އިދިކޮޅު އިއްތިހާދުން ބޭއްވި ހަވީރު ސަޔަކަށް ފުލުހުން ހުރަސްއަޅަނީ: އިދިކޮޅު ހަރަކާތް ހުއްޓުވަން ދަނީ ފުލުހުންތޯ ސުވާލު އުފެދޭ ކަމަށް އަލީ ޒާހިރު ވިދާޅުވި --ފޮޓޯ: މުހައްމަދު ޝަރުހާން
03 އޯގަސްޓް 2016 - 12:08
އިދިކޮޅު ހަރަކާތްތައް ހުއްޓުވަން ދާ ފުލުހުން ނަން ޓެގު ނުޖެހުމަކީ ބޮޑު މައްސަލައެއް ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން އެކަން ބަލައި ފިޔަވަޅު އަޅަން އިދިކޮޅު އިއްތިހާދުން ރޭ ގޮވާލައިފި އެވެ.
އިއްތިހާދުން އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ހަރަކާތްތައް ހުއްޓުވަން ދާ އެއްވެސް ފުލުހަކީ ކާކު ކަން ނޭނގޭ ކަމަށެވެ. އެހެންވެ ޔުނިފޯމު ލައްވާފައި ހަރަކާތްތައް ހުއްޓުވަން ފޮނުވަނީ ފުލުހުންކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޓު އަމުރެއް ނެތި ގާނޫނާ ހިލާފަށް އިދިކޮޅު އިއްތިހާދުގެ ޖަލްސާ ހުއްޓުވަން އެމްޑީޕީ ހަރުގެ އަށް ވަތް ފުލުހުންގެ ވެސް ނޭމް ޓެގެއް ނެތް. އެތަނަށް ވަދެގަތްއިރު އެ މީހުންނަކީ ކޮން ބައެއް ކަން ބުނެއެއް ނުދޭ. މިއީ ވަރަށް ބޮޑު މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ މީހަކު ހައްޔަރުކުރާ ނަމަ ނުވަތަ ތަނަކަށް ވަދެ ކަމެއް ހުއްޓުވާ ނަމަ އެއީ ކޮން ބައެއް ކަން ސާފުކޮށް ބުނެދޭން ޖެހޭ ކަމަށެވެ.
"ފުލުހުންގެ އިސް ވެރިންގެ އޯޑަރަށް މި ވަޑައިގަންނަވާ ބޭފުޅުން އެ މީހުންގެ އައިޑެންޓިޓީ ވެސް ދައްކަވަންވީ ނޫންތޯ. ހަރަކާތްތައް ހުއްޓުވަން ވަޑައިގެން މި ހިންގެނީ ޣައިރު ގާނޫނީ އަމަލެއް ކަމަށް އެ ބޭފުޅުންނަށް ވެސް ގަބޫލުކުރެވޭތީ [ކާކު ކަން ނާންގަނީއޭ] އަޅުގަނޑުމެންނަށް ހީވަނީ. އެހެންވީމަ ނޫންތޯ އެހާ ވަރަށް ފިއްލަވަން ޖެހޭނީ، ނޫނީ ކޮބައިތޯ މައްސަލައަކީ،" އަލީ ޒާހިރު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒުގައި ކުރި ދުއާއެއް ހުއްޓުވައި ފުލުހުން މީހަކު ހައްޔަރުކުރަނީ.-- ފޮޓޯ: އިބްރާހިމް ވަހީދު
އޭނާ ވިދާޅުވި ގޮތުގައި ނަން ޓެގު ޖަހައިގެން އަންނަ ފުލުހުންނާ މަގުމަތިން ދިމާކުރުން ފަދަ ހުތުރު އަމަލުތަކެއް އިއްތިހާދަކުން ނުހިންގާނެ އެވެ. އެހެންކަމުން ފުލުހުން ވެސް ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރަން އޭނާ އެދިވަޑައިގެންނެވި އެވެ.
ފުލުހުން ނަން ޓެގު ނުޖަހާތީ އިއްތިހާދުގެ ފާޑުކިއުންތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނަން ޓެގު ނެތަސް އެކި އޮޕަރޭޝަންތަކަށް ގޮސް ހަރަކާތްތެރިވަނީ ކޮންކޮން ފުލުހުން ކަން ދެނެގަނެވޭނެ ކަމަށެވެ. އަދި އޮޕަރޭޝަންތަކަށް ދާ ވަކިވަކި ފުލުހުންގެ މައްސަލަ ބެލޭނެ އިންތިޒާމް ވެސް ފުލުހުންގެ ތެރޭގައި ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކާކު ކަން ނޭނގޭ ގޮތަށް ފުލުހުން އޮޕަރޭޝަންތަކަށް ދާ ސަބަބެއް އޭނާ ވިދާޅެއް ނުވި އެވެ.
އެކަމަކު "މިހާރު"އާ ވާހަކަ ދެއްކެވި ފުލުހުންގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މުޒާހަރާތައް ނުވަތަ ގޭންގް މާރާމާރީ ހުއްޓުވަން ދާ ފުލުހުން ނަން ޓެގު ނުޖަހަނީ ފުލުހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކަ އެވެ. އެކި އޮޕަރޭޝަންތަކަށް ދާ ފުލުހުންގެ ނަންތައް ހޯދައި، އެ މީހަކަށް ނުވަތަ ބައެއް ފަހަރު އެ މީހެއްގެ އާއިލާ އަށް ވެސް ނުރައްކާތެރި ކަންކަން ކުރިމަތިކުރުވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
"ނަން ހޯދައި މަގުމަތިން ވެސް ދިމާކޮށް ހަމަލާދީފައި އެބަހުރި. އާއިލާތަކަށް ނުރައްކާވާ ގޮތަށް ކަންކަން ހިންގާފައި އެބަހުރި،" ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވި އެވެ.
ފުލުހުން އެމްޑީޕީ ހަރުގޭގައި: މިއީ ވެސް ފުލުހުން ގާނޫނާ ހިލާފަށް ހިންގި ކަމެއް ކަމަށް އިއްތިހާދުން ބުނޭ
ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާ ހަވާލާ ދެއްވައި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް އަދި އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ކޮންސްޓިޓިއުޝަނަލް ރިފޯމް މިނިސްޓަރު ހުސެއިން ޝަމީމް ވިދާޅުވީ ފުލުހުން ތަނަކަށް ވަންނައިރު ނުވަތަ މީހަކު ބަލައި ފާސްކުރާއިރު އެއީ ކާކު ކަން އަންގަން އޭނާގެ ނަމާއި އެޑްރެހާއި ސާވިސް ނަމްބަރު ބުނެދޭން ޖެހޭ ކަމަށެވެ. އެ ގަވާއިދާއި ފުލުހުންގެ ގާނޫނުގެ ވެސް މައިގަނޑު ރޫހަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނޫން ގޮތަކަށް ފުލުހުން އެކަން ކުރިއަށް ގެންދިއުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށަކަށް ފެތޭ ކަމެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ގާނޫނުލް އުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން އެއީ ޝަހްސު އޮޅުވާލުން ކަމަށް ބެލެވޭނެ. އެއީ ތިމާ ނޫން މީހެއް ކަމުގައި ދެއްކުން. އެއީީ ގާނޫނީ ކުށެއް،" ޝަމީމް ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގެ 312 ވަނަ މާއްދާގައި ބުނަނީ އެ މީހަކު އެހެން މީހެއްގެ ގޮތުގައި ދެއްކުމަކީ ކުށެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީބު
12 August 2016
ގައުމު ހަލާކު ވެއްޖެ
މުހަންމަދު
03 August 2016
ޤާނޫނަކީ ހަށްޕުނޑުކަމުގައިދެކޭބަޔަކުކައިރިން އަރައިގަނެވޭނެއެއްގޮތެއްވެސް އޮވެދާނެބާއެވެ؟ ކޮންމެމީހަކު ކޮންމެއެއްޗެކޭކީނަމަވެސް އަދި ކޮންމެގޮތަކަށްނިންމިނަމަވެސް، ފެބުރުވަރީ 7ގައި ރައީސް ނަޝީދުގެވެރިކަން ވައްޓައިލީ ފުލުހުންނާއި ސިފައިންގެވުމުގެދަށުންހިންގި ބަޣާވާތަކުންނެވެ. އެދުވަހު ފުލުހުންނާއި ސިފައިންވަނީ ޤާނޫނީ އަދި އިންތިޚާބީ ރައްޔިތުންގެވެރިކަމެއްގައި ކޮޅުފައިންޖަހައި، ޤާނޫނު ހައްޕުނޑަށްހަދާފައެވެ. އެފަދަކަމެއްކުރިބަޔެއްގެއަނގައިން އަރައިގެނެވޭނެ އެއްގޮތެއްވެސް ނުވިސްނެއެވެ. ކަންވަނީ މިގޮތަށެވެ. ޤާނޫނީ އަދި ދުންޔަވީނަޒަރަކުންބަލާއިރު، ފުލުހުންގެ ނޭމްޓެގް ހުންނަންޖެހެއެވެ. އެކަމަކު އެތިބަ ބަހަނާދައްކަނީއެވެ! ރައްޔިތުންގެޙައްޤުގެއްލި، ޤާނޫނާއިޤަވާޢިދު ފުނޑުފުނޑުވެދާއިރު އިސްކަންމިދެނީ ތިމާއާއި ޢާއިލާގެކަންތައް ޙިމާޔަތްކުރާށޭކިޔައިގެން ދައްކާ ދެކޮޅުނުޖެހޭވާހަކައެވެ. ތިމީހުން ކާޅެއްނުކާނެއެވެ!
ބޮލައްތުރާ
03 August 2016
ރަން ތިރީސް އަހަރު މިއޮއް ފެންނަނީ.
މާމަ
03 August 2016
ނޭމް ޓެގް ހުންނަން ލާޒިމެއް ނޫން.. އެއަށްވުރެ މިގައުމު އަހްލާގީމިންގަޑުދަށް....
ޔަޤިން
03 August 2016
ބަންގާޅީން ތަކެއް ޔުނީފޯމު ލައްވާފައި ފޮނުވިއަސް ނޭނގޭނީ އޭރުންނެއްނުން. މިޤައުމުގައި ބޮއްސުން ލައިގެން ނުދާ އެއްކަމެއވެސް ނެތް. ނަން ޓެގް ނުޖަހަނީ ކޮންމެވެސް ކަމަކާ ބިރުންކަން ޔަޤީން. އަދި ނިކަން ގަޓް ހުރިކަން ހެދިގެން އުޅުނަސް ނިކަން ފިނޑިކަންވެސް ޔަޤީންވެ ކަށަވަރުވެސް ވެއްޖެ
ސަމީމް
03 August 2016
އެމްޑީޕީ ކުދިން ހަޖަމްކޮލާ ފިލާތިބި މީހުންނަށް ދުވަކުވެސް މިގައުމަށް އަންނާކަށް ނުކެރޭނެ. ހިތްހަމަ ޖައްސާލަން އެމްޑީޕީ ކުދިން ލޮނުޒިޔާރަތް ކޮޅަށް ދިއުންއެދެން
ނިހާން ހުސައިން
03 August 2016
ކީއްކުރާނީ ކުޑައިރުސުރެވެސް ވަރަށް ފޫހިވާ ބައެއް ފުލުހުންނަކީ އެކަމަކު އިދެވުނީވެސް ފުލުހަކާ. އެކަމަކު ނަސީބަކުން މިހާރު ފުލުހުންގެ ވަޒީފާއިން ކެނޑިޖެ
ގުބޫ
04 August 2016
އެއްވެސްގައުމެއްގައި ގާނޫނުތަންފީޒް ކުރާބަޔަކު ދެކެއެގައުމެއްގެ ބަޔަކު ލޯތްބެއްނުވާނެ ކަލޯއައްތިއުޅެނީތިހެން ވެގެން.
ކޮންސްޓެބްލް
03 August 2016
އަހަރުމެން ހުވާކޮއްގެންތިބީ ސަރުކާރުހިމާޔަތްކުރަން. ނުޖެހޭނެ ރައްޔިތުންނަށް ހިދްމައިކުރާކަށް.
ނިހާން
03 August 2016
ހެހެހޭ ރައިޔިތުންގެ ފައިސާއިން ހުރިހާ ކަމެއްކުރަނީ ކެއުމާއި ސައި، ޔުނީފޯމް، މުސާރަ، ބަލިވީމަ ބޭސްފަރުވާ
ފިޔާތޮށި ރީދޫ އަސުރުމާ
03 August 2016
ވަރަަށް ދަށުދަރަޖަ. ހެއްދެވިފަރާތަށް ބިރުވެތިވޭ. ނުޖެހޭ ސަރުކާރަަކަށް ހިމާޔަތްކުރާކަށް. ސަރުކާރު އޮންނަނީ ރައްޔިތުންގެ ސަވަބުން. ދެން ވޯޓްލާންވީމަ ރައްޔިތުން ފެންނަނީ ކީއްވެ.
މޮލް
04 August 2016
ދެންސަރުކާރުއެހެން މުއްޒަފުން ސަރުކާރައް ހިދްމަތް ކުރަނީ ހިލޭ.
ާަާަަަަޢަލީ
03 August 2016
ފުލުހުން ވެސް ތިބެންޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި. ހަގީގަތަކީ އޮޕޮރޭޝަން ތަކަށް ދާ ފުލުހުންނަށް އިތުރު ގޮތެއް ނެތީ. ކޮމާންޑް އަައުން އިނގޭ މީ ގޯސް ކޮމާންޑެއްކަން. ނަމަވެސް އިނގޭ ކޮމާންޑް އަށް ތަބާނުވެއްޖެއްޔާ ވާނެ ގޮތް. އަނބިދަރިން ތިބޭނީ ނުކައި، ވަންނާނެ ތަނެއް ނޯންނާނެ. މީ މި ސިސްޓަމް ރޭވިފައިވާ ގޮތް. ނަމަވެސް މީތި ބްރޭކް ވާނެ. އެއް ފުުލުހެއް އެނެތް ފުލުހެއް ކައިރިން ހިއްވަރު ލިބި ގޯސް ކޮމާންޑް އަށް ނޫނެކޭ ބުނާ ދުވަސް ގާތް ވެއްޖެ. ދަ ގުޑް ކޮޕްސް އާ ވޮޗިންގް. ބީ އެފްރެއިޑް، ބީވެރީ އެފްރައިޑް.
ކޯޓަށްދޭ
03 August 2016
ފުލުހުންގެ ނަން ޓެގް ނުޖެހުން އެއީ މައްސަލަ އަކަށް ވާންވީ އެއީ ކީއްވެގެންތޯއެވެ. އެ މައްސަލަ އަކަށް ވާނަަމަ އެމްޑީޕީން އެމައްސަލަ ކޯޓަށް ހުށައަޅައިގެން ކުރިއަށް ދާންވީއެވެ. އެއީ ފުލުހުންނާއި އަދި ފުލުހުންގެ އާއިލާ ތަކަށް ރައްކަލަކަށް ޓަކައި ފުލުހުން ކުރާ ކަމެކެވެ. ޝަރީއަތަށް މައްސަލަ ހުށައަަޅައިގެން ކުރިއަށް ދާންވީއެވެ.