ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން
27 ޖުލައި 2016 - 16:09
ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރެއްގެ މައްސަލަ ގޮސްފައިވާ ހިސާބު ސާފުކޮށްދޭން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަބްދުލްއަލީމް ސުލޫކީ ކޮމެޓީގައި އެދިވަޑައިގެންފި އެވެ.
ސުލޫކީ ކޮމެޓީ އަށް އަލީމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕްލައިންތަކާއި ޕީޖީ ގްރޫޕްގެ ގަވާއިދާ ހިލާފުވެގެން ފަސް މެމްބަރެއްގެ މައްސަލަ ބަލައިދޭން ޕާޓީގެ މެމްބަރުންތަކެއް ސުލޫކީ ކޮމެޓީ އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތައް ބަލަން ކޮމެޓީން މިހާތަނަށް ކޮށްފައިވާ މަސައްކަތް އަންނަ އާދީއްތަ ދުވަހުގެ ކުރިން ލިއުމަކުން ޕާޓީ އޮފީހަށް އަންގައިދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައި ވަނީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ މައްސަލަ ބަލައިދިނުމަށެވެ.
.ޕީޕީއެމްގެ ކައުންސިލް މެމްބަރުންތަކެއް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ސުލޫކީ ކޮމެޓީ އަށް ފޮނުވި ސިޓީގައި އަލީމް ވިދާޅުވީ "ސުލޫކީ ކޮމެޓީ އަށް ހުށަހެޅޭ މައްސަލަތަކާ މެދު އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން އެއް ހަފުތާ ތެރޭގައި ކޮމެޓީން ގޮތެއް ނިންމަންވާނެ ކަމަށް" ސުލޫކީ ފިޔަވަޅު އެޅުމުގެ ގަވާއިދުގައިވާ ކަމަށެވެ.
އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅަން ކޮމެޓީ އަށް ފޮނުވީ ޖުލައި 12 ގަ އެވެ. އޭގެ ފަހުން މިހާރު ވަނީ ދެ ހަފުތާ ވެފަ އެވެ.
ސުލޫކީ ކޮމެޓީ އަށް ހުށަހެޅި މައްސަލައެއް ބަލައި އެ ކޮމެޓީން ވަރަށް ފަހުން ވަނީ، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ޕާޓީން ވަކިކޮށްފަ އެވެ. އެކަން ތަންފީޒުކޮށްދޭން ޕާޓީ އޮފީހުގައި ވަނީ އެދިފަ އެވެ.
އެކަމަކު ޕީޕީއެމުން ބުނެފައި ވަނީ ފާރިސްއާ މެދު ފިޔަވަޅު އެޅީ އިންސާފުން ބޭރުން ކަމަށެވެ. ބިޑަށް ނުލައި ރަށްތައް ދޫކުރަން ހުށަހެޅި އިސްލާހާ ދެކޮޅަށް އޭނާ ވޯޓު ދެއްވީ ޕާޓީގެ ރައީސް އަންގަވައިގެން ކަމަށާއި އެހެންވެ އޭނާއާ ދޭތެރޭގައި އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް ޕާޓީ އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕީޕީއެމްގައި ވަނީ ދެ ފެކްޝަން އުފެދިފަ އެވެ. މައްސަލަ ހައްލުކުރަން ބޭއްވި ކައުންސިލް ބައްދަލުވުން ވެސް ހުއްޓާލަން ޖެހުނީ އެ ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދޭނެ މަގެއް ނުފެނުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުވިލަމަސް
15 October 2016
މިހާރު ޕީޕީއެމްގެ ތެރޭގައި އުފެދިފަި މިވާކޯޅުން ގަޑުފަޅައިގެން ގޮސްފި
ޖަމަލު
27 July 2016
ދުނިޔޭގެ ނިސްބަތުންވެސް ތީ މަދުން ނޫނީ ނުފެންނާނެ ކަހަލަ ތަދު ފޮޓޯއެއް. ތިހާ ގިނަ ކަރަޕްޓު މީހުން އެއްފޮޓޯއަކުން ތިގޮތަށް ފެނުނީނަމަ. ތިވެދާނެ ދުނިޔޭގެ އެންމެކަރަޕްޓު ފޮޓޯއަށްވެސް.
ވާނުވާ
27 July 2016
ނޫނޭ މަށަށް ކިޔައިދީބަލަ ކޮންމެ ވެސް މީހަކު. ޕީޕީއެމް އަކީ ވަކި ތަނެއްތަ؟ ސުލޫކީ ކޮމިޓީ އަކީ ވަކި ތަނެއްތަ؟ ދެން އެއްޕާޓީއެއް އަބަދުވެސް ކޮންމެވެސް އެއްތަނަކުން އަނެއްތަނަކަށް ސިޓީ ފޮނުވާ ވާހަކަ.
ރަޝީދު
27 July 2016
ޕީޕީއެމް އަކީ މައުމޫނު ބޭނުނުން ގޮތަކަށް މޮޑެން ގެންގުޅޭ ފުއްގަޑެއް
ޢަބދުﷲނާފިޒު
27 July 2016
މިވާގޮތަކީ އެއްޕާޓީގެ އެއްވިނގުން އަނެއް ވިންގަށް ސިޓީ ފޮނުވަނީ، މީ މަޖާކަމެއް ދެކެން ބޭނުންވި ދުވަހަކީ މިއީ.
މެންޓަލިސްޓް
27 July 2016
ވިޕްލައިންއާއި ޙިލާފްވުމަކީ ގާނޫނީ ކުށެއްތޯ ؟ ނޫނީ ދީނީގޮތުން މަނާކަމެއްތޯ ؟ ކޮންމެ މެންބަރަކަށްވެސް އަސްލު އެމީހަކު ބޭނުންގޮތަކަށް ވޯޓްލުމުގެ ހައްގުއޮންނަންވާނެ ދުނިޔޭގެ އިންސާނީ ހަމައިން ވިސްނާއިރު ، އެއްވެސް ނުފޫޒަކާއި ބާރާޢި ބިރަކާއި ހެދި ލާވޯޓަށް ވުރެން އަމިއްލަ މިނިވަންކަމުގައި ލާވޯޓްމާބޮޑަށްވެސް ސައްހަވާނެ ، މިގޮތަށް ހުރިހާޕާޓީއެއްގެ ގަވާއިދުބަދަލުކުރަންފެންނަނީ ، އޭރުން ތިޔަކިޔާ ޑިމޮކްރެސީ އަސްލު ފުރިހަމައަށް ޕްރެކްޓިސްކުރެވޭނީ ، ވޯޓްލުމުގެ ހައްގަށް ގަވާއިދަކުން ގާނޫނަކުން ނޫނީ ބާރާއި ނުފޫޒުން އަރައިގަތުމަކީ ހަގީގަތުގައި އިންސާނީ ހައްގައް އަރައިގަތުން ،
ރަށުމީހާ
27 July 2016
ވިޕްލައިނާ ޚިލާފު ވުން އެއީ އެމީހުންގެ ޑިމޮކްރަސީ އޭ އެކިޔާ ދީނުގައި ޙަރާމް ކަމެއް.