ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ވާހަކަ ދައްކަވަނީ. --ފޮޓޯ/ޕީޕީއެމް
01 އޮކްޓޯބަރ 2018 - 10:35
ޖިނާއީ ކުށްތަކުގައި ޖަލަށް ލާފައި ތިބި ސިޔާސީ އިސް ލީޑަރުންތަކެއް ކަފާލާތުގެ ދަށުން މިނިވަންކުރި ގޮތަށް، ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީން ވެސް ދޫކޮށްލުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން ފެށުމަށް ޕީޕީއެމުން ރޭ ގޮވާލައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫނާއި ރައީސް މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން ހައި ކޯޓުން ރޭ ވަނީ މިނިވަންކޮށްފަ އެވެ. އަދި، ރިޝްވަތުގެ ތުހުމަތުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
އެކި ކުށްތަކުގައި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންތަކެއް ދޫކުރަނީ، ގާނޫނާ ޚިލާފަށް ކަމަށް ބުނެ ޕީޕީއެމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އެ ޕާޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަނީ އެންމެ މީހެއް، ދެ މީހެއް ނޫން ކަމަށެވެ. އޭގެތެރެއިން، ކަފާލާތުގެ ދަށުން ދޫކޮށްލެވޭނީ ކޮން ބައެއް ކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ކަފާލާތުގެ ދަށުން، ސިޔާސީ ތިން ބޭފުޅަކު ދޫކޮށްލީ، ގޯސްކޮށް ކަން ސާބިތުކޮށްދެއްވަން ޖިނާއީ އިޖުރާއަތުގެ 63 ވަނަ މާއްދާ ނިހާން ވިދާޅުވެ ދެއްވި އެވެ. އެއް ބަޔަކު ޖަލުގައި ތިބެފައި، އަނެއް ބަޔަކު ޖަލުން ދޫވުމަކީ އިންސާފެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Kafaalaathuge Usoolun dhookoh’ Nulevey massala thah Jinaaee Ijuraathuge Gaanoonuge 63 vana maadhaaga Saafu koh Bayaan kohffai evanee eve. pic.twitter.com/1p9eXZayrq
— Ahmed Nihan (@ahmed_nihan) September 30, 2018
ނިހާން ވިދާޅުވެ ދެއްވި މާއްދާ ޓުވީޓް ކުރައްވާފައި.
"ޖަލުތަކުގައި ތިބި ވަކި ބަޔަކު ހޮވާފައި، ވަކި އަދަދެއްގެ ފައިސާކޮޅެއް ބަހައްޓާފައި ގެންދެވޭ ގޮތް ވެއްޖެ ނަމަ މުޅި ގައުމުގެ އިންސާފުން އެއްކިބާވެވޭނެ ޖާގަތަކެއް މިހިރަ ފެންނަނީ،" ނިހާން ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާ ދެއްވައި އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ފަދަ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަފާލާތުގެ ދަށުން ދޫކޮށެއް ނުލެވޭނެ އެވެ.
"މިއަދު ދޫކޮށްލެވުނު ތިން ބޭފުޅުން [މައުމޫނާއި ގާސިމާއި ފާރިސް އަކީ] މި ދެންނެވި ތުހުމަތުގައި ބަންދުކުރެވިފައި ތިބި މީހުން. މިއޮތީ، ގާނޫނާ ޚިލާފަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ދޫކޮށްލާފައި،" ނިހާން ވިދާޅުވި އެވެ.
"މިއަށް ވުރެ މާ ނިކަމެތި، މާ އާދައިގެ ވަރަށް ދެރަވަރު، ގަހަކުން ވެއްޓިފައި އޮންނަ ބަނބުކޭލެއް ވަގަށް ނެގުމުގެ ސަބަބުން ހުކުމް ކުރެވިގެން، ނުވަތަ ފިހާރައަކުން ލޯޝަން ފުޅިއެއް ވަގަށް ނަގައިގެން، ފިހާރައަކުން ކޮފީ ޕެކެޓެއް ވަގަށް ނަގައިގެން ގެންދެވިފައި ތިބި މީހުން ޖަލުގައި އެބަތިބި. ކޮބައިތޯ އެ މީހުންގެ ހައްގު. ކާކުތޯ އެ މީހުންގެ ވާހަކަ ދައްކަނީ."
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބުވެވަޑައިގަތުމާ އެކު، ޖަލުގައި ތިބި ބޮޑެތި ކުށްވެރިން "އާ ގޮތަކަށް، ދަނީ މިނިވަންވަމުންނެ"ވެ. ކުށްވެރިންތަކެއް އިސްލާހުވާން، ގާނޫނުގެ ތެރެއިން ގޮތްތަކެއް ހަމަޖެއްސުމަކީ އުފާކުރާނެ ކަމެއް ނަމަވެސް މިހާރު އަމަލުކުރަމުންދަނީ އެ އުސޫލާ ޚިލާފަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ސަރުކާރުން މަސައްކަތް ކުރަން ޖެހެނީ ސިޔާސީ ބޭފުޅުންތަކެއް، ކުރެއްވި ޖިނާއީ ކުށްތަކަކުން އެ ބޭފުޅުން ދިފާއުކުރައްވަން އެކަންޏެއް ނޫނެވެ. އާއިލާތަކަށް އާމްދަނީ ހޯދައިދޭން ތިބި އެތައް ބަޔަކު ވެސް އެކި ކުށްތަކުގައި ޖަލަށް ލާފައި ތިބި ކަމަށާއި އެ މީހުން ވެސް އިސްލާހުވާން ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ ބޭފުޅުން ވެސް ކުށްކުރުމުގެ ސަބަބުން އެ ބޭފުޅުން ޖަލަށް ލާފައި ތިބީ. އެހެންވީމާ ސިޔާސީ ބޭފުޅުންގެ ހައްގު ހޯދަން މަސައްކަތް ކުރާ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ކަމަށް ވަނީވިއްޔާ، އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ޖަލުތަކުގައި ތިއްބެވި އެހެން ބޭފުޅުންގެ ވެސް ހައްގުތައް ހޯދަން މަސައްކަތް ކުރައްވައި ކަފާލާތުގެ ދަށުން އެ ހުރިހާ ބޭފުޅުން ވެސް މިނިވަންކުރަން،" ޚަލީލް ވިދާޅުވި އެވެ.
އެހެންވެ އުއްމީދަކީ، އޭނާ ވިދާޅުވި ގޮތުގައި، ޖަލުތަކުގައި ދެން ތިބި ކުށްވެރިން ވެސް ކަފާލާތުގެ ދަށުން މިނިވަންކުރުމުގެ މަސައްކަތް ކުރުމެވެ. އެކަން ނުކުރާ ނަމަ، އިބޫ މަސައްކަތް ކުރައްވަނީ ވަކި ފަރާތެއްގެ ނުފޫޒުގައި ބަނދެވިގެން ހުންނަވައިގެން ކަމަށް ބުނެވޭނެ ޖާގަ އޮންނާނެ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކުޑި ހަމީދު
02 October 2018
މި ގައިދީން ތައް ހާދަ ފޯރިއެއް އެބަހުއްޓޭ ދޯ!
ނަޑެއްލާ
01 October 2018
ނިހާނޫ ތަމެންގެ ފޭކު ސޫރަ ދެއްކިއަސް މަމެން ހައިރާން ނުވޭ. ރައްޔިތުން ތިބީ ވަރަށް ސާބިތު ކަމާއި އެކު އެވެރިންގެ އަސްލު ސޫރަ ދައްކާލާހިތުން. ތަމެން މައިތިރި ވެގެން ތިބެބަލަ.
ސަންފަ
01 October 2018
ނިހާނު ތިބުނާ ނިކަމެތިން ޖަލުގައި ތިބިކަން އިބޫއަށް ވުރެ ބޮޑަށް އިނގޭނީ ޔާމީނަކަށްނު.. ދެން އެރައީސްގެ ދީލަތިކަމުން އެނިކަމެތި މީހުންނަށް މައާފް ނުދޭކަން މިއަދު މިއެނގުނީ.. އެހެންވީމާ އެކަމަށް ޔާމީނު ޖެހޭނެ ޖަވާބުދާރީވާން
މަފުން
01 October 2018
ޖަލައްލާ ހުކުމް ވެސް ހަމަ ކުރީ އެ ފަނޑިޔާރުން ހަމަ ނެރެންވެސް އެހުކުމް އެކުރެއްވީ އެ ފަނޑިޔާރުން. ފަނޑިޔާރުންގެ މުސްތަގިއްލު ކަމާ މެދު އަދި އަދުލުވެރި ކަމާ މެދު ސުވާލު އުފެދޭ. ދެ އިރު ދެ ގާނޫނަކުންތޯ ހުކުމް ކުރައްވަނީ؟؟؟
ދޮންބެ
01 October 2018
ނިހާނޫ ކަލޭ މޮޔަވެބަލަ
ގުރައިދޫ
01 October 2018
އިންތިހާބާ ދިމާކޮށް ކަލޭމެން ޖަލުން ދޫކޮށްލި އަދަދު 400 އިން މަތީގަ. އޭރު ކަލޭ ބާކީތިބި މީހުން ދޫނުުކުރީ ކީއްވެ. ޢަމިއްލަ ލޮލަށް ގޮވޭއިރު މި ނޭގެ.
މެކްސިކޯ ގާރލް
01 October 2018
ހިނި އަންނަނީ...ބާރުއޮތްދުވަހު ކަލޭމެން އުޅުނުގޮތް ރައްޔިތުން ދުވަހަކުވެސް ހަނދާންނުނެތޭނެ އިނގޭ
އަޅިކޮއި
01 October 2018
ބާޣީން ބޭރު ކުރޭ މި އެމްޑީޕީ ވެރިކަމެއް މަމެން ނުތިބޭނަން
ޅޮސްއުދޯލި
01 October 2018
ނިހާނު ނިކަމެތިން ހައްގުގެ ވާހަކަ ދައްކާނެ މީހަކުނެތިއްޔާ ނިހާނު ތިވާހަކަ ވެސްޓްޕާރކްގަ ކޮންމެ ރެޔަކު ދައްކަންވީނު!
ޙުސް
01 October 2018
ނިހާނޫ ކޮބާ ބަގާބާތެއް އެބައޮތްތޯ ކުރިޔައް އޮތްތާގައި