އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަބީބް. --- ފޮޓޯ: މިހާރު
05 މާޗް 2019 - 09:18
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، ކޮމިޝަންގެ މިހާރުގެ މެމްބަރު އިސްމާއިލް ހަބީބަށް އެންމެ މަތިން މާކްސް ދީފި އެވެ. ހަބީބަށް، އެ ކޮމިޓީން 90 ޕަސެންޓު ދީފައިވާއިރު، ކޮމިޝަންގެ މެމްބަރަކަށް އޭނާ އައްޔަން ކުރަން އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ހަބީބުގެ ނަން ކޮމިޓީން ފާސްކުރި ނަމަވެސް އޭނާއާ މެދު ގޮތެއް ނިންމާނީ މަޖިލިހުގެ މިއަދުގެ ޖަލްސާގަ އެވެ. އެކަން ވަނީ މިއަދަށް އެޖެންޑާކޮށްފަ އެވެ.
ހަބީބުގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ރިޕޯޓުގައިވާ ގޮތުން އޭނާ އަކީ އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް ފަރާތެއްތޯ ބެލުމަށްޓަކައި ކޮމިޓީގެ މެމްބަރުން މާކްސް ދިނުމުން އޭނާ އަށް ލިބިވަޑައިގަތީ 90.28 ޕަސެންޓެވެ.
ރިޕޯޓްގައިވާ ގޮތުން، ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް ފަރާތެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ. ހަބީބްގެ އިތުރުން ދެން 75 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބިފައި ވަނީ އަހުމަދު މޫސާ، ހ. އަމްސާވިލާ، މާލެ އެވެ. އޭނާ އަށް 75.57 ޕަސަންޓް މާކްސް އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ހަބީބާއި އަހުމަދު މޫސާ އަކީ ވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ގާބިލް ދެ ބޭފުޅުން ކަމަށް ކަނޑައަޅައި ރިޕޯޓު ވަނީ މަޖިލިހުގެ ތަޅުމަށް ފޮނުވައިފަ އެވެ. އެކަމަކު، މަޖިލިހުގެ ތަޅުމުން ފާސް ކުރަން ޖެހޭނީ ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ހަބީބްގެ މެމްބަރު ކަމުގެ ދައުރު އަންނަ މަހު ހަމަވާތީ އެވެ. އީސީގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. މެމްބަރުކަމުގައި ދެ ދައުރު ހުންނެވޭނެތީ، ހަބީބަށް އީސީގެ މެމްބަރު ކަމަށް އަލުން ކުރިމަތިލެއްވުމަށް އެއްވެސް ހުރަހެއް ނެތެވެ.
އީސީގެ މެމްބަރުކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މެމްބަރަކަށް ހުންނަ މުއްދަތުގައި އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ.
އިސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ހަބީބްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
05 March 2019
ކޮންމިން ގަނަޑަކުންބާ ހަބީބަށް އެހާ ގިނަ މާރކުސް ލިބުނީ.
ރަންދެލި
05 March 2019
މާތް ކަލާކޯ! ދެންވެސް ތިޔަތަނަށް ތަންކޮޅެއް ކެރޭ މީހަކު ވެއްދޭތޯ އުޅެބަލަ. ހަބީބަކީ ފސއްކާ ފިނޑިއެެއް. ރިޔާސީ އިންތިޚާބުގައިވެސް އެވީވަރު ވީ އޭރުގެ އިދިކޮޅު ފަރާތްތަކުން ގަދަ ކުރާހެން ހީވާތީ!
ބޭރުވެލާ
05 March 2019
ދިރާސާކުރާ ކޮމިޓީގަ މިތިއްބަވަނީ ނަމުން އިއްޒަތްތެރި، ލަގަބުން އަސާސީ ފެންވަރު ބޭފުޅުން..މިއީ ޖަޒީރާ ވަންތަ ސިފައެއް........
ޙަމަ
05 March 2019
ޢާ މަޖިލިސް އައުމުގެ ކުރިން މިމަޖީހުން ނިންމާ ނިންމުން ތައް ސުވާލު އުފެދޭ. ޙަމައެއް ބަޔެއް ގޮތް ނިންމަނީ.
ފާރަގެމަ
05 March 2019
އެކަކު މާގިނަ ދުވަހު އެއްކަމެއްގަ ދެމިހުރުމަކީ ޑިމޮކްރަސިއާއި ބީރައްޓެހި ކަމެއް.
ކަލް
05 March 2019
ޑިމޮކްރަސީތަކުގައި ދެދައުރުވެސް ހުރޭ.
އިބުރާހިމް ޝިހާބު
05 March 2019
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގައުމަށް އިހުލާސްތެރިވެ އޭރުގެ އިދިކޮޅު ފަރާތްތަކަށް ވާގިވެރި ވުމުގެ ސަބަބުން ލިބެންވާ ހައްގު މިންވަރު
މަރުހަބާ
05 March 2019
މަރުޙަބާ ޙަބީބް. ޙަބީބް އަކީ ވަރަށް ޒިންމާދާރު ބޭފުޅެއް. އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ.
ތަކުރުފާނު..
05 March 2019
ޒިންމާދާރު ކަން ގައުމުން މިއޮތީ ފެންނަން.