އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު ކާމިޔާބު ކަމާއެކު މިއަދު ނިންމާލުމަށް ފަހު، އެންމެ ބޮޑު އަމާޒަކަށް ވާނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުން އިންޑިއާ ބަލިކުރުން ކަމަށް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެ އިންތިހާބުގައި މާލޭގައި ވޯޓުލުން ކުރިއަށް ގެންދާ ހެންވޭރު ދަނޑަށް މެންދުރު ފަހު ޔާމީން ވަޑައިގެން، އެ ތަނުގައި އިންތިޒާމުތައް ހުރިގޮތް ބައްލަވައި ޕާޓީގެ ބައެއް އާންމު މެމްބަރުންނާ ބައްދަލުކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިހާބުގެ މައިގަނޑު މަގުސަދަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ.
"[މި އިންތިހާބުގައި] ހޮވިވަޑައިގަންނަވާ ކެނޑިޑޭޓުން ތި ހަވާލުވެޑައިގަންނަވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާ. ކުރިމަތީގައި މި އޮތީ 2023ގެ އިންތިހާބު. އެ އިންތިހާބަކީ އިރާދަކުރެއްވިޔާ އަޅުގަނޑުމެން އިންޑިއާ ބަލިކުރާ އިންތިހާބު. އެހެންވީމާ މި ކަމަށް ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވަން ވާނެ،" އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ނުކުންނަވާ ކެންޑިޑޭޓް ވިދާޅުވި އެވެ.
މި ސަރުކާރުގައި އެންމެ ގާތް ގުޅުމެއް އުފައްދާ ގައުމަކީ އިންޑިއާ ކަމަށް ވިޔަސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާ އެންމެ ބޮޑަށް ގުޅުން ގޯސްވި ގައުމަކީ އިންޑިއާ އެވެ. އެ ގައުމުގެ ބައެއް ސިޔާސަތުތަކާ އެ މަނިކުފާނު އޭރު ވެސް ދެކޮޅު ހެއްދެވި ކަމަށް އިދިކޮޅުން ބުނެ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެ އަށް އެކި ގޮތްގޮތުން ނުފޫޒުފޯރުވަމުންދާ ކަމުގެ ތުހުމަތުކޮށް އެ ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ހަރަކާތެއް ވެސް ފެށި އެވެ.
އިދިކޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެކި ކަންކަމަށް އިންޑިއާ އިން ނުފޫޒު ފޯރުވުމެވެ. އެހެންވެ، އިދިކޮޅުން ގަބޫލު ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރު ބަލިވުމަކީ އިންޑިއާ ބަލިވުން ކަމަށެވެ.
ޔާމީން މިއަދު ވިދާޅުވި ގޮތުގައި، ޕީޕީއެމް ކޯލިޝަންގެ އެތެރޭގެ އިންތިހާބުގެ އިންތިޒާމުތަކާ މެދު ހިތްހަމަޖެހިވަޑއިގަންނަވާ ކަމަށާއި ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމާއި މެމްބަރުން އިންތިހާބާ މެދު އޮތް ޝައުގުވެރިކަން، ވޯޓުލާން ދާ މީހުންގެ އަދަދަށް ބެލުމުން ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ.
އެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަޅުގަނޑުމެން ބޭނުން ވަނީ އިންތިހާބު ނިމިގެންދާއިރު ސުލްހަ އަށް ބުރުއަރާ، ޕާޓީގެ ފިކުރަށް ބުރުއަރާ އެއްވެސް ކަމެއް ނުވުމަކީ އަޅުގަނޑުމެން ޕާޓީ އެންމެންގެ ވެސް އެދުމެއް: ޔާމީން
އިންތިހާބުގައި ކާމިޔާބު ވާނީ ކޮންމެ ވެސް އެއް ކެންޑިޑޭޓަކަަށް ކަމަށާއި އެހެންކަމުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭ ކެންޑިޑޭޓުން ވެސް ޕާޓީއާ އެކު ކުރިމަގުގައި މަސައްކަތް ކުރުމަށް ޔާމީން އެދިވަޑައިގަތެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ އިންތިހާބު ނިމިގެންދާއިރު ސުލްހަ އަށް ބުރޫއަރާ، ޕާޓީގެ ފިކުރަށް ބުރޫއަރާ އެއްވެސް ކަމެއް ނުވުމަކީ އަޅުގަނޑުމެން ޕާޓީ އެންމެންގެ ވެސް އެދުމެއް،" ޔާމީން ވިދާޅުވި އެވެ.
މިއަދުގެ އިންތިހާބުގެ ކެމްޕެއިނަށް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ވަކި ކެންޑިޑޭޓުންތަކެއް ޕްރޮމޯޓްކުރި ކަމަށް ތުހުމަތުވާ މައްސަލައާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވިގޮތުގައި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. ޕާޓީގެ ލީޑަރު ނުވަތަ ރައީސަކީ އެފަދަ އެތެރޭގެ އިންތިހާބުތަކުގައި ބަސް ވިދާޅުވެ، އެއްވެސް ރޯލެއް އަދާކުރައްވައިގެން ވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ޕާޓީ ހިންގުމާއި ހަވާލުވެ ހުރި، މީހެއްގެ ހައިސިއްޔަތުން ރައީސްގެ މަސްއޫލިއްޔަތަކަށް ވާނީ ގަވައިދުތަށް ތަންފީޒުކޮށް އެކަންކަން ބެލެހެއްޓުން. އަދި ހުރިހާ ކެންޑިޑޭޓުންގެ ވެސް ހައްގުތައް ހިމާޔަތްކޮށްދިނުން،" ޔާމީން ވިދާޅުވީ އެވެ.
"އެގޮތަށް އަޅުގަނޑު މަސައްކަތްކޮށްފައި އޮންނާނީ. ޕާޓީގެ ލީޑަރުން ވެސް ނޯންނާނެ، ވަކި ދާއިރާގެ ކެންޑިޑޭޓުންތަކެއް ހޮވުމަށް މަސައްކަތް ކޮށްފައެއް."
ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން "ޗެނަލް 13"ގެ "މަޑިސީލަ" ޕްރޮގްރާމްގައި ވަކި ކެންޑިޑޭޓުންތަކެއް ޕްރޮމޯޓްކުރާ ކަމަށް ބުނެ، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ކޯލިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބަޔާނެއް ވެސް ނެރުނެވެ.
އިދިކޮޅު ކޯލިޝަންގެ 87 ދާއިރާއެއްގެ ވޯޓުލުން، މާލެ އާއި ބައެއް ރަށްރަށުގައި ފެށީ މިއަދު ހެނދުނު 10 ޖެހިއިރު އެވެ. މިއަދު ހަވީރު ހަތަރެއް ޖަހަންދެން އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާނެ އެވެ.