އިިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނިއުސް ކޮންފަރެެންސްގައި އިބޫ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
23 ޖުލައި 2017 - 17:19
ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވައި، އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ކާމިޔާބު ލިބޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
އިބޫ އެހެން ވިދާޅުވިއިރު، މަޖިލީހުގެ ޖަލްސާއެއް މާދަމާ ނޯންނާނެ ކަމަށާއި އެންމެ އަވަހަށް ވެސް ދެން ޖަލްސާ ބާއްވާނީ މި މަހުގެ 31 ގައި ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ވަނީ ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އިބޫ ފާހަގަ ކުރެއްވި ގޮތުގައި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލިހުގެ އިދާރާ އިން މެމްބަރުންނަށް ފޮނުވި 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވާނެ އެވެ. ޖަލްސާ އޮންނާނެ ކަމުގެ ނޯޓިހެއް މިހާތަނަށް ލިބިފައި ނެތަސް، މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ގަވާއިދުގައި އޮތް ގޮތަށް އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނިއުސް ކޮންފަރެެންސްގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އިބޫ ވިދާޅުވީ މެމްބަރުންނަށް ފޮނުވި ނޯޓިސް ހަމަވުމާއެކު، އެންމެ ފުރަތަމަ ކަމަކަށް އެޖެންޑާ ކުރަން ޖެހޭނީ މަސީހު ވަކި ކުރުމުގެ މައްސަލަ ކަމަށެވެ. މަޖިލީހުގައި މަސީހް ވަކި ކުރުމުގެ މައްސަލަ ވަކި ގޮތަކަށް ނުނިންމާ އެހެން އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"އެއީ އެކަން އޮންނަ ގޮތް މަޖިލީހުގެ ހިންގުމުގެ ތެރޭގައި. އަޅުގަނޑުމެން މި ކުރަނީ ރައްޔިތުންގެ މަސައްކަތެއް. ރައްޔިތުންގެ އެއްބާރުލުމާއި ބައިވެރިވުން އިންތިހާއަށް ބޭނުން. އެކަން ލިބެމުން އެބަދޭ. ރައްޔިތުންގެ ޝުއޫރާއި ވިންދު ހުރި ގޮތް އެބަ އެނގޭ،" އިބޫ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި ނަމަވެސް މަސީހުގެ އިތުބާރު ނެތްކަމަށް ބަޔާންކޮށް 45 މެމްބަރުންގެ ސޮޔާއެކު މި މަހުގެ ތިންވަނަ ދުވަހު މަޖިލިހަށް ވެއްދި މައްސަލަ ބާތިލް ވެފައިވާ ކަމަށް މަޖިލިހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ. ސަބަބަކީ އެ މައްސަލާގައި ސޮއިކުރެއްވި 45 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލިހުގެ އިދާރާ އަށް އަންގާފައި ވުމެވެ. މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދެނީ 45 މެމްބަރުންގެ ސޮޔާއެކު އެވެ. ނަމަވެސް ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، މަސީހް ވަކިކުރުމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ އަދަދު ވަނީ 45 އަށް ވުރެ ދަށްވެފަ އެވެ.
މިއަދުގެ ނިއުސް ބްރީފިންގައި، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ މަޖިލީހުގެ ޖަލްސާ އަލުން މާދަމާ އަށް ތާވަލްކޮށް، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ރިޔާޒް ވިދާޅުވީ ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށާއި އެ ނޫން ގޮތަކަށް ކަންކަން ކުރައްވާނަމަ، އިދިކޮޅު ފަރާތްތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓާލާފައި ނުބޭއްވޭނެ ކަމަށާއި މަޖިލީހުގައި ތިއްބެވީ ރައްޔިތުން އިންތިހާބުކޮށްފައި ތިބި މެމްބަރުންތަކެއް ކަމަށް ވެސް ރިޔާޒް ފާހަގަކުރެއްވި އެވެ.
"ގާނޫނުއަސާސީ ފުނޑާލާފައި، މިކުރާ ކަންތައްތައް ބެލޭނެ، ބެލޭނެ ދުވަހެއް އަންނާނެ. އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބާރު އަޅާނެ ކަމުގެ ޔަގީންކަން ދެން،" ރިޔާޒް ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން އަންގާފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ބަޔަކު ކުރާ މަސައްކަތަކީ ޖިނާއީ ކުށްތަކަށް އަރައިގަތުން ކަމަށެވެ. ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހ
24 July 2017
މިހާރު މަޖިލީހުގެ ޖަލްސާގަތޯ ތި އިންނެވީ؟
ބޯހުދު ދޫނި
24 July 2017
ނޯންނާނެ. ނޯންނާނެ. ހަމަ ނޯންނާނެ. ހެހެހެ ކަޑަވާނެ
ކްރިޓިކަލް
23 July 2017
ތިންބާރު މުށު ތެރެއައް ލައިގެން ފޮނި ކަނޑަނިކޮށް އެއް ބާރު ޕެރަލައިޒް ވެފަ މިއޮތީ... މަސީހު ހިފައްހައްޓައިގެން ތިބޭ.. އެކަމަކު ދެނެއް މަޖިލިހެއް ނޯންނާނެ...
GAN Island
23 July 2017
ދައުލަތުގެ އެއްވެސް ބާރަކުން ޤާނޫނު އަސާސީ އަށް ފުރަގަސްދީފައިވާނަމަ އެ ބާރެއް ހިންގަން ތިބި ފަރާތް ތަކުން އެވަނީ ''އަމިއްލައަށް ގޮޅި ކުރަހައި އެމީހާ ވަންނާނެ ގޮޅި ކަށަވަރު ކޮށްފައި'' ކަން ޔަޤީން. . . މިސަރުކާރާއި މެދު ރައްޔިތުންގެ ވިސްނުން ހުރިގޮތުން އަދި މިސަރުކާރަށް އެކުވެރި ދައުލަތް ތަކުން ރައްދު ކުރަމުންދާ ބަސްތަކަށް ބަލާފައި ހަމަ އެކަނި ''ދީނޭ ވަހުދަތޭ'' ކިޔައިގެން ހީއެއްނުވޭ މިސަރުކާރު ސަލާމަތް ވާން އޮންހެނެއް. . . މިވެރިކަމުގެ ފަހު ދުވަސްކޮޅު ގުނަމުންދާ އިރު ރައްޔިތުންނަށް ފުރަގަސްދިން އެއްވެސް މީހަކަށް ނުވަތަ ޤާނޫނު އަސާސީ އަށް ވުރެން ބޮޑަށް މީހަކު ބުނި އެއްޗަކަށް ތަބާވި މީހަކަށް ޤާނޫނީ ރައްކާތެރިކަން ހައްޤެއްނޫން.
ގެދާނޯމޮސް
23 July 2017
މަޖިލިސް ގޭގެ ދޮރުމަތިވެސް ނުލިބޭނެ އެވެ
ހުސޭނުބެ
23 July 2017
ކޮންތާކު އޮންނާނީ!! އިބޫމެން ގޭގަދޯ!!
ހެނބަދޫ ބަނދަރުން ބުނެލާނީ
23 July 2017
އެއްތަންކޮޅުވެސް ދޫނުކުރާތި. އަހަރުމެން ވެސް މިތިބީ އިއްތިޙާދާއެކު. 2013 ގެ އިންތަހާބުގައި ހެނބަދޫގެ ބަނދަރު ވާހަކަ ދައްކައިގެން އަހަރުމެން ހެއްދިޔަކަސް މިހާރު އެކަމެއް ނުވާނެ.
ރަނގަޅު
23 July 2017
މަޖުލީސް އެބޭއްވީ. އެ ވޯޓުލީ. މަސީހު އެވެއްޓުނީ. ގާސިމު އެ އެރީ. ސްޕްރީމް އެ ބަަލުވީ. ޔާމީނު އެވެއްޓުނީ. ނަޝީދު އެމިނިވަންވީ. ނަޝީދު 2018 އެ ކާމިޔާބު ކުރީ. ފޯނު އެ އެލާމް ވީ. އުހުނ، މީ ހުވަފެނެއްދޯ.
ރައީސް
23 July 2017
މަޖިލީހުގެ އާ ރައީސަށް މަރުހަބާ، މާދަމާގެ ރިޔާސަތު ބަލަހައްޓަވާނީ އިބޫ ދެއްތޯ!
ާހެނބަދޫ ފެނަކަ ސްޓާފުން ބުނެލާނީ
23 July 2017
ހިއްވަރު ކުރާތި. އަހަރުމެން މިތިބީ އިދިކޮޅު އިއްތިހާދަށް ތާއީދު ކޮއްގެން. މެންބަރ އަލީ މައުރޫފްގެ ބާރެއް މިތާ މުއައްޒަފުންގެ މައްޗަކަށް ނުހިނގާނެ. މީ ވަރައް ވާހަކަ.