01 އޯގަސްޓް 2018 - 22:45
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށްޓަކައި ކުރައްވާ ދަތުރުތަކާއި މަސައްކަތްތަކުގައި ދައުލަތުގެ ވަސީލަތްތަކާއި މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިން ވެސް ބޭނުން ކުރަމުން ދާ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕީޕީއެމުން މިހާރު މާލޭގައި ދިދަ ފަތިތައް ދަމަމުން ދާއިރު އެ މަސައްކަތުގައި ސިފައިންނާއި ފުލުހުން ބައިވެރިވާ ކަމަށެވެ.
"ހުޅުމާލޭގައި ދިދަ ދަމާފައި ހުރީ ސިފައިންނާއި ފުލުހުން ބޭނުން ކުރައްވައިގެން އަދި އެޗްޑީސީގެ ތަކެތި ބޭނުން ކުރައްވައިގެން. އަޅުގަނޑުމެންނަށް އެތަންތަނުން ޖާގަ ނުލިބޭއިރު ޕޭވްމަންޓް މަތީގައި ހޮޅި ޖަހައިގެން [ދިދަ ދަމަނީ] އެއީކީ ކުރާ ކަމެއް ނޫން. ހޮޅިޖަހައިގެން ހީވަނީ އަބްދުﷲ ޔާމީންގެ ތަރިކަ މުދާހެން." އިދިކޮޅު ތިން ޕާޓީ އާއި ރައީސް މައުމޫންގެ ފަރާތްޕުޅުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ސަމީރު ވިދާޅުވި އެވެ.
ފިޔާތޮށި ކުލައިގެ ދިދަފަތިތައް މާލެ އާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޕީޕީއެމުން ވަނީ ދަމައިފަ އެވެ. ސަމީރު ވިދާޅުވީ އެބޭފުޅުން ގަބޫލް ކުރައްވާގޮތުގައި އެ ދިދައިން ރަމްޒު ކޮށްދެނީ ޕީޕީއެމްގެ ހަގީގީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
އެ ދިދަފަތިތަކުގެ ސަބަބުން ފުލުހުން މަގުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީތަކަށް ދަތިވާތީ އެކަން އެގޮތަށް ނުކުރުމަށް ފުލުހުން ވަނީ އަންގައިފަ އެވެ. ނަަމަވެސް މިހާތަނަށް އަދި ދިދަފަތިތައް ނަގާފައެއްނުވެ އެވެ.
އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް އަމިއްލަ މީހުންގެ ގޭ ފާރުގައި ހިއްޕި ޕޯސްޓަރުތައް ފުލުހުން ނައްޓާލާފައިވާއިރު ދިދަ ފަތިތައް ނުނަގާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.
ރައީސް ޔާމީންގެ ކެމްޕެއިނުގައި ދައުލަތުގެ ތަކެތި ބޭނުންކުރައްވާކަން ފާހަގަ ކުރައްވައި ސަމީރު ވިދާޅުވީ ކެމްޕެއިން ދަތުރުތަކަށް ސްޓެލްކޯގެ ދެ ލޯންޗު ވެސް ބޭނުން ކުރަމުންދާ ކަމަށެވެ.
ރިޔާސީ އިންތިހާބަށް 54 ދުވަހަށް ވެފައިވާއިރު އިދިކޮޅު ކޯލިޝަނުން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް މާލެއިން ފުރުސަތު ނުދޭކަން ވެސް ސަމީރު ފާހަގަ ކުރެއްވި އެވެ.
ހަމައެކަނި ރައީސް ޔާމީނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީގެން ދައުލަތުގެ މުއައްސަސާތަކުން ތިބޭތީ އެ މައްސަލަ ހުށަހެޅުމަށް މާދަމާއިން ފެށިގެން ކޯލިޝަންގެ އިސް ބޭފުޅުން މުއައްސަސާތަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ކެމްޕެއިން ކުރައްވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުޅި ސަރުކާރު އެއްކޮށް ބޭނުން ކުރައްވައިގެން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ލައިވް އިވެންޓެއްގައި ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން އޭނާ އެހެން ވިދާޅުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ވަކި ޕާޓީއެއް ނުވަތަ ވަކި ބޭފުޅެއްގެ ފައިދާއަށް ދައުލަތުގެ ތަކެއްޗާއި މުވައްޒަފުން ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭމީހާ
02 August 2018
ސަމީރޫ.... ސައިޒް އޮޅުނީތަ؟
ބޫމް
02 August 2018
ޔުނީ ފޯމު ބޭލީމާ ފުލުހަކަށް ނުވާނަމަ ފުލުހުން ތިކަމެއް ނުކުރޭ.
ލޮލީމޯ
02 August 2018
އަންނިގެ ކުޑަދުވަސް ކޮޅުގައި ވެސް އުޅުނީ ތިޔަގޮތަށް، ލޮލް ލޮލް ލޮލް
ރަދީފް
02 August 2018
ހޮޅިތައް ކިހާލާ.ދިދަފަތިތައް ބުރިކޮއްލާ.ސިމްޕަލް ކަމެއްނު އެއީ.
ފުޓްލޫސް
02 August 2018
މަގު ހަދި ކުރަން ސަރުކާރުވެސް އިދިކޮޅުވެސް ދިދަ ދަމާނެކަމެއް ނެތް. ދިދަ ނުނެގިޔަސް ކެންޕޭން ކުރެވޭނެ.
ބޭބެ
02 August 2018
ޔާމީންގެ ކެމްޕެއިނަށް ސިފައިންނާ ފުލުހުން ބޭނުންކުރާކަމަށް ސަމީރު ބުނެފައިވާތީ މިކަން އޭނާގެ ހާޒިރުކޮށްގެން ސާފުކުރަންޖެހޭ!! ފުލުހުންގެ އިދާރާއިން ޖެހޭ މިއީ ފުލުހުންނާ ސިފައިން ކުރާކަމެއްތޯ ސާފުކޮށްދޭން!! ސަމީރު މިވާހަކަތައް މީޑިޔާތަކުގައި މިހާމަ ކުރީ ފުލުހުން އަދި ސިފައިން އެމަސައްކަތުގައި އަވަދި ނެތި އުޅެނިކޮށް މީނާއަށް ފެނިގެންތޯވެސް ބަލަންޖެހޭ!! ސާބިތުނުހިފޭ ދޮގު މަޢުލޫމާތު ތޯ މިފަތުރަނީވެސް ރައްޔިތުންނަށް މީނާ އާއި ސުވާލުކޮށްގެން ސާފުކޮށްދޭން ފުލުހުނެ ޖެހޭނެ!!
ޒަހީން
02 August 2018
އަހަރެން މިހިރީ ހެކި ހުށަހަޅަން ތައްޔާރަށް..ފަތިހު 2 3 ޖަހާއިރު 'ޒުވާނުން' ތަކެއް ނިކުމެ 'އެސް' އަކުރު ޖެހި އުޅަނދުތައް ބޭނުންކޮއްފައިވާ ފޮޓޯ އެބަހުރި..މީސްމީޑިއާގައި ބޭނުންނުކުރަނީ އަދިވެސް ފުލުހުންގެ މުއައްސަސާ އަށް ކުރާ އިހްތިރާމަކުން..ސުވާލަކީ ފުލުހުންނަށް ކެރޭނެހޭ؟
ހައްގު ފ
02 August 2018
ޔާ ﷲ މި އަނިޔާވެރިންގެ ކިބައިން އަޅަމެން ސަލާމަތް ކޮށްދެއްވާންދޭވެ. އަހަރެމެން އެންމެންގެ ކުރިމަތީގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަނީ ޖެހިލުމެއް ލަދެއް ހަޔާތެއްނެތި. ވެރިކަމަށް ކުރިމަތިލާ ހިސާބުން ރައީސްގެ ކެމްޕޭނަށް ދައުލަތުގެ ފޯން ކޯލެއްވެސް ނުކުރެވޭނެ. އެމެރިކާގައިވެސް ކްލިންޓަން ވައިޓް ހައުސްގެ ފޯނުން ކެމްޕޭން ބޭނުމަށް ފޯން ބޭނުންކުރުމުން އެކަން ވެސް ބެލި. އެކަމަކު މި ޤައުމުގައި އެކަންކަން ކުރަނީ ސީދާ މުވައްސަސާތަށް އަޑީގައި އޮވެގެން. މުލީއާގެ ބޭނުންކުރަނީ ޖަގަހައެއްގެގޮތުގައި. ފުލުހުންނާއި ސިފައިން އަދި ކޯޓްތަކުން ތިޔަކަމުގެ ޒިންމާ ގިޔާމަތްދުވަހުން ނަގަންޖެހޭނެ. އެދުވަސް ގައިމުވެސް އަންނާނެ.
މާނު
02 August 2018
މި ސަރުކާރުން ފުލުހުންނާއި ސިފައިންގެ އަގު އެ ގެންދަނީ ރައްޔިތުންގެ ކުރިމަތީގައި ވައްޓަމުން. ލަދުން ބޯ ހަލާކު.
ހަޑިގިއްލާ
02 August 2018
އަޅެފަހެ މިތާ މިއޮތީ ރަސްކަމެއްތަ؟
އިހުމާލް
02 August 2018
ގުޅިފައިވާ މުއައްސަސާތަކުގެ ކެނޑިޑޭޓުގެ ކެމްޕޭންކުރިއަށް ދާކަން ނުވިސްނެނީ ތޯއެއެޗެ،، ދިދަޔަކުން ކުލަޔަކިުން ވާނެ ކަމެއްނެތް، ދިވެހިރައްޔަތުން މިސަރުކާރަށް ވޯޓު ނުދޭނެ، އެކަން ޔަޤީން