އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަނުން ހިފެހެއްޓި ޕީޕީއެމްގެ ހުޅުމާލޭގެ ގޮފީގެ ރައީސް، އަބްދުއްސަމަދު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އޭނާ ރާއްޖެ އައީ މިއަދު މެންދުރު ފަހު އެއާ އިންޑިއާގެ ފްލައިޓަކުންނެވެ.
ސަމަދު ރާއްޖެ އައިސް ވެލާނާ އެއާޕޯޓުގައި ހުރެ "ޗެނަލް 13" އަށް ދިން އިންޓަވިއުއެއްގައި ބުނީ، މީގެ ތިން ދުވަސްކުރިން އާއިލާއާއެކު އޭނާ ބެންގަލޫރަށް ދިޔައީ ބޭސްފަރުވާއަކަށް ކަމަށެވެ. އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން އޭނާ ހިފެހެއްޓީ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ ކަމަށް ބުންޏެވެ.
ސަމަދު ބުނިީ، އިމިގްރޭޝަނުން އޭނާ ގެންދިޔައިރު ދޮގު ހެދި ކަމަށާއި ގެންދާ ސަބަބެއް ކަމަށް އާއިލާ އަށް އަންގާފައި އޮތީ އިނގިލީގެ ނިޝާނުގެ މައްސަލައެއް އުޅޭތީ ކަމަށެވެ. އޭނާ އިމިގްރޭޝަންގެ އެއާޕޯޓް އޮފީހަށް ގެންގޮސް 18 ގަޑިއިރު ވަންދެން އެއްވެސް އެއްޗެއް ނާހައި އެ ތަނުގައި ބޭންދި ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑު ސުވާލުކޮށްފިން ކިހިނެއްތޯ ވީ. ބުނިހާއިރުން ބުނީ ތިހުރީ ކުށްވެރިވެފައޭ، ކަލެއަށް އިންޑިއާގެ ތެރޭގައި އުޅުން މަނަލޭ، އިންޑިއާއަށް އެރުމަކީ މަނާކަމޭ. އެހެންވީމާ އިންޑިއާ އަށް އަރައިފިއްޔާ ޖަލަށޭ ދާންޖެހޭނީ ފުރަތަމަ،" އިދިކޮޅު ހަރަކާތުގެ އިސް އެކްޓިވިސްޓް އަދި "އިންޑިއާ އައުޓް" ގައި ވެސް އެންމެ ގަދައަށް އަޑު އުފުލާ ސަމަދު ބުންޏެވެ.
އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ، އިންޑިއާގެ އިމިގްރޭޝަނުން އޭނާގެ ފޯނު ވެސް އަތުލި ކަމަށް ބުންޏެވެ. ސަމަދު ބުނާގޮތުގައި އޭނާގެ އާއިލާ އަށް ގުޅައިދޭން އެދުމުން އެކަން ވެސް ކޮށެއް ނުދިނެވެ.
އޭނާ ބެހެއްޓީ އެއާޕޯޓުގެ ވަރަށް ފިނި ކޮޓަރިއެއްގައި ކަމަށާއި ފިނިން ސަލަމާތްވާ ރަޖާގަނޑެއް ވެސް ނުދިން ކަމަށް ސަމަދު ބުންޏެވެ. އަދި ކާ އެއްޗެއް ވެސް ގެންގޮސްދިނީ އެކަމަށް އެދުމުން ވަރަށް ލަސްވި ފަހުން ކަމަށް ބުންޏެވެ.
"އަޅުގަނޑާއެކު އެ ތަނުގައި ހުރި ސައުތު އެފްރިކާ މީހެއް ދިޔައީމާ އޭނާ ގެންގުޅުނު ރަޖާގަނޑު ލިބުނީ. ފިނިކަމުން އަޅުގަނޑު އޭރު ތުރުތުރު އަޅާ، އޭރު ވެސް ކާއެއްޗެއް ނުލިބޭ. އަޅުގަނޑަކީ ހިތުގެ ބަލީގެ މީހެއް. އަޅުގަނޑަކީ ލޭ މައްޗަށް ދާ މީހެއް. އަޅުގަނޑަކީ ކޮލެސްޓްރޯލް ބައްޔަށް ބޭސްކުރާ މީހެއް. އެހެންވެ، ހަތަރު ދުވަސް މި ދިޔައީ އަޅުގަނޑަށް ބޭސް ނުލިބި،" ކުރިން ފުލުހެއްގެ ވަޒީފާ އަދާކުރި ސަމަދު ބުންޏެވެ.
"އަޅުގަނޑަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާ ސަރުކާރުގެ ފަރާތުން ހޯދަން ބޭނުން."
ސަމަދު ބުނިގޮތުގައި، އޭނާ އަނބުރާ ރާއްޖެ ފޮނުވާލަން، އަމިއްލަ އަތުން ހަރަދު ދީގެން، އިންޑިއާގެ އިމިގްރޭޝަނުން އިއްޔެ ޓިކެޓް ނަގައި، ފޮނުވާ ނުލައި ހިފެހެއްޓި އެވެ.
"އަޅުގަނޑު ކުށަކީ ހަމައެކަނި، ރައީސް ޔާމީނަށް ތައީދުކުރުން،" އޭނާ ބުންޏެވެ.
ސަމަދު އިންޑިއާގައި އުޅެނިކޮށް، އެ ގައުމުގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން އޭނާ އަށް ވީގޮތެއް ނޭނގޭތީ އޭނާގެ މައުލޫމާތު ހޯދައި އާއިލާއާ އެ މައުލޫމާތު ހިއްސާކޮށްދޭން ޕީޕީއެމުން ދިވެހި ސަރުކާރަށް އިއްޔެ ގޮވާލައިފި އެވެ.
އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް މާ ގިނަ ވާހަކަތަކެއް ނުދައްކަ އެވެ.
އިއްޔެ ފޮރިން މިނިސްޓްރީން މީޑިއާއަށް ފޮނުވި މެސެޖެއްގައި ހަމައެކަނި ބުނީ އިންޑިއާގެ ބެންގަލޫރުގައި ހުރި ދިވެއްސަކު، އެ ގައުމުގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަން ޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުން އަންނަ ކަމަށެވެ.
އޭގެ ފަހުން އެ މިނިސްޓްރީން އަދި މީޑިއާ އަށް އެއްވެސް މައުލޫމާތެއް އެ މައްސަލާގައި ނުދެ އެވެ.
އިދިކޮޅުން ބުނާގޮތުގައި ސަމަދު ހިފެހެއްޓީ، އޭނާއަކީ އިދިކޮޅުން އިންޑިއާ ސަރުކާރާ ދެކޮޅަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގައި އިސްކޮށް އުޅޭ އެކްޓިވިސްޓެއް ކަމަށް ވާތީ އެވެ.
ނަމަވެސް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބް "މިހާރު" އަށް މިއަދު ވިދާޅުވީ، ކެމްޕޭނަކާ ހެދި ނުރައްކަލެއް ނުވަތަ ދަތިތަކެއް ދިވެހިންނަށް ކުރިމަތިވެދާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖެ އިން ވަރަށް ގިނަ ދިވެހިން އެކި ކަންކަމުގައި އިންޑިއާއަށް ދަތުކުރާއިރު ވަކި ކަމާ ގުޅުވައި އެ ގައުމުން ނުރައްކާ ކުރިމަތިވެ، ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ނުބުނެވޭނެ ކަމަށެވެ.