އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" އައުޓް ކެމްޕެއިނާ ދެކޮޅަށް "ބާކީ ނުވޭ" ގެ ނަމުގައި އެމްޑީޕީން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފި އެވެ.
"އިންޑިއާ އައުޓް" އަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ ކެމްޕެއިނެކެވެ.
ޔާމީންގެ ވެރިކަމުގައި ރާއްޖެ މުޅި ދުނިޔެއާ އެކަހެރިކޮށް، ބާކީ ކޮށްލާފައިވާ ކަމަށް ބުނެ އެމްޑީޕީން އިއްޔެ އިން ފެށިގެން އަންނަނީ އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ހޭޝްޓެގެއް ބޭނުން ކުރަން ފަށައިފަ އެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ހޭޝްޓެގް ބޭނުން ކުރައްވައި މިއަދު ޓުވީޓެއް ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ވެރިން ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ، ނިކަމެތި ނުކުރުމަށް ސިޔާސީ އެންމެން ވިސްނަން ޖެހޭނެ ކަމަށެވެ.
"އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަން ސާބިތު ވަނީ ބައިވެރިވާ މީހުން މަދުކަމުން #ބާކީނުވޭ،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވެރިން އަންނަނީ، ޔާމީންގެ ވެރިކަމުގައި މާލެ އަށް ދިމާވި ފެނުގެ ކާރިސާގައި އިންޑިއާ އިން ދިން އެހީތެރިކަމާއި ކޮވިޑް-19 ގައި ދިން އެހީތަކާއި އަދި ތަރައްގީގެ އެކި މަޝްރޫއުތަކުގެ ފޮޓޯތައް އެ ހޭޝްޓެގާއެކީ ޓުވީޓު ކުރަން ފަށައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މިދިޔަ ތިން އަހަރު ތެރޭގައި އެންމެ ގާތް ގުޅުމެއް ބާއްވާފައި ވަނީ އިންޑިއާއެކު އެވެ. މާލީ ގޮތުން އެންމެ ގިނަ އެހީތަކާއި ލޯނުތައް އަދި ތަރައްގީގެ އެކި މަޝްރޫއުތައް ވެސް ހަވާލު ކޮށްފައި ވަނީ އެ ގައުމުގެ ކުންފުނިތަކާ އެވެ.