މާލެއަށް ވާރޭ ވެހެމުން ދިޔައިރު ބަޔަކު ވާރެއިން ހިޔާވަން މަސައްކަތްކުރަނީ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
07 ސެޕްޓެމްބަރ 2017 - 11:44
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޮޑަށް ވިއްސާރަކުރާނީ އުތުރުގެ ހިސާބުތަކަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖަކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.
މޫސުން ލަފާކޮށް މެޓުގެ އޮފިޝަލަކު ވިދާޅުވީ އުތުރުގެ ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައި ވަރަށް ގަދަވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް އެ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން އިއްޔެއިން ފެށިގެން މިއަދު ހެނދުނު 8:00އާ ހަމައަށް ބ. ދަރަވަންދު އަށް 127 މިލި ލީޓަރު އަދި ހދ. ހަނިމާދު އަށް 52 މިލި ލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން ދަރަވަންދު އަށް ގަޑިއަކު 50 މޭލު އަދި މާލެ އަށް ގަޑިއަކު 47 މޭލު ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވާ ކަމަށް ބުންޏެވެ.
މިއީ ރާއްޖެ ސަރަހައްދުގެ ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ކުރާ ވިއްސާރައެއް ކަމަށް މެޓުން ބުންޏެވެ.
މިއަދަކީ ހުޅަނގު މޫސުމުން އުތުރަ ނަކަތުގެ ފުރަަތަމަ ދުވަހެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy