ޓީވީއެމް ހިންގާ އިމާރާތް: އެތަނުގެ އައްޑޫ ބިއުރޯގައި މަސައްކަތްކުރި އެ ނޫސްވެރިޔާ
13 ނޮވެމްބަރ 2017 - 14:41
ޓީވީއެމުން ވަކިކުރި ނޫސްވެރިޔާ ނަސްރުﷲ އަބްދުލްހާދީ އަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
ޓީވީއެމްގެ އައްޑޫ ބިއުރޯގައި 14 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރި ނަސްރުﷲ 2015 ގައި ވަޒީފާއިން ކުރުމުން އޭނާ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، އަންގާފައި އޮތީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަނބުރާ ދިނުމަށާއި ލިބެންޖެހޭ އިނާޔަތްތަކުގެ ގޮތުގައި 100،800ރ. ދިނުމަށެވެ.
ނަސްރުﷲ ވަކިކުރީ އޭނާ މަސައްކަތް ކުރި އައްޑޫގައި ހުންނާނެ ތަނެއް ނެތިފައި ވަނިކޮށް އައްޑޫއަށް ޓީވީއެމުން އޭރު އެންގި އެންގުމަށް ތަބާނުވި ކަމަށް ބުނެ އެވެ. އައްޑޫއަށް ދިއުމަށް ނަސްރުﷲ އަށް އެންގިއިރު ޓީވީއެމްގެ އައްޑޫ ބިއުރޯ އޭރު ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ ނަސްރުﷲ އެދުނީ އައްޑޫއަށް ފޮނުވާ ނަމަ ހުންނާނެ ތަނެއް ހަމަޖައްސައި ދިނުމަށެވެ. އެކަމަކު ޓީވީއެމުން ވަނީ އޭނާ މަސައްކަތް ކުރާ ތަނަށް ދާން އެންގި އެންގުމަށް ތަބާނުވީ ކަމަށް ބުނެ ވަޒީފާ އިން ވަކިކޮށްފަ އެވެ.
ޓީވީއެމް މިހާރު ހިންގާ ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް) އިން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމީ ނަސްރުﷲ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށް ޓްރައިބިއުނަލުން އެންގި އެންގުން ރަނގަޅު ކަމަށެވެ. އަދި އޭނާ ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދޭން ޖެހޭނެ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ނަސްރުﷲ އަށް ވަޒީފާއާ ދޭން އެންގި އެންގުމަށް ތާއީދު ކުރިޔަސް، އިނާޔަތުގެ ގޮތުގައި އޭނާއަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދޭން ޓްރައިބިއުނަލުން އަންގާފައި އޮތް ބައި ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެ ފައިސާއަކީ އަތޮޅު ތެރޭގެ ރަށްރަށުގައި ތިބޭ މުވައްޒަފުންނަށް މުސާރައިގެ އިތުރުން އޭރު ދެމުންދިޔަ އިނާޔަތްތަކާއި ކޮއްތު އެލަވަންސްގެ ގޮތުގައި އޭނާއަށް ޓްރައިބިއުނަލުން ނަގައިދިން ފައިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޔާ
14 November 2017
ތީގަ ގިނަފަހަރަށް ވާ ގޮތަކީ ވަޒީފާ އަލުން ދޭން ހުކުމް ކޮށްފައި އޮތަސް އެމީހާ ބޭނުމެއްނޫން އެވަޒީފާ އެއް. ހަމަ އެފައިސާ ހޯދުމުގެ ނިޔަތުގަ ކުރާކަމެއް.
ހަބޭސްބބބބ
14 November 2017
2015 ގައި ވަޒީފައިން ވަކިކުރި މީހަކަށް 2017 ގައި އެވަޒީފާދޭން އެންގުމުން އިންސާފު ލިބުނީކަމަކަށްނުވޭ އަދި ސްޕްރީމްކޯޓަށް 3 އަހަރު ؟
އުމަރު
13 November 2017
މިކަމުގައި ޒިންމާވާނީ ކާކު؟ ޒިންމާގެ ޕްރޮގްރާމް ހިންގާ ކުންފުނިން މިކަމުގެ ޒިންމާވާނީ ކާކުތޯ؟
ބަބަަބަރަބޯ
13 November 2017
ހައިކޯޓުން ތިޔަ ގޮތަށް ޙުކުމްކުރިނަމަވެސް ތިގޮތަށް ތިކަމެއ ނުހިނގާނެ ސްޕްރީމް ކޯޓަކީ ދައުލަތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ދައުލަތުގެ ބާރުގެ ދަށުގަ އޮންނަ ތަނެއް މާދަމާ ތިޔަ މައްސަލަ ދައުލަތުން ނުވަތަ ޕީއެސް އެމުން އިސްތިއުނާފުކުރާނެ އަދި ސްޕްރީމްކޯޓުން އެ މައްސަލަ ބަލައިގަންނާނެ އަމިއްލަ ފަރުދަކުގެ ޙައްޤު ގެއްލިގެން ހުށަހަޅާ މައްސަލައެއް ސްޕްރީމްކޯޓުން ބަލައިނުގަތަސް ހައިކޯޓުގެ ތިޔަ ޙުކުމް ބާޠިލްކަމަށް ނިންމާނެ ދައުލަތުން އެއްވެސް އެއްޗެއް މީހަކަށް ދޭންޖެހިގެން ނުވާނެ މިސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ޤާނޫނާ ޚިލާފު ކަމެއްނުކުރާނެ ކުރިނަމަވެސް އެކަން ބަދަލްވާނެ ނިކަމެތި ރައްޔިތުގެ ބޮލަށް އެއީ ކަންހިނގަމުންދާ ގޮތަކީ
ހަސަނު.
13 November 2017
ތީ ހާދަ މޮޅު ޙުކުމެކޭ ދޯ؟؟ އެދުވަހު ވަޒީފާއިން ވަކިކޮށްފައި އެވަނީ އެކަން ކުރަން ދައްކާނޭ ބަހަނާއެއްނެތުމުން ބަހަނާއެއް އުފައްދައިގެން. އެކަމުގެ ސަބަބުން މާލީގޮތުން މިއަދާ ހަމައަށް ލިބުނު ގެއްލުމުގެ ބަދަލު އެއީ ދޭން ޖެހޭއެއްޗެއްކަމުގައި ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނުނު. ހަމައެކަނި އެފެންވަރުގެ ވަޒީފާއެއް ދޭންޖެހޭކަމަށް އެބުނަނީ. މީ ހަމަ އިސްލާމްދީނުގައި މިކަން ކުރަން އޮންނަ ގޮތްތޯ؟؟؟