މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން ދެންމެ މިނިވަންކޮށްފި އެވެ.
މައުމޫން މިނިވަންކުރަން، އަމުރުކުރީ ކަފާލާތުގެ ދަށުން 60،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ބެހެއްޓުމުންނެވެ. މައުމޫން، މިހާރު ހުންނެވީ ގެކޮޅުގަ އެވެ. އެމަނިކުފާނު މިނިވަންވުމުގެ އުފަލުގައި، ގިނަ އަދަދެއްގެ ސަޕޯޓަރުން އެންދެރިމާގެ ކައިރީގައި އެބަތިއްބެވެ.
މައުމޫން، ކަފާލާތުގެ ދަށުން ހައި ކޯޓުން މިނިވަން މިކުރީ، އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިިދިޔަ ޖުލައި މަހު ކުރި ހުކުމާ ގުޅިގެންނެވެ. އެ ހުކުމް ކުރީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގައި އުފުލި ދައުވާގަ އެވެ.
މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. އެ ދައުވާއާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ، ގޭބަންދަށް ބަދަލުކުރަން އާއިލާ އިން އާދޭސްކުރާާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ފަރުވާ ހޯއްދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.
މި ބައްޔާ ގުޅިގެން، މައުމޫން އެކަނި ހުންނެވުން ރައްކާތެރި ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރަން ޑޮކްޓަރުން ވެސް އެތައް ފަހަރަކު ލަފާ ދެއްވި އެވެ. އެއާއެކު، މައުމޫން ގެއަށް ބަދަލުކުރުމަށް މެޑިކަލް ބޯޑުން ވެސް ކަރެކްޝަންސް އަށް ލަފާ ދިނެވެ. އެކަމަކު އެ ލަފާތަކަށް، މިއަދާ ހަމައަށް އެ މުއައްސަސާ އިން އަމަލެއް ނުކުރެ އެވެ.