ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
14 ސެޕްޓެމްބަރ 2017 - 23:29
މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ނުލިބުނު މީހުން މާޔޫސްވާނެ ކަމެއް ނެތް ކަމަށާއި އެއްވެސް މީހަކު ބާކީނުކޮށް އިންސާފުވެރިކަމާ އެކު ސަރުކާރުން ފްލެޓް ދޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ފްލެޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން އެތައް ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަށް މި ސަރުކާރުން ނިކުތީ މާލެ ސަރަހައްދުން އެކަނި ވެސް 21،000 މީހުން ބޯހިޔާވަހިކަން ބޭނުންވާ ކަން އެނގި ތިބެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ވައުދު ފުއްދަން ސަރުކާރުން ފެށީ އެ ހިސާބުތަކަށް ބަލައިގެން ކަމަށާއި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 15،000 ފްލެޓް އެޅުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.
ނިހާން ވިދާޅުވި ގޮތުގައި ފްލެޓަށް ހުޅުވާލި ފުރަތަމަ މަޝްރޫއު ވެސް ސަރުކާރު ކުރިއަށް ގެންދިޔައީ ވަރަށް އިންސާފުވެރިކަމާ އެކުގަ އެވެ. ފްލެޓްތަކަކީ އެސްޓީއޯ އިން ވިއްކަން ގެނެސް ހޯލްސޭލްކޮށް، ފިހާރައެއްގެ ހަރުގަނޑުގައި ޖަހާފައިވާ އަލިފާން ފޮށިތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައި ކުރު މުއްދަތެއްގެ ތެރޭގައި ހިއްކައި ނިންމީ ސަަބަބުތަކެއް އޮވެގެން ކަމަށާއި ކުރީ ސަރުކާރުތަކުން ހޭދަކުރި ގޮތަށް ހަތް އަހަރުގެ ބަދަލުގައި ހުޅުމާލެ ހިއްކަން ނެގީ ދޮޅު އަހަރު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"ހުޅުމާލޭގައި 15،000 ފްލެޓު އަޅަންވީ ލޯނުގެ ފައިސާ އާއި އެހެނިހެން މަސައްކަތްތައް ތަރުތީބުވެ މިހާރު އެ މަސައްކަތުގެ ރަސްމީ ބަޔަށް ސާމާނު ޖަމާކުރުމާ ހަމައަށް ވަނީ ގޮސްފައި. އެހެންވީމާ މިއަދު [ފްލެޓް] ލިބުނު ފަރާތްތަކާއި ނުލިބުނު ފަރާތްތަކަށް ދެމެދުގައި އަޅާކިއުން އިހަށް ދޫކޮށްލަންވީ. ކެތްތެރިކަމާ އެކުގައި އިންސާފުވެރިކަމާ އެކުގައި ބަރޯސާކުރައްވާ،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމުން ރުމާލު 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގެ ތެރެެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ރައީސް ޔާމީންގެ ވިސްނުންފުޅުގައި ތިއިން އެއްވެސް ބޭފުޅަކު ބާކީކުރުމެއް ނެތް. މި ސަރުކާރުގެ އެއްވެސް ބޭފުޅަކު، ރައީސް ވެސް ވަޒީރަކު ވެސް މެމްބަރަކު ވެސް ވިދާޅެއް ނުވާނެ މި ޕާޓީގެ މީހުންނަށް ފްލެޓް ދީ ނިމުނީމައޭ އެހެން މީހުންނަށް ލިބޭނީ."
އޭނާ ވިދާޅުވީ ފްލެޓުގެ ލިސްޓު އިއުލާންކުރަންދެން އުއްމީދުގައި އެތައް ބަޔަކު ތިބިކަން މި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. ޕީޕީއެމް އޮތީ އެ އެންމެންނާ އެކުގައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"ﷲ އިރާދަކުރެއްވިއްޔާ މިކަން ލުއިކޮށް ނިމިގެންދާއިރު، އިންސާފުވެރި ގޮތްތަކެއް އެ މީހުންނަށް ލިއެވިގެންދާނެ. މިއީ ހުސްވާހަކައެއް ނޫން ކަމުގެ ޔަގީންކަން މިދެނީ، ހުޅުމާލޭ ފޭސް 2 އެ އޮތީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިއްކައި ނިންމާފައި،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި ރާއްޖޭގެ އާާބާދީގެ ތިންބައިކުޅަ އެއްބައި މީހުން މާލޭގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެއްސުމުގެ ވިސްނުން ރައީސް ޔާމީން ގެންގުޅުއްވަނީ މާސިންގާ އާބަން ސެންޓަރެއް ގާއިމްކުރެއްވުމުގެ ގާބިލްކަން އެމަނިކުފާނުގެ ސަރުކާރުގެ ހުރުމުންނެވެ. ރައީސް ޔާމީން ގެންގުޅުއްވަނީ އެހެން ވެރިން ގޮތަކަށް ތާކުންތާކު ނުޖެހޭ ފިލޯސަފީ ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ފްލެޓު ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު އާންމު ކުރިއިރު، އެ ލިސްޓުގައި، ނަމާއި އެޑްރެސް ފަދަ މައުލޫމާތު ނުހިމަނައި ފޯމު ނަންބަރު އެކަނި ޖަހާފައި އޮތުމުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހާމަނުކުރީ ފްލެޓް ލިބުނު މީހުން ސިއްރުކުރަން ކަމަށް ބުނެ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީ އަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ. ހުޅުމާލެ އިން ދޫކުރަން ހަމަޖައްސާފައިވާ މި ފްލެޓްތަކަށް ކުރިމަތިލާން 2014 ގައި ހުޅުވާލުމުން ގާތްގަނޑަކަށް 15،000 މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ފްލެޓް ކަށަވަރުވީ 661 މީހަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަމީމާ
17 September 2017
ނިހާނު ކަލޭމެން ވާހަކަ ނުދައްކާ އިންސާފޭކިޔައިގެން...... ފްލެޓް ދީފަ ހުރީ ޕިންކީންނަށް...ނުކެރޭނެ ތިކަން ކުރިގޮތުގެ ތަފްސީލް ހާމަ ކުރާކަށް. ހައްޤުވެރިންނަށް ނުދީ ތިޔަ ޕާޓީގެ އެކްޓިވިސްޓުންނަށް ދީފަ ދެން އަޅާ ފްލެޓް ތަކުން ވެސް ތިޔަ މުއްލާތަކަށް ދީފަ ބާކީ ހުރިއްޔާ ނޫނީ ހައްޤުވެރިޔަކަށް ހައްގުގޮތުގަ ފްލެޓެއް ނުދޭނެ.
ގގގގގ
17 September 2017
ޕީޖީލީޓަރ ތިދިން ހިއްވަރައް ހިއްވަރު ލިބިގެންފިން
ފުލެޓް ދޮންބެ
16 September 2017
ދެން ބުނާނީ ކީކޭ! ޕޮއިންޓް ސިސްޓަމްގެ އެއްވެސް ބޭނުމެތް ނެއް!
މަރީނު
16 September 2017
މިއީ ފްލެޓާ ބެހޭ ވަޒީރުތޯ؟ މީނަތޯ ރައްޔިތުންނަށް ފްލެޓް ބަހާލަދެނީ؟ ކޮންމެތަނަކަށްވެސް ބޭކާރުމީހުން އަގަލަވާތީ މައްސަލައަކީ!!
އައިތިންކް
16 September 2017
މިރާއްޖޭގެ ހުރިހާ މައްސަލަ ތަކުގެ ފެށުން އައިސްފައި އެވަނީ އެއީ މާލެ ސަރަހައްދުން ނެވެ. އެގޮތުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު ވެސް އެއީ މާލެ ސަރަހައްދު ތަމްސީލް ކުރާ އެމްޕީއެކެވެ. އެކަމަކު އޭނާ ގެ ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑަށް ކަން ބޮޑުވާ ކަންކަން ހައްލު ކޮށްދޭން ނިހާނު މަސައްކަތް ކުރާ ތަނެއް ނިހާނުގެ މިދައުރުގެ ތިން އަހަރު ނިމިގެން ދާއިރު ވެސް ނުފެނެއެވެ. ނިހާނު އަދި ބޮޗޭ އަދި ހުޅު ހެންވޭރު ދާއިރާގެ އެމްޕީ އަދި ގަލޮޅު ދެކުނު ދާއިރާގެ އެމްޕީ އަދި މައްޗަން ގޮޅި ދެކުނު ދާއިރާގެ އެމްޕީ މިއިން އެކަކު ވެސް އެއްވެސް މިންވަރަށް މާލެ ސަރަހައްދުގައި ބޮޑު އަގުގައި ކުއްޔަށް ދިރިއުޅޭ މީހުން ނަށް ލުއި ފަސޭހަ އުސޫލުން މާލެ ސަރަހައްދުން ފްލެޓްސް ލިބޭނެ ސްކީމެއް އެކުލަވާލަން ސަރުކާރާއި މަޝްވަރާ ނުކުރުން އެއީ ނިހާނު ވެސް އިސްތިއުފާ ދޭން ޖެހޭނެ ކަމެއް. މިސަރުކާރުގެ މާލެ ސަރަހައްދުގެ ބޯހިޔާ ވަހިކަމުގެ ސިޔާސަތު ފެއިލް ވުމުގެ ޒިންމާ ނަގަން ޖެހޭނީ ނިހާނު. މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނިހާނު އަކީ.
ދަވޭ
16 September 2017
އެއްވެސް މީހަކު ބާކީއެއް ނުކުރާނެ، ފްލެޓް ލިބޭނެ ކަމަށް ނިހާނު ބުނި ނަމަވެސް ނިހާނުގެ މޭންޑޭޓް އެއް ވެސް ނޫނޭ އެއީ އެހެން ނަމަ ނިހާނު މެން އެމްޕީން ނަށް ހޮވުނު ދުވަހުން ފެށިގެން މިހާތަނާއި ހަމަ އަށް އައިއިރު އެކަން އެޑްވޮކޭޓް ކޮށްގެން އެކަން ރައްޔިތުންނަށް ކޮށްދޭން މަސައްކަތް ކޮށް ނަތީޖާ ނެރެދޭނެ ނޫންތޭ. ނިހާނުގެ 10 އަހަރުގެ އެމްޕީ ކަމުގެ ޓްރެކް ރިކޯރޑް ތަކަށް ބަލާއިރު ނިހާނު ކޮށި އަރައިގަނެގެން އުޅޭ މީހެއް ގޮތަށް އެއް މީޑިއާ އަކުން އަނެއް މީޑިއާ އަކުން އިންޓަވިއު ދެމުން ދުވީ އެއީ ބްރޯ އަށް ނައިބް ރައީސް ކަމުގެ މަގާމް ދޭން ރައްޔިތުން ހޮވާފައިވާ ނައިބް ރައީސް އަކު މަގާމުން ނަގާ ހޫރާލުމަށް ފަހު. އެކަން ކުރި ނިހާނު މެން. އެކަމަކު ނިހާނު އެމްޕީގެ މަގާމަަށް ހޮވި ރައްޔިތުންގެ ޕްރައިމަރީ ބޭނުން ފުއްދާދޭން ނިހާނު އެއްވެސް މަސައްކަތެއް ކުރި ތަނެއް ފެންނާން ނެތޭ. މާލެ ސަރަހައްދުގެ އެމްޕީން ނަށް ހޮވަންވީ ރިއަލް މީންސް ހުރި ގޮތެއް ގައި މާލެ ސަރަހައްދުގެ މީހުންގެ ކޮންސާރންސް ދަންނަ މާލޭ މީހުންނޭ.
ޢަލިދީދީއައްޑޫސިޓީ
16 September 2017
ވިލިމާލެ ތަމްސީލު ކުރައްވާ މެނަބަރު ކައިރިން ސުވާލެއް ކޮށްލަން ބޭނުން. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގުޅިފަޅު ހިއްކައި، އެބިން ޕްލޭންކޮށް އެބިމުގައި ފްލެޓް އަޅައި އެތަނުން ފްލެޓާއި ގުދަން ރާއްޖޭގެ ރައްޔަތުން ގަނެގެން ތަޅުދަނޑި ހިފައިގެން އެމީހުންގެ ގެއަށް (ފުލެޓަށް) ވަންނަން ދިޔައިމާ، އެރަށުން ވެސް ބާލާ، އެދުވަހުން ފެށިގެން އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށް، އެއީ ފަޅުރަށެއް ކަމަށް އިޢްލާން ކޮށް ރައްޔަތުންނަށް މިވަރުގެ ލަނޑެއް ދިން ބައެއްގެ ބޮލުގެ އެތެރޭގައި އޮތީ ކޯންޗެއްތޯ ޓެސްޓް ހައްދާނީ ކޮންއިރަކުތޯ؟ ގުޅިފަޅަކީ، ވެސް ވިލިމާލޭގެ ބައެއްގެ ގޮތުގައި އޭރު ތަރައްޤީ ކުރެވުނީތީ. ރައީސް ނަޝީދު ގެ ސަރުކާރުން ކުރެއްވި ކަންކަން ފޮހެލާ ނައްތާލުމުގެ މެނިފެސްޓޯ ބަރާބަރަށް އެބަ ތަންފީޒުކުރެވޭ. ތިމާމެންގެ ރިޔާސީ މެނިފެސްޓޯ އިން ގަނޑެއްވެސް ހިއްލާފަ ބަލާލާނެ ފުރުޞަތެއްނެތް. މާތްﷲ އިންސާނާއަށް ދެއްވި ބުއްދި އެއިންސާނާ ބޭނުން ހިފާގޮތް ބަލާނީ ދުރުތިބީން.
މީމުޓަވިޔަނި
16 September 2017
މީހަކު މިހާ ނިކަމެތި ވާނީ އެމީހަކު އަމިއްލައަށެވެ. ކަނޑައެޅެގެން ދޮގުވާހަކައެއް ރައްޔިތުން ކުރިމަތީ ބުނަންޖެހޭ ހިސާބަށް ތިމާ ގޮއްސި ނަމަ އެއަށްވުރެ ނިކަމެތި މީހެއް ދެން ކޮބާ؟
އެހެން
16 September 2017
ފުރަތަމަ ލިބެން ޖެހޭ މީހުނަށް ފަހުން ދޭނަން. ހާސްނުވޭ. މިވަގުތު ބޭނުމީ މިގޮތް. ހަޖަމް ކުރޭ.
ޒުވާނުނުން
15 September 2017
ކޮބާ ޒުނުންގެ ފުލެޓުތައް 10000... ؟
ޒުވާނުނުން
15 September 2017
ކޮބާ ޒުވާނުންގެ ސަރުކާރުން ........ ޒުވާނުންނައް ބުނި ޕުލެޓުތައް 10000؟