ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބަންޑާރަ ނައިބު އަނިލް އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ޖޫން 2017 - 16:08
ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ވީހާވެސް އަވަހަކަށް އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ގިނަ އޮޑިޓް ރިޕޯޓްތަކެއް ނެރެފައިވާއިރު، ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާ ކަން ފެންނަން އެބަހުރި ކަމަށެވެ. އޭގެތެރޭގައި ޚިޔާނާތްވުމާއި އިހުމާލުވުމާއި ގާނޫނުތަކާއި ގަވާއިދާ ޚިލާފަށް އަމަލު ކުރުމުން ގެއްލުނު ފައިސާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އެ ހުރިހާ އޮޑިޓް ރިޕޯޓުތަކާއި އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދެއް ސާފުނުވި ނަމަވެސް އެތައް ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވި އެވެ.
މި ފައިސާ ހޯދަން، އަނިލް ވިދާޅުވި ގޮތުގައި، ދައުލަތުގެ މުއައްސަސާތަކުން މިހާރު އަންނަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.
"ސަރުކާރުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި މި ދެކެނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ އަނބުރާ ހޯދައިދިނުން. ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދޭން ބޭނުންވާ ފައިސާ އަނބުރާ އިއާދަކޮށްދިނުން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްގައި އަނިލް ވާހަކަ ދައްކަވަނީ: ދައުލަތަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ހޯދުމަކީ ސަރުކާރުން ވަަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އަނިލް ވިދާޅުވި ގޮތުގައި ދައުލަތަށް ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓުތަކުން ދައްކާ ފައިސާ އަށް އިހުމާލުވީ ފަރާތްތަކުން އެ ފައިސާ ދައްކަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. މިހާތަނަށް ދެ ފަރާތަކުން ފައިސާ ދައްކާފައިވާއިރު، ދެން ހުރި މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ލޯނުގެ ގޮތުގައި އެކި ފަރާތްތަކުން ދައުލަތުން ނަގާފައިވާ ފައިސާ ވެސް ހޯދަން މުހުލަތުތަކެއް ދީ، ފައިސާ ނުދައްކާ މީހުންނާ ގުޅޭ މައްސަލަތައް ވެސް ކުރިއަށް އެބަދާ ކަމަށެވެ.
މި މަސައްކަތުގައި މީރާ އިން ވަރަށް ގިނަ ފައިސާ ހޯދައިދީފައިވާއިރު، ދެން ހުރި ފައިސާ ވެސް ހޯދަން އެކި ފަރާތްތަކާ މެދު އެކިވަރުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރު އެކަނި ވެސް އެކި ފަރާތްތަކާ މެދު 1800 އަށް ވުރެ ގިނަ ފިޔަވަޅު މީރާ އިން އަޅާފައިވާ ކަމަށެވެ. އަދި 17 ކުންފުންޏެއްގެ އެކައުންޓް ހިފަހައްޓައި އޭގެތެރެއިން 14 ފަރާތެއްގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
"މި ދެންނެވި 17 މައްސަލައިގެ ތެރެއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެން ޖެހޭ އަދަދަކީ 4.5 ބިލިއަނާ ގާތްކުރާ އަދަދެއް،" އަނިލް ވިދާޅުވި އެވެ.
މި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ގާނޫނީ ނިޒާމްތަކުގައި ހުރި ބަލިކަށިކަން ފިލުވަން ގާނޫނުތަކެއް ވެސް ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ދަރަނި ނުދެއްކޭ ހާލަތްތަކުގައި އަމަލުކުރަން ޖެހޭނެ ގޮތުގެ ގާނޫނަކާއި ބޭންކްރަޕްސީ ގާނޫނެއްގެ ޑްރާފްޓް އެކުލަވާލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މި ގާނޫނުތަކުގައި ހުންނާނެ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޝަރީއަތުން ކަނޑައަޅާ ގޮތާ އެއްގޮތަށް ނުދައްކައިފި ނަމަ އެ ފަރާތެއް ބަނގުރޫޓްވާނެ ގޮތެއް ކަނޑައެޅުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތައް ހުންނާނެ،" އަނިލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ---މިހާރު ފޮޓޯ: ނިޝާން އަލީ
އޭނާ ވިދާޅުވި ގޮތުގައި އޭސީސީން ތަހުގީގުކޮށް ފޮނުވާފައިވާ 66 މައްސަލައިގެ ތެރެއިން 10 މައްސަލައެއް ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަތަކުން އެކަނި ވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަން އަނިލް ފާހަގަކުރެއްވި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން އެނގޭ ކަން ފާހަގަކުރައްވަމުން އަނިލް ވިދާޅުވީ އެ ފައިސާ ހޯދަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ކަމަށެވެ. އެ މަސައްކަތް ކުރަމުން އަންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް ގުޅިގެން ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިހާރު ޝަރީއަތަށް ހުށަހަޅާފައި ހުރި މައްސަލަތަކުން ލިބެން ޖެހޭ 4.5 ބިލިއަން ރުފިޔާ ލިބިއްޖެ ނަމަ، އެއީ ވެސް ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ލުއި ކަމެއް އަންނާނެ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
21 June 2017
އަހަރުމެން އަނބިދަރިންގާތައް ދަނީ 1 އަހަރުން އެއްފަހަރު މިހާރު ރިސޯޓުގަ އުޅޭތާ 20 އަހަރު ވެއްޖެ ގެދޮރުހެދިފަކާނުވޭ ހައްޖައްދެވިފަކާނުވޭ ސިނގިރޭޓާ އެނާޖީ ބުއިމެއް ނުބޮން ނަމަވެސް ރެލީބައިސް ކަލެއްގަ އުޅެނިކޮން ސަރުކާރުގެ މަތީމަގާމެއް ލިބޭއިރައް މުޅިގޯތި ތަޅާލާފަ 10 ބުރިޔައް ހަދާލަނީ 2 އަހަރުތެރޭ މީކޮންކަހަލަ ކަމެއްތޯ މިކަންވާގޮތެއް ބަލާލަބަލ އަހަރުމެންނަކައް ތިޔަބުނާ ހިއްސާއެއްވެސް ނުލިބޭ
އެކަމަކު
21 June 2017
ދައުލަތަށް ވަންނަ ފައިސާއަށް ވާނުވާއެއް ނޭންގެ، އެފައިސާ ހޯދަނީކިހިނެއް؟ ރައްޔަތުންނަށްވާ ފައިދާއެއްނެތް، ހުރިހާކަމެއް ބޮއްސުންލާފައި ޢާމުރައްޔިތުންގެ ޙައްގުތަށް ހިމާޔަތްކުރަން ދާނެތަނެއްނެތް
އަގޮޓި
21 June 2017
ކޮބާހޭ އުފަންދުވަހުގެ ހަދިޔާއަށް ދިން އެތައްމިލިއަން ޑޮލަރުގެ ކާރާއި، އަނގޮޓި، އަދި ގޯނިގޯނީގައި ގެނދިޔަ ފައިސާތައް؟
އިސްމާއިލް
22 June 2017
ތިއީ ނުދައްކާކަހަލަ ވާހަކަ...މާތްކަލާކޯ، އަވަހައް ހުއްޓާލާ..! ހިނގާބަހީ، އޭގެ ކުރީގެ ވާހަކަ ތައް ދައްކަމާ؟ މިސާލަކައް ލިލީމަގުގަ ތަޅުން އެޅި ވާހަކަ، ދެދުވަސް ފަހުން ނަގަންޖެހުނު!
ކުރަންވީ
21 June 2017
ދައުލަތަށް ގެއްލިފައިވާ އެތައް ބިލިއަން ރުފިޔާއެއް ހޯދަނީއެވެ. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ. އެކަމަކު އަދި ވެސް ލޯކަލް ކައުންސިލު އިންތިޚާބަށް ފަހު ސަރުކާރުން ރައްޔިތުންނާއި ސީދާ ގުޅިފައިވާ ކަންކަމަށް އެޑްރެސް ކޮށް ވާހަކަ ދައްކާ ރައްޔިތު އެންމެން ނަށް ސީދާ އޭގައި ރަނގަޅު އަސަރު ކުރާނެ ފަދަ ކަންކަން ކުރަމުން ދާ ތަން ވަރަށް ނުފެނެެއެވެ. މިސާލަކަށް މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ 16 ހާސް މީހުންގެ ތެރޭން އެކަކު ވެސް ބާކީ ނުކޮށް އެ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ސަރުކާރުން ހަވާލު ކުރައްވާނެ ކަމުގެ އިއުލާން ކޮށް އެ އެންމެންނަށް އެފަދަ ލިޔުން ހަވާލު ކުރައްވާ އަދި އޭގެ އަނެއް ބުރު ފަށާ އަނެއް ބުރުގެ ވެސް 16 ހާސް މީހުން ގެ ފޯރމް ކަލެކްޓް ކޮށް އަނެއް ބުރުގެ 16 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކޮށްގެން އެކު ޖުމްލަ 32 ހާސް މީހުންނަކީ އެއީ މިސަރުކާރުން ފްލެޓްސް ތައް ދޭނެ ކަން އެނގި އަދި އެ އެންމެންނާއި ފްލެޓްސް ލިބޭނެ ކަމުގެ ސެރޓިފިކެޓް ހަވާލު ކޮށް ނިންމާ ހަދާނެ ގޮތުގެ ތާވަލެއް އިއުލާން ކުރުން ފަދަ ކަމެއް ނޫންތޭ ރައްޔިތުން މިއަދު ބޭނުންވަނީ. ރައްޔިތުންނަށް އިނގޭ ދައުލަތުން ގެއްލިގެން އުޅޭ އެތައް ބިލިއަން ރުފިޔާ އެއް މިއަދު ނުވަތަ މާދަމަ އަކު ނުލިބޭނެ ކަން. ތީގައި ދުވަސް ތަކެއް ނަގާނެ ކަން. ކަން މިހެން ހުރުމުން މިފަދަ ކަންކަމުގައި ސަރުކާރުގެ އިކޮނޮމިކް ކައުންސިލުގެ އެނަރޖީ ހޭދަ ކުރުން އެއީ މިހާރު ކޮންމެހެން ކުރަން ވެއްޖެ ކަމެއް 2018 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އެކަނި ނިކުމެ ކާމިޔާބު ކުރަން ބޭނުން ނަމަ.
