އިބޫ، "މިހާރު"ގެ އެދުމަކަށް މުވައްޒަފުންނާ އެކު ސެލްފީއެއް ނަންގަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
25 އޮކްޓޯބަރ 2018 - 13:23
ގައުމުގައި އެ ވަގުތަކު ހިނގާ ކަމެއްގެ ހަގީގަތް، ދެނެގަތުމަށް ނުވަތަ ފެތުރޭ ކަންކަން ކަށަވަރު ކުރައްވަނީ "މިހާރު" ނޫސް ބައްލަވާލެއްވުމަށް ފަހު ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި އިބޫ އެގޮތަށް ވިދާޅުވީ "މިހާރު" އަށް ޒިޔާރަތްކުރައްވާ، ނޫހުގެ މުވައްޒަފުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
އިބޫ ގެންދަވަނީ، އާއްމު ރައްޔިތުންގެ އިތުރުން މުއައްސަސާތަކާއި މީޑިއާތަކާ ވެސް ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. އެމަނިކުފާނު ކުރިއަށް ނެރުއްވި އެ ވިސްނުންފުޅުގައި، "މިހާރު" އަށް ވަޑައިގެން، ނޫހުގެ މުވައްޒަފުންނާ ސަލާމްކުރައްވައި ވާހަކަފުޅު ފެއްޓެވީ އެންމެންނާ އެކު އަމިއްލަފުޅަށް ނެންގެވި ސެލްފީއަކަށް ފަހު އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް މައުލޫމާތު ފެތުރުމުގައި "މިހާރު" އިން އަދާކޮށްދީފައިވާ ދައުރަށް އިބޫ ޝުކުރު އަދާކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގެ ކުރިއަށް އޮތް ދަތުރުގައި ވެސް ރައްޔިތުން ހޭލުންތެރިކުރުވުމާއި މައުލޫމާތު ފެތުރުމުގައި "މިހާރު"ގެ ދައުރު އަދާކޮށް ދެއްވަން އެދިވަޑައިގަތެވެ.
"މިހާރު"ގެ ނިއުސްރޫމަށް ވަޑައިގަތުމުން އިބޫއަށް މިހާރުގެ އެޑިޓަރު މޫސާ ލަތީފު މަރުހަބާ ދަންނަވަނީ . --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"މިހާރެކޭ އެއްގޮތަށް، ކުރިއަށް އޮތް ތަނުގައި ވެސް ވަކި ފަރާތަކަށް ނުޖެހި، ޒިންމާދާރުކަމާ އެކީގައި މައުލޫމާތުތައް ފާޅުކޮށް، އަދި ރައްޔިތުންގެ ފަރާތުން އެދޭ ކަންތައްތައް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިނުމުގެ ދައުރު އަދާކޮށްދިނުމަށް އެދެން،" އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ ނޫސް "ހަވީރު" ބަންދުކުރުމާ އެކު "މިހާރު" ނުކުމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ކުރީ ސަފަށް ޖެހުނު އިރު، "މިއީ ތާރީޚެއް އޮތް ނޫހެކެ"ވެ. "މިހާރު"ގެ ހިންގުންތެރިންގެ ގޮތުގައި އަދި ނޫސްވެރިންގެ ގޮތުގައި ތިބީ ތަޖުރިބާކާރު، ޒިންމާދާރު ބައެއް ކަން ފާހަގަކުރައްވައި، އެ މަސައްކަތަށް ހިތްވަރު ދެއްވި އެވެ.
"މިހާރު" ގެ އިސްވެރިންނާ އިބޫ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މީޑިއާތަކުގެ ތެރެއިން ތެދުވެރިކަމާ އެކު ތަހުގީގީ ނޫސްވެރިކަން އެންމެ ރަނގަޅަށް ކުރަމުން އަންނަނީ ވެސް "މިހާރު"ގެ ނޫސްވެރިންނެވެ. އޭގެ ކުރިން، އެ ޒިންމާއަދާކުރީ "ހަވީރު" ނޫހުން ކަން ފާހަގަކުރެއްވި އެވެ.
"ކަމެއްގެ ހަގީގަތް، ދެނެގަތުމަށްޓަކައި ނުވަތަ ކަމެއް މާލެ ތެރެއަށް ފެތުރިގެން ދާއިރު، ހަގީގަތް ގަބޫލުކުރުމަށްޓަކައި އަޅުގަނޑު މިހާރު ނޫސް ބަލަން. އެކަމެއްގައި ގޮތް ނިންމަނީ މިހާރު ނޫސް ބަލާލާފައި. އެހެން ކޮންމެ ނޫހަކުން، ކޮންމެ ޗެނަލަކުން ޚަބަރެއް ގެނަޔަސް، ކަމެއްގެ ޑިސިޝަނެއް ނަގަން އަޅުގަނޑު އެއް ފަހަރު، ދެ ފަހަރު މިހާރު ނޫހުގައި އެކަމެއް ކަށަވަރުކޮށްދީފައި އޮތީ ކިހިނެއްތޯ ބަލަން،" އިބޫ ވިދާޅުވި އެވެ.
"އެކަމަށްޓަކައި އަޅުގަނޑުގެ ފުރިހަމަ އިތުބާރު ތިބޭފުޅުންނަށް، 'މިހާރު' އަށް އޮތް ވާހަކަ ވެސް ދަންނަވާލަން."
"މިހާރު"ގެ ނޫސްވެރިންނާ އެކު އިބޫ ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އިބޫގެ ބަސްފުޅު ނިންމަވާލެއްވީ، އެމަނިކުފާނުގެ ވެރިކަމުގައި، މިނިވަން ނޫސްވެރިކަމަށް ފަހި ފުރުސަތު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
"މިހާރު"ގެ އެޑިޓަރު މޫސާ ލަތީފްގެ ވާހަކަ ފެއްޓެވީ އިބޫ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ޚާއްސަކޮށް މީޑިއާތަކާއި ނޫސްވެރިންނާ ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވަމުންނެވެ.
ނޫސްވެރިކަމުގައި 30 އަހަރު ހޭދަކުރެއްވިއިރު، ރާއްޖޭގެ އެއްވެސް ރައީސަކު ނުވަތަ އިންތިހާބީ ރައީސަކު ނަމަވެސް އިބޫ ފިޔަވައި، ވަކިވަކި މީޑިއާތަކަށް ޒިޔާރަތްކުރައްވާފައި ނުވާ ކަމަށް މޫސަ ވިދާޅުވި އެވެ. އެހެންކަމުން ނޫސްވެރިންނާ އެކު އިބޫގެ ފެށުން، އޭނާ ސިފަކުރެއްވީ، ނޫސްވެރިކަމަށް ހެޔޮ ފާލެއްގެ ގޮތުގަ އެވެ.
"އަޅުގަނޑުމެން، މިހާރުގެ ނޫސްވެރިން ވެސް ގަބޫލުކުރަނީ، ރާއްޖޭގެ ރައީސްކަމަށް ދެން ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހް އަކީ، ނޫސްވެރިންނާ ގާތް، ޑިމޮކްރަސީގައި ނޫސްވެރިކަމަކީ ކިހާ މުހިއްމު ކަމެއް ކަން އަދި ގުނަވަނެއް ކަން ގަބޫލުފުޅުކުރައްވައި އެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް،" މޫސަ ވިދާޅުވި އެވެ.
އިބޫ. މިހާރުގެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކަމެއްގެ ހަގީގަތް ދެނެގަތުމުގެ މަސްދަރެއްގެ ގޮތުގައި "މިހާރު" އަށް ކުރައްވާ އިތުބާރަށް، އިބޫ އަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައި ވެސް މި ނޫހުގެ ދައުރު އޮންނާނީ އެ ގޮތުގައި ކަމުގެ ޔަގީންކަން މޫސަ ދެއްވި އެވެ. ތެދުވެރިކަމާއި ޒިންމާދާރުކަމާ އެކު އެންމެ އަވަހަށް ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފެތުރުމުގައި "މިހާރު" ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަބަދުވެސް 'މިހާރު'ގެ ޕޮލިސީއަކީ ނިއުޓްރަލް ނޫސްވެރިކަމެއް ކުރުން،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި އިސްކަންދޭނެ އެވެ. އެއާއެކު ގައުމާއި ރައްޔިތުން އިސްކޮށް، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވައި، ގޯހެއް އުޅޭ ނަމަ، ކަންކަމުގެ ހަގީގަތް "މިހާރު"ން ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޔާމީނު
27 October 2018
ނޫހެއްގެ ސިޔާސީ ވިސްނުން ބަލާލަން އަހަރުން ފުނުވަނީ ޚަބަރުތަކަށް ވަރަށް ބައިވަރު ކޮމެންޓުތަކެއް. ދެން އެކޮމެންޓުތައް ޖަހާދޭނަމަ ބަލާނީ އެމީހުން ތާއީދު ކުރާ ސިޔާސީ ފިކުރު، މިސާލަކަށް ޔާމީނަށްތޯ ނޫނީ އިބޫއަށްތޯ؟ ނޫސްވެރިން ޖަހާ ސަކަރާތް އަހަރުމެން ވެސް ފާރަލަމޭ. މިދިޔަ އިންތިޚާބުގައި މިހާރުނޫހުގެ ފިކުރު ހުރިގޮތް ވެސް ވަރަށް ރަނގަޅަށް އެނގޭ.
އެޔާމީނު
27 October 2018
މިހާރުނޫހަކީ ކުރީގެ ހަވީރުނޫސް، ސިޔާސީ ގޮތުން ވަކި ކޮޅަކަށް ޖެހިފައިތިބޭނެ އަބަދުވެސް. އެކަމަކު އާއްމު ރައްޔިތުމީހާއަށް ނޭނގޭނެ. ތަންދޮރު ހޯދައި ބަލާ މީހުންނަށް އެނގޭނެ މިމީހުންގެ އާރޓީކަލްތަކުން ފޮރުވިފައިވާ މެސެޖްތަކެއް ކިޔާ މީހާގެ ސިކުނޑިއަށް ވައްދާކަން. މިދިޔަ އިންތިޚާބުގައި ވެސް ކަންކޮށްފައި ވަނީ ހަމަ މިބުނިހެން.
އިބްޝާ
27 October 2018
މަވެސް ހަބަރެއްގެ ކަށަވަރުކަން ހޯދަނީ ހަމަ މިހާރު ނޫހުން .
މުހައްމަދު އަހްމަދު
27 October 2018
ޔާމީނުގެ ސަރުކާރާ ދެކޮޅު ޚަބަރެއް ބަލަންޏާ އަޅުގަޑުވެސް ބަލަނީ "މިހާރު" ނޫސް. ހަމައެގޮތަށް އެމްޑީޕީ އާ ދެކޮޅު ވާހަކައެއް ފެނޭތޯ އަޅުގަނޑުބަލަނީ "ވަގުތު" ނޫސް. ގއ.ގެމަނަފުށީ ޖެޓީގައިހުރި މޮނިއުމެންޓެއް އެމްޑީޕީ އެކްޓިވިސްޓުންތަކެއް ހަލާކުކޮށްގެން "މިހާރު" ނޫހަށް ގުޅީމާ އެޚަބަރު ނުޖެހި.
ނަން
27 October 2018
ސެލްފީ ރައީސް ދޯ....
ނިއުޓްރަލް
26 October 2018
ތީކުރީގެ މިހާރު ނޫހެއް ނޫން. ސިޔާސީ ގޮތުން ވަނީ ވަކި ކޮޅަކަށް މާބޮޑަށް ބުރަވެވިފައި. ﷲ ހެކިވެވޮޑިގަންނަވާނެ މިކަމަަށް.
ހަދިޔާ
26 October 2018
ހަވީރު ނޫހުގެ މައްސަލާގަ ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅަންވީނުން
ހަރުދަނާ
26 October 2018
މިހާރުން ގެނެސްދޭ "ދޯ" މަޖައްލާ ގައި ތަންކޮޅެއް ހަރުދަނާ "ޒުވާނުންގެ" ވާހަކަ، އަދި ޚަބަރުތައް ގެނެސް ދިނުން އެދެން. މިސާލަކަށް ޒުވާންނުން މިޒަމާނުގަ ވާހަކަ ދައްކާ ބަހުރުވަ ހުންނަގޮތް އެއީ މާމޮޅު ކަމެއް ގޮތަށް ލިޔުމަކުން ދެއްކެން އުޅޭހެންވެސް އެބަ ހީވޭ. އެންމެން ތަޢްރީފް ކުރާ އިރު ފާހަގަކުރެވުނު ކަމެއް ބުނެލީ. ކޮންމެ އާޓިކަލް، "މަޝްހޫރު" ކުރެެވޭ ޒުވާނަކުން ައެދެެވެނީ މެސެޖެއް. ލަވް "މިހާރު".
ތުލިބު
26 October 2018
އިތުބާރު ނުކުރެވޭތީ މަގޭ ބްރައުޒައިން 'މިހާރު' ނޫން ދިވެހި ވެބްސައިޓަކަށްނުވަންނަން. (ދޯ ޓްރައިކުރިން، އެކަމަކު ލޮކޭޝަން އަހަތީ ނުވަންނަން)
އެކަލޯ
26 October 2018
ކަމެއްވެގެންދޯ ޑިމޮކްރަސީގެ ހަތަރުވަނަ ބާރަކީ މީޑިއާއަށްވަނީ! އެގޮތުން ލިޔުންތެރިކަމުގެ ގޮތުންނާ އޯތެންޓިސިޓީ އަށް މި މަޙަލްދީބުގައި ގިނަ ބަޔަކު އެއްވަނަ ދޭނީ ހަމަ, މިހާރު އޮންލައިންއަށްކަން ޔަގީން! ކީޕިޓް އަޕް!
އެޔާމީނު
27 October 2018
އެއްފަޅިއަށް ބުރަވެގެން ދިޔަދިޔައިނުން އަނެއްފަޅި ވާ ވެފައި މިހާރު އޮތީ.