ވިޔަފާރި / ސިނަމާލެ ބްރިޖު

ދަތުރުކުރުމުގެ ފީ: ބްރިޖު ހުޅުވުމާ އެކު މިހާރު ހިނގާ ބަހުސް

ރާާއްޖޭގެ ސަރުކާރަކުން މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއުގައި ހެދި ސިނަމާލެ ބްރިޖް

މާލެ އާއި ހުޅުލެއާ ދެމެދު ހެދި "ސިނަމާލެ ބްރިޖް" ހުޅުވައިފި އެވެ. ނަމަވެސް ނޭނގޭ އެއް ކަމެއް އަދި އެބަ އޮތެވެ. ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ނަގާ ފީ އެވެ. އެތައް ބައެއްގެ ބަހުސަކަށް މިހާރު އެ އޮތީ އެ މައުލޫ އެވެ.

ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކަށް ނަގާނެ އަގުތަކެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. އެކަމާ ބެހޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އާއި ހައުސިން މިނިސްޓްރީން ވެސް ބުނެފައި ވަނީ އެކަމާ ބެހޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ފެންވަރުން އެންމެންނަށް ވެސް އެކަށީގެންވާ ވަރުގެ ފީތަކަކަށް ވާނެ ކަމަށް ބުނެ އެވެ. އެހެންވެ އެ އަގުތަކަށް އެތައް ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ފީ ނަގައިގެން ދަތުރުކުރެވޭ ބްރިޖާއި ޓަނަލްތަކާއި ހައިވޭއެއް ރާއްޖޭގައި އަދި ނެތް ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެފަދަ ވަސީލަތްތަކުން ފީއެއް ނަގަ އެވެ. އެ ފީތައް ނެގުމުގައި މައިގަނޑު ގޮތެއް ބަލަނީ މަރާމާތަށް ހިނގާ ހަރަދު ކަވަރުކުރެވޭނެ މިންވަރަކަށެވެ. އަދި އެތަންތަނުގެ ޓްރެފިކް ބާރުބޮޑު ވިޔަ ނުދިނުމަށް ބައެއް ގަޑިތަކުގައި ފީ ބޮޑުވެ އެވެ.

ބްރިޖުން އާއްމުކޮށް ދަތުރުކުރުން އަންނަ ހުކުރު ދުވަހު ހުޅުވަނީ ހިލޭ ބްރިޖް ބޭނުންކުރެވޭ ގޮތަށެވެ. އާންމުންގެ ބަހުސަކަށް ވެފައި މިހާރު އޮތީ ފީ ނަގަން ފަށާނީ ކޮން އިރަކުކަމާއި ފީތަކުގެ ތަފުސީލެވެ. ބްރިޖުން ދަތުރުކުރެވޭ އަގުތަކެއް ކަމަށް ބުނާ އަގުތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެކަމަކު އެއީ އަސްލު އެއްޗެއް ނޫން ކަމަށް ސަރުކާރުން ބުނެ އެވެ.

އެއީ އަސްލު އަގުތަކަކަށް ނުވިޔަސް ސޯޝަލް މީޑިއާގެ ބައިވެރިން ގެންދަނީ ހިޔާލު ފާޅުކުރަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި ސައިކަލްގައި ބްރިޖުން ކުރާ ދަތުރުގައި ކޮޅަކަށް ފަސް ރުފިޔާއަކީ އެކަށީގެންވާ އަގެކެވެ. ނަމަވެސް އަމިއްލަ ކާރުތަކާއި ވިޔަފާރި އުޅަނދުތަކުން ނަގާ ފީ ސައިކަލަށް ވުރެ ބޮޑުވުމަކީ މައްސަލައެއް ނޫން ކަމަށް އަނެއް ބަޔަކު ދެކެ އެވެ.

ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އާއްމު ދަތުރުފަތުރަށް އެމްޓީސީސީން ބޭނުންކުރާ ބަހެއް

ޕަބްލިކް ޓްރާންސްޕޯޓް ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ ބްރިޖުން ނަގާ ފީތައް ރާއްޖޭގެ ނިސްބަތުން އެކަށީގެންވާ އަގަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ދަތުރަކަށް ވަކި އަގެއް ނެގުމުގެ ބަދަލުގައި މަހު ފީއެއް ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މީގެ އެންމެ ރަނގަޅު ގޮތަކީ މަހު ފީއެއް ނެގުން. އޭރުން ގިނަ ބަޔަކަށް ފަސޭހަވާނީ ވެސް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރު ވެސް ސަރުކާރުން ވިސްނަމުން ދަނީ މަހު ފީއެއް ދައްކައިގެން ކޮންމެ ވެހިކަލަކަށް ވެސް ދަތުރުކުރެވޭނެ ގޮތް ހަދަން،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ގިނަ ދިވެހިންގެ އަސާސީ އުޅަނދަކީ ސައިކަލެވެ. އެހެންކަމުން އޭނާ ވިދާޅުވި ގޮތުގައި މާލެ އާއި ހުޅުމާލެއާ ދެމެދު ސައިކަލްގައި ކޮޅަކަށް 10ރ ނަގާ ނަމަ އެ ފީ ގިނަ ބަޔަކަށް ބޮޑުވެދާނެ އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ އެކަށީގެންވާ އަގަކީ ސައިކަލަކުން ކޮޅަކަށް ފަސް ރުފިޔާ ނެގުން. ޓެކްސީ އާއި ޕްރައިވެޓް ކާރަކުން ދިހަ ރުފިޔާއަކީ އެކަށީގެންވާ އަގެއް ކަމަށް ފެނޭ،" އޭނާ ވިދާޅުވި އެވެ.

"މީގައި ވިސްނަންވީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ފައިސާތަކެއް ހޯދުމަކަށް ނޫން. އާއްމުންނަށް ބުރައަކަށް ނުވާނެ އަގެއް ނެގުން."

ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުންޏެއްގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ބްރިޖްގައި ކުރާ ދަތުރުތަކަށް ނަގާނެ އަގުތަކެއް ކަނޑައަޅަންވާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށެވެ. މީގެ އެންމެ ބޮޑު މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވީ ސަރުކާރުން ދޭ ހިދުމަތަކަށް ވާތީ އިރުއިރުކޮޅާ އަގުތަކަށް ބަދަލު ގެނައުން ފަސޭހަ ނުވުމެވެ.

"ބަލަމާ ހިނގާ ހުޅުލެ ފެރީގެ އަގާއި ވިލިމާލެ އަދި ހުޅުމާލެ ފެރީގެ އަގުތައް. ގެއްލުން ވިޔަސް އެއިން އެއްވެސް ތަނެއް އަގާ ކުޅޭކަށް ސަރުކާރަކަށް ލާހިކެއް ނޫން. އެއްވެސް ސަރުކާރަކަށް ދެން ވިލިމާލޭގެ ފެރީ ޓިކެޓްގެ އަގު ބޮޑެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ބްރިޖާ އެކު ހުޅުލެ ފެރީ އަދި ހުޅުމާލެ ފެރީގެ ޑިމާންޑް ދަށްވާނެ."

ސިނަމާލެ ބްރިޖުގައި ދުއްވާ އެމްޕީއެލްގެ ބަސްތަކެއް: އާންމު ދަތުރުތަކަށް އަންނަ ހުކުރުދުވަހު ބްރިޖު ހުޅުވާނެ --ފޮޓޯ: ހުސައިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ ސަރުކާރުން ދޭ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތުގެ އަގާއި ބްރިޖުން ނަގާ ފީ ވެސް އިރުއިރުކޮޅާ ބޮޑު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ހިދުމަތްތައް ހިލޭ ދެވޭނެ ކަމަށް އާންމުން ގަބޫލުކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ފުރަތަމަ ފީ ނަގަން ހަމަޖައްސާފައި ވަނީ ސްޓިކާއެއް ވިއްކައިގެންނެވެ. ނަމަވެސް އިލެކްޓްރޯނިކް ކޮށް ފައިސާ ދެއްކޭ ގޮތަށް، ފަހުން ކޮންމެ އުޅަނދެއްގައި އިލެކްޓްރޯނިކް ޑިވައިސްއެއް ހަރުކުރާ ގޮތަށް ހަމަޖައްސާފައިވެ އެވެ. އޭރުން ވެސް ނަގާނީ މަހު ފީއެއް ކަމެއް ނުވަތަ ދަތުރަކަށް ވަކިން ކަމެއް ނޭނގެ އެވެ.

ޓެކްސީތަކަށް ވަކި އަގެއް އޮންނަންވާނެ

"މާލޭގެ ޓްރާންސްޕޯޓަށް އަންނަ ވަރަށް ބޮޑު ބަދަލަކަށް ވާނެ ބްރިޖްގެ ދަތުރުތައް ފެށުމަކީ. މިއާ ގުޅިގެން ދަތުރުފަތުރުގެ ޓްރެންޑަށް އަންނާނީ ކޮން ކަހަލަ ބަދަލުތަކެއް ކަމެއް ނޭނގެ. އެކަމާ ބެހޭ ދިރާސާއެއް ހެދިފައެއް ނެތް،" ކުރިން ވާހަކަ ދެއްކެވި ސަރުކާރު ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖް އާއްމުކޮށް ހުޅުވި މާލެ އާއި ހުޅުމާލެއާ ދެމެދު ފުރަތަމަ ފަހަރަށް ވެހިކަލްތަައް ދުއްވަން ފަށާ އިރު އެއީ ވިޔަފާރިއަށް ވެސް ހުޅުވޭނެ ދޮރެކެވެ. އެކަން ވާނީ، ޕަބްލިކް ޓްރާންސްޕޯޓްގެ ތަޖުރިބާކާރު ވިދާޅުވި ގޮތުގައި، މާލޭ ސަރަހައްދުގެ ޓްރާންސްޕޯޓަށް އަންނާނެ ބޮޑު ޑިމާންޑަކަށެވެ.

"އެ ޑިމާންޑަށް ކޭޓާކުރެވޭނެ ގޮތްތަކެއް ވެސް ހުންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން، ތަޖުރިބާކާރު ވިދާޅުވި ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ އަގުތައް އާންމުންގެ އަތްނުފޯރާ ފަށަށް އަރައިގެން ދިޔަ ދީގެން ނުވާނެ އެވެ. މިސާލަކަށް މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ޓެކްސީތަކުން ނަގާ އަގުތައް އޮންނަން ޖެހޭނީ، މިހާރެކޭ ވެސް އެއްގޮތަށް، ކޮންޓްރޯލްކުރެވިފަ އެވެ.

"ޓެކްސީތަކުން ހުޅުލެ- ހުޅުމާލެ- މާލެ އަށް ދަތުރުކުރާ އަގުތަކެއް އަމިއްލައަށް ކަނޑައެޅުމުގެ ކުރިން ސަރުކާރުން އަގުތަކެއް ކަނޑައަޅަން ޖެހޭނެ. އެހެން ނޫނީ ފަހުން އެ އަގުތައް ކޮންޓްރޯލްކުރަން އުނދަގޫވާނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުލޭ ފެރީ ކައިރީގައި ޓެކްސީއެއް މަޑުކޮށްލައިގެން: ބްރިޖާ އެކު ޓެކްސީތަކަށް މީޓަރު ތައާރަފްކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ.

އެ ތަޖުރިބާކާރު ދެކެވަޑައިގަންނަވާ ގޮތުގައި ޓެކްސީ ދަތުރުތަކަށް ވަކި އަގުތަކެއް ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ މީޓަރު ތައާރަފްކުރުމެކެވެ.

"މިސާލަކަށް މާލެ ތެރޭގެ ދަތުރުތަކަށް މިހާރު ވެސް ނަގާ އަގު ނެގިދާނެ. ހުޅުމާލެ ތެރޭގައި މިހާރު ވެސް ނަގާ އަގު ނެގިދާނެ. އެކަމަކު ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް މީޓަރަށް އަގު ނަގާ ގޮތަށް ހެދުން އެންމެ ރަނގަޅު ގޮތަކީ. އޭގެ ތެރޭގައި ޓޮލް ވެސް ހިމަނަން ވާނެ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖްގައި ބަހުގެ ހިދުމަތް އެމްޕީއެލް އިން ދޭއިރު މީޓަރަށް ދަތުރުކުރާ ޓެކްސީގެ ހިދުމަތް އެމްޓީސީސީ ކަހަލަ ކުންފުންޏަކަށް ދިނުމުން އާއްމު ޓެކްސީތަކަށް ބޭނުން އަގެއް އަމިއްލައަށް ކަނޑައެޅުމުގެ ބާރު ކެނޑިގެންދާނެ ކަަމަށެވެ.

"ސަރުކާރުން ޖެހޭނެ ޓެކްސީތަކުގެ އަގުތަކަކީ އެންމެނަށް އެކަށީގެންވާ އަގުތަކަށް ހަދަން. އަދި އެއާ އެކު އެމްޕީއެލް އަދި އެމްޓީސީސީއަށް ވެސް އެއާޕޯޓަށް ދަތުރުކުރުމުގެ ފުރުސަތު ދޭންވާނެ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއުގައި ބްރިޖް އެވަނީ ހުޅުވައިފަ އެވެ. އަދި މިއީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ތިން ލައްކައެއްހާ މީހުންނަށް މާލެ-ހުޅުލެ-ހުޅުމާލެ އަށް ދަތުރުކުރަން މި ސަރުކާރުން ފަހިކޮށްދިން ވަރަށް ބޮޑު މަގެއް ވެސް މެ އެވެ. މިހާރު މި އޮތީ ސިނަމާލެ ބްރިޖް ބޭނުންކުރަން ހަމަޖައްސާނެ އަގުގެ ބަހުސެވެ. ސަރުކާރުން ވެސް އެކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނާނެކަން ޔަގީނެވެ.

40 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 2%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިރާސާ - ދަރިވަރު

10 September 2018

އަޅެ ފަހެ ހައިރާނެއް ނުވާނެތަ މީހަކު! އެއްބަޔަކު ޕޯޑިއަމް ތަކަށް އަރާ ތިބެގެން ދައުލަތުގެ އުފެއްދުންތެރިކަމާއި، ޢާންމްދަނީ ފާއިތުވި ފަހެއްކަ އަހަރު ތެރޭގައި ކުރިއަށް ދިޔަ ވާހަކައާއި ކުރިއަށް ދިޔަ މިންވަރާއި ފަންވަރު ގޮވަމުން ފޮތްތައް ޝާޢިޢު ކުރަމުންދާއިރު، އަދި އެކިއެކި ސައިޒުތަކުގެ ނަންނަން ކިޔަ-ކައިގެން ވިޔަފާރިތަކަށް ދޫކުރި ލޯނުތަކާއި ޔެންމެ ބޮޑު ސުޕަރމެގަ، އަދި މެގަ ސައިޒުގެ ލޯންތައް ދައް ކައިފީމޭ 13ޓީވީއިން ދައްކަމުންދާއިރު، އަދި އިޤްތިޞާދާއި މެދު އެއްވެސް ރައްޔިތަކު ހާސްވެ، ކަންބޮޑުވެ ހޮޑުލާ ބޭރަށްހިންގަން ނުޖެހޭނޭކަމަށް ގޮވާ އާދޭސް ވިދާޅުވެ ހަޅޭކުގެ އަޑުއިވެމުން ދާއިރު މީދެން ކޮންވާހަކައެއް! ވޯޓެއް ދޭނޭ މީހަކު ހުރިތޯ ކަކުނި ހަރުތަކާއި ރުއްތަކުގެ ތޮފަޅި ފަދަ ތަންތަން ބަލައި ކޮންނަމުން ދާއިރު ކަންތައް ވަމުންދާ ގޮތް ބަލަންތިބެ ބަލަ. ބަލަގަ އެތިބީ އި ޤް ތި ޞާ ދޫ ދް ކިޔަ-ކައި ގެންނޭ. މރ. އިސްޕްރީންކޭޓް ވެސް ދިރި ދުނިޔޭގައި އެބަހުއްޓެންނު.

The name is already taken The name is available. Register?

ތަމީމް

04 September 2018

ބުރިޖް ދަތުރު ފީއެއްގެ ގޮތުގައި ފީ ނަގަން އެންމެ ރަނގަޅުގޮތަކީ، ކޮންމެ ސައިކަލަކުން ދުވާލަކު -/10 ނެގުން. ޓެކްސީއަކުން ދުވާލަކު -/10 ނެގުން. އަދި އެއީ ޓެކްސީ ފީގެ އިތުރުން، ޕަސެންޖަރު ދައްކަންޖެހޭ އެއްޗަކަށް ވެގެން ނުވާނެ! ކުލީ ކުޑަ ޕިކަޕެއްގެ ފީގެ ގޮތުގައި ދުވާލަކު -/15 ނެގުން. އެއީ ޕިކަޕު ފީގެ އިތުރުން، ޕަސެންޖަރު ދައްކަންޖެހޭ އެއްޗަކަށް ވެގެން ނުވާނެ! ބޮޑެތި ޕިކަޕެއްގެ ފީގެ ގޮތުގައި ދުވާލަކު -/30 ނެގުން. އެއީ ޕިކަޕު ފީގެ އިތުރުން، ޕަސެންޖަރު ދައްކަންޖެހޭ އެއްޗަކަށް ވެގެން ނުވާނެ! ކަސްޓަމްސް ސަރަހައްދަށް ވަންނަ ކޮންމެ ޕިކަޕެއް އަދި ލޮރީއަކުން ކޮންމެ ދަތުރަކަށް ދެކޮޅަށް -/50 ނެގުން..

The name is already taken The name is available. Register?

ޖެކް

03 September 2018

ބިދޭސީންނަށް ޑަބަލް އަގުނަގަންޖެހޭނެ!

The name is already taken The name is available. Register?

ރަންބުއްދި

03 September 2018

މާލެ ހުޅުމާލެ ސަރަހައްދުގެ ބަސްރޫޓެއް ގާއިމްކޮށް މާލޭގެ މަގުތައް ތޮއްނުޖެހޭ ގޮތަކަށް ތަފާތު ސައިޒުތަކުގެ ބަސްތަކަކުން ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގާއިމްކުރަންވީ.އޭރުން ސައިކަލް ބޭނުން ކުރާވަރު % 60 ކުޑަވާނެ.މިހާރުވެސް އާއިލާ ގޮވއިގެން ތަނަކަށް ދާންޖެހިއްޖެ ނަމަ އެތައްއިރަކު ޓެކްސިއަކަށް މަޑުކުރަންޖެހޭ.ސައިކަލުގަ ބްރިޖު ހުރަސްކުރާނީ އެންމެގިނައިން ވަޒިފާތަކަށް އަންނަ މިހުން.ދެންތިބެނީ ފިނިބުރު ޖަހާމިހުން ނުވަތަ އޮކޭޝަނަލް ކޮށް ދަތުރުކުރާނެ މީހުން.ސައިކަލުގެ ފީ ނަގަންވީ މަހަކު މީހަކު ސައިކަލަށް ކުރާ ޕެޓުރޯލުގެ ހަރަދަށް ބަލައިގެން.ޢޭރުން ޓެކްސީވެސް ބޭނުން ކުރާނީ މަދުބަޔަކު.ޓެކްސިދުއްވާމީހުން ނަށް ބަހުގެ ޑްރައިވަރުކަންދީ އެކަން ހައްލުކުރާނި

The name is already taken The name is available. Register?

ފޫހި

03 September 2018

ސއިކަލަކީ ކޮންގޮތަކުންބާ އަސާސީ ހިދުމަތަކަށްވަނީ. އަސާސީ ހިދުމަތަކީ ބަސް.

The name is already taken The name is available. Register?

އިބަ

03 September 2018

ދުވާލަކަށް 5 ރޭޓުން ސައިކަލް ބެނުން ކުރެވެގޮތައް ސައިކަލުން ފީނަގަންވީ.ދެން އެމިހަކު ބެނުންވަރަކަށް އެދުވަހު ބްރިޖް ބޭނުން ކުރަންވީ.އެންމެ 5 ރ ގެ ޓިކެޓަކުން ދުވާލަކު ކިތަންމެ ދަތުރެއް ކުރަންވީ.ހަގިގަތުގަ މާލެ ހުޅުމާލެ ގުޅުވާލައިގެން ރަގަޅު ބަހުގެ ހިދުމަތުގެ ނިޒާމެއް ގާއިމް ކުރަނި ކޮށް މާލެ ހުޅުމާލޭގެ މަގުތައް ތޮއްޖެހުމުން ސަލާމަތް ކޮށް މާލޭގެ ރަސްމީ އޮފިސް ސަރަހައްދުތަކުގެ ޕާކިންގް މައްސަލަވެސް ހަްލުވެގެން ދާނެ.އަހަރެމެން ގިނަދިވެހިން ސައިކަލު ބޭނުން ކުރަނީ ރަސްމިގަޑީގަ އޮފީހައްދިއުމަށް.ދެންގޮސް ވެލާނާ ، ހުރަވީ ނުވަތަ ގާޒީ ނުވަތަ އައި.ޖީ.އެމް.އެޗް ސަރަހައް ދުގަ ޕާކުކުރާނީ.ދެން އެދުވަހު ހަވީރުވަންދެން އެސަރަހައްދު ތަކުގަ އޮންނަނީ ޕާކިން ތޮއްޖެހިފަ އަދި މަގުތައްވެސް ރަސްމިގަޑީގަ ތޮއްޖެހޭ.މިކަންތައް ހައްލުވާނީ ތަފާތު ސައިޒުގެ ބަސްތަކަކުން އަރާމުގަ ދަތުރުކުރެވޭނެ ބަސްރޫޓެއް މާލެ ހުޅުމާލެ ސަރަހައްދުގަ ގާއިމް ކޮށްގެން.ސައިކަލުގެ ދަތުރުތައް % 50 މަދުވާނެ ބަސް ހިދުމަތް ރަގަޅުގޮތަކަށް ދިނުމުން

The name is already taken The name is available. Register?

ޢަޙުމަދު

03 September 2018

ދިވެހިންނަށް ސަބްސިޑައިޒްޑް ކޮށްފައިވާ އެކަށިީގެންވާ އަގެއް ރަނގަޅު އެކަމަކު ބިދޭސީންނަށް ވަކި އަގެއް އޮންނަން ވާނީ.. އެހެން ނޫންނަމަ ބަންގްލަދޭޝް މީހުންގެ އުނދަގުލާއި ހެދި ޕަބްލިކް ޓްރާންސްޕޯރޓްގައި ބޭނުންކުރާ ބަހުން ދިވެހިންނަށް ޖާގަ ހޯދަން އުނދަގޫ ވުމުގެ އިތުރުން އޭސީ ބަހުގަ ދަތުރު ކުރާއިރު ނޯއް ދަމާލަން ނުކުރޭނެ.. ހުޅުމާލެ ފެރީގަ ދަތުރުކުރައްވާ ބޭފުޅުންނަށް މިކަން ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިފައިވާނެ.. އެހެންކަމުން ބަހުގަ ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާނެ އަގު ކަނޑައަޅުއްވާ އިރު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ކޮންމެހެންވެސް ވިސްނަވަންޖެހޭނެ ކަމެއްކަމުގައި ވަރަށްބޮޑަށް ދެކެން. މިއީ މިކަމުގައި އަޅުގަނޑުގެ ޚިޔާލު

The name is already taken The name is available. Register?

އިބަ

03 September 2018

ތިޔަކަން ހައްލުވީ މިހާރުވެސް އޮންނަގޮތަށް އޭސީ ފެރީ އެސީނުކުރާ ފެރީ ހެން އަގުބޮޑު އޭސީބަސް އަގުހެޔޮ އޭސީނުކުރާބަސް ހިތުމަތް ދިނުމުގަ ބޭނުން ކުރީމަ.އަދި ސުކޫލް ކުދިން ނަށް ސުކޫލް ބަހެއް ހާއްސަކޮށް ތައާރަފު ކުރީމަ

The name is already taken The name is available. Register?

ލޭޑީ

03 September 2018

ބަނގްލަދޭސް މީހުން ދެކެ ހާދަ ރުޅިއެކޭ ދޯ ތި އަންނަނީ. ބަލަ އެމީހުންނަކީ ވެސް ހަމަ ދިވެހި ރައްޔިތުން ފަދައިން މިގައުމުގަ ދިރިއުޅޭ، ޓެކްސް ދައްކާ، ދިވެހިންގެ މަސައްކަތުގައި ބައިވެރިވާ އަދި ތަރައްގީގައި ހިއްސާވާ ބައެއް. އަހަރެމެން ވަޒީފާއަށް ދިޔައީމާ ގޭތެރެ ބަލަހައްޓާ، ދަރިން ބަލައިދީ، ގޭގައި ކައްކަނީ އެމީހުން. ދޮވެ އިސްތިރި ކުރަނީ އެމީހުން. މިހުރިހައ ކަމެއް ކޮށްދޭ މީހާއަށް އެންމެ ފަހަރަކުވެސް ރަހުމުގެ ލޮލަކުން ބަލައިލިއްޔާ ކަލޭގެ އިއްޒަތުން ބައެއް އުނިވަނީތަ؟ އެއްގޮތަކަށް ވެސް މިކަހަލަ ލާއިންސާނީ ކަމެއް ކޮށްގެން ނުވާނެ. ރެސިޑެންޓް ވިސާ ނޫނީ ވޯކް ވިސާ އޮންނަ ހަމަ ކޮންމެ މީހަކަށް ދިވެއްސެކޭ އެއް އަގެއްގައި ދަތުރު ކުރެވެން ވާނެ.

The name is already taken The name is available. Register?

ރެޓޭ

03 September 2018

ޓެކްސީގަ ދަތުރުކުރާނީ ގިނައިން އާއްމު ރައްޔަތުން، އެހެންވީމާ ޓެކްސީން ނަގާ ފީ އަސްލު ދައްކާނީ އާއްމު މީހާ. ޕުރައިވެޓް ކާރު ގެންގުޅޭ ފަރާތް ތަކުން ފަހަރަކު 30 ރުފިޔާ، މަހަކަށް ފީ ނަގާނަމަ 800 ރޭޓެއް ރަނގަޅުވާނެ، ސިޓީ ހޮޓާ ތަކުގެ ވެހިކަލުން މަހަކު 3000 ރުރިޔާ ނަގަން ފެނޭ. ސައިކަލުން 3 ރުފިޔާ ކޮޅަކަށް، ބައިސްކަލް ހިލޭ! ޕިކަޕް ޓަނަކަށް 40 ރުފިޔާ ހެވީ ވެހިކަލް 125 ރުފިޔާ ފަހަރަކަށް.

The name is already taken The name is available. Register?

ސީނުކަރާ

03 September 2018

ބުރިޖު އެޅީމަ ރައްޔިތުން ކުރަންޖެހޭ ޚަރަދުތައް ވަނީ ކުޑަހޭ ނޫނީ ވަނީ ބޮޑުހޭ މަހިތުން ބުރިޖުނާޅާއިރު 10 ރުފިޔާއަށް ދޯނީގަ ހުޅުލެއަށް ދެވޭ ދެން މިހާރު 50 ރުފިޔާގެ ދަށަކު ނުދެވޭނެހެން ހީވަނީ އަނެއްކާ 100 އަހަރުވެސް މިތަނުން ލިބޭއެއްޗެއް ޗައިނާގެ ކުންފުނިތަކަށް ލިބޭނީ

The name is already taken The name is available. Register?

ަސދަސދ

03 September 2018

ކަލޭ ދޯނީގައި ދޭ. އަހަރުމެން 10ރ ހަމަވި ދުވަހަކުން ބްރިޖް ހުރަސްކޮށް ދާނަން.

The name is already taken The name is available. Register?

މާމަ

03 September 2018

އެންމެ ރަނގަޅީ މަހުފީއެއް ދައްކައިގެން ވެސް ދެވޭނެ ގޮތެއް އޮވެފައި ވަކި ދަތުރުތަކަށް ފީދައްކަން ބޭނުން ވާ ބޭފުޅުންނަށް އެފުރުސަތުވެސް އޮތުން. 10 ރުފިޔާ ކޮޅަކަށް ސައިކަލުގައި ވީމާ ކޮންމެ ދުވަހަކު 10*2 20 ރުފިޔާ ހަރަދުވީ އެއީ މަހެއްގެ މައްޗަށް 600ރުފިޔާ. އިތުރުން މީ ހަމައެކަނި އޮފީހަށް އައުމާއި ދިއުމަށް. މީގެ އިތުރުން މާލެއަށް އަންނަ ކޮންމެ ފަހަރަކު 20 ރުފިޔާ ވީމާ މީ ވަރަށް ބޮޑު އަގެއް ކަމަށް ފެނޭ. މީ 12000 މުސާރަށް ލިބޭމީހަކަށް ގާތްގަނޑަކަށް މުސާރައިގެ 6.6% ވަރު. 10000 މުސާރައަކަށް ގާތް ގަނޑަކަށް 8% ވީމާ މާބޮޑު ކަމަށް ފެންނަނީ. އުންމީދު ކުރަން މި ސަރުކާރުން މިނިސްޓަރު ވިދާޅު ފަދައިން އެންމެ ނިކަމެތި މީހާއަށްވެސް ބަލައި ގަނެވޭ ފަދަ އަގެއް ހަމަޖެހުގެން ދާނެކަމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454