ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި، ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 އެޕްރީލް 2018 - 20:22
ސިޔާސީ ޕާޓީތައް "ތަޅު އެޅުވުމުގެ" އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކާ ބެހޭ ގޮތުންނާއި ޚިޔާލު ތަފާތުވާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމުގެ ދައުވަތު އިލެކްޝަންސް ކޮމިޝަނުން ދިން ނަމަވެސް ވެރިކަން ކުރާ ޕީޕީއެމާއި ސަރުކާރަށް ތާއީދުކުރާ އެމްޑީއޭ އާއި ޑީއާރުޕީ ފިޔަވައި އެހެން ޕާޓީތަކުން ވަނީ ބައްދަލުކުރަން ދެކޮޅުހަދައިފަ އެވެ.
ޖަމާލުއްދީން ސްކޫލްގެ ބައު އިމާރާ އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވި މައިގަނޑު އެއް ސަބަބަކީ ސިޔާސީ ޕާޓީގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ގާނޫނުގައި ފުށު އަރާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އީސީގެ މެމްބަރުންނާ އެކު އިއްޔެ އޮތް ބައްދަލުވުމަށް ފަހު، އެމްޑީއޭގެ އިސް ބައެއް ބޭފުޅުން އެ ކޮމިޝަންގެ ބޭރުގައި މަޑުކޮށްލައްވައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ޝަރީފް ވިދާޅުވީ ސީޔާސީ ޕާޓީތަކަށް ގެންނަން ބޭނުންވާ އިސްލާހުތައް އެކުލަވާލައި އަންނަ ހަފުތާގައި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ. އަދި އިސްލާހުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ވީ އެންމެ އަވަހަކަށް ހަދައި ޕާޓީތައް ބެލެހެއްޓޭނެ ހަރުދަނާ މެކޭނިޒަމެއް ގާއިމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ސިޔާސީ ޕާޓީތައް، ލަގަނެއް ނެތް އަހެއް ދޫކޮށްލާފައި އޮންނަ ފަދައިން ބޭނުން ދިމާލަކަށް ގޮސް، ދޫކޮށްލާކަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލެއް ނުކުރަން،" ކޮމިޝަންގެ ހުރިހާ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި ޕާޓީތައް ބެލެހެއްޓޭނެ ހަރުދަނާ މެކޭނިޒަމެއް ގާއިމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ މެކޭނިޒަމެއް ގާއިމު ކުރަން ބޭނުންވަނީ ޕާޓީތައް ތަޅު އެޅުވުމުގެ ބޭނުމުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ދެވަނަ ކަމެއްގެ ގޮތުގައި ޕާޓީތަކާ މަޝްވަރާ ކުރަން ބޭނުންވި ކަމަކީ، އިލެކްޝަންސް ކޮމިޝަނާ ހިޔާލު ތަފާތުވާ މައްސަލަތައް އޮޅުން ފިލުވުން ކަމަށެވެ. ޕާޓީތަކާ ވަކިވަކިން ބައްދަލުކުރަން ގޮވާލީ ވެސް އެ ސަބަބުތައް އޮޅުން ފިލުވަން ކަމަށް ޝަރީފް ވިދާޅުވި އެވެ.
އީސީގެ ރައީސް ޝަރީފް (ކ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.-- މިހާރު ފޮޓޯ
މަޝްވަރާކުރުމަށް ދިން ދައުވަތު އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ގަބޫލު ނުކުރުމުން ހިތާމަކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭނުންވީ އިދިކޮޅު ޕާޓީތަކުން ގާނޫނަށް ގެންނަން ބޭނުންވާ ހިޔާލެއް އޮތްތޯ ބެލުން ކަމަށާއި އެކަމަކު، އެ ޕާޓީތަކުން ބައްދަލުނުކުރުމަކީ، މަޝްވަރާ ކުރުން ނިމުމަކަށް ގެންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިމަގުގައި ޕާޓީތަކާއެކު މަޝްވަރާ ކުރާނެ އެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމާ ބެހޭ ގޮތުން ޕާޓީތަކާ ދެން މަޝްވަރާ ނުކުރާނެ ކަމަށެވެ. އެކަމަކު، އިންތިހާބުގެ ކަންކަން ރޭވުމާއި ޕާޓީތައް ރެގިއުލޭޓް ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ބޭނުންވާ، އިދިކޮޅު ޕާޓީތަކުގެ މައުލޫމާތު ހޯދައިދޭން ކޮމިޝަނުން މަސައްކަތްކުރާ ކަމަށް އިދިކޮޅު ޕާޓީތަކުން ކުރާ ތުހުމަތު ޝަރީފް ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުން ބޭރުން އެއްވެސް މައުލޫމާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތެއް ނުކުރެ އެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ލަސްކުރާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނާއިރު ޝަރީފް ވިދާޅުވި ގޮތުގައި ފައިސާ ދިނުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަނީ ގާނޫނާ އެއްގޮތަށެވެ. ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ ގާނޫނުން ބޭރުން ހިފަހައްޓާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފިނޭންސް މިނިސްޓްރީން ފައިސާ ޖަމާކޮށްދިންހާ އަވަހަކަށް ޕާޓީތަކަށް ފައިސާ ދޫކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވަނީ ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ޕާޓީތަކާ ފައިސާ ހަވާލު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު އަޒުމީލް
14 April 2018
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުން ބޭރުން އެއްވެސް މައުލޫމާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތެއް ނުކުރެ އެވެ. ބޮޑު ޖޯކް
ފަސީ
14 April 2018
އޯކޭ. ތަޅެއް ނާޅުވާނެ. އިދިކޮޅު ޕާޓީތަކުގެ ހުރުމަތް ކަނޑާލާނީ. އެމީހުންގެ މިނިވަންކަން ގެއްލުވާލާނީ. އެމީހުންގެ މަސައްކަތްތަކަށް ބުރޫ އަރުވާލާނީ.
ދަތްނެތްކުއްޖާ
14 April 2018
ކުދިންނޭ ހާސްނުވޭ. މާތްﷲ ގެ ހެޔޮ ރަޙުމަތުން މި ހުރިހާ ކަމެއްވެސް ހަމަ މަގައް އެލޭނެ ދުވަސް ވަރަށް ގާތްވެއްޖެ. އެދުވަހަކުން ކުނި ވެފައިވާ ހުރިހާ ތަކެތި ކުނި ގޮނޑަށް ރައްޔިތުން ނުކުމެ އުކާލާނެއެވެ. އެދުވަހަކުން ގޮނޑު ހޮވާ ކުދިން ކޮލުވެސް އެ ތަކެއްޗެއް ބޭނުމެއް ނުކުރާނެއެވެ.
މަމެންގެ އަޑު
13 April 2018
ޝަރީފުއަކީ ސީދާ ރައީސް ޔާމީނުގެ ޕަޕެޓެއް.
ޖައިސާމް
13 April 2018
ޝަރީފު އަނގައިން ތިހެން ބުންޏަސް އަމަލުން ކަން ހުރިގޮތް ނިކަން ސާފު. ޕީޕީ ކުދިން ތިހެން ބުނެގެން ތިވާހަކަ ގަބޫލު ކުރިޔަސް، ވިސްނާ ފިކުރު ކުރާ އިންސާނުން ތިވާހަކަ ގަބޫލު ކުރާނެ ކަމަކަށް ނުފެނޭ.
ބީވާ
13 April 2018
ކަލޭމެންނަށް ތަޅުއެޅުވޭތަ ބޭނުން އިރަކު؟
ޑީވާ
14 April 2018
ތަޅުއެޅުވިދާނެ ޕާޓީތަކުގެ އޮފީހުގާ ނުވަތަ ޖަގަހަތަކުގައި
ރުމާލް 2
12 April 2018
ޝަރީފުއަކީ އެއްވެސް ވަރަކަށް އިތުބާރު ކުރެވޭނެ މީހެއްނޫން އަދި ކިތަންމެ ރަގަޅަށް ކަމެއް ކުރިޔަސް ޝަރީފުގެ ޢަމަލުތައް މީގެކުރިންހުރީ އިތުބާރު ކުރެވޭނެފަދަ ގޮތަކަށްނޫން. ޝަރީފުއަކީ މިނިވަން ކަމާއިއެކު ކަންކަން ކުރެވޭނެ އަދި ކުރާނެ މީހެއްވެސްނޫން. މިކަން އިދިކޮޅު ހުރިހާ ޕާރޓީއަކުންވެސް ގަބޫލުކުރޭ.
ފީހި
12 April 2018
އިންސާފުވެރިޔޯ. އެކަމަކު ޕީޕީ ފިޔަވާ އެހެންޕާޓީތަކަށް މާލޭގެ އެއްވެސްތަނެއްގައި ޖަލްސާއެއް ބާއްވާނެތަނެއްނުދޭ. ތަފާތުކުރުން އިންތިހާ.
ތުރާކުނު
14 April 2018
ތިކަމަކާ ޝަރީފުކުރާނީ ކީއް؟ ތަންތަން ދޫކުރަނީ ހައުސިންގްމިނިސްޓްރީ އަކުން ނޫންތަ؟
އެގިއްޖެ
12 April 2018
މިކަން ނިމޭނެ....ތިޔަ ކޮމިޝަން ތިބި މީހުން ބަދަލު ކުރެވޭނެ