ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ (މ) ކޯޓަށް ވަޑައިގަންނަވަނީ.
08 ނޮވެމްބަރ 2018 - 11:52
އިންޑިއާގެ މަސްލަހަތާ، އައްޑުއާ ގުޅިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ އެ ގައުމަށް އައްޑޫން ނުވަތަ ރާއްޖޭގެ އެހެން ސަރަހައްދަކުން ވެސް އަސްކަރީ ހަރަކާތެއް ހިންގުމަށް ޖާގަ ދިނުން ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހީމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑު އަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ އައްޑޫގައި އުޅޭ މީހުންގެ މަސްލަހަތު ގުޅިފައިވަނީ ހަމައެކަނި ރާއްޖެއާ ނޫން ކަމަށާއި އިންޑިއާގެ މަސްލަހަތާ މާ ބޮޑަށް ގުޅިފައިވާ ކަމަށެވެ. އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ ނަޝީދު އެ ގޮތަށް ވިދާޅުވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޕީޕީއެމުން ބުނެ އެވެ.
ނަޝީދުގެ އެ ވާހަކަފުޅު އެކި ގޮތްގޮތަށް ތަރުޖަމާ ކުރައްވާ އިރު އެއީ ރާއްޖެ އިންޑިއާ އަށް ބަރޯސާވެގެން ވެރިކަން ކުރުން ކަމަށް އެއް ބަޔަކު ދެކެ އެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އެއީ އަސްކަރީ ކަންކަމުގައި ރާއްޖެ ބޭނުން ކުރުމުގެ ފުރުސަތު އިންޑިއާ އަށް ދިނުމެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ދާއިމީ ކޮމެޓީގައި އިންނަވާ މެމްބަރު ދީދީ "މިހާރު" އަށް ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަލާމަތީ ސިޔާސަތަކީ ވަކި ގައުމަކަށް ބަރޯސާނުވެ، އަދި ރާއްޖެއަކީ ވަކި ގައުމަކަށް "ތުރާލަކަށް" ނުވުން ކަމަށެވެ.
"އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ މި ގައުމުގައި އެ ކަހަލަ [ބޭރު ގައުމުތަކުގެ އަސްކަރީ] ކަމެއް ކުރާނެ ކަމަކަށް. އެ ފުރުސަތު ދޭނެ ކަމަކަށް ވެސް ގަބޫލެއް ނުކުރަން،" އިންޑިއާގެ ޑިފެންސް ކޮލެޖުން މާސްޓާ އޮފް ފިލޯސަފީ ހާސިލް ކުރައްވާފައިވާ ޑީޑީ ވިދާޅުވި އެވެ.
ރައީސް ނަޝީދު އައްޑޫގައި: އިންޑިއާގެ ސަލާމަތާ އައްޑުއާ އޮތް ގުޅުމުގެ ވާހަކަ ދެއްކެވި-- ފޮޓޯ: އެމްޑީޕީ
އިބޫގެ ޑިފެންސް ޕޮލިސީގައި ބުނެފައިވަނީ ވެރިކަން ކުރައްވާނީ ރާއްޖޭގެ އެކުވެރި އަދި އަވަށްޓެރި އެންމެހާ ގައުމުތަކުގެ މަސްލަހަތުތަކަށް ރައްކާތެރިވެ އެ މަސްލަހަތުތަކަށް މި ސްޓްރެޓީޖީގެ ސަބަބުން އެއްވެސް ތުރާލެއް ނުވާނެ ގޮތަށް ކަމަށެވެ. އެގޮތުން ވަކި ފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތުގެ ތެރެއިން ދިވެހި ޤައުމުގެ “ފަސްޓްލައިން އޮފް ޑިފެންސް” ގާއިމް ކުރެވޭނެ ކަމަށް އެ ސިޔާސަތުގައި ބުނެފައިވެ އެވެ.
ރާއްޖެ އަށް އިންޑިއާ ސަރުކާރުން ދީފައިވާ ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިންގެ ބަޔަކު މިހާރު ވެސް އެބަ ތިއްބެވެ. މިހާރު އެ މީހުން ތިބެނީ ލ. ކައްދޫގަ އެވެ. ދެ ހެލިކޮޕްޓަރު ބޭނުން ނޫން ކަމަށާއި އެ ދެ ހެލިކޮޕްޓަރު އިންޑިއާ އަށް ގެންދަން ރައީސް ޔާމީންގެ ސަރުކާރުން އެންގުމުން ވެސް އިންޑިއާ އިން މިހާތަނަށް އެކަމަށް އިޖާބައެއް ދީފައެއް ނުވެ އެވެ. އައްޑޫ ހިތަދޫގެ ފުއްޓަރު ފަރާތުން ވަކި ސަރަހައްދެއް، ނަޝީދުގެ ވެރިކަމުގައި އިންޑިއާ އަށް ދޭން ނިންމައި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އިންޑިއާއާ ހަވާލުކުރި ބިމުގައި އިންޑިއާ ސިފައިންގެ އަސްކަރީ ތަމްރީން މަރުކަޒެއް އެޅުމުގެ މަސައްކަތް އިންޑިއާ އިން ކުރަމުން ދާ ކަމަށް ތުހުމަތުތައް ކުރެވެ އެވެ.
ޑީޑީ ވިދާޅުވީ އަންނަ ސަރުކާރުން ތަންފީޒު ކުރާނެ ސިޔާސަތަކީ އެހެން އެއްވެސް ގައުމަކަށް ރާއްޖެ ބަރޯސާ ނުވުމާއި އެއިން ގައުމަކަށް ތުރާލަކަށް ނުވާނެ ސިޔާސަތެއް ކަމަށެވެ.
ރާއްޖެ އޮތް ސްޓްރެޓެޖިކް ސަރަހައްދަކީ ދުނިޔޭގެ ބާރުތަކަށް މުހިންމު ސަރަހައްދެކެވެ. ހާއްސަކޮށް އައްޑޫ އޮތް ސަރަހައްދަކީ އިންޑިއާ ކަނޑުގެ ސަވައިލަންސަށް މުހިންމު ހިސާބެކެވެ.
އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އިންޑިއާ ސިފައިން ރާއްޖޭގައި-- ފޮޓޯ: އެމްއެންޑީއެފް
ދުނިޔޭގެ ބާރުތަކުން ރާއްޖޭގައި އަސްކަރީ މަރުކަޒުތައް ހެދުމަށް މީގެ ކުރިން ވެސް ޝައުގުވެރިކަން ފާޅުކުރ ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީ ވެސް އޮތީ އެ ފުރުސަތު ފަސޭހަ އިން ދެވޭ ގޮތަކަށް ނޫނެވެ.
ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ ނ. ގައި ބުނެފައިވަނީ މަޖިލީހުގެ ހުރިހާ މަމެމްބަރުންގެ ވޯޓު ލިބިގެން ނޫނީ އަސްކަރީ ބޭނުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުދެވޭނެ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ އިންޑިއާގެ ވާދަވެރި ޗައިނާ އަށް ވަރަށް ބޮޑަށް ބަރޯސާވެގެން ހިންގި ސަރުކާރަކަށް ވާއިރު ނަޝީދު ވަނީ އިންޑިއާގެ މަސްލަހަތުގައި ވަރަށް ގިނައިން ވާހަކަފުޅު ދައްކަވައިފަ އެވެ. ނަޝީދުގެ ވެރިކަމުގައި ވެސް އެންމެ ގާތް ގުޅުމެއް ބޭއްވީ އިންޑިއާއާ އެކުގަ އެވެ. އެހެންކަމުން ނަޝީދަކީ އިންޑިއާގެ އެހީތެރިކަމުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ޕީޕީއެމުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
09 November 2018
ތިކަމެއްނުވާނެ ޖެހޭނީދޭން ސަބަބަކީ އިންޑިޔާގެ ދަށުވެފައޮތުން ޒަމާނުއްސުރެ އެމީހުންބޭނުންވޭ ދިވެހިންއަޅުވެތިކުރަން މައުމޫނުގެ ދިގުތިރީންއަހަރުގަ ކޮށްދިންކަމަކީ އައިޖީއެމްއެޗް އެޅުން އެކަންވެސް ކުރީ އެމީހުންގެ ފައިދާއަކަށް ތަންދޮރުނުދަންނަ އާދައިގެ ޑޮކުޓަރުންފޮނުވައިގެން ރާއްޖޭގެ ބަލިމީހުން ފަޅާކުދިކުރުމަށްފަހު ފަސޭހަނުވުމުން ފޮނުވަންޖެނީ އިންޑިޔާއަށް ރާޢްޖެއަށްލިބޭ ޑޮލަރުގެ ބޮޑުބަޔެއް ހޭދަކުރަންޖެނީ އިންޑިޔާއަށް ޓްވަންޑްރަމް ތަރައްޤީކޮށްވަނީ އެފައިސާއިން
ވާލުސޮރު
09 November 2018
ސިފައިންގެ ކޮމިއުނިކޭޝަންސް ސެންޓަރ ތެރޭ 4 ނޮވެމްބަރ 1988 ގަ އޭރުގެ ކޮމިޔުނިކޭޝަން އިންޗާޖް އަކަށްހުރި (ލާންސްކޯޕްރަލް) އިބްރާހީމް ދީދީ، އުތީމު ތިންބޭންނާ ދެ ހާޖީ އާ ދަންޑަހެލާ އެކީގަތޯއޭ އިންނެވީ އަހާލަން ކެރޭ ކުއްޖަކުވެސް ހަމަ ނެތީބާ؟
ބަރާބަރު އ އަޒީޒް
09 November 2018
ދެ ހެލިކޮޕްޓަރ ބަލަހައްޓަން 85 ސިފައިން އައްޑޫގައި އަދި ލ ގައި ތިބުމަކީ އަދި ޓްރޭނިން އެކެޑެމީއެއްހަދަން އައްޑުއިން ބިމެއް ދީފައި އޮތުމަކީ އަދި މާލޭއިން އެމްބަސީހަދަން އެތައްހާސް އަކަފޫޓެއްގެ ބިމެއް ދީފައި އޮތުމަކީ ކީއްކުރަން ކޮށްފައި އޮތްކަމެއްތޯ? މިހާރުތިބި 85 ސިފައިން ފޮނުވާލަބަލަ މޮޅިއްޔާ.
ޙުސެން ޢަލީ
08 November 2018
ދިވެހި ސިފައިން އެބަޖެހޭ ވަރަށް ޒިންމާދާރުވާން، އެގޮތުން ދީނާއި ޤައުމާއި ގުޅުންހުރި ނިންމުންތައް ސިޔާސީ ވެރިން ނުބައިކޮށް ނިންމާތަން ބަލަން ތިބޭ ފިނޑި ބަޔަކަށް ވެގެންނުވާނެ.. އެފަދަ ނިންމުމަކާއި ދިކޮޅަށް ކޮވާޓު އޮޕަރޭޝަން ހިންގައިގެން ނަަމަވެސް މިޤައުމު ސަލާމަތް ކުރަންޖެހޭނެ. ހައްްޤުގެ ފަރާތުގައި މީހުން ގިނަނުވެދާނެ އެކަމަކު އެކަމަށް މަސަށްކަތް ކުރަނޖެހޭނެ.
ބަޑިއެދުރު
09 November 2018
ތިޔަބުނާ ކަހަލަ ކޮވާޓު އޮޕަރޭޝަނެއް އެންމެފަހުން ހިންގީ 7 ފެބްރުއަރީ 2012 ގަ އުތަ؟ އެކަމަކުބުނަން ދީނޭ ގައުމޭ ފަޅޮލޭ ކިޔާފަ ދެން އެއްކަމެއް ކުރާނެ ފުރުސަތެއްވެސް ނުލިބޭނެ. ގައުމު މިޙާލަތަށްވައްޓާލުމުގަ އެންމެ މުޑުދާރު ރޯލެއް ކުޅުނީ ކޮންބައެއްކަން މިހާރު ރައްޔިތުންނަކަށް ނޯޅެ!
މަންޑޭލާ
08 November 2018
ނަޝީދު ކުރިކަމެ އެންޑިޔާގެ ސިފައިން އެލިކަޕްޓާ ދުވާގޮތަ އެބްބަސްވެގެން ގެނައި ހެލިކަޕްޓަރެއް އެއީ. މިހާރުން މިހާރަ އެހެލިކަޕްޓާ ފޮނުވާލާ. ރައިސް ޔާމިން ވަނީ ހެލިކަޕްޓާ ގެންދަން އިންޑިޔާކައިރި އެދިފަ.
ޅިޔަނާ
08 November 2018
ނަސީދަކީ މި ގައުމަށް ހެޔޮ އެދޭ މީހެއް ނަމަ މިހެންނުހެދީސް. އައްޑޫން ތަނެއް އިންޑިއާއަށް ނުދިނިސް
ކެންދޫދާއިރާ
08 November 2018
އައްޑޫ އިގިރޭސިންނައް ދީފަ ބޮޑުތިލަދުންމަތި އިންޑިއާއަށް ދިނީމަ ހުންނާނީ ރަގަޅައް ރާކަނި މަސްކެވިފަ. ރައްޔިތުން ގުބޯހައްދައިގެން މިހާރަކުކަންކަމެއް ނުކުރެވޭނެ. ހުރިހާ ރޭވުމަކައްވެސް ރައްޔިތުން ދަނީ ފާރަވެރިވަމުން.
ސްބުރަމާނިއަމް
10 November 2018
ތިހުރިހޤ މަހެއްވެސް ކާނެ ރައްޔިތުން. ގުނބޯވެސް ހެދިފަ ތިބީ ދެން ކޮންކަމަކާ ފާރަވެރިވާކަށް.. ސިޔާސީ މީހުން ހަމަ ބޭނުން އެއްޗެއް ހަދާނީ. ކުޅިބަލަން ހަމަ ތިބެން ޖެހޭނީ
ސައުވާ
08 November 2018
އިންޑިއާގެ ހެލިކޮފްޓަރު އައަޑޫމީހުން ދެކޮޅު.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 November 2018
ދީދީ ގެ ވާހަކަ ގޯހެއްނުކުރަން. އެހެންނަމަވެސް “އިންސާފުވެރިބެހުމަކުން ދައުލަތުގެމުއްސަނދިކަން ހިއްސާކުރުމަށް ފުރުސަތުނުދޭނަމަ” އަދި އަމުދުން ދައުލަތުގެ ރަށްތައް ވަކިބަޔަކަށް ހިބައިންދީގެން އެތަންތަނުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިކޮށް “ދިވެއްސަކު ވަޒީފާގައި ހުރިނަމަ ކުޑަ މުސާރައެއްދީފައި ބޭރުމީހާގެ މުސާރަ 10 ގުނަ ބޮޑުކޮށްފައި” އޮތުމެކޭ އިންޑިޔާ، އިޤިރޭސި ނުވަތަ އެމަރިކާގެ ބޭހެއް އޮތުމެކޭ ހުރިތަފާތެއްނެތް. އެގޮތްވެސް މިގޮތްވެސް އަޅުވެތި.
ޅިޔަނާ
08 November 2018
އަޅުވެތިކަން އަދ ނުފެންނާތީ ތިހެން ތި ބުނީ ކަލޯ
އެސް
13 November 2018
ތި ހަމަ ހީވާ އެއްޗެއް ، އަޅުވެތިކަމާ ތިޔަ ބުނީ ކަންތަކާ ހާސް ބައި ތަފާތު ، އަޅުވެތިކަމުގެ ރަހަ ކަރުބުޑުގައި ނުލައިގެން ބައެއް ދިވެހިން އުޅޭ ކަހަލަ
ބަލާމީހާ
08 November 2018
އިންޑިއާގެ އަސްކަރީ ބޭނުމަކަށް ރާއްޖެ ނުދެވޭނެއޭ ބުނަން ޑީޑީ އަކީ ދައުލަތުގެ ވެރިޔާބާ؟ އިހުމާލުގެ ދުވަހުން މެޑެލްޖަހައިގެން.
ޙަސަން އަޙްމަދު
08 November 2018
އެއީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބުނެވޭނެ އެއްޗެއް. އަދި ގައުމުގެ ވެރިއަކަށް ވެސް ނުބުނެވޭނެ ގައުމު ބަޔަކަށް ދެވޭނެޔެކޭ. މިއީ ރައްޔިތުންގެ ގައުމެއް.
ޣާޒީ
09 November 2018
ކޮންމެ ދިވެއްސަކަށް ވެސް ބުނެވޭނެ