ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ވާހަކަ ދައްކަވަނީ: މިއަދު ވަނީ އިދިކޮޅު ހަރަކާތުގެ އިސް އެއް ލީޑަރު ގާސިމާ ކުނޫޒްގައި ބައްދަލުކުރައްވާފައި.---މިހާރު ފައިލް ފޮޓޯ
29 ޖުލައި 2017 - 19:15
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ހެނދުނު 11:00 އިން ފެށިގެން ދެ ގަޑިއެއްހާއިރު ވަންދެން ބޭއްވި މި ބައްދަލުވުމާ ގުޅޭ ގޮތުން ގާސިމްގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބުނެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ވާހަކައެއް ނުދެއްކި އެވެ.
މިދިޔަ އޭޕްރީލް މަހު އުފެދުނު ސިޔާސީ ކޯޅުންތައް ހޫނުވި ދަނޑިވަޅުގައި ގާސިމާއި އިދިކޮޅު އެހެން ބައެއް އިސްބޭފުޅުން އިންޑިއާ ސަފީރު މިޝްރާއާ ބައްދަލުކުރެއްވުމަށް ފަހު، އިންޑިއާ ހައި ކޮމިޝަންގެ ބޭރުގައި.---މިހާރު ފައިލް ފޮޓޯ
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު ހަރަކާތުގެ އެންމެ އިސް އެއް ލީޑަރާ، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ ބައްދަލުކުރެއްވިއިރު، އެ ގައުމުން އެދެނީ ސުލްހަވެރިކަމާއި ފާގަތިކަން ލިބި ރައްޔިތުންގެ އުންމީދުތައް ހާސިލްވާ ގައުމަކަށް ރާއްޖެ ވުމަށް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލް ސްޕޯކްސް ޕާސަން ގޯޕާލް ބަގްލޭ ވިދާޅުވީ ރާއްޖެ ހަމަޖެހުމާއި ތަރައްގީއަށް އެއްބާރުލުން ދިނުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެެފައިވާ ގޮތުގައި، ބަގްލޭ މިހެން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކާ މެދު އިންޑިއާއިން ދެކެނީ ކޮން ގޮތަކަށްތޯ ނޫސްވެރިން ސުވާލުކުރުމުންނެވެ.
ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ، ފަހަކަށް އައިސް ހިމޭނުން އޮންނަ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ މެދު، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވަނީ ވަަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
ރިޔާޒް، މިޝްރާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ އާއިލާއާ އެކު މިޝްރާ ކެއުމެއްގައި ތިއްބެވި ފޮޓޯއެއް ރިޔާޒް ޓުވީޓް ކުރެއްވުމާ އެކު، އައި ފާޑުކިޔުންތަކުގެ ތެރެއިންނެވެ.
އެ ވާހަކަތަކާ ގުޅިގެން މިޝްރާ ކުރެއްވި ޓުވީޓެއްގައި ވަނީ މަހްލޫފެކޭ އެއްގޮތަށް ރިޔާޒަށް ވެސް ރޭގަނޑުގެ ކެއުމަކަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާޒްގެ ގެއަށް ވަޑައިގެން ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް އިންޑިއާ އިން މިހާތަނަށް ކަނޑައެޅި އެހެން ސަފީރުންނާ ޚިލާފަށް މިޝްރާ މަޝްހޫރު ވެފައި ވަނީ އެކިއެކި ފިކުރުގެ މީހުންނާ ވެސް ވަރަށް ގިނައިން ބައްދަލުކުރައްވައި އެ ބައްދަލުވުންތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަފީދު އެންޑް ފަރީދާ
30 July 2017
އަކިލޭސް މިސްރާޔާ އައިސީސީ ހާލިގާ ދެމީހުންނަކީ މިހާރުން މިހާރަށް ރާއްޖޭން އަނބުރާގެންދަން ވެފަ ތިބި ދެމީހުން.
ވަލީމާ
30 July 2017
ބޭރުގެ ސަފީރުންނަކީ މިނިވަނުން. އެމީހުން ބައްދަލުކުރާނެ މީހަކާ ކާނެއެއްޗަކާ ލާނެހެދުމަކާ އަހަރުމެންނަކަށް ބަހެއްނުބުނެވޭނެ.
ދެރަކޮއި
30 July 2017
މިސަފީރު މިހާރުން މިހާރަށް ޚާރިޖިއްޔާއަށް ހާޒިރުކޮށް އޭނާއެކުރީ ކޮށްގެންނުވާނެ އަމަލެއްކަން އަންގާ އޭނައަށް ނަސޭހަތް ދިނުމަށް ގޮވާލަން . އަޅުގަނޑުމެންގެ މިލޮބުވެތި ގައުމުގެ ހަމަޖެހުން ނަގާލުމަށްޓަކާ މަސައްކަތްކުރުމުގެ ފުރުސަތު ނުދިނުމަށްވެސް ގޮވާލަން.
އާދަނު
30 July 2017
ސަރުކާރުން އެބަޖެހޭ މިފަދަކަންކަމާ ފިޔަވަޅުއަޅާ ސަފީރުންގެ ވާޖިބާ އުޅުމާ ގުޅުމާ ހިލާފުވާ މީހުންމިގައުމުން ފޮނުވާލާ، މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އަންގާ. ޑރ.ވަހީދުގެ ސަރުކާރުގައި އަމަލު ކުރިގޮތަށް އަމަލުކުރަން.
އިހްސާނާ
30 July 2017
މިސަފީރު މީޙާ ފޮރިން މިނިސްޓްރީއަށް ގެންގޮސް، މީނާ މިކުރި އަމަލަކީ ކޮށްގެންވާނެ އަމަލެއް ނޫންކަމަށް އަންގާ އޭނަ އިންޑިޔާއަށް މިހާރު ފޮނުވާލާ. އަހަރެމެން ދިވެހިންނަކީ، އިންޑިޔާގެ ކިއްޕަ ވަސްބަލަން ތިބެންޖެހޭނެ ބައެއްނޫން.
456
30 July 2017
އިނގިރޭސިން އިންޑިޔާގެ މައްޗަށް ގަދަވެގަތްގޮތަށް އިންޑިޔާއިން ބޭނުންވޭ މިދިވެހިރާއްޖޭގެ މައްޗަށް ގަދަވެގަންނަން. މިއީ ހުރިހާ ސަރުކާރުތަކަކުން ވިސްނާ، އިންޑިޔާއާ ގުޅުންތަކުގައި ދުރަށްޖެހެންޖެހޭ ސަބަބެއް، ދިވެހި ދައުލަތުގެ ވާޖިބެއް މިގައުމު މުސްތަގްބަލްގެ ޖީލްތަކަށް މިނިވަންކަމާއެކު ރައްދުކޮށްދިނުމަކީ.
މަނޭސް
30 July 2017
އިންޑިޔާ އިން މިގައުމުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ވަދެގެން ނުވާނެ.އެމީހުންވެސް މި ސަރުކާރަށް އިހްތިރާމް ކުރަންޖެހޭނެ.
544
30 July 2017
ޔޫއެން ނައިސްމިކަމެއް ހައްލެއް ނުވާނެ. ގާނޫނު އަސާސީ ވީދާ ލައިފި!
ޙާރިޖީ
30 July 2017
ސަފީރު ތިކުރެއްވީ ދެރަ ކަމެއް. ގައުމެއްގެ ދާޚިލީ ކަމެއްގެ ތެރޭގައި އުނދުޅި ބޭނުންކުރެއްވީ. ޢެންމެ ފަހުން ދިވެހިންނަށް ފިއްތުން ކުރިމަތިކުރުވީ މެޑިކަލް ވިސާއިން. ދެން އޮއްބާލީ ކޮންސްޓްރަކްޝަން މެޓީރިއަލް. ސަފީރު: ދިވެހިން ވިސްނާނެ
އަހަންމާ
30 July 2017
އެއީ މަޖިލިސްތެރެންކޮށްދޭންބުނިކަންތައް ލަސްވާތީ އެހެންވެ ދެންހަދަންވީގޮތަކާބެހޭގޮތުން މަސްވަރާކޮށްލަންބައްދަލްކުރީ ޓާޓާކުންފުނިޚަރަދުކުރިލާރިބޭކާރުނުވާނެގޮތެއްހޯދަން މަސްވަރާކުރީ