ރައީސް ޔާމިން، ޖަޕާން ސަފީރަކަށް އުވައިސް މިއަދު އައްޔަން ކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް
15 މާޗް 2018 - 13:53
ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އިބްރާހިމް އުވައިސް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭނާ އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި ކުރިން ހުންނެވީ، ސްރީ ލަންކާގައި މިހާރު ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ.
އުވައިސް ވަނީ މީގެ ކުރިން ރައީސް އޮފީހުގެ ފަސްޓް ސެކްރެޓަރީގެ މަގާމާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި އެސިސްޓަންޓް ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އަދި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީ ކަން ވެސް އުވައިސް ކުރެއްވި އެވެ.
މިދިޔަ މަހުގެ 28 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުވައިސް، ޖަޕާން ސަފީރަކަށް އައްޔަން ކުރަން ރުހުން ދިނީ ޕީޕީއެމް/އެމްޑީއޭގެ 31 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަން ކުރެއްވި މުންދު ވަނީ ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy