ފޮރިން މިނިސްޓްރީ: ހަތަރު އެމްބަސީއަކުން ގަވާއިދާ ޚިލާފަށް ޚަރަދުކުރި މައްސަލަތަކެއް އޮޑިޓް ރިޕޯޓުން ވަނީ ފެންމަތިވެފައި --ފޮޓޯ/މިހާރު
13 އޮކްޓޯބަރ 2018 - 23:31
ހަތަރު ގައުމެއްގައި ގާއިމް ކޮށްފައިވާ ރާއްޖޭގެ އެމްބަސީތަކުން ގަވާއިދާ ޚިލާފަށް ފައިސާ ޚަރަދުކުރުން އަދި ބައެއް އެމްބަސީތަކަށް ލިބެންޖެހޭ ފައިސާ ހޯދާފައި ނުވާ މައްސަލަތަކެއް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، މިދިޔަ ހަފުތާގައި ނެރުއްވާފައިވާ، ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މިނިސްޓްރީ އާއި ތިން އެމްބަސީ އަކުން ވަނީ ހުއްދަ ހޯދުމެއް ނެތި، ގަވާއިދާ ޚިލާފަށް 1.9 މިލިއަން ރުފިޔާގެ ޚިދުމަތާއި ތަކެތި ހޯދައިފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެގޮތަށް މުދަލާއި ޚިދުމަތްތައް ހޯދީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާއި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިތުރުން ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީންނެވެ.
މީގެ އިތުރުން، މާލިއްޔަތު ގަވާއިދުގައި ބުނާ ފަދައިން، އިއުލާން ކުރުމެއް ނެތި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ތިން އެމްބަސީއަކުން ޚަރަދުކުރި މައްސަލަ ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އެއީ ވެސް ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާއި ބަންގްލަދޭޝްގައި ހުންނަ އެމްބަސީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އެމްބަސީންނެވެ.
ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓްގެ ތިޖޫރީން ފައިސާތަކެއް މަދުވާ މައްސަލައަކާއި އެ ތަނުގެ މުވައްޒަފަކު އަމިއްލަ ބޭނުމަށް ތިޖޫރީން ފައިސާ ނެގި މައްސަލައެއް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އޭގައިވާ ގޮތުން އާމްދަނީގެ ގޮތުގައި އެ ކޮންސިއުލޭޓުން ބަލައިގަތް ފައިސާގެ ތެރެއިން 86،000 އަށް ވުރެ ގިނަ ރުފިޔާ ތިޖޫރީގައި ނެތެވެ. އަދި އެ ކޮންސިއުލޭޓްގެ މުވައްޒަފަކު އަމިއްލަ ބޭނުމަށް 24،000ރ. ތިޖޫރީން ނެގި ކަމަށާއި އެކަމަކު އެ ފައިސާ މިދިޔަ އަހަރުގެ ފަހުކޮޅު އެތަނުގެ އެކައުންޓަށް އަލުން ޖަމާކުރި ކަމަށް ރިޕޯޓުގައި ވެ އެވެ.
އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް އަންގަވާފައި ވަނީ އެކަމުގައި އިހުމާލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.
ބަންގްލަދޭޝްގައި ހުންނަ އެމްބަސީއަށް ލިބެންޖެހޭ 300،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފައި ނެތް މައްސަލައަކާއި އުސޫލުތަކާއި ޚިލާފަށް އެ އެމްބަސީގެ މުވައްޒަފުންގެ ފޯން ކޯލްތަކަށް 5،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި މައްސަލައެއް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓްގެ މުވައްޒަފުންނަށް ޔުނިޓިލީޓިސް އެލަވަންސްގެ ގޮތުގައި މިދިޔަ އަހަރުގެ ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރިއިރު، އެއީ ދޭންޖެހޭ ފައިސާކަން ޔަގީން ނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެހެންވެ، އުސޫލާ ޚިލާފަށް ދީފައިވާ ފައިސާތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެ ފައިސާތައް އަނބުރާ ހޯދުމަށާއި އެމްބަސީއަށް ލިބެންޖެހޭ ފައިސާ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދުމުގެ މަސައްކަތް ކުރުމަށް ވެސް އެ ރިޕޯޓުގައި އަންގާފައިވެ އެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓްރީގެ ހަރު މުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ 53 މިލިއަން ރުފިޔާ އަކީ ހަރު މުދަލުގެ ސައްހަ އަގުކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އެކަން އެގޮތަށް ދިމާވީ ހަރު މުދަލުގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދުތައް ރިކޮންސައިލް ކޮށްފައި ނެތުމުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަސްފާގު
14 October 2018
މިހާރުން މިހާރަށް ތިޔަ ފައިސާތަށް ވީތަނެއް ބަލާ ގައުމުގެ މާލިއްޔަތަށް ވައްދައިދީ. ތިޔައީ ރައްޔިތުންގެ ފައިސާ، ތިޔަ ފައިސާ އަށް ބަޔަކު ހިޔާނާތް ތެރި ވެފާ ވާނަމަ އެބަޔަކު މަގާމުން ވަކިކޮށް މައްސަލަ ސަރީއަތަށް ފޮނުވައިދީ، ކޮރަޕުސަނުގެ ވަބާއިން މި ގައުމު ސަލާމަތް ކޮއްދީ.
ޖަމަލު ފޮނި
14 October 2018
މުލިން ބޭކާރު ވާހަކަ. ބޭރުގަ އެމްބަސީތަކުގެ ކޮރަޕްށަންގެ ވާހަކަ ދައްކާތާ މިހާރު 30 އަހަރުވެއްޖެ. އެކަން ދުވަހުން ދުވަހައްދަނީ ގޯސްވަމުން. މިވަރުން ނުފުދިގެން ކަންޑައެލިގެން ބައިނަލްއަގްވާމީ ގާނޫނޫތަކާއި އިދިކޮޅައް އިންގިރޭސި ފަރަންޖީންނައް ދިވެހިންގެ ނަމުގެ ބޮޑުވަޒީފާ ދީފަ އޭގެ މާލީ ފައިދާވެސް ބަޔަކުވަނީ ނަގާފަ. ނޫސްތަކުގަ ލިޔާނެ. ވާހަކަ ދައްކާނެ. ހަމަ އެއްކަމެއްވެސް ނުވާނެ. ނިމްމާނީ ސްޕްރީމް ކޯޓުން. ވަރައް ސަލާމް.
އާއެކޭ
14 October 2018
ރަގަޅު އެއްކަމެއްވެސް ކޮއްފަ ނެތޭ.
ބުލެކް
14 October 2018
އުމުރުން ހަގު އަހުލާގީ ފެންވަރު ދަށް މީހުން ތިތަންތަނުގައި ގިނަވެގެން ވާގޮތް. އެމީހުން އުޅެނީ ވިލާތު ހެދިގެން. އެތަނުގައި އުޅޭ ރީތި ދިވެހި ކުދިން ގޮވައިގެން. ނައިޓް ލައިފްގަ. އެތަނުގެ ފޮޅާ ސާފުކުރާ ވަޒީފާއެއްގަ އުޅުނަސް އެވަރު. ލަންކާ ކަންތައް އަދި މާބޮޑު.
މުގާބޭ
14 October 2018
މިއީ ، ރައްޔިތުންގެ ފައިސާ އެހެންކަމުން މި މައްސަލަތައް ބައްލަވާ ފައިސާތަކުގައި އިހުމާލުވާ ފަރާތްތައްބަލާ މިކަމުގައި ޒިންމާވާ އެންމެނަށް ހައްގު އަދަބު ދެވެންވާނެ.
ފޮނަދޫ ގަސް ބުޑު
14 October 2018
ނިކަން ރެހެންދި ފްލެޓް 2 ފްލެޓް 9މިލިއަން ރުފިޔާ އަށް ސޮރަކު ގަތްައްސަލަ އޯޑިޓް ކޮށް ބަލަ.
މަރޭމިތުރާ
14 October 2018
އެމްބަސީތަކުގެ ހަގީގީ މަސައްކަތްނުކުރޭ!!!! މިގޮތުން މިސާލަަކަށް ރާއްޖޭގެ ބަޔަކު ބޭރުގައުމަކު ބަންދުވެ އެކަން އެންގިޔަސް ޒިޔާރަތްވެސް ނުކުރޭ!! އެމީހުންނަށް އެންމެކުޑަމިނުން ނަމާދުކޮށްލަން މުންޑެއް' ކުނަލެއް' ތޮތްޕެއްފަަދަވެސް ނުދޭ!!!!!!!!!މުސްލިމުނޭބުނަނީއެކަމަކު
ައަހަރެން
14 October 2018
ބޭރުގައުމެއްގެ ޖަލެއްގަ ދިވެއްސްކު ބަންދުވެ އޭނާޔަށް އޫރުމަސް އެގައުމުން ކާންދިންއިރުވެސް އެމްބަސީން ހަބަރެއްނުވޭ!!!
ގޮއި
14 October 2018
ބޭރުގަ ހުންނަ ދިވެހި ކައުންސިލޭޓުގަ ކާފިރުން ހަމަޖައްސައި ތިބޭތީވެސް މައްސަލައެއް!!!!!
ޤައުމު
14 October 2018
ތީ ހުސްދޮގު. އިންޑިޔާގައި އަހަރެންގެ ދަރިއަކު ޕާސްޕޯޓު ގެއްލިގެން އެންގުމުން، އެމްބަސީން ލިބުނު އެހީތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ. އެމްބަސީ ހުރިހާ މުއައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ޚާއްޞަކޮށް އިސްވެރިންނަށް.
ޙަރުމުދާ
14 October 2018
އޮޑިޓް ކުރަން އޮޑިޓް އޮފީހުން ފޮނުވަނީ އެއްޗެއް އެނގޭ ބަޔެއް ނޫން. ޢެމްބަސީ ތަކަށް ދަނީ ބޭރުގެ ޤައުމު ތަކަށް ދާހިތުން އެތަން ތަން ބަލަން ވެގެން. ކެރިގެން މިބުނަނީ އަޅެ ތިއޮޑިޓަރުންގެ އޮޑިޓެއް ހަދާބަލަ އޭރުން އެނގޭނެ ފެންވަރު.
ރިޝްމީ
14 October 2018
ކަލޭގެ ހަރުމުދަލާ ގުޅޭ މައްސަލައެއް އޮޑިޓުން ފަޅާލީ ދޯ!
ޙަރުމުދާ
14 October 2018
ރިސްމީ، މޮޔަ ނުގޮވަބަލަ. ކަންކަން ހިނގާ ގޮތާއި އޮންނަ ގޮތް ސާފުކޮށް ބުނީމަ ކޮން ބޭކާރު ވާހަކައެއް ތި ދައްކަނީ. ޢަޖައިބު ކޮންއެއްޗެއް ކިޔަވައިގެން ހުރެ ތި ކޮމެންޓް ކުރަނީ!! ޢޮޑިޓް އޮފީސް މީހުން އެމްބަސީ އޮޑިޓް ކުރަން ދަނީ ހަމަ އެޤައުމުތައް ބަލާލަންވެގެން.
ކިއްލިބާޝާ
14 October 2018
ޒިޔަތުމެނަށް ހާދަ އެއްޗެއް ނުފެނެއޭ. 1.9 ތީ ކޯންޗެއް؟
ފަލަޑޭ
14 October 2018
ކޮބާ އެއްކަލަ އަލިބެ އިންޑިއާގަ ހުންނަ ކޮންސިއުލޭޓް ދޮވެލާފަ އައިސްދޯ މާވަރަކަށް ޔާމިން ހެދިގެން މިއުޅެނީ. ވަރަށް ސާފު