވާ ހިނދު ވެސް، ތިމާގެ އަޚާގެ ބޭނުމަކަށްޓަކައި އެ މުދަލެއް އެ އަޚާ އަށް ދޫކޮށްލުމުގެ މަތިވެރިކަން ވަކިން ބޮޑެވެ.
ތިމާގެ މުދަލުން ކުރާ ހޭދައިގެ ބަދަލެއްގެ ގޮތުގައި ތިމާ އެދެންވީ ހަމައެކަނި ﷲގެ ރުއްސެވުމަށެވެ. ސުވަރުގޭގެ މަތިވެރި ނިއުމަތްތަކަށެވެ. ﷲގެ ހަޒްރަތުގައި ހުރި ދަރުމަ އާއި ސަވާބަށެވެ. އެއަށް މި ކިޔަނީ ﷲގެ މަގުގައި ކުރާ ހޭދަ އެވެ. ﷲގެ މަގުގައި ޞަދަޤާތް ކުރުމެވެ. އެއީ އެ ހޭދައިގެ ނުވަތަ ޞާދަޤާތުގެ ބަދަލުގައި ﷲގެ ދަރުމަ އާއި ސަވާބު ނޫން އެހެން އެއްޗެއްގެ އެދުމެއް އޭނާގެ ހިތުގައި ނުވާތީ އެވެ.
އިންސާނާ ދުނިޔެ ދޫކޮށް ނުކުތުމާ އެކު، ދުނިޔަވީ ޙަޔާތާއި އެ އިންސާނާއާ ދެމެދުގެ ހުރިހާ ގުޅުމެއް ކެނޑިގެންދެ އެވެ. ނަމަވެސް ތިން ކަމަކުން އޭނާ އާއި މި ދުނިޔެއާ ދެމެދު ގުޅުން ނުކެނޑި އޮވެ އެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ކަމަކީ، ދެމިގެންދާ ގޮތުގައި އޭނާ ކޮށްފައިވާ ޞަދާޤާތެކެވެ.
އެހެންކަމުން ޞަދަޤާތަކީ، އިންސާނާ މަރުވުމަށް ފަހުގައި ވެސް އޭނާ އަށް ފައިދާ ކުރަނިވި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ޞަދަޤާތަކީ އޭނާގެ އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
އިސްލާމީ މަރުކަޒުގައި ކުޑަކުއްޖަކާއި އޭނާގެ ބެލެނިވެރިޔާ ގުރުއާން ކިޔަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
އައްތިރްމިޒީ ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެ އެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ؛ ރޯދަ އަކީ އައްޑަނައެކެވެ. ފެނުން އަލިފާން ނިއްވައިލާ ފަދައިން، ޞަދަޤާތުން ފާފަތައް ފުހެލަ އެވެ.
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ފާފަ ކުރެވޭ މީހެކެވެ. ބައެއް މީހުން ވަރަށް މަދުންނެވެ. ބައެއް މީހުން ވަރަށް ގިނައިންނެވެ. ގިނަ ފަހަރަށް އޮންނަނީ އެ ފާފަތަކުން ތައުބާ ވުމަށް ސަމާލު ނުވެވި އެވެ.
އެހެންކަމުން ދުނިޔަވީ ޙަޔާތުގައި، ﷲގެ ދަރުމަ އާއި ޘަވާބަށް އެދިގެން ތިމާގެ މުދަލުން ޞަދަޤާތެއް ކޮށްފައިވާ ނަމަ، އެ ޞަދަޤާތުގެ ސަބަބުން އެ މީހެއްގެ ފާފަތައް ފުހެވިގެން ދާނެ އެވެ. ނަމަވެސް އެއީ ކަންދެއްކުމުގެ ގޮތުން ނުވަތަ ބަދަލުގައި ކޮންމެވެސް އެހެން ކަމެއް އެދިގެން ކުރާ ޞަދަޤާތެއް ކަމުގައި ނުވާ ނަމަ އެވެ.
