ވިއްސާރައިގައި ވައިކަރަދޫގައި އިންދާފައި ހުރި ފަޅޯ ގަސްތަކަށް ގެއްލުންވެފައި. - ފޮޓޯ: ވާފިރު
01 ޖޫން 2017 - 19:34
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ހދ. ވައިކަރަދޫ އަށް ރޭ އައި ކޮޅިގަނޑެއްގައި ފަންސާހެއްހާ ދަނޑަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ ރޭ ދަންވަރު ގަދަވަޔާއެކު އައި ކޮޅިގަނޑުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަޅޮލާއި ފަތްކެޔޮ ގަސްތަކަށް ކަމަށެވެ.
ވިއްސާރައިގައި ވައިކަރަދޫގައި އިންދާފައި ހުރި ފަޅޯ ގަސްތަކަށް ގެއްލުންވެފައި. - ފޮޓޯ: ވާފިރު
އެ ގޮތުން ގިނަ އަދަދެއްގެ ގަސްތައް ބިނދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް 160 ފަޅޯ ގަހާއި 60 ދޮންކެޔޮ ގަސް ވަނީ ހަލާކުވެފައި،" އޭނާ ވިދާޅުވި އެވެ.
ފަޅޯ ގަހާއި ފަތްކެޔޮ ގަސްތަކުގެ އިތުރުން ކަރާ ދަނޑުތަކަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި ކޮންމެ ހުޅަނގު މޫސުމެއްގައި ވެސް ރަށުގައި ހުންނަ ދަނޑުތަކަށް ގެއްލުން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެއްލުން ލިބުނީ ރަށުގައި އެންމެ ރަނގަޅަށް ދަނޑު ހައްދައި އުޅޭ މީހުންގެ ދަނޑުތަކެވެ. މިއީ ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިއްސާރައިގައި ވައިކަރަދޫގައި އިންދާފައި ހުރި ދޮންކެޔޮ ގަސްތަކަށް ގެއްލުންވެފައި. - ފޮޓޯ: ވާފިރު
ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި އއ. ތޮއްޑޫގެ ފަޅޯ ދަނޑުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެ ދަނޑުތަކަށް މިލިއަނެއްހާ ރުފިޔާގެ ގެއްލުންވި އެވެ.
ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑުއަށާއި ގދ. ތިނަދޫ އާއި ފ. ނިލަންދޫއަށެވެ. އެ ގޮތުން ތިން ރަށަށް އެރި ނަގޫރޯޅީގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވެ އެވެ. އަދި އެހެން ބައެއް ރަށް ރަށުގައި ފެން ބޮޑުވެ، ގޭގެ އަށް ފެން ވަދެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާް
02 June 2017
ޢެހެންވީމަ 160 ފަޅޯ ގަހުން 3 ލަންކަ ރުފިޔާ.
ބަކުރު އެންޑް ޒުބޭރް
01 June 2017
ހާދަ ދެރައޭ. މި ރަމަޞާނުމަހު ހައްތަހާ ކާބޯތަކެތީގެ އަގުބޮޑުވާގޮތްވީ.
ޢަހަރެން
01 June 2017
އަދިވެސް އަގު ކުޑައީ ވިއްކާލެއް
ޙުސެން
02 June 2017
ޢަހަރެމެން ކިޔަންތަ މާލޭގެ އެޕާޓްމެންޓްތަށް އަގުބޮޑޭ