އުހޫން
21 June 2017
އަދީބު ކަމުނުދިޔައީ މާފަހުން، މިދީބުގެ އަދީބޭ، ޚާލިދުބުނިވަލީދު،
ކީއްވެތޭ
21 June 2017
އެމްޑީޕީގެ ވެރިކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ތިޖޫރީގައި ހުރި 250 މިިލިއަން ރުފިޔާ ވަރު ވަގު އިންވޮއިސް ތަކެއް ހަދައިގެން ޑީބީ މެން ކައްވާލި ކަން އެއޮތީ އޮޑިޓް ރިޕޯރޓް އިން ވަރަށް ސާފު ކޮށް ފެންނާންއެވެ. މިމައްސަލަ ވަނީ މިހާރު އޭސީސީން ޕީޖީ އަށް ހުށައަޅާފައި ކަމަށް މަމެންނަށް މައުލޫމާތު ލިބެނީ. އެކަމަކު މިމައްސަލަ ނުބެލި ދިގުލައިގެން ދަނީ އެއީ ކީއްވެގެންތޯ ޕީޖީ ގާތުން މަމެން ކޮށްލަން ބޭނުންވާ ސުވާލެކެވެ.
މަޖްބޫރޭ
21 June 2017
ދައުލަތަށް ގެއްލިފައިވާ އެތައް ބިލިއަން ރުފިޔާއެއް ހޯދަނީއޭ ސަރުކާރުން ކިޔަނީ އެވެ. ހޯދާ ތަނެއް ނުފެނެއެވެ. ކޮބާތޯ އެމެންގެ ބޮޑު ސޭޓް ދައްކަން ޖެހިފައިވާ 18 މިލިއަން ޑޮލަރު. އަދިވެސް އެފައިސާ އެއް ނުދައްކާ ދޯ. ކީއްވެގެންތޭ އެކަން އެހެން ވާންވީ. އެކަން އެހެން ވެގެން ނުވާނެއެވެ. އެމެންގެ ރިސޯރޓެއް ވިއްކާލައިގެން ނަމަވެސް އެފައިސާ ދައުލަތަށް ހޯދާ ދޭން ޖެހޭނެއެވެ. އެއީ މަޖްބޫރު ކަމެކެވެ.
ހޯދާދީ
21 June 2017
އެމްޑީޕީން ރާއްޖޭގައި ވެރިކަން ކުރިއިރު އެމެން ވަނީ ރާއްޖޭގެ ބަޖެޓުން ގަވާއިދާއި ޚިލާފަށް ވަރަށް ގިނަ ފައިސާ ތަކެއް ގެންގޮސްފައެވެ. އެގޮތުން ބޭސް ގަންނަން ދިން އެތައް ސަތޭކަ މިލިއަން ރުފިޔާ އެއް އަދި ވެސް ދައުލަތަށް ނުލިބޭ އެބޭސް ތައް ވެސް އަދި ފައިސާ އެއްވެސް. އެކަަމަކު އެވާހަކަ މީޑިއާ އިން ނުދައްކަނީ ކީއްވެތޭ މަމެން ހިތަށް އަރަނީ. މިވާހަކަ މިސަރުކާރުގެ އެމްޕީން ނުދައްކަނީ އެެއީ ކީއްވެގެންތޯ ވެސް މަމެން ސުވާލު އުފައްދަމެވެ. މިފައިސާ އަކީ އެއީ ދައުލަތަށް ލިބެން ޖެހޭނެ ފައިސާ އެވެ. މިފައިސާ ލިބެން ޖެހޭނެ ދައުލަތަށް.
ޞޯދޫ ކޮރަޕްޝަން
21 June 2017
ރޯދަމަހު ތިވާހަކަ ދެއްކިކަންވެސް ރަގޅު. ހަދާނަށް ގެނެސްދީ ހެދުން ރަގަޅު.
ބަސްހުއްޓި
21 June 2017
އޭ މީސްތަކުންނޭ ވާ މިންވަރު ނުވާ މިންވަރު ނޭގޭ މިންވަރު ހޯދަނީ ކޮން މިންވަރެއް ބޯ ހަލާކު.
އިބޫ
21 June 2017
އިހަށްދުހު އެންމެ 3 މިލިއަން ޑޮލަރަށް ފޭދޫ ފިނޮޅު ދިނީމަ ދައުަލތަށް ގެއްލުންވި 72މިލިއަން ޑޮަލރުވެސް ހޯދާތި. އަދި 99 އަހަރަށް ރަށްތައް އިތުރުކުރިއިރު އެއްވެސް އެއްޗެއް ދައުލަތަށް ނުލިބޭގޮތަށް އޮތަތީ ގެއްލުނު އެތައްހާސް މިލިއަން ޑޮަލރުވެސް ހޯދާތި...ވެދުން