ޚަބަރު / ހައި ކޯޓް

ސީއެސްއާރުގެ ދަށުން ފުށިދިއްގާ ދޫކުރާކަށް ދައުލަތަށް ލާޒިމެެއް ނޫން: ހައި ކޯޓް

ހައި ކޯޓު: އަމިއްލަ މީހަކަށް ފުށިދިއްގާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ނުޖެހޭނެ ކަމަށް އެ ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައި --ފޮޓޯ/މިހާރު

އދ. ފުށިދިއްގާގައި ރިސޯޓެއް ހެދުމުގެ އެއްބަސްވުމުގައި އަމިއްލަ ފަރާތަކާ އެކު ސޮއިކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުވާ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސަރުކާރުން ކުރިން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން 2011 ގައި ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް މ. ހަސްތީ އަހުމަދު ޚަލީލް ހުށަހެޅި ހުށަހެޅުން ސަރުކާރުން އޭރު ގަބޫލު ކޮށްފައި އޮތަސް، އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުން ފަހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

އެ މައްސަލަ ޚަލީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ސެޕްޓެމްބަރު، 2015 ގައި ދައުލަތުގެ މައްޗަށް އަމުރުކުރީ އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއި ކުރުމަށެވެ. ސިވިލް ކޯޓުން އެގޮތަށް އަމުރު ކުރިއިރު، ސަރުކާރުން 2014 ގައި އޮތީ އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކަށް އެ ރަށް ކުއްޔަށް ދޫކޮށްފަ އެވެ.

ސިިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުކުރެވޭނެ ކަމަށް ނިންމީ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ. އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުވާ ކަމަށް ހައި ކޯޓުން އެގޮތަށް ނިންމީ ޓޫރިޒަމްގެ ގާނޫނުގައި ބުނާ ފަދަ ކޮންޓްރެކްޓެއް ދެ ފަރާތުގެ ދެމެދުގައި ނެތުމުންނެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމްވާ އެއްޗަކަށް ނުވިޔަސް، ޓޫރިޒަމްގެ ގާނޫނުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް އެއްވެސް ތަނެއް ކުއްޔަށް ދެވެނީ އެ ގާނޫނުގެ ދަށުން ހެދޭ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް އެ ބުނެފައިވާ ކަމަށެވެ.

ފުށިދިއްގާއާ ބެހޭ ގޮތުން ޚަލީލާއި ސަރުކާރާ ދެމެދު ލިޔުންތަކެއް ބަދަލު ކޮށްފައި ވިޔަސް، ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތްކަމުގައި ބެލެވޭނީ ޓޫރިޒަމްގެ ގާނޫނުގައި ބުނާ ފަދަ އެއްބަސްވުމެއް އޮވެއްޖެ ނަމަ ކަމަށާއި އެކަމަކު އެފަދަ އެއްބަސްވުމެއް ޚަލީލާއި ސަރުކާރާ ދެމެދު ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެކަމާ ގުޅޭ ޑްރާފްޓް އެއްބަސްވުމެއް ޚަލީލްގެ ފަރާތުން ސަރުކާރަށް ފޮނުވާފައި ވިޔަސް، އޭގައި ސޮއިކުރަން ދައުލަތުން މިހާރު އިންކާރު ކުރާ ހާލަތުގައި އެއާ އެއްގޮތަށް އަމަލު ކުރަން ދައުލަތުގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ބެއްލެވި އެ މައްސަލައިގެ ތެރެއަށް ފުށިދިއްގާއާ މިހާރު ހަވާލު ވެފައިވާ އެޗްއެމްއެޗްއައި ކުންފުނިން ވެސް ވަނީ ވަދެފަ އެވެ.

އެ ކުންފުނިން ހައި ކޯޓުގައި ބުނެފައިވާ ގޮތުގައި ސިވިލް ކޯޓުގެ އެ ހުކުމް އައިއިރު އެ ކުންފުނިން އޮތީ ފުށިދިއްގާގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް އެއް މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެކަމަކު ހުކުމް އައުމުން އެ މުއާމަލާތްތައް ހުއްޓުމަކަށް އައިސް، އެކިއުޒިޝަން ކޮސްޓްގެ ފައިސާ އެއްކޮށް ދައްކައި ނިމިފައިނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ސީއެސްއާރު މަޝްރޫއުގެ ދަށުން ރިސޯޓް ހެދުމަށް ދޭން ނިންމި އެހެން ތަނެއްގެ މައްސަލާގައި ވެސް އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުވާ ކަމަށް ހައި ކޯޓުން މިދިޔަ އަހަރު ވެސް ހުކުމްކުރި އެވެ.

އޭރު ހައި ކޯޓުން ނިންމީ ސީއެސްއާރުގެ ދަށުން ލ. ގަމުގައި ޓޫރިޒަމްގެ ބޭނުމަށް ހިންގަން ނިންމި އައްސޭރި ޕްރޮޖެކްޓްގެ މައްސަލަ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 0%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮނާ

23 April 2018

ސިވިލް ކޯޓުގައި ދައުލަތުން ފުށިދިއްގަރު ކުންފުންޏަކަށްއެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކަށް ދިންވާހަކައެއް ނުބުނޭ، އަދި އެޗްއެމްއެޗްއައި ކިޔާ ކުންޏަކުން ސިވިލް ކޯޓުގައި ތަދައްޚުލުވެސް ވެފައިނުވޭ، ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު އޮތްކަންކަން ދައުލަތުން ހުށަހެޅުމަކާއި ނުލައި، ދަށު ކޯޓުގައި ހުށަނާޅާ ކަންކަމުގެ މައްޗަށް މައްސަލަ އިސްތިޢުނާފު ކުރުމަކީ ޤާނޫނު ދަންނަކަމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454