ވިޔަފާރި / ދައުލަތުގެ އާމްދަނީ

އާމްދަނީ ހޯދަން ހިމެނި ގިނަ ކަންކަން ބިލާހަކަށް!

މި އަހަރުގެ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ހުށަހަޅުއްވަނީ

ފާއިތުވި ދެ އަހަރު ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އާއި އެ ނޫން ކަންތައްތަކުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ލިބޭނެ ކަމަށް ހިމަނާފައި އޮވެ އެވެ. ނަމަވެސް އެ ދެ އަހަރު ވެސް ނިމިދިޔައީ އެއިން ކަމެއް ހާސިލްނުވެ ހުސް އަތާ އެވެ.

ހަމަ އެގޮތަށް މި އަހަރު ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ހަތް ކަމެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އެސްއީޒެޑުގެ ދަށުން އަންނަ އިންވެސްޓްމަންޓްތަކުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. އޭގެ އިތުރުން ބިންވެރިކޮށްދީގެން 500 މިލިއަން ރުފިޔާ އާއި މާލެ ސަރަހައްދުން ކޮންސެޝަން ޗާޖެއް ނަގައިގެން 261 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. ނަމަވެސް އަހަރު ނިމެން ބާކީ ތިން މަހަށް ވީއިރު އޭގެ ތެރެއިން އެއްވެސް ކަމެއް ހާސިލްވެފައެއްނުވެ އެވެ.

ދައުލަތުގެ ބަޖެޓަށް އާމްދަނީ އިތުރުކުރަން ހުށަހެޅި ބޮޑެތި ކަންކަން ހާސިލްނުވި ސަބަބާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވަރަށް މަދު ފަހަރަކު ނޫނީ މީޑިއާއާ ބައްދަލުކުރައްވާފައިނުވާ މުނައްވަރަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބުދެއްވާފައެއްނުވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ކަންތައްތައް ހިނގާ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ދައުލަތަށް އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންތައްތައް ހާސިލްވާ މިންވަރު އެ މިނިސްޓްރީން ކޮންމެ މަހަކު އެއް ފަހަރު ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ބާރު އަޅައި ލިޔުމުން ވެސް އަންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް މި އަހަރު އެސްއީޒެޑުން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއެއް ނުލިބޭ. އަދި ބިންވެރިކޮށްދީގެން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އާއި ކޮންޖެޝަން ޗާޖުން ލިބޭ އާމްދަނީއެއް ނުލިބޭ. ނަމަވެސް އެކަންކަން ނުވީ ކީއްވެގެން ކަމެއް ނޭނގެ. މަޖިލިސް ތެރެއިން ފާސްކުރަން ޖެހޭ ހުރިހާ ގާނޫނުތަކެއް ވަނީ ފާސްކޮށްފައި،" އެ ބޭފުޅާ ވިދާޅުވި އެވެ.

އެސްއީޒެޑްގެ ކަންތައްތައް ބަލަހައްޓަވާ އިކޮނޮމިކް މިނިސްޓަރު ސައީދު (ކ) މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަނީ: އެސްއީޒެޑްގެ އެއްވެސް މަޝްރޫއަކުން ދައުލަތަށް އާމްދަނީއެއް ނުލިބޭތާ ދެ އަހަރު ވެއްޖެ.

ދައުލަތަށް އާމްދަނީ އިތުރު ނުވެ އަހަރު ނިމެމުން ދަނިކޮށް ހަރަދު ކޮންޓްރޯލްކުރަން ފިނޭންސް މިނިސްޓްރީން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ އެޅި މައިގަނޑު ސަބަބަކީ ވެސް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި ގާތްގަނޑަކަށް 1.3 ބިލިއަނެއްހާ ރުފިޔާ ނުލިބޭނެކަން ޔަގީންވުމުން ކަމަށް ވެދާނެ އެވެ.

ބަޖެޓްގައި ހިމެނި ގިނަ ކަންތައްތައް ހާސިލްނުވި ނަމަވެސް ކުރިން ލަފާކުރި މިންވަރަށް ވުރެ އިތުރަށް ޓޫރިސްޓުން އައުމުން ބަޖެޓް ޑެފިސިޓް ކޮންމެވެސް ވަރެއް ކުޑަވާނެ ކަމަށް ބެލެ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ރާއްޖޭގެ ޓޫރިޒަމް 4.7 ޕަސެންޓް ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކުރި އެވެ. ނަމަވެސް މިހާރު އެ މިންވަރު އުޅެނީ ގާތްގަނޑަކަށް ހަ ޕަސެންޓްގަ އެވެ. އޭގެ އިތުރުން ޓޫރިސްޓުން ހޭދަކުރާ މުއްދަތު ވެސް އިތުރުވެފައިވެ އެވެ.

"ކުރިން ލަފާކުރި މިންވަރަށް ވުރެ ރަނގަޅަށް ޓޫރިޒަމް ކުރިއަރަމުން އެބަ އާދޭ. އެސްޓިމޭޓްކުރި ވަރަށް ވުރެ ތަންކޮޅެއް ރަނގަޅަށް ޓޫރިޒަމް ޓީޖީއެސްޓީ އާއި އެއާޕޯޓް ސާވިސް ޗާޖް ވަނީ އިތުރުވެފައި. އަދި މީރާ އަށް ވެސް ލިބޭ އާމްދަނީ އިތުރުވަމުން އަންނަތަން ފެންނަނީ،" ކުރިން ވާހަކަދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

ބަޖެޓަށް އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންކަން ހާސިލްނުވީ ރާވާފައިވާ ގޮތުން ކަމަށް ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ބަޖެޓްގައި އާމްދަނީ އިތުރުކުރަން ހުށަހަޅާއިރު އެކަން ހާސިލްކުރެވޭނެ ގޮތްތައް ކުރިން ރާވަން ޖެހެ އެވެ.

"ގިނަ ކަންތައްތަކަކީ ގާނޫނުތަކަށް ބަދަލު ގެނެސްގެން ކުރާ ކަންތައްތައް. އެކަންތައްތައް ކުރަން ވަކިން މަޖިލީހަށް ހުށަހަޅަން ޖެހޭ. އެކަމަކު މިދިޔަ އަހަރާ ތަފާތުކޮށް މި އަހަރު މަޖިލިސް ތެރެއިން ކުރަން ޖެހޭ ކަންތައްތައް ވަނީ ކޮށްފައި. އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ތަންކޮޅެއް ލަހުން އަމަލުކުރަން ފެށުނީ،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓްގައި ހިމެނި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ސަރުކާރުން ބޭނުންވީ ޖެނުއަރީ މަހުން ފެށިގެން ނަގާ ގޮތަށެވެ. ނަމަވެސް މަޖިލީހުން އެ ގާނޫނު ފާސްކުރިއިރު އޮތީ މެއި މަހުން ފެށިގެން އެ ޗާޖް ނަގާ ގޮތަށެވެ.

"މިދިޔަ އަހަރާ ތަފާތުކޮށް މި އަހަރު އެކަންތައް ކުޑަ. ކުރިން ގިނަ ކަންތައްތައް ފިނޭންސް އިން ބޭނުންވާ މުއްދަތަކަށް ނުނިމޭ އަދި އަމަލުކުރަން ވެސް ނުފެށޭ. އެހެންވުމުން އާމްދަނީ ލިބުން މަދުވެގެންދޭ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ ކުރިމަތީގައި ބަޔަކު މަޑުކޮށްލައިގެން: ބަޖެޓްގައި އާމްދަނީ އިތުރުކުރަން ހުށަހެޅި ގިނަ ކަންތައްތައް ހާސިލެއްނުވޭ.

އޭނާ ވިދާޅުވީ އެސްއީޒެޑުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ނުލިބުމުން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ.

"މިދިޔަ އަހަރު އޮތީ އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އެސްއީޒެޑުން. އެކަމަކު މިދިޔަ އަހަރު ވެސް ނުލިބުނު. އެހެންވެ މި އަހަރު ނިންމީ އެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރަން. މިހާތަނަށް އެނގިފައި ވަނީ އިންވެސްޓްމަންޓްތަކާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް. އެކަމަކު އެއިން އެއްވެސް ކަމެއް އަދި ނުނިމޭ،" އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ އެސްއީޒެޑަށް ކަނޑައަޅާފައި ހުރި އާމްދަނީގެ ވަރަށް ބޮޑު ބައެއް މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށެވެ.

"އެސްއީޒެޑަށް އެކަށައެޅި އާމްދަނީ އަހަރު ނިމުމުގެ ކުރިން ވަރަށް ބޮޑުތަން ރިއަލައިޒް [ހަގީގަތަކަށް]ވާނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް އެއީ ކޮން ކަމެއް ކަން އަދިވެސް ނޭނގެ އެވެ. ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވެފައި ވަނީ މި އަހަރުގެ ބަޖެޓާ ބެހޭ ހުރިހާ މައުލޫމާތެއް މި މަސް ތެރޭގައި ހާމަކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ބަޖެޓްގައި އާމްދަނީ އިތުރުކުރަން ހުށަހަޅާ ގިނަ ކަންކަން ހާސިލްނުވުމުން ނަތީޖާއަކަށް ވެގެން ދަނީ ބަޖެޓް ޑެފިސިޓް ބޮޑުވުމެވެ. ދަރަނި ބޮޑުވާ އިރު ދައުލަތުގެ ހަރަދުތައް ކުޑަނުކުރާ ނަމަ އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށް ކުރެ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ވެސް ހަގީގަތަކަށް ނުވެދާނެ އާ އެތައް ކަމެއް ހިމެނުން އެކަށީގެންވެ އެވެ.

46 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 9%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުވަހަންދޫ

02 October 2017

ބަލަގަ އެސް އީ ޒެޑް ފެއިލް ކޮށްލީ ގަސްތުގަ ރާވައިގެން އިދިކޮޅު ފަރާތްތަކުން. ފާފު މަޝްރޫއު ވަޅުޖައްސާލީ. ދިވެހިން އެކަމާ ކަރުނައަޅާދުވަސް އަންނާނެ.

The name is already taken The name is available. Register?

ގަޓް ރައީސް

02 October 2017

އަހުރެމެން އާމްދަނީ ހޯދާނީ ދިވެހިންގެ ބޭންކް މަގޭ ބޭންކު އިން ނެވެ. ޗެކު ފޮތުގެ ކޮށްމެ ގަނޑަކީ 3 ރުފިޔާއެވެ. ދޭ ކޮންމެ ހިދުމަތަކުން 15 ރުފިޔާ ލިބޭ އެއޮތީ އާމްދަނީ ކަލޯމެން އިދ..........

The name is already taken The name is available. Register?

ބުރާންތި

02 October 2017

ކޮބާ މައްސަލަޔަކީ، އަބަދުވެސް ނިކަމެތި ރައިއްޔަތުން މިތިބީނު ކޮންމެސް ނަމެއްކިޔާފަ ނޫނިއްޔާ ރާއްޖޭގެ އެހެންރައްތަކުގަ ނޫޅެ މާލޭގަ އުޅޭތީއޭ ކިޔާފަ ނަމަވެސް ޓެކްސްއެއް އިތުރުކޮއް ފެލާލާ.

The name is already taken The name is available. Register?

ހޮޓްކިންގ

02 October 2017

ހަގީގަތުގައި އިކޮނޮމިކް މިނިސްޓަރ ސަޢީދަކީ މައުމޫނު ދައުރުގައި ގެންގުޅުކަހަލަ މިނިސްޓަރެއް. މައުމޫނު ކޮންމެ ކަމެއް ގޯސްކޮށް ކުރިޔަސް ސަނާކީ. އޭނަ ނަތީޖާ މައުމޫނަށް ނިކުތީ ގޯސްކޮށް. ހަމައެހެން ސަޢިދު ދަނީ މިނިސްޓަރު ކަމެގެ ދަހިވެތިކަމުގައި ހަގީގަތާއިޚިލާފު އެތައް ވަހަކައެއް ދައްކަމުން. ސަރުކާރުން ކަންކަން ހާސިލްކުރާ މިންވަރާއި ލިބޭ ކާމިޔާބީއާށް ވުރެންވެސް އިތުރަށް ބޮޑުކޮށްގެން ކިތަންމެ ވާހަކައެއް ދައްކާތަން ފެނޭ. ޔާމީނަށް ސަނާކިޔުމުގައި އަރާހުރީ. ނަތީޖާއަކީ ގޮސްކޮށް ކަންކަން ދާއިރުވެސް އެކަމަށް ދޭންވާ ސަމާލުކަންދޭން ނޭނގުން.

The name is already taken The name is available. Register?

ސައިޚް

02 October 2017

ބަޖެޓް ޑެފިޒިޓް ފިލުވަން ކާޑު އަގު ބޮޑުކުރުން، ޕެޓްރޯލްއާއި ޑީސަލް އަގުބޮޑުކުރުން، ސްޓިކަރ ޖެހުން، ކަނޑާ އެއްގަމު އުޅަނދުފަހަރުގެ ފީތައްބޮޑުކުރުން، ފެނާ، ކަރަންޓްގެއަގު ބޮޑުކުރުން، މިހިރީ ކުރެވޭނެކަންތަށްދޯ.؟ އަދި އިދިކޮޅު ފަރާތްތަށް ބޮޑެތި އަދަދުން ޖޫރިމަނާކުރުން އިތުރުކުރުން، ގޮތްތަށް މިހިރީ ބައިވަރު، އެކަންކަން އެދަނީ ކުރެވެމުން، ދެން އަތްޖަހާ.........

The name is already taken The name is available. Register?

އުމަރު

02 October 2017

ސަރުކާރު މިދިޔަ 2 އަހަރުގައި މުޅިން ވަގުތު ހުސްކުރީ ސިޔާސީ ކަންކަމުގެ ތެރޭގައި، އެގޮތުން ހޯދުނު ކާމިޔާބު ތަކުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރަސީ ފުނޑާލުމާއި، މަޖިލިސް ބަންދުކުރުމާއި، އެތަކެއް ސިޔާސީ ބަޔަކު ޖަލައްލުން ހިމެނޭ އޭގެ އިތުރުން ޤާނޫނުތަކާއި ގާނޫނު އަސާސީން ލިބިދީފައިވާ ހުރިހައި ހައްގެއްވަނީ ނިގުޅައިގެންފައި، ކެބިނެޓް މީޓިންގް އެއް ނުބާއްވާ، އިކޮނޮމިކް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރު އުޅުއްވީ މައުމޫނުގެ ފަހަތުން ޓުވިޓާގައި ހަނގުރާމަ ކުރަމުން، ޓޫރިޒަމް މިނިސްޓަރު އުޅުއްވީ ބައިބައިވެފައިވާ މަޖިލިހުގެ މެންބަރުންގެ ކަންކަން ހަމައަކަށް އަޅުވައި ޕީޕީއެމަށް ފައިސާހޯދޭތޯބަލަން، އެހެންކަމުން މިހާރު ރައީސް ޔާމީނު ޖެހެނީ މިނިސްޓަރުން ބަދަލުކުރަން، ފިނޭންސް މިނިސްޓަރުވެސް ބަދަލުކުރަން، ފައިސާހޯދަން ހަވާލުކުރި މިނިސްޓަރުން ވަކިކުރަން، އެނޫންގޮތެއްނެއް، ބަދަލު އަންނަންޖެހޭ

The name is already taken The name is available. Register?

މެންޓަލިސްޓް

02 October 2017

އެއީ މިފަހަކަށްއައިސްބަޖެޓް ހަދާއުޅޭގޮތް ،، އެއީ ޕަބްލިކްގެ ބޮލަށް ޗިޕްޖަހަން މަޖިލިސްގެ ފްލޯރގައި އޮޅުވާލަން ޖަހާސަކަރާތެއް ،،، ސިޔާސީގޭސްގަނޑެއް ،، ބަޖެޓްގައި އެންމެގިނައިން ހުންނާނީ ފޮރިން ބޮރޮވިނގްސްއިން އެންމެބޮޑަށް އޮޅުވާލާފައި ،،، ގްރާންޓްއެއިޑާޢި ،،، އެއީ ޑެޓްފައިނޭންސްކުރަން ބަޖެޓް ބެލެންސްކުރަން ކަނޑައެޅިގެން އެނގިހުރެ ހަދާ ބޮޑުދޮގެށް ،،، ކުރީންސުރެން އެކަންކަށް ކޮއްއުޅެނީ އެހެން ،،، ޕަބްލިކް ފައިނޭންސްއަކީ ވަރަށްޒާތެއްގެ ސިސްޓަމްއެއް ،،، އޭގައިބޮޑަށް އޮންނާނީ " މުކޮޅި ހިސާބް " ހެދުން ،،، އެއީ އަޅުގަނޑުމެން އެއަށް ކިޔާޢުޅުނުނަމަކީ ،،، ދެންއަނެއްހެންއޯކޭއެއްނު ،،، އެއްވެސް ސިޔާސީޕާޓީއަކުން ބަޖެޓްހަދާގޮތާޢި ދެކޮޅުވެ އެކަމާނޫޅޭނުން ،، އެންމެންވެސް ހަދަނީ ހަމަ މުކޮޅިހިސާބް ،،، " ޖަހާމުކޮޅި ހިސާބުން ހިއްތަކޭ ފިނިވަނީ މަންޒިލް މިއޭ ހިއްއެދޭ " ވަރަށްވެދުން

The name is already taken The name is available. Register?

ކުމާރު

02 October 2017

އާމްދަނީ ހޯދަން ކިއްލި ހަދައިން ކިއްލި ވިކަބަލަ

The name is already taken The name is available. Register?

މުރާސިލް

02 October 2017

ކޮންމެހެން ދަޢުލަތަށް އެސްއީޒެޑުން އާމްދަނީ ނުލިބުނަސް ދަޢުލަތުގެ ޚަރަދުތައް ހަމަޖައްސަމުން ޤައުމުގެ ތަރައްޤީގެ ދުވެލި ހަވަނަ ގިޔަރުގައި ކުރިއަށް މިދަނީ ދީރާގައި ފެންކުންފުންޏާއި އެއާޕޯޓް ވިއްކައިގެނެއް ނޫނެވެ. އަހަރެމެންނަށް މިއަދު މިޤައުމުގެ ކުރިއެރުމާއި ތަރައްޤީ އެބަ ފެނެއެވެ. ދެން މިއާއި އިދިކޮޅަށް ތިޔަ ދައްކާ ވާހަކަ ތަކަކީ ސިޔާސީ ވާހަކަތަކެކެވެ. އެއީ ތަރައްޤީއާއި ކުރިއެރުން ނާންނާތީ ދައްކާވާހަކައެއް ނޫނެވެ. އެއީ ވެރިކަން ނުލިބިގެން ދައްކާ ވާހަކަ ތަކެކެވެ.

The name is already taken The name is available. Register?

ހާސަރު

02 October 2017

ތިޔަ ސަލާމަތްވަނީ ތަންތަން ވިއްކައިގެން. ދެން ޔާމީން މެން ދެކޮޅު ހަދަހަދާ އޮށްވާ އޭރު ނަޝީދު ފާސްކުރިން ޓެކްސްތަކުން އެހެންނޫންނަމަ ދެން ވާނެ ނިކަމެތިގޮތެއް ނުވެސް އިގޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454