މަސްތުވާތަކެތި ހޯދުމަށް ފުލުހުން ބޯޓެއް ޗެކް ކުރަނީ: މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ އަދަދު ވަނީ އިތުރުވެފައި-- ފޮޓޯ/ ޕޮލިސް
19 ޖޫން 2018 - 13:05
މަސްތުވާތަކެތި ބޭނުންކުރާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދޭ ހާއްސަ ކްލާސްތައް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީ އާއި އެންޑީއޭ ގުޅިގެން އެ ކްލާސްތައް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ އަންގާރަ ދުވަހު ފާހަގަ ކުރާ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލް އަގްވާމީ ދުވަހު އެވެ.
މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ވަކި މަރުކަޒެއް ގާއިމު ކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ގަވައިދުގައި ލާޒިމްކުރި ނަމަވެސް މިހާތަނަށް އެ ފަދަ ތަނެއް ނެތެވެ. އެހެންވެ، އެ ފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ކުދިންނަށް ފަރުވާ ދިނުމަށް ނެރޭ އަމުރުތައް ވެސް ތަންފީޒެއް ނުކުރެވެ އެވެ.
އެންޑީއޭގެ ސީއީއޯ ހަސަން ޝަހީލް މިއަދު ވިދާޅުވީ އުމުރުން 18 އަހަރު ނުވާ ކުދިންނަށް އެ ކްލާސްތައް ހިންގާނީ، އެ ކުދިންގެ އާއިލާއާ އެކުގައި ތިބެވޭ ގޮތަށް ކަމަށެވެ. އެގޮތުން އެހެން ރިހިބިލިޓޭޝަން ޕްރޮގްރާމްތަކާ ހިލާފަށް، ކޮންމެ ދުވަހަކު އެންޑީއޭ އަށް ހާޒިރުވެ، ކްލާސްތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ގެއަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންޑީއޭން ލަފާ ކުރާ ގޮތުން، ފަރުވާގެ ކްލާސްތައް ފަށާ އިރު ވިއްސަކަށް ކުދިން ބައިވެރިވާނެ އެވެ. އަދި ޕްރޮގްރާމް ކުރިއަށް ދާ ވަރަކަށް އެ އަދަދު އިތުރު ވާނެ ކަމަށް އެ ތަނުން ބުންޏެވެ.
ފަރުވާ ދިނުމަށް ޑްރަގް ކޯޓުން އަމުރު ކުރާ ކުދިންގެ އިތުރުން އަމިއްލަ އަށް ބޭނުން ވެގެން ވެސް ކުދިންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.
"އަޅުގަނޑުމެން މި ކްލާސްތައް ހިންގަނީ ތިން މަސް ދުވަހަށް. އެކަމަކު އެކި ކުދިން ރިކަވާވުމަށް ނަގާނީ އެކި މުއްދަތު. އެހެންވީމަ، ސީދާ ކްލާސްތައް ކުރިއަށް ދާނެ މުއްދަތު، ނުވަތަ އެ މުއްދަތު އިތުރު ކުރަން ޖެހޭ ނަމަވެސް އެކަން އެނގޭނީ ކްލާސްތައް ފެށުނީމަ،" ޝަހީލް ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ ބޮޑެތި މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގި ނަމަވެސް، ކުޑަކުދިންނަށް ފަރުވާ ދެވޭނެ ގޮތެއް މިހާތަނަކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިންސް މަނިކު
19 June 2018
ކުދިނަ ޑްރަގު ނަގާތަ؟ ކުދިންނޯ ބޮޑެތި ގާވެފަ ތިބި ،މަސްގަނޑުތަކަކަށް!
އަލިފް
19 June 2018
ޑްރަގް ނަގާކުދީންނަށަ ފަޅު ރަށެއް ހަދައި 1 އަހަރު ވަންދެން ސިނގިރެޓް ނުދީ ހިފަހައްޓަން ވީއެވެ.
2018
19 June 2018
އަދި ނުވެއެއްނު ފަށާކަށް. އުމަރު ޑްރަގްސްގެ ވާހަކަ ދެއްކީމަދޯ އަދި ތިހަނދާންވީ. ލޮލް
މޯޑް
19 June 2018
އަދި ކިރިޔާ؟ މާއަވަހެއްނު! ތިޔަށްވުރެ ރަގަޅުވާނެ އެކުދިން އެޙާލުގައި ތިބެ ކުޅެންދާން ސްޕޯރޓްސް އެރީނާ އާއި އައިސް ޕާކް ފަދަ ތަންތަން ހެދިއްޔާ!
ފަސީ
19 June 2018
ހަމަ ނަމެއްކިޔާފަ ކަމަކަށް ކަމެއްކުރަނީ. 2011 ވަނައަހަރު ގާނޫނަކުން ލާޒިމްކުރި ފަރުވާ މިއަދާ ހަމައަށް އައިއިރު ނުދެވި އޮތީ ކީއްވެބާ؟ ވިދާޅުވާނެ ކަމަށް ގާބިލް މީހުން ނެތީއޭ. މިހާރު ކޮންތާކުން ހޯދި ބައެއް. ހޭޝްޓެގް ލަދް
ޓިކަރޭ
19 June 2018
މިހާރުވެސް ޑްރަގް އެޖެންސީގައި ނަގާދޭ ކްލާސްތަކުގެ ފެންވަރު ވަރަށް ދަށް.... ސްލައިޑު ބަލައިގެން އެހުރި އެއްޗެއް ކިޔާލާފައި ދާ ސިސްޓަރ އިންވެސް އުޅޭ...ދެން ތި ކްލާސްތައް ވަކި ފެންވަރު ރަނގަޅުވަނެހެން ހީނުވޭ..
ނަވީޒު
19 June 2018
ކްލާހަކަށްވުރެ ބޮޑަށް އެފަދަ ކުދިންނަށް ބޭނުނީ ރިހެބިލިޓޭޝަން ޕްރޮގްރާމެއް..
ކޯޑިނޭޓަރ
19 June 2018
މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނު ނޭޝެނަލް ޑްރަގް އެޖެންސީ އަށް ލާޒިމުކުރަނީ ، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު ތަޞްދީޤު ކުރާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް ހަދަން... .. އެ މަރުކަޒު މި އަދާ ހަމައަށްވެސް އެޅިފައެއް ނުވޭ..
އުމަރުބެ
19 June 2018
އުމަރުގެ ސިޔާސަތު ހާމަކުރުމުން ހަނދާންވީދޯ؟
usmaan
19 June 2018
ތިޔައީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން.