ޚަބަރު / ކުރީގެ ނައިބު ރައީސް އަދީބު

އަދީބަށް އާއިލީ ބައްދަލުވުން ނުދޭ މައްސަލަ އެޗްއާރުސީއެމަށް

ފުލުހުންގެ ބެލުމުގެ ދަށުން އަދީބު ދޫނިދުއަށް ގެންދަނީ. - ފޮޓޯ: މިހާރު

ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އާއިލީ ބައްދަލުވުންތައް ނުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެ، އެ މައްސަލަ އާއިލާގެ ފަރާތުން އެޗްއާރުސީއެމަށް މިއަދު ހުށަހަޅައިފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ، އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް އަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މިދިޔަ ފެބްރުއަރީ 20 ގައި އަދީބު މާފުށީ ޖަލަށް ބަދަލުކުރި ފަހުން މިހާތަނަށް އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް ލިބިފައި ނުވާ ކަމަށެވެ.

އަދީބަށް އެންމެ ފަހުން އާއިލީ ބައްދަލުވުމެއް ދިނީ މިދިޔަ މަހުގެ 19 ގަ އެވެ. އާއިލީ ބައްދަލުވުންތައް އަދީބަށް ނުދިނަސް، ވަކީލުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ދޭތެރެ ދޭތެރެއިން ލިބިވަޑައިގަނެ އެވެ.

ސިއްހީ ގޮތުން އެތައް މައްސަލައެއް ކުރިމަތިވެވަޑައިގެންފައިވާ އަދީބަށް ސިއްހީ ފަރުވާ ދިނުމުގައި އަމަލު ކުރާ ގޮތް ސާފުވެ ކަށަވަރު ކުރެވޭނީ ވެސް އާއިލީ ބައްދަލުވުންތައް ބޭއްވުނީމަ ކަމަށް ނަޝްވާގެ ސިޓީގައިވެ އެވެ.

"އަޅުގަނޑުގެ ފިރިމީހާއަކީ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާއިރު، އާއިލީ ބައްދަލުވުމުގެ ހައްގާއި އެކަހެރި ބައްދަލުވުމުގެ ހައްގަކީ ޖަލުތަކާއި ޕެރޯލް ގާނޫނުން އަޅުގަނޑުގެ ފިރިމީހާ އަށް ލިބިގެންވާ ގާނޫނީ ހައްގެކެވެ. އެ ހައްގު ލިބިނުދީ ހިފެހެއްޓޭނޭ ފަދަ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތެވެ،" ސިޓީގައި ވެ އެވެ.

ނަޝްވާ ވިދާޅުވި ގޮތުގައި އެހެން ގައިދީންނަށް އާއިލީ ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ދެމުން ގެންދާއިރު، އަދީބަށް އެ ފުރުސަތު ނުލިބުމަކީ ތަފާތު ކުރުމެވެ. އެހެންވެ، މި މައްސަލަ ބަލައި، އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރުމުގެ ފުރުސަތަކަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ޖުމްލަ 33 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ އަދީބުގެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ގްލުކޮމާ ޖެހުމާއި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުން ހިމެނެ އެވެ. އެހެންވެ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އަދީބު އެދިވަޑައިގެންފައިވ އެވެ. އެކަމަކު ސަރުކާރުން އެ ހުއްދައެއް ނުދެ އެވެ.

ނަޝްވާ ވަނީ ރާއްޖެ އިން ބޭރަށް އަދީބު ފޮނުވުމުގެ މައްސަލަ މެޑިކަލް ބޯޑަށް ހުށަހެޅުން އަވަސްކޮށް ދިނުމަށް އެދިވަޑައިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ވެސް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި ވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖޭ އިން ބޭރަށް ފޮނުވުން ލަސްވުމުގެ ސަބަބުން ލިބިގެންދާނެ ހުރިހާ ގެއްލުންތަކަށް ގާނޫނީ ގޮތުން ޒިންމާވާން ޖެހޭނީ ކަރެކްޝަނަލް ސާވިސް އިން ކަމަށާއި އެހެންވެ، އެކަމަށް ރިއާޔަތްކޮށް އިޖުރާއަތުތައް ހިންގުން އަވަސްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުކޮށްދޭ ކަމަށް އާއިލާއިން ބުނާއިރު، ސަރުކާރުން ބުނަނީ އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށެވެ. އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އެމަނިކުފާނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވަނީ ފަށައިފަ އެވެ.

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454