އަލްއިމާމް އައްޠަބަރާނީ އާއި އަލްބައިހަޤީ ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެ އެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ؛ ހަމަކަށަވަރުން ޞަދަޤާތަކީ، އެމީހާގެ ކައްވަޅުގެ ހޫނުކަމުން ސަލާމަތް ކޮށްދޭނޭ ކަމެކެވެ. އަދި ހަމަ ކަށަވަރުން މުއުމިނުން، އެބައިމީހުން ކުރި ޞަދަޤާތުގެ ހިޔަލުން ޤިޔާމަތް ދުވަހުގައި ހިޔާވަހިކަން ލިބިގަންނާނެ އެވެ.
މައިމޫނާ ބިންތި ސަޢުދުގެ އަރިހުން ރިވާވެގެންވެ އެވެ. އަހުރެން ދެންނެވީމެވެ؛ އޭ ﷲގެ ރަސޫލާ އެވެ! ޞަދަޤާތުގެ މާތްކަމާއި މަތިވެރިކަން އަހުރެންނަށް ބަޔާން ކޮށްދެއްވަ ބައްލަވާށެވެ! އެ ކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ؛ އެއީ، ﷲގެ ރުއްސެވުމާއި ފުއްސެވުން އެދިގެން އަދި ﷲގެ ވަޖްހުފުޅު އަދައިގެން ޞަދަޤާތް ކުރާ މީހުންނާއި އަލިފާނާ (އެބަހީ؛ ނަރަކައިގެ ޢަޛާބު) ދެމެދުގައި ލެވިގެންވާ ފަރުދާއެކެވެ.
އަބީ ޛައްރުގެ އަރިހުން ރިވާވެގެންވެ އެވެ؛ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި އެވެ؛ ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް ދަންނަވާ ކޮންމެ ސަލާމެއް އެއީ ތިޔަބައިމީހުން ކުރާ ޞަދަޤާތެއް ކަމުގައި ވެގެންދެ އެވެ. ކޮންމެ ތަސްބީޙައަކީ ޞަދަޤާތެކެވެ. ކޮންމެ ތަޙްމީދަކީ (ޙަމްދު ކުރުން) ޞަދަޤާތެކެވެ. ކޮންމެ ތަހުލީލަކީ (لا إله إلا الله ކިޔުން) ޞަދަޤާތެކެވެ. ކޮންމެ ތަކްބީރަކީ (ﷲ އަކްބަރު ކިޔުން) ޞަދަޤާތެކެވެ. ހެޔޮ ކަންކަމަށް އަމުރު ކުރުމަކީ ޞަދަޤާތެކެވެ. މުންކަރާތްތައް މަނާ ކުރުމަކީ ޞަދަޤާތެކެވެ. (މުސްލިމް، އައް ނަސާއީ)
ޞަދަޤާތަކީ މިހާ މުހިންމު ކަމަކަށްވާ އިރު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ޞަދަޤާތް ކުރާނީ ކޮން އެއްޗަކުން ހެއްޔެވެ؟ ޞަދަޤާތަކަށް ވާނީ ކޮން ކަމެއް ހެއްޔެވެ؟
ކީރިތި ޤުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 92 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފަައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ؛ "ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަ ކޮށްފުމަށް ދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، ﷲ އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ."
އެހެންވީމާ ޞަދަޤާތެއްގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ކުރާނީ، ތިމާ ޞަދަޤާތް ކުރާ އެއްޗަކީ ބޭނުން ނެތިގެން އެއްލައިލާ އެއްޗަކަށް ވުމުގެ ބަދަލުގައި، ތިމާ ވެސް އެއަށް ބޭނުންވާ އެއްޗެއް ކަމުގައި ވުމެވެ. ލައި ބާވެގެން އެއްލައިލަން ޖެހިފައިވާ ހެދުމެއް މީހަކަށް ދިނުމަށް ވުރެ، ރަނގަޅު އައު ހެދުމެއް މީހަކަށް ދިނުމުން ލިބޭ ދަރުމަ އާއި ސަވާބު އިތުރުވެގެންވާނެ އެވެ.
އިސްލާމީ މަރުކަޒުގައި ކުޑަކުއްޖަކާއި އޭނާގެ ބެލެނިވެރިޔާ ގުރުއާން ކިޔަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
ޞަދަޤާތް ކުރާއިރު، ތިމާގެ ހިތް ނިޔަތް އޮންނަންވީ ގޮތް ބަޔާން ކުރައްވައި ސޫރަތުލް އިންސާންގެ 8، 9 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ؛ "އަދި (ﷲގެ ހެޔޮލަފާ އަޅުން) އެ ތަކެއްޗަށް ލޯބި ހުރުމާއެކު ވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲގެ ވަޖްހުފުޅަށްޓަކަ އެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއް ވެސް ތިމަންމެން ނޭދެމުއެވެ."
ޞަދަޤާތެއް ކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ކަންދެއްކުމަށް ނުވަތަ، ތިމާއަކީ މާ ދީލަތި މީހެކޭ އެހެން މީހުންގެ ދުލުން ބުނުވުމުގެ ގަސްދެއް ނެތި އެ ކަން ކުރުމެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ﷲގެ ޢަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި (އެބަހީ؛ ޤިޔާމަތް ދުވަހުން) ﷲ އެ ކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނޭ ހަތް ބަޔަކު ވެއެވެ. އޭގެ ތެރެއިން އެއް ބަޔަކީ، ޞަދަޤާތް ކުރާ އިރު، ކަނާތުން ކުރާ ޞަދަޤާތް ވާތަށް ވެސް ނޭނގޭހާ ސިއްރުން ޞަދަޤާތް ކުރާ މީހުންނެވެ.
ސިއްރާއި ފާޅުގައި ވެސް ޞަދަޤާތް ކުރުމަކީ މުހިންމު އަދި ރަނގަޅު ކަމެކެވެ. ނަމަވެސް ސިއްރުން ކުރާ ޞަދަޤާތުގެ ހެޔޮކަން މާ ބޮޑެވެ. ސޫރަތުލް ބަޤަރާގެ 271 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ؛ "(ވާޖިބު ނޫން) ޞަދަޤާތްތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ ޞަދަޤާތްތައް ފަޤީރުންނަށް ދެނީ ނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ."
ކީރިތި މާތް ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތުގައި ޞަދާޤާތް ކުރުމަކީ ދުނިޔެ އާއި އާޚިރަތުގައި ވެސް ވަރަށް ގިނަ މަންފާތައް ލިބޭނެ ކަމެކެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމީ އާޚިރަތުގައި ލިބެން ހުރި މަންފާތަކެވެ.
ޞަދަޤާތުގެ އެންމެ މުހިންމު އެއް ފައިދާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކޯފާ އިން ސަލާމަތްކަން ލިބިގެން ދިޔުމެވެ. އަނެއް ފައިދާއަކީ އެ މީހެއްގެ ކުށް ފާފަތައް ފުހެވިގެންދާ ކަމެއް ކަމުގައި ޞަދަޤާތް ހިމެނިފައިވުމެވެ. އަދި އަނެއް ފައިދާއަކީ ޞަދަޤާތުގެ ސަބަބުން ނަރަކައިގެ އަޒާބުން މިންޖުވުމެވެ.
ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ކަމަށް ބުޚާރީ އާއި މުސްލިމްގައިވެ އެވެ؛ ކަދުރެއްގެ ފަޅިވަރަކުން ޞަދަޤާތް ކޮށްގެން ވިޔަސް ނަރަކައިގެ އަޒާބުން މިންޖުވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ!
އެހެންކަމުން ޞަދަޤާތް ކުރުމަކީ ނަރަކައިގެ އަޒާބުން މިންޖު ކޮށްދޭ ކަމެކެވެ. ހަމަ އެފަދައިން ޞަދަޤާތް ކުރުމަކީ ހަށިގަނޑުގެ އެތައް ބައްޔަކަށް ލިބިގެންވާ ޝިފާއެއް ކަމުގައި ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވެ އެވެ.
މީގެ އިތުރުން ޞަދަޤާތް ކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ކޮންމެ ޙާލަތެއްގައި ވެސް ކުރެވިދާނެ ކަމެކެވެ. ޞަދަޤާތް ކުރުމަށްޓަކައި ތިމާއަކީ ބޮޑު މުއްސަންޖަކަށް ނުވަތަ މަހުޖަނަކަށް ވާކަށް ނުޖެހެ އެވެ. ތިމާގެ ދުލުން ބުނެލާ ހެޔޮ ބަހަކުން ނުވަތަ އަނެކާ އަށްޓަކައި ވެވޭ ހިނިތުންވުމަކުން ވެސް ޞަދަޤާތެއް ކުރެވިދާނެ އެވެ.
ޞަދަޤާތް ކުރުމަކީ ނަފްސާނީ ހިތްހަމަޖެހުމާއި އުފާވެރިކަމަށް މަގު ފަހިކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެ އެވެ؛ "ތިބާގެ ހިތް މަޑުމޮޅިވާން އެދޭ ނަމަ، ފަހެ މިސްކީނުންނަށް ކާންދޭށެވެ! (އެބަހީ؛ ޞަދަޤާތް ކުރާށެވެ!) އަދި ޔަތީމުންގެ ބޮލުގައި ފިރުމާށެވެ! (އެބަހީ؛ ޔަތީމުންނަށް އޯގާތެރިވެ އެހީތެރިވާށެވެ!)"
އެހެންވީމާ އަޅުގަނޑުމެންގެ ވަށައިގެން މިވާ މާހައުލު ފުރިގެންވަނީ ސަދަގާތްތަކުންނެވެ. ތިމާގެ ކޮންމެ ގުނަވަނަކުން ވެސް ޞަދަޤާތް ކުރެވިދާނެ އެވެ. ކިތަންމެ މުއްސަންޖަކަށް ވެސް އަދި ފަޤީރަކަށް ވެސް ޞަދަޤާތް ކުރެވިދާނެ އެވެ. ސިއްރާއި ފާޅުގައި ވެސް ޞަދަޤާތް ކުރެވިދާނެ އެވެ. ބޭނުންވަނީ އެކަމަށް ފެށުމެވެ. މިއީ އެ ކަމަށް އެންމެ އެކަށީގެންވާ މޫސުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
29 May 2017
މާޝާ ﷲ.
މާނަވީ
29 May 2017
ވަރަށް ޢިބުރަތުން ފުރިގެންވާ ލިޔުމެއް. އަޙްމަދުމެންގެ މިފަދަ ލިޔުންތައް ގިނަކުރެއްވުން އެދެން. މީހުންގު ޚުލުޤު ރަނގަޅުވާނެ ދީނާ ގާތްވާނެ މުންކަރާތްތަކާ ދުރުވާނެ އެކަކު އަނެކަކާ އަޅައިލާނެ މިފަދަ ލިޔުންތަކުން އަޙްމަދަށްވެސް ޞަދަޤާތަކަށްވާނެެއެވެ. ޝުކުރިއްޔާ އަޙްމަދު
ހާހީ
29 May 2017
ވަރަށް ހެޔޮ ރަނގަޅު ވާހަކަ ކޮޅެކެވެ. ގުރުއާނާއި ސުއްނަތުން ދަލީލު ހުށަހަޅަމުން ގެނަސްދީފައިވާ އަގުހުރި މިވާހަކަ ކިޔާނީ ކިތައް މީހުންބާއޭ އަދި މިއަށް އަމަލުކުރާނީ ކިތައްމީހުންބާއޭ ހިތަށް އަރައެވެ. މިއަދު ދިވެހިން މާއްދިއްޔަތަށް ގޮސްފައިވާ ވަރުން ހިތަށް އަރާ ވާހަކައެވެ. ގޮނޑަށް އުކާލާއިރުވެސް ފަޤީރަކަށް ނިކަމެއްޗަކަށް އެއްޗެއް ދިއްކޮށްލާ މީހަކުމަދެވެ. މިހެންވަނީ އަހަރުމެން އިޤްތިޞާދު އަދިއެހެނިހެން އިލްމުތައްވެސް ދަސްކުރަނީ އެމީހުންގެ ފޮތްފޮތުން އެމީހުންގެ ނަޒަރިއްޔާތަކުންނެވެ. ހިތާމަ ހުއްޓެވެ. ހުޅަނގުމީހުން ގެ އާދައެކެވެ. ކޮލިޓީ ހިފަހައްޓަން މަޝްހޫރު ބްރޭންޑް ގެ ތަކެތިން ނުވިކި ހުންނަ ތަކެތި އަންދާލަނީއެވެ. ނުވިކި ހުންނަ ކާބޯތަކެތި ކަނޑަށް އަޅާލަނީއެވެ. މިއީ އިސްލާމްދީނުގައި ހަރާމްކަމެކެވެ.