ގާސިމް (ކ) އާއި ނަޝީދު: ސުޕްރީމް ކޯޓުގެ ހުކުމެއް އޮއްވައި، މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް އަށް ނުނިންމޭނެ ކަމަށް ދެ ބޭފުޅުން ވިދާޅުވި.
30 އެޕްރީލް 2018 - 17:37
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރަކު އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުން ވަކިވާ ގޮތަށް ހެދި އެންޓި ޑިފެކްޝަން ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ކަނޑައެޅުމުން، މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސުން ވަނީ ނިންމައިފަ އެވެ. އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ވެސް އެ ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ދެއްކޭނެ އެންމެ ބޮޑު ސަބަބަކީ، އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތުން މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުންގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރުގެ ވާހަކަ އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރުން ހިމެނޭ ގޮތަށް، ސުޕްރީމް ކޯޓން ނެރުނު އެ އަމުރުގައި ބުނެފައި ވަނީ، އިންތިޚާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ފެބްރުއަރީ 16 ގައި އެ ކޯޓުން ކުރި ހުކުމްގައި ވެސް އެ ބައި ބާތިލެއް ނުކުރެ އެވެ. ނަމަވެސް އެ މައްސަލަ ނިމެންދެން އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ.
Majlis ge 12 memberun ge gon’di nugehley kamah dhennevey enme bodu sababakee,Raajjege SC akee Uthama Fandiyaaraku hunanjehey thanakahvefa,egothah oiy SC akun gon’di nugehley kamah bunefa vanikoh,Uthama Fadiyaaru nethi SC in 12 MP inge gon’di gehlijje kamah buni kamah EC bunaathee
— Mohamed Nasheed (@MohamedNasheed) April 30, 2018
ނަޝީދު ކުރެއްވި ޓުވީޓް.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު
ނަޝީދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަކީ އުއްތަމަ ފަނޑިޔާރު ހުންނަވަން ޖެހޭތަނަކަށްވާއިރު، މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ. އެ ހުކުމް އޮއްވައި، އުއްތަމަ ފަނޑިޔާރު ނެތި، ސުޕްރީމް ކޯޓުން ބުނި ކަމަށް އިލެކްޝަނުން ބުންޏަސް މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރީ ފެބުރުއަރީ 1 ގެ އަމުރާ ހެދި އެވެ. އެ އަމުރަކީ، ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ހިންގަން އުޅުނު ބަޣާވާތެއް ކަމަށާއި އެކަމުގައި ދެ ފަނޑިޔާރުން ބައިވެރިވެވަޑައިގަތީ ރިޝްވަތު ނަންގަވައިގެން ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުން ވެސް ސާފުކޮށް އެނގުނީ 12 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމެވެ.
"12 މެމްބަރުން ޕީޕީއެމުން ވަކިވުމުގެ އިޖުރާއަތުތައް ހިންގާފައި ވަނީ 12 ޖުލައި 2017ގެ ކުރިންކަން ސާފުކޮށް އެނގޭ،" ގާސިމް ވިދާޅުވި އެވެ.
Anti defection Qaanoon aa gulhey gothun SC in ninmi ninmevumun ves saafukoh egunee 12 Memberunge therein evves memberegge gondi nugelleykameve . 12 memberun PPM in vakivumuge ijuraa athu thah hingaafai vanee 13 July 2017 ge kurinkan saafukoh igeythee .
— Qasim Ibrahim (@qasimibrahim) April 30, 2018
މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ގާސިމް ކުރެއްވި ޓުވީޓް.
މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލައިގެ އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ އިރު މިހާތަނަށް ވެސް އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާ އިރު، ޝަރީއަތަށް ބޭނުންވާ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެންމެ ފަހުން އިއްވި ހުކުމާ އެކު، 12 ދާއިރާގެ އިންތިހާބު ބާއްވަން ޖެހޭ ކަމަށް އެ ކޮމިޝަނުގެ ގާނޫނީ ޓީމުން ގަބޫލުކުރާ ކަމަށެވެ. އެ ހުކުމުގައިވާ ގޮތުން، ގާނޫނު ސައްހަ ކަމަށް ކަނޑައެޅުމާ އެކު 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ދެކޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
01 May 2018
1 ފެބްރުއަރީގެ ހުކުމް ވަނީ ބާތިލް ކޮށްފަ . ވީމަ 12 މެމްބަރުގެ ބައިވެސް ބާތިލް. އޭގެ ފަހުން މިއައީ ގާނޫނު ގާނޫނު ތަންފީޒު ކުރުމާއެކު ގާނޫނުގަ ބުނާތާރީހުގެ ފަހުން ޕާޓިން ވަކިވާމެބަރުންގެ ގޮނޑިގެއްލޭނެ . އޭގެ ކުރީގެ ހުކުމެއްވެސް ފަހުގެ ހުކުމެއްވެސް ދެން ނޯންނާ އޮންނާނީ ހަމައެކަނި ގާނޫނު. ތިމާ ޕާޓީން ވަކިވީ ނުވަތަ ވަކިކުރީ ގާނޫނުގަބުނާ ތާރީހުގެ ކުރިންކަން ކޯޓަށް ސާބިތު ކުރުންނޫންގޮތެއް ދެން ނޯންނާނެ.
ސޮރީ
01 May 2018
ކޮންހާ ވާހަކަ އެއް ދައްކާކަށް ވެރިކަމާ ހެދި ބޫތުކެޔަސް ތީ ބޮޑްވަރު..ކޯޓުން ހުކުން ކޮށްފަ ތިބި 2މީހުން ދެން ކޮން ވާހަކަ އެއް ދައްކާކަށް..ހުކުމް ތަންފީޒް ކުރަމުން އަންނަ މީހަކަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނު އަސާސީގަ ވ.ސާފްކޮށް އޮށްނާނެ. އެހެން ވީމަ މުޖުރިމުންނާ އެހެން މީހުން އޮޅުވާލަން މަސައްކަތް ނުކުރުމަށް ގާސިމާ ނަސީދު އަށް ގޮވާލަން.....
ސަތީ
01 May 2018
ރަގަޅު ވާހަކައެއް. 12 މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފަކާ އަދިއެއް ނެތް.
އަބްދުއްލާ
01 May 2018
ގާނޫނީ ގޮތުން މިހާރު ގޮނޑިތައް ގެއްލިއްޖެ. . ދެންޖެހޭނީ އެމީހުން ޕާޓީން ވަކިވެފައިވަނީ ގާނޫނުގަ ބުނާ މުއްދަތުގެ ކުރިންކަން ކޯޓަށް ސާބިތު ކޮށްދޭން އެހާހިސާބުން ސާބިތު ކޮށްދެވޭ މީހާ އަށް ގޮނޑި އަބުރާލިބޭނެ.
ސަރީފް
01 May 2018
ތިޔަބުނާ ހުކުމް ވަގުތު ޖެހުނީމަ ބޭނުންކުރަން ރަގަޅަށް ރައްކާކޮށްފަ ބާއްވަަބަލަ.
ބަޑިއެދުރު
30 April 2018
އާދެ ރަގަޅުވާހަކައެއް . އޭގެ ހުކުމެއްއެބައޮތް ، އެއީ 5 ފަނޑިޔާރުންގެ ނިންމުމަކާއި އަދި ފަހުން 3 މީހުންވެސް އެބައޮތް އެގޮތަށް ނިންމާފައި ، ނަމަވެސް އޭގެފަހުން ގާނޫނެއް ގާނޫނަކަށް ނުވާގޮތަކަށް ފާސްކޮށް ހާލަތުލް ޒަރޫރާ ނޫނީ ޒަކަރިއްޔާގެ ދަށުން އެއީ ރަގަޅު ގާނޫންއެއްކަމަށް 3 ފަނޑިޔާރުން ނިންމައިފި، އަސްލުގައި ވެގެން އުޅޭ ގޮތަކީ ސްޕްރީމްކޯޓްގެ ހުކުމްތަށް ގަބޫލްކުރަންމިޖެހެނީ ފުލުހުންނާއިސިފައިން ، އެމީޙުން ގަބޫލްކުރާ ހުކުމެއް މިތަންފީޒްވަނީ ، ރައްޔަތުްން ކޮންމެ އެއްޗެއްގަބޫލްކުރިޔަސް ނިންމިޔަސް އެގޮތަށް ނިމޭކަށްނެތް ، ހަމައެކަނި ނިންމާމީހުންނަކީ ފުލުހުންނާއި ސިފައިން ، ވުމާއިއެކު ނަޝީދުއާއި ގާސިމްވެސް އަސްލާއެއްގޮތަށް ވާހަކަދެއްކެވުމަށް އިލްތިމާސް ކުރަން،
ޙަފްޞާ / މާލެ
30 April 2018
12 މެންބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ސްޕްރީމްކޯޓުގެ ދެ ޙުކުމް އެބައޮތް! އެއީ ފުރަތަމަ ކުރި ޙުކުމާ ތިންވަނަޔަށް ކުރި ޙުކުމް! ދެވަނަޔަށް 1 ފެބްރުއަރީގައި ކުރީ އަމުރެއް! އެ އަމުރު ވަނީ ތިންވަނަ ޙުކުމުން ބާޠިލްކޮށްފަ! ދެނޯ؟ އެއްކޮޅަށް ނުކިޔާ ހުރިހާ ކޮޅެއް ބަލާފަ ކިޔާއެއްޗެއް ކިޔާ! ދިވެހިން މިތިބީ ކަލޭމެންދެމީހުންފަދަ ދެބަންދިހާރުވެ ވާނުވާ ނޭގިފައެއްނޫ!
ސަޓީ
01 May 2018
ސުޕްރީމް ކޯޓަކުން ނެތް އަދި މިހާތަނަކަށް 12 މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް ހުކުމް ކޮށްފައެއް
ރެޓޭ
30 April 2018
ގާސިމުގެ ރަށްތައް ދައުލަތުން ނެނީ ރަނގަޅަށްކަމަށްވެސް ހުކުމެއް އެބައޮތް!
އިބިރިހިންބެއްޔާ
30 April 2018
ކަންތައް މިދާގޮތުން، އުއްތަމަ ފަނޑިޔާރާއެކު 5 ފަނޑިޔާރުން ނެރުއްވާ ހުކުން ނުވަތަ ކޯޓްއަމުރު އެއީ ފުރިހަމަ އެއްޗެއްނަމަ މިހާރު އުއްތަމަ ފަނޑިޔާރު ނެތި ހަމައެކަނި 3/5، ތިން ފަނޑިޔާރުން ނެރުއްވާ ހުކުމަކީ "ބައި ހުކުމެއް" ނޫންބާ.
އަންގާ
30 April 2018
2 މީހުން 1 ގޮނޑިޔާހެދި މަރުވަނީ