ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ އާއިލާއާ އެކު އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ކެއުމެއްގައި ތިއްބެވި ފޮޓޯއެއް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ޓުވީޓް ކުރެއްވުމާ އެކު، ރިޔާޒަށް ވެސް ކެއުމަކަށް ދައުވަތު ދެއްވުމުން އެކަމާ ރިޔާޒް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ރިޔާޒް ވަނީ މިޝްރާ އާއި އޭނާގެ އަނބިކަނބަލުން އަދި މަހްލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އާއި ހަތަރު އަހަރުގެ ދަރިފުޅު ލައިބާ އަހުމަދު (އެލީ) އާ އެއްކޮށް ކެއުމެއްގައި ތިއްބެވި ފޮޓޯއެއް ޓުވިޓާގައި އާންމު ކުރައްވައި މިޝްރާ އަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފަ އެވެ.

ރިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސަފީރުން "އިދިކޮޅު ފަރާތްތަކާއެކު މި ކުރަނީ ކޮން މަޝްވަރާއެއް؟ ޖަލުން ނިކުމެ ޖެހިގެން އަންނަ ދުވަހު ސަފީރާއެކު، އަނެއް ދުވަހު މުޒާހަރާގައި،" މަހްލޫފް ޖަލުގައި ހުންނެވުމަށްފަހު، ފަހުން މިނިވަންވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން މިޝްރާ ކުރެއްވި ޓުވީޓެއްގައި ވަނީ މަހްލޫފެކޭ އެއްގޮތަށް ރިޔާޒަށް ވެސް ރޭގަނޑުގެ ކެއުމަކަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރިޔާޒްގެ ގެއަށް ވަޑައިގެން ފަރިއްކޮޅުގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް "މިހާރު" އަށް ވިދާޅުވީ "އަޅުގަނޑު ޓުވީޓު ކުރީމަ، ބޯން އަންނާށޭ، ކާން އަންނާށޭ ބުނެ، ދައުވަތު ދިނުމަކީ ކުރި މަލާމާތެއް" ކަމަށެވެ.

"ސަފީރުގެ ފައި ބުޑަކަށް ނުވެއްޓޭނަން،" ސަފީރުންނަކީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވެންނެވުމުގެ ފުރުސަތު އޮތް ބައެއް ނޫން ކަމަށް ވިދާޅުވެ ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަފީރުންނަކީ ހަމައެކަނި ބޭރުގެ ސަރުކާރުތަކާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ގުޅުން ބަދަހިކުރަން ތިއްބެވި ބޭފުޅުންނެވެ. އެކަމަކު އޭގެ މާނައަކީ ސިޔާސީ ބޭފުޅުންނާ ބައްދަލުނުކުރައްވައި ތިއްބެވުން ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެކަމަކު އިދިކޮޅު ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވައިގެން، ބަޣާވާތްކޮށްގެން ހަމަނުޖެހުން ނަގާލަން ދޭހަވާ ގޮތަށް ކަންކަން ކުރީމަ ކަމަކު ނުދާނެ،" މިޝްރާ އަށް އިޝާރާތް ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އެމްޑީޕީ ނުވަތަ އިދިކޮޅު ބޭފުޅަކު މިޝްރާއާ ބައްދަލު ކުރައްވާނަމަ، އޭގެ ތެރޭގައި ނުބައި ނިޔަތެއް އޮތް ކަމަށް ބުނުމުގެ ޖާގަ އޮންނާނެ ކަމަށެވެ.

މިޝްރާގެ ނަން ވިދާޅުނުވެ، ރިޔާޒް ވަނީ ބައެއް ސަފީރުން އިދިކޮޅު ފަރާތްތަކަށް ހިމާޔަތްދީ ހިތްވަރުދީގެން ކަންކަން ކުރާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ. މީގެ ކުރިން އިންޑިއާގެ ސަފީރަކަށް ހުންނެވި ރަޖީވް ޝަހާރޭ ވެސް ސިޔާސީ ބައެއް ލީޑަރުންނަށް ހިމާޔަތް ދެއްވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމަކު އެކަން އެހެން ވެގެން ނުވާނެ. ސަފީރުން ވިސްނަން ޖެހޭ ގައުމުގެ މަސްލަހަތަށް. ދާހިލީ ކަންކަމުގެ ތެރެއަށް ސަފީރުން ވަނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.

ކެއުމުގެ ދައުވަތު މިޝްރާ ދެއްވުމާ ގުޅިގެން ރިޔާޒް ވިދާޅުވީ އެއީ ދައުވަތެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އެ ދައުވަތު ގަބޫލު ނުކުރައްވާ ކަމަކަށް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.