އިދިކޮޅު ސިޔާސީ ލީޑަރުން: އިންތިހާބުގައި ރައީސް ޔާމީން ބަލިކުރަން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފައި.
12 އެޕްރީލް 2018 - 13:47
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ކުރާ މަސައްކަތް ދާނީ ފަނުފުލުން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން އިންތިޚާބުގައި ވާދަކުރާނެ އެއް ކެންޑިޑޭޓަކު ހޮވުމަށް އެކުލަވާލި ކޮމެޓީގެ މަޝްވަރާތައް މެދުކެނޑިފައި އޮތުމަށް ފަހު، ވަރަށް އަވަހަށް އެއް ކެންޑިޑޭޓާ ގުޅޭ ވާހަކަތައް ފަށާނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.
ޚަލީލް "މިހާރު" އަށް ވިދާޅުވީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރޭ ވާހަކަ އިދިކޮޅުން ދައްކަމުން އަންނައިރު، ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ އެކަން އާއްމުންނާ ހަމައަށް ތިލަވެފައިވާ ކަމަށެވެ. އިދިކޮޅު އެމްޑީޕީ އަށް އެކަނި ބެލި ނަމަވެސް އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަމްސީލް ކުރައްވާ ފެކްޝަން، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ބަލަހައްޓަވަމުން ގެންދަވާއިރު، އެމްޑީޕީއާ ގުޅިވަޑަައިގެންނެވި ޑީއާރުޕީގެ ފެކްޝަނެއް ވެސް ހިންގާ ކަމަށް ޚަލީލް ފާޑުވިދާޅުވި އެވެ.
"މިއީ، އެމްޑީޕީގެ ހާލަތު. އެއާ އެކު، ޕާޓީތަކުގެ ތެރޭގައި ވެސް ކެންޑިޑޭޓުގެ މައްސަލަ އުފެދިފައި މިވަނީ. އޭގެ ހެއްކެއް ނޫންތޯ، ވަކިވަކިން މެނިފެސްޓޯ ހަދަމުން ދިއުން. އެމްޑީޕީން މެނިފެސްޓޯއެއް ހަދަމުން އަންނައިރު، ޖުމްހޫރީ ޕާޓީން ވެސް ވަކިން އެބަ މެނިފެސްޓޯއެއް އެކުލަވައިލާ. މީގެއިން މި އެނގެނީ، މި ބޭފުޅުންނަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ކަން،" ޚަލީލް ވިދާޅުވި އެވެ.
މެމްބަރު ހަލީލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން އިންތިޚާބަށް ވަކިވަކިން މެނިފެސްޓޯ އެކުލަވާލައި ވަކި ކެމްޕޭންތައް ކުރަން ނިންމީ، އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަން ޔަގީން ވުމުންނެވެ. އެމްޑީޕީި އާއި ޖުމްހޫރީ ޕާޓީން މެނިފެސްޓޯ އެކުލަވާލަމުން އަންނައިރު، އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަކި މެނިފެސްޓޯއެއް ހަދާ ތަން ފެންނާނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުގެ މިސްރާބު ހުރި ގޮތުން އެއް ކެންޑިޑޭޓަކު ނެރުމަކީ ޕާޓީތަކަށް ވާނެ ކަމެއް ނޫނެވެ. އިންތިޚާބުގައި އިދިކޮޅު ކޮންމެ ޕާޓީއަކުން ވެސް ވާދަކުރާނީ، ޚަލީލް ވިދާޅުވި ގޮތުގައި، ވަކިވަކިންނެވެ.
އިދިކޮޅު ޕާޓީތަކުން ކޮންމެ ކެންޑިޑޭޓަކު ނެރުނަސް ރައީސް ޔާމީން ބަލި ނުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޚަލީލް ވިދާޅުވި އެވެ. އެއީ، އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި މިހާތަނަށް ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވި ތަރައްގީ އާއި ކުރިއެރުން ހޯއްދަވައިދެއްވުނު ސިޔާސީ އެހެން އެއްވެސް ލީޑަރަކު ނެތުމުން ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީން ބަލިކުރެވޭނެ ވަރުގެ އިދިކޮޅު އެއްވެސް ކެންޑިޑޭޓަކު ނެތް. އެމަނިކުފާނު ހޯއްދަވައި ދެއްވި ކުރިއެރުމާއި ތަރައްގީ ރާއްޖެ އަށް ގެނެސްދެވޭނެ ގާބިލްކަން ހުރި ބޭފުޅަކު ވެސް އިދިކޮޅުގައި ނެތް،" ޚަލީލް ވިދާޅުވި އެވެ.
އިދިކޮޅު ކެންޑިޑޭޓް ނެރުން ލަސްވާ މައްސަލައިގައި އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެމުން ޕާޓީތަކުން ބުނެފައި ވަނީ، ރައީސް ޔާމީން ބަލިކުރާނެ އިދިކޮޅު ކެންޑިޑޭޓް ހުރީ ތައްޔާރަށެވެ. ވަގުތު ޖެހުމުން އެއީ، ކޮންބޭފުޅެއް ކަން އިއުލާން ކުރާނެ ކަމަށާއި އެ ބޭފުޅަކު މިވަގުތު ހުންނެވީ ޖަލުގައިތޯ ރާއްޖޭއިތޯ ނުވަތަ ރާއްޖެ އިން ބޭރުގައިތޯ އެނގުމަކީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށެވެ.
އިދިކޮޅު ކެންޑިޑޭޓު ކަނޑައަޅަން، ޕާޓީތަކާއި ކުރީގެ ރައީސް މައޫމޫން އަބްދުލްގައްޔޫމް ތަމްސީލް ކުރައްވާ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމެޓީއެއް އެކުލަވާލައި ބައްދަލުވުންތައް ބާއްވާއިރު، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވެސް އިންތިކާބުގައި ވާދަކުރަން ބޭނުންވެ އެވެ. ޖުމްހޫރީ ޕާޓީން، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނެރެން ބޭނުންވާއިރު، އެމްޑީޕީގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެކަމަކު މި ދެ ބޭފުޅުންނަށް ވެސް ޖަލު ހުކުމް އިއްވާފައިވާތީވެ، އިންތިޚާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތުތައް ވަނީ ބަންދުވެފަ އެވެ. މިހެން ވިޔަސް ޕާޓީތަކުން އުއްމީދު ކަނޑައެއް ނުލަ އެވެ. ރިޔާސީ އިންތިޚާބު ބާއްވަންވާއިރަށް ސިޔާސީ މަސްރަހަށް ބަދަލުތަކެއް ގެނެސް އިދިކޮޅު ލީޑަރުންނަށް އިންތިޚާބުގައި ބައިވެރިވެވޭނެ ގޮތެއް މަގުފަހިކުރަމުން އަންނަ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
01 October 2018
ޚަލީލަކީ ދުނިޔެގެ އާޖުފާޖުވެސް ނުދަންނަމީހެއްކަން މިހާރު ވަރަށް ސާފު. ދެން އަތްޖަހާ.
އުމަރުބެ
28 June 2018
ހަލީލު ދައްކާ އެއްވެސް ވާހަކައަކަށް ސަމާލުކަން ދޭނެކަމެއްނެއް، އެއްވެސް މީހަކު ޔާމީނުއަކާއި ނުގުޅޭނެ، މިހާރު ހަލީލު އުޅެނީ ޔާމީނު ކައިރީގައިތިބި މީހުންވެސް ކެމްޕޭނަށް އެއްނުކުރެވިގެން، އެމީހުން މިހާރުތިބީ ފާރުމަތީގައި ދެފަރާތަށް ފައިބާލައިގެން
ސޮރެއް
13 April 2018
ހަލީލުމެން ތަޅުވާ ބޮލިރަވަ އަކަށް، އިދިކޮޅަކުން ނުބަލާނެ. ވަލްހަމްދުލި ﷲ، ވައްސަލާމް އަލައިކުމް.
ޒިންދަގީ
12 April 2018
ފަނުފުލެއް ކިޔާނެކަމެއްނެތް، އަވަހަށް ތިޔަޕާޓީން ކެންޑިޑޭޓެއް ހޮވަންވީ.. ޔާމީނަކީ ކެންޑިޑޭޓެއްނޫނޭ.. އެހެންނޫނަސް ޚަލީލައް ކީއްތަ؟؟
ނެރު
12 April 2018
ދެން އެހެންވީމަ ޚަލީލް ކުރިމަތި ލާންވީނު
މެންޓަލިސްޓް
12 April 2018
ދަންނަވާލަން ފާނަން ވާހަކައެއް ،،، ކިތަންމެ ފޮނެއްއެރުވިޔަސް ،،، ރުމާލު މަންނައޮތަސް ،،، 2 އޮތަސް ،،، އޭގެބޭނުމެއްނުހިފޭނެ ،،،، ޔާމިންގެ ނަމެށް 2018 ގެ ވޯޓްކަރުދާހުގައި ނޯންނާނެކަމީ މުޖައްރިބު ކަމެށް ،،،، އަދިވެސް ބުއްދިވެރީ ޕީޕީއެމްއިން އަވަހަށް ކެންޑިޓޭޓްއަކު ހޯދުން ،،،، އެނޫންގޮތެއް މިހާރު ރާއްޖޭގައި ނެތް ،، ،ފަހަރުގައި ޙަލީލްމެންކަހަލަ ސިޔާސީ އޮއެވަރު ނުދަންނަ މީހުންނަށް ނުވިސްނިދާނެ ،،،، ބައެއްމީޙުން ބުނާގޮތުގައި ޕީއެޗްޑީއަކީ ޕާރމަނަންޓް ހެޑް ޑެމޭޖް ،،،، އެގޮތަށް ރާއްޖޭގައި ސިޔާސީ މައިދާނުގައި އެފާސް ފެނިފައިހުރީ ،،،، މައައްސަލާމާ
އޭއެމް
12 April 2018
ޙަލީލު ފުލުންދާނީ !!! ޔާމީންގެ ނަމެއް ވޯޓްކަރުދާހުގަ ނުއޮންނާނެ ވަރއްސަލާމް
އައިސް
12 April 2018
ގާސިމް އާ ނަޝީދު އާ ގޮތް ދޫކޮއް އެންމެރައްިތުން ބޭނުންވާ ކެނޑިޑޭޓަކަށް ޖާގަދޭންޖެހޭއެބަ އެހެންނޫނީ ބޯހަރުކަންމަތީ ތިއްބަވާ އަދިވެސް ތިގޮތައް
އަލީ!
12 April 2018
އެއީ މިމީހުން ބޭނުންވާ ގޮތް. ފަނުފުލުން ދުއްވާލުން. އެހެންވެ ބަޔަކު ނުހައްގުން ޖަލަށްލަިއގެން އެއުޅެނީ.
ޢިބޫ
12 April 2018
ފަނުފުލުން ދުއްވާނާމޭ ހިތާ އިދިކޮޅު ހުރިހާ ފަރާތްތައް ޖަލައްލާ ކޯޓްތަކުގެ އިސްފަރާތްތައް ފުޜާޅުން ޓިނުނާގާ ކުޑަގޮޅިއަށް ލިއަސް ތިޔާކަމެއް ނުވާނެ.ހަމަ ބިރުން ލޮލުފިޔަނުޖެހިގެން ދެކޯކަށިގަޑު ތެޅެނީ.ދެންވެސް ބޭކާރު ވާހަކަ ތައް ނުދައްކާ ރައްޔިތުން ނަށް ތިޔަޕާޓީން ކޮށްދޭނެ ކަންތަކުގެ ވާހަކަ ދައްކަބަލަ.މަހަކު -/ 7000 ނުލިބޭ މީހުން ނަށާއި ގާކޮށިން ފްލެޓް ލިބި ފައިސާ ނުދެއްކުނު މީހުން ނަށް މަހަކު މަހަކު -/ 5000 ދައްކާ ގޮތަށް ހުޅުމާލޭން ފްލެޓް ދީބަލަ.މާލޭގަ ސްލަމް ކޮންޑިޝަން ގަ އުޅޭ އާއިލާތަކަށް ހިލޭ ހުޅުމާލޭން ނުވަތަ މާލޭން ފްލެޓް ދޭން ބުނެބަލަ.ރާއްޖޭގެ %50 މީހުން ނަކީ މާލޭގަ ދިރިއުޅޭ މީހުން ކަމަށްވާއިރު އެމީހުން ނަކީ މާލޭ ލޭބަލް ޖެހިފަތިބި ބަޔަކަށްވާތީ ރާއްޖޭގެ އެހެން ރަށަކުންވެސް ދިރިއުޅޭނެ ބިންކޮޅެއް ލިބުމުން ވަނީ މަހުރޫމް ވެފަ.ދިވެހި ރައްޔިތުން ފަރަގުނުކޮށް އިންސާފުވެރިކަމާއެކު އާއްމު ހާއްގުތައް ފޯރުކޮއްދޭނެ ވާހަކަ ދައްކަބަލަ.ހުރިހާއިދިކޮޅު ލީޑަރުން ޖަލަށްލެވުނީމަވެސް ހިތް ނުފުރެނީތަ ފަހެ !