ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފަށް އެދުމުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް ހުކުމްކޮށްފަ އެވެ.
ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު އިސްތިއުނާފް ކުރި އިރު، ދެ ކަމަކަށް އެދިފައިވެ އެވެ. އެއީ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް ދިނުމަށާއި އެމަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އަމުރަކަށެވެ.
ހައި ކޯޓުން ހަމައެކަނި ބުނީ އިސްތިއުނާފްގެ މައްސަލަ އެ ކޯޓުން އިއްޔެ ބަލައިގެންފައިވާ ކަމަށެވެ.
ޔަމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންގެ ފަރާތުން "ބެއިލް" އަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ހައްގުތައް ރާއްޖޭގެ ކޯޓުތަކުން މީގެ ކުރިން ވެސް ނަގަހައްޓާފައިވާތީ، ޔާމީނަށް ވެސް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުން ކޮންމެ ރެއަކު ދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގަ އެވެ. އެއީ، ޔާމީންގެ ވެރިކަމުގައި ކޯޓުތަކުން ހުކުމް އިއްވި ސިޔާސީ ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